ލޯ ހިރުވައި، އެކި ގޮތްގޮތުން ލޮލަށް އުނދަގޫ ވުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކު މިހާރު ފެތުރެމުން އަންނަ ވަައިރަސް ކޮވިޑް-19ގެ އަލާމާތެއް ކަމުގައި ވެދާނެ ކަމަށް އެމެރިކާގެ ޑޭޓާ ސައިންޓިސްޓެއް ބުނެފިއެެވެ.

ސެތު ސްޓީފެންސް ނަމަކަށް ކިޔާ މި ސައިންސްވެރިޔާ ބުނެފައި ވަނީ މިހާރު ވައިރަހުގެ އަލާމާތްތައް ފެނުމުން ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އެކަންކަން ގޫގުލް މެދުވެރިކޮށް ބަލާ ކަމަށާއި، ވަައިރަސް އެންމެ ގަދައަށް ފެތުރެމުން އަންނަ ސަރަހައްދުގެ ގިނަ ބަޔަކު ލޯ ހިރުވައި، ލޮލަށް އުނދަގޫވެގެން ގޫގުލް ސާޗު ކުރާ ކަމަށެވެ.

ސެތު އިތުރަށް ބުނެފައި ވަނީ އެމެރިކާގައި މިހާރު އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ ނިއުޔޯކް ސިޓީ އާއި ނިއުޖާސީ، ލޫސިއާނާ އަދި މިޗިގަންގައި އެންމެ ގިނަ ބަޔަކު ކުރާ ސުވާލަކީ ވަސްތައް ދެނެގަންނަން ދަތިވެގެން ކުރާ ސުވާލުތައް ކަމަށާއި އެއީވެސް ވައިރަހުގެ އަލާމާތެއް ކަމަށެވެ.

އާއްމުން ކުރާ މިފަދަ ގޫގުލް ސާޗުތައް ބޭނުން ކޮށްގެން އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަނީ ކޮން ތަނެއްގައި ކަންވެސް މިހާރު ބެލޭ އިރު، ދެން އެންމެ ގަދައަށް ފެތުރޭނީ ކޮން ހިސާބެއްގައި ކަންވެސް ލަފާކޮށް، އެދެވޭ ފިޔަވަޅުތައް އެޅުމަށް އެހީ އަކަށް ވެގެންދާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ޖުމްލަ އެއް މިލިއަނަށް ވުރެން ގިނަ މީހުން ފައްސިވެފައި ވާއިރު، ލައްކަ އަކާއި ގާތް ކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު