ކުޑަކުއްޖާ ދުނިޔެއަށް އުފަންވުމަށް ފަހު ކަންކަން ދަސްކުރަމުން އަދި ހޭޖެހުމުން އަންނަ ދުވަސްވަރު ހަލަނިކޮށް އުޅުމަކީ އާންމު ކަމެކެވެ. ކުއްޖާ ހަލަނިކޮށް އުޅުން ބިނާވެފައި އޮންނަނީ ކުއްޖާ ދިރިއުޅެމުން އަންނަ މާހައުލަށެވެ. އަދި ބައެއް ފަހަރު އާއިލީ ކަންކަމާއިވެސް މިކަން ގުޅިފައި އޮވެއެވެ.

ކުޑައިރު ކުއްޖާ ހަލަނިކޮށް އުޅުނު ނަމަވެސް މާބޮޑަށް ނުވަތަ އާދަޔާއި ހިލާފަށް ހަލަނިކޮށް އުޅޭކަން ފާހަގަވަނީ ނަމަ އެއީ އެކަމަކާއި މެދުގައި ސަމާލުކަން ދޭންޖެހޭނެ ކަމަކެވެ. އެެހެނީ އެއީ ކުއްޖާއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވާން އުޅޭކަމުގެ ނުވަތަ ކުރިމަތިވެފައިވާ ކަމުގެ ނިޝާނަކަށް އެކަން ވުމުންނެވެ. އާދެ، "ހިމޭނުން ނުހުރެވޭ ބަލި" ނުވަތަ "އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ" ޖެހެން އުޅޭކަމުގެ ނުވަތަ ޖެހިފައިވާ ކަމުގެ ނިޝާނަކަށް ވުމުންނެވެ.

ހިމޭނުން ނުހުރެވޭ ބަލި (އޭޑީއެޗްޑީ) އަކީ ޅައުމުރުގައި ޑަކުދިންނަށް ދިމާވާ އާންމު "ނިއުރޯޑިވެލޮޕްމެންޓަލް" ޑިސްއޯޑަރ އެވެ. މި ބަލި ފުރަތަމަ ދެނެގަނެވެނީ ޅައުމުރުގައި ކަމަށްވިޔަސް، ޒުވާން އުމުރަށް އަޅާއިރު ވެސް މިބަލީގެ އުދަނގޫ ދެމިހުންނަގޮތް ވެއެވެ.

އޭޑީއެޗްޑީ ޖެހިފައިވާނަމަ އެކަން ދެނެގަނެވޭނެ އެތަކެއް ގޮތެއް އެެބަހުށްޓެވެ. އަދި އޭޑީއެޗްޑީ ޖެހިފައިވާނަމަ ފެންނާނެ ވަރަށް ގިނަ އަލާމާތްތަކެއް އެބަހުށްޓެވެ. އެގޮތުން ކުއްލި ކުއްލިއަށް ރުޅި އައުމާއި ހިފި ހިމޭނުން ނުހުރެވުމާއި، އަވަސް އަވަހަށް މިޒާޖަށް ބަދަލު އައުމާއި، ފަސޭހައިން ރޮވޭ ގޮތްވުމާއި ކުދި ކުދި ކަންކަން ހަނދާން ނެތުމާއި، ކެތްތެރިކަމެއް ނެތުން ފަދަ ކަންކަން ހިމެނެއެވެ.

ހިމޭނުން ނުހުރެވޭ ބަލީގެ ތިން ވަށްތަރެއް އުޅޭއިރު މި ބަލީގެ އެއްވެސް އަލާމާތެއް ކުއްޖާގެ ޅައުމުރުގައި ފެނިއްޖެ ނަމަ ލަސް ނުކޮށް ފަރުވާ ކުރުމަކީ މުހިންމުކަމެކެވެ. އެހެނީ އެއީ ކުއްޖާގެ ދުޅަހެޔޮކަމާއި މުސްތަގުބަލާއި ގުޅިފައިވާ ކަމަށް ވުމުންނެވެ. އަދި ފަހުން ކުއްޖާއަށް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކާއި ކުރިމަތިލާން ޖެހި ދުނިޔެ ބަނަވެ ދާނެތީއެވެ.