އެތައް އަހަރުތަކެއް ފަހުން ފުރަތަމަ ފަހަރަށް ނުރައްކާތެރި ވައިރަސް، އެޗްއައިވީގެ އައު ވައްތަރެއް ދުނިޔެއިން ފެނިއްޖެއެވެ.

19 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މި ވައިރަސްގެ އައު ވައްތަރެއް ފެނިފައި ވަނީ އެމެރިކާގެ އެބޮޓް ލެބޯޓެރީސް އާއި ޔުނިވާސިޓީ އޮފް މިސޫރީގައި ކުރިއަށް ގެންދިޔަ ދިރާސާ ތަކުންނެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްވެރިން ބުނެފައި ވަނީ މިއީ އައު ވައްތަރެއް ކަމުން މި ވައްތަރުގެ އެޗްއައިވީ ޖެހިފައިވާ މީހުންނަށް އެ ވައިރަސް ޖެހިފައި ހުރިކަން ދެނެގަތުންވެސް އުނދަގޫވެގެން ދާނޭ ކަމަށެވެ. އެންމެ ފަހުން މި ވައިރަސްގެ ވައްތަރެއް ފެނިފައި ވަނީ 2000 ވަނަ އަހަރުއެވެ.

"މާ ބޮޑަށް ހާސްވާނެ ކަމެއް ނެތް. މި ވައްތަރުގެ ވައިރަސް ޖެހިފައިވާ މީހުން އަދި އެހައި ގިނައެއް ނޫން." ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. އެންތޮނީ ފައުޗީ ބުނެފައި ވެއެވެ.

އެޗްއައިވީ އަކީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައި ވާއިރު، ގިނަ މީހުންނަށް މި ބަލި ޖެހިފައިވާކަން އެނގެނީވެސް ބަލި ޖެހޭތާ އެތައް ދުވަސްތަކެއް ފަހުންނެެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ނުވަތަ ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޗްއައިވީ އާއި އެކު ދިރިއުޅެމުންދާ މީހުންގެ އަދަދު 36.7 މިލިއަނަށް އަރައެވެ. އަދި 2016ވަނަ އަހަރު ތެރޭގައި އެކަނިވެސް 1.8 މިލިއަން މީހުން މި ބަލީގެ ސަބަބުން އިންފެކްޓު ވެފައިވާ ކަމަށް ދައްކައެވެ.

އެޗްއައިވީ ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވެގެން އުޅުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.