ދުނިޔޭގެ ހުރިހާ ހިސާބެއްގައި ނުރައްކާތެރި ވައިރަސް، ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ދޮގު ޙަބަރުތައް ފަތުރާ ފަރާތްތައް ވަރަށްވެސް ގިނައެވެ. މިކަން އެންމެ ގިނައިން ކުރަމުން ގެންދަނީ ވަޓްސްއެޕް މެދުވެރިކޮށް ކަމުން، ވަޓްސްއެޕުން މިހާރު ވަނީ އެކަން ހުއްޓުވުމުގެ ގޮތުން ވަރުގަދަ ފިޔަވަޅެއް އަޅާފައެވެ.

އާއްމު ގޮތެއްގައި ކޮވިޑް-19 އާއި ބެހޭގޮތުން ދޮގު ހަބަރު ފަތުރާ މީހުން އެކަންކަން ކުރަނީ ވަޓްސްއެޕް ނުވަތަ ވައިބާ ފަދަ އެޕްތައް މެދިވެރިކޮށެވެ. ހަގީގަތް ނުބަލައި ކޮންމެވެސް އެއްޗެކޭ ލިޔެފައި ގިނަ ބަޔަކު ތިބޭ ގްރޫޕްތަކަށް އެފަދަ މެސެޖުތައް ފޮނުވުމުން އެ މެސެޖުތައް ކިޔާ މީހުންނަށް ހީވަނީ އެއީ ތެދެއް ކަމަށެވެ.

މިދުވަސްވަރު މިގޮތަށް އާއްމު ގްރޫޕްތަކަށް ފޯވާޑު ކުރާ މެސެޖުތަކުގެ ބަދަލުގައި ރަސްމީ އިދާރާތަކުން ދޭ މައުލޫމާތުތަކަށް ބުރަވުން ބުއްދިވެރިވާނެއެވެ. ދޮގު ހަބަރު ހުއްޓުވަން ވަޓްސްއެޕުން ވަނީ ކޮންމެ މެސެޖެއްވެސް ފަހަރަކު މީހަކަށް ނުވަތަ ގްރޫޕަކަށް ފޯވާޑު ކުރެވޭގޮތް ހަދާފައެވެ.

މީގެ ކުރިން އެއްފަހަރައި 5 މީހުންނަށް ނުވަތަ ގްރޫޕްތަކަށް މިފަދަ މެސެޖުތައް ފޮނުވުނު ނަމަވެސް، ވަޓްސްއެޕުން މިހައިތަނަށް އެޅި އެންމެ ވަރުގަދަ ފިޔަވަޅާއި އެކު މިހާރު ފޮނުވޭނީ އެންމެ މެސެޖެކެވެ.

ފޭސްބުކުގެ ހިއްސާ އޮންނަ ވަޓްސްއެޕު ބޭނުންކުރާ 2 ބިލިއަން މީހުން އުޅޭއިރު މިއީ މިހާރު އެންމެ މަގުބޫލު މެސެޖު ކުރާ ޕްލެޓްފޯމުކަން ފާހަގަކޮށްލެވެއެވެ. ވަޓްސްއެޕުން އެޅި މި ފިޔަވަޅަކީ މިފަދަ މެސެޖުތައް އަބަދު ފޯވާޑު ކުރާ ފަރާތްތަކަށް ހިތާމަވެރި ހަބަރެއް ނަމަވެސް، މިއީ ދޮގު ޙަބަރު ފެތުރުން ހުއްޓުވަން ވަރަށް ބޭނުންތެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙައުލާ

    މިތާ ސަރުކާރެއް އެބައޮތްތަ؟ ކަލޭމެން ހަދާ ދޮގު މިހާރު މިފަޅާ އަރަނީ. ރައއޔިތުން ނިކަމެތިކުރަނީ. އެއްވެސް ރައްޔިތަކަށް އެހީވެފައިނުވޭ.

    3
    1
  2. ކޮޕީ ޕޭސްޓް