ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ޖެހޭ ބައެއް މީހުންގެ ހިތަށްވެސް ވައިރަހުގެ އަސަރު ކުރަމުންދާ ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

މީގެ ކުރިން އެނގިފައިވާ ގޮތުގައި މި ވައިރަސް ހަމަލާ ދެނީ އިންސާނާގެ ނޭވާލާ ނިޒާމަށެވެ. ނަމަވެސް، ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ހެދި ދިރާސާ އަކާއި މިހާރު އެންމެ ގަދައަށް ފެތުރެމުން އަންނަ އިނގިރޭސިވިލާތުގެ ޑޮކްޓަރެއް މިވަނީ ވައިރަހުގެ އަސަރު ހިތަށްވެސް ކުރަމުންދާ ކަމަށް ބުނެފައެވެ.

ޗައިނާ ހޮސްޕިޓަލެއްގެ އައިސީޔޫގައި ހާލު ސީރިއަސްވެގެން ފަރުވާދެމުން ގެންދިޔަ 416 މީހެއްގެ ޓެސްޓުތަކުގެ ނަތީޖާތަކަށް ބަލާއިރު އެތަނުން 20 އިންސައްތަ ނުވަތަ ކޮންމެ 5 މީހަކުން އެކެއްގެ ހިތްތަކަށްވެސް ވަނީ ވައިރަސް ޖެހުނު ފަހުން އަސަރު ކޮށްފައެވެ.

މިގޮތުން، ވައިރަސް ޖެހޭ ބައެއް މީހުންގެ ހިތުގެ މަސްތަކަށް ވަައިރަސް ހަމަލާދީ، ހިތުގެ ތެރެއިން ދައުރުވާ ލޭތައް ގަނޑުކޮށްލައި ހޭޓް އެޓޭކް ޖެހުމަށް މަގުފަހި ކުރުވައެވެ. މިގޮތަށް ހިތަށް އަސަރު ކުރާއިރު، ކުރިން ހިތުގެ މައްސަލަ ހުންނަ މީހުންނަށް ލިބޭ ގެއްލުން މާ ބޮޑުކަމަށް މިކަމާއި ބެހޭގޮތުން ވާހަކަ ދެއްކި އިނގިރޭސި ވިލާތުގެ ޑޮކްޓަރުވެސް ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގެ ހުރިހަައި ހިސާބެއްގައި ވައިރަސް ހަލުވިކަމާއި އެކު ފެތުރެމުން އަންނައިރު ގައުމުތަކުން ވަނީ ވައިރަސް މުޅިން ނައްތާލަން ނުކުޅެދިފައެވެ. އަދި ސައިންސްވެރިން ދަނީ މެދުކެނޑުމެއް ނެތި ވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ..

    ?????