މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް، ކޮވިޑް-19 ސިނގިރޭޓު ބޯ މީހުންނަށް ކޮވިޑް-19 އިން ލިބޭ ގެއްލުން ބޮޑުކަން ހާމަވެއްޖެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގައި ފެތުރެން ފެށި މި ވައިރަސް މިހާރު ޗައިނާގައި ކޮންޓްރޯލް ކުރެވިފައިވާއިރު، އެ ގައުމުން ވައިރަހަަށް ފައްސިވި މީހުންގެ ރެކޯޑުތައް ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ހާލު އެކަން ނުކުރާ މީހުންނަށް ވުރެން ގޯސްވެއެވެ.

މިގޮތުން ސިނގިރޭޓު ފަދަ ތަކެތި ބޯ މީހުންގެ ހާލު ސީރިއަސްވެ، ނޭވާލުމަށް ވެންޓިލޭޓަރުގެ އެހީ ބޭނުންވި ނަމަވެސް، ސިނގިރޭޓު ނުބޯ ގިނަ މީހުންގެ ހާލު އެހައި ސީރިއަސް އެއް ނުވެއެވެ.

”މި ވައިރަހުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ މީހާގެ ނޭވާލާ ނިޒާމަށް. ސިނގިރޭޓު ބޯ މީހުންގެ ފުއްޕާމެއަށް ގެއްލުން ލިބިފައި ހުރުމުން ވައިރަސް ޖެހުމުން ނުރައްކާ ހާލަތަކަށް ދަނީ. މިހެން ވަނީ ހަމައެކަނި ސިނގިރޭޓު ބޯ މީހުންނަކަށް ނޫން. ޝީޝާ އާއި ވޭޕްގެ އިތުރުން އެނޫންވެސް މިފަދަ ކަންކަން ކުރާ މީހުންނަށް އޮތް ނުރައްކާ ބޮޑު“ އެމެރިކާގެ މަޝްހޫރު ޔުނިވާސިޓީ އެއްގެ ޑޮކްޓަރަކު ބުނެފައިވެއެވެ.

ކަން މިހެން އޮތުމާއި އެކު ސިއްހީ މާހިރުން ބުނަމުން ގެންދަނީ މިއީ އެފަދަ ނުބައި އާދަތައް ދޫކޮށްލަން ވީ ވަގުތު ކަމަށާއި ވައިރަސް ނުޖެހޭނެ ކަމަށް ދެކިގެން ހުރުމަކީ މޮޔަ ކަމެއް ކަމަށެވެ.

ކޮވިޑް-19 ވައިރަހަށް މުޅި ދުނިޔެއިން 438،441 މީހުން ފައްސިވެފައި ވާއިރު ވައިރަހުގެ ޝިކާރަ އަކަށްވެ 20،000 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ގޭގައި މަޑުކޮށްގެން ތިބޭއިރު ގޭގެ ތިރީގައި ތިބެގެންނާއި ބެލްކަނިތަކުގައި ތިބެގެން ސިނގިރޭޓް ބޯއިރު ދުންހޮޅިތަކެކޭ އެެއްގޮތް. މިކަން ހުއްޓަވަންޖެހޭ ވަކިން.

    10