އަނގަޔަށް އެއްޗެހި ލައިގެން އުޅޭއިރު ދިމާވާ އެކިއެކި ހާދިސާތައް އިތުުރުވެއްޖެއެވެ. ބައެއް މީހުންނަށް މިފަދަ ކަންކަން ދިމާވަނީ ނޭނގިއެވެ. ހާއްސަކޮށް ކުޑަކުދިންނެވެ. ނަމަވެސް ބައެއް ފަހަރު އުމުރުން ދޮށީ މީހުންނަށް ވެސް އެކަށީގެންވާ ސަމާލުކަމެއް ނުދެވުމުގެ ސަބަބުން ބޮޑެތި ކަންތައްތައް ދިމާވެފައި އެބަހުއްޓެވެ. މިފަދަ ކަމެއްގެ ސަބަބުން ފަހުން ދާއިމީ ބޮޑު ހިތާމައެއްވެސް ކުރަން ޖެހިދާނެއެވެ. އަނގަޔަށް ލެވޭ އެއްޗެއްގެ ސަބަބުން ފުއްޕާމޭ ފާރުވާގޮތްވެސް ދިމާވެދާނެއެވެ. ވިސްނާލާށެވެ.

ޕިން އަނގަޔަށް ލައިގެން އުޅެނިކޮށް...

މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ޕިޒީޝަން ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، މިފަދަ ހާދިސާތަކުގައި އަހަރު ނުވާ ކުޑަކުދިންނުން ފަށައިގެން ބޮޑެތި މީހުންވެސް ޑޮކްޓަރަށް ދައްކަން އަންނަ ކަމަށެވެ. ގިނަ ފަހަރު މިކަހަލަ ނުރައްކާތެރި ހާދިސާތައް ދިމާވަނީ ޕިން އަނގަޔަށް ލައިގެން އުޅެނިކޮށެވެ. މިފަދަ ހާދިސާތަކުގައި މިހާރުވެސް އެތައް ބަޔަކު ޑޮކްޓަރަށް ދައްކާ ފަރުވާވެސް ހޯދާފައިވާއިރު، މިފަހަކަށް އައިސް މިފަދަ ހާދިސާތައް އިތުރުވާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"ދިރުވަނީކީ ނޫން، ދިރުވީމަ ދާނީ ގޮހޮރަށް، އަނގަޔަށް ލައިގެން އުޅެނިކޮށް ނޭވާ ހޮޅިއަށް ދަނީ، ނޭވާ ހޮޅިއަށް ގޮސްގެން ފުއްޕާމޭ އެތެރެއަށް ދަނީ". ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ފުއްޕާމޭ އާއި ނޭވާހޮޅީގެ ތެރޭގައި ތާށިވެގެން ނަގާފައި ހުރި ބައެއް އެއްޗެހި

އާއްމުކޮަށް މިގޮތަށް ޕިން އަނގަޔަށް ލައިގެން އުޅޭނީ ބުރުގާ އަޅާ ގަޑީގައެވެ. ނޫނީ ކޮންމެވެސް ކަމަަކާއި ފިކުރު ބޮޑުވެފައި އިންނަ ގަޑިއެއްގައެވެ. ކުޑަކުދިން އާއްމުކޮށް މިފަދަ އެއްޗެހި އަގަޔަށް ލައިގެން އުޅޭނީ ބިން މަތިން ހޮވައިގެންނެވެ.

"އާއްމުކޮށް މިގޮތަށް ޕިން އަނގަޔަށް ލައިގެން އުޅޭނެ ބުރުގާ އަޅާ ގަޑީގައި، ނޫނިއްޔާ ކޮންމެވެސް ކަމަކު އަނގަޔަށް ލައިގެން އުޅެނިކޮށް ކެއްސަނީ، ކެއްސާގަޑީގައި އެތެރެއައްތާ ނޭވާލާނީ، އެގަޑީގައި ވާގޮތަކީ ނޭވާ ހޮޅި ތެރެއަށް އެ ޕިން ދަމައިގަންނަނީ". އޭނާ ވިދާޅުވިއެވެ.

ނޭވާ ހޮޅިއަށް ޕިނެއް ހެރިފައި

ޑޮކްޓަރ ވިދާޅުވިގޮތުގައި، މިގޮތަށް އާއްމުކޮށް ނޭވާ ހޮޅިތެރެއަށް ޕިން ފަދަ އެއްޗެހި ދަމައިގަންނައިރު ދަނީ މައި ނޭވާ ހޮޅިއަށް ނޫނީ ކަނާތް ފަރާތުގެ ފުއްޕާމޭގެ ތެރެއަށެވެ. މިގޮތަށް ތޫނު އެއްޗެއް ނޭވާ ހޮޅި ތެރެއަށް އަދި ގޮހޮރަށް ދިއުމަކީ ނުރައްކާތެރިކަމެއްކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ސުޕާރިފުށްތައް ވެސް ފުއްޕާމޭ ތެރޭގައި

ޑޮކްޓަރ ވިދާޅުވިގޮތުގައި، އަހަރު ނުވާ ކުދިންގެ ފުއްޕާމޭ ތެރޭގައި ސުޕާރި ފުށްތައް ތާށިވެގެންވެސް ޑޮކްޓަރަށް ދައްކާފައި އެބަހުއްޓެވެ.

"އެއް އަހަރުން ދަށުގެ ކުދިންވެސް އާދޭ ސުޕާރީގެ އެތިކޮޅުކޮޅު ނޭވާ ހޮޅިއަށް ގޮސްގެން، އެ އަގަޔަށް ލައިގެން އުޅޭއިރު ވާގޮތަކީ ކޮށިއަރާގޮތްވަނީ، ދެން ކަރު ތެރޭގައި އެ އެއްޗެހި ހުއްޓާ ނޭވާ ލާގަޑީގައި ނޭވާ ހޮޅިތެރެއަށް މި ދަނީ،". ޑރ، މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ކުޅޭ އެއްޗެހި އަގަޔަށް ލައިގެން އުޅެނިކޮށްވެސް ނުރައްކާތެރި ހާދިސާތައް ދިމާވޭ

ޑޮކްޓަރ ވިދާޅުވިގޮތުގައި، ކުޑަކުދިން ކުޅޭ އެއްޗެހި އަނގަޔަށް ލައިގެން އުޅެނިކޮށްވެސް ނުރައްކާތެރި ހާދިސާތަކެއް ވަނީ ދިމާވެފައެވެ. އެގޮތުން އެފަދަ އެއްޗެއް އަނގަޔަށް ލައިގެން އުޅެނިކޮށް ކެއްސާލާ ގަޑީގައި ނުވަތަ އެތެރެއަށް ނޭވާލާ ގަޑިއެއްގައި ނޭވާ ހޮޅީގެ އެތެރެއަށް ދާކަން އޭނާ ފާހަގަކުރިއެވެ.

"ބައެއް ފަހަރު ދިމާޥެފައި ހުރީ ބޫޓުގެ އަޑު ކިޔާ ތަންކޮޅުވެސް ނޭވާ ހޮޅީގެ ތެރެއަށް ގޮސްފައި އެބަހުރި، ލެގޯ ކަހަލަ އެއްޗެހީގެ އެތިކޮޅުވެސް އެބަހުރި، ބައިވަރު އެކި ކަހަލަ އެއްޗެހި އާދޭ". ޑޮކްޓަރ ވިދާޅުވިއެވެ.

މިފަދަ ކޭސްއެއް ދިމާވެއްޖެކަން އެނގެނީ ކިހިނެއް؟

ނޭނގި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އިނގެން ދުވަސްކޮޅެއް ނަގާނެއެވެ. އެގޮތުން ނޭނގި މިގޮތަށް ދިމާވެ އާއްމުކޮށް ގޯހެއް އުޅޭކަން އެނގޭނީ މާގިނައިން ކެއްސާތީ ޑޮކްޓަރަށް ދައްކާ ހަދާ ސްކޭންތަކުގެ ސަބަބުންނެވެ. އެނގިގެން މިފަދަ ކަމެއް ދިމާވެއްޖެނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކާ ފަރުވާ ހޯދުމުން ވަރަށް މުހިންމެވެ.

ހަށިގަނޑުގެ ތެރޭގައި ތާށިވެގެން ނަގާފައި ހުރި ބައެއް އެއްޗެހި

އާއްމުކޮށް މިގޮތަށް އަންނަ ކުޑަކުދިން ގެންނަނީ މާގިނައިން ކެއްސާތީއެވެ. އެ ކުދިން އެފަދަ އެއްޗެއް އަގަޔަށް ލަނީ ނޭނގީއެވެ. އެހެން ނަމަވެސް ކެއްސާތީ އާއްމުކޮށް ގެންނަ ކުދިންނަށް ބޭސް ދީފައި ދޫކޮށްލުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. ބައެއް ފަހަރު މިގޮތަށް ގެނެސް ހަދާ ސްކޭންތަކުން އެނގޭ ގޮތުގައި އެ ކުދިންގެ ހަށިގަނޑު ތެރޭގައި ކުޅޭ އެއްޗެއް ނުވަތަ އެ ނޫންވެސް އެއްޗެއް އޮތުމުގެ ސަބަބުން މާގިނައިން ކެއްސާގޮތް ދިމާވަނީއެވެ.

މިފަދަ ހާދިސާތައް ދިމާވުމުން ޑޮކްޓަރުން ކަންތައް ކުރަނީ ކިހިނެއް؟

އާއްމުކޮށް ނޭވާ ހޮޅިއަށް ނުވަތަ ފުއްޕާމޭ ތެރެއަށް މިފަދަ އެއްޗެއް ގޮސްގެން ވަކި ކަހަލަ ސާމާނު ބޭނުންކޮށްގެން އެ އެއްޗެހި ނަގާފައި އެބަހުއްޓެވެ. އަދި އާއްމުކޮށް އޮަޕަރޭޝަންއަކާއި ހަމައަށް ދާނީ އެފަދަ އެއްޗެއް ނުނެގިއްޖެ ހާލަތެއްގައެވެ. އަދި މިފަދަ ހާދިސާއެއްގައި ކުއްޖަކު ނިޔާވެފައިވާކަމަށްވެސް ޑޮކްޓަރު ވަނީ ފާހަގަކޮށްފައެވެ.

ކޭސްތައް އިތުރުވެއްޖެ

ޑޮކްޓަރު ވިދާޅުވިގޮތުގައި، މިހާރު، މި ދުވަސްވަރު ނޭވާހޮޅި ތެރެއަށް ޕިން ގޮސްގެން ޑޮކްޓަރަށް ދައްކާ މިންވަރު ވަނީ އިތުރުވެފައެވެ.

"2016، 2017 ގަ ތަންކޮޅެއް ގިނަ، 2018 ވަނަ އަހަރު ތަންކޮޅެއް މަދުކޮށް ގޮސްފައި، އަނެއްކާވެސް މިފަދަ ކޭސްތައް އިތުރުވާން ފަށައިފި. އާއްމުކޮށް މި އުޅެނީ ޕިނާއި ސުޕާރި ފުށް". ޑޮކްޓަރ ވިދާޅުވިއެވެ.

ފުއްޕާމޭ އާއި ނޭވާހޮޅީގެ ތެރޭގައި ތާށިވެގެން ނަގާފައި ހުރި ބައެއް އެއްޗެހި

މިކަންކަން ހުއްޓުވޭނީ ކިހިނެއް؟

މިފަދަ ކަންކަމާއި ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހެއެވެ. ހާއްސަކޮށް ކުޑަކުދިންނަށް ކުޅޭ އެއްޗެހި ގަންނައިރު، ސަމާލުވުމަށް ޑރ،މުހައްމަދު އިސްމާއިލް އިރުޝާދުއެވެ.

"ހާއްސަކޮށް ކުޅޭ އެއްޗެހީގައިވެސް އިންނާނެ 3-5 އަހަރަށް ބޭނުން ކުރެވޭ ކަހަލަ އެއްޗެކޭ. އެއީ ނޭވާ ހޮޅިއަށް ގޮސްދާނެ ކަމަށް ބިރު ހުންނަ އެއްޗެސް. އޭގެ މާނައަކީ ތިން އަހަރު ދަށުގެ ކުދިންނަށް ރައްކާތެރިއެއް ނޫނޭ. ޓޯއީސްތަކުގެ މިގޮތަށް ޖަހާފައި ހުންނަނީ އެކަހަލަ ކުދިކުދި އެއްޗެހި އޭގައި ހުރީމަ އަނގަޔަށް ލާނެތީ". އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސުޕާރި ފަދަ އެއްޗެހި ކުދިންނަށް ފެންނަހެން ނުބެހެެއްޓުމާއި، ޕިން ފަދަ އެއްޗެހި އަނގަޔަށް ލުން ހުއްޓުވުމާއި، މިފަދަ އެއްޗެހި އަނގަޔަށް ލައިގެން ނޫޅުން ވަރަށް މުހިންމެވެ.

ފުއްޕާމޭ އާއި ނޭވާހޮޅީގެ ތެރޭގައި ތާށިވެގެން ނަގާފައި ހުރި ބައެއް އެއްޗެހި

އިތުރަށް ޑޮކްޓަރު ވިދާޅުވީ، ބޮޑެތި މީހުންވެސް ސުޕާރި އާއި ފޯއް ފަދަ އެއްޗެހި ކެއުން ހުއްޓާލަން ޖެހެއެވެ. މިފަދަ އެއްޗެހި ފުއްޕާ ތެރޭގައި ހަރުލައިގެން ބައެއް ފަހަރު ފުއްޕާ މޭ ހަލާކުވާ ހިސާބަށް ގޮސްފައިވާކަަމަށްވެސް ޑޮކްޓަރ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

"އަޅުގަނޑާއި ދިމާވެފައި އެބަހުރި 50 އަހަރުގެ މީހަކު ކެއްސާތީ، އަޅުގަނޑު ސީޓީ ސްކޭން ހަދާފައި ކެމެރާ ލައްވައިގެން ބްރޮންކޮސްކޯޕީ ހެދިއިރު، ފުއްޕާމޭގެ އެއްބައި ތެރޭ މި އިންނަނީ ފޯއްކޮޅެއް ހަރުލާފައި. އެއީ ކޮން ޒަމާނެއްގައި ވީ ކަމެއް ނޭނގެ" ޑޮކްޓަރު ވިދާޅުވިއެވެ.

މިގޮތަށް ހަރުލާފައި ހުންނަ އެއްޗެހި ނުނެގިވެސް ދެއެވެ. ނެގެނީ އެތިއެތިކޮޅުންނެވެ. އަދި މިގޮތަށް ނޭވާ ހޮޅި ތެރެ ހަލާކުވެގެން ގޮސް ލޭ އަންނަގޮތްވެސް ދިމާވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ކަމެއް ދިމާވުމުގެ ކުރިން އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އެންމެ މުހިންމު ކަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  ރިޕޯޓާ ގުޅޭ ފޮޓޯތައް ވަރަށް ކަމުދޭ!

 2. ތާފަތު

  ކުޑަކަމަކުން ވެސް ބޮޑު ގެއްލުމަކާ ކުރި މަތިލަން ޖެހިދާނެ.

  10
  1
 3. މީ

  ސުބުހާނަﷲ ހާދަ ދެރައޭ. ދެން މިސާލަކަށް ނޭފަތަށް ކުޑަ އުދުހޭ އެއްޗެއް މެއްސެއްފަދަ އެއްޗެއްވަދެ ނުނިކުމެއްޖެޔާ ކޮންތަނަކަށް ދާނީ؟ ކިހިނެއްހަދަން ޖެހޭނީ؟ އެއެއްޗެއް ކަރުތެރެއިން ދިރުވާލެވިފަ ނުވާނަމަ ކޮންތަނަކަށް ދާނީ؟ ކިހިނެއް ދެން ހަދަންޖެހޭނީ؟ ގެއްލުންވާނެތަ؟

 4. އައިޝާ

  ހާދަހާމުހިއްމު މަޢުލޫމާތް ކޮޅެކޭ، ޝުކުރިއްޔާ

  17