ކޮންމެ ދެމަފިރިއެއްވެސް ޙަޔާތެއް ފަށާނީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އެގޮތުން ކައިވެންޏަށް ފަހު ދަރިން ލިބި އެ ދަރިން އުފަލުގައި އުޅޭ މަންޒަރަކީ ކޮންމެ މައިންބަފަޔަކުވެސް ދެކެން ބޭނުންވާ މަންޒަރެވެ. އެހެނަސް ދިމާވާ ހާލަތެއްގައި ދަރިން ނުލިބުމާއި ކުރިމަތިވެފައި ތިބި އެތައް ބަޔަކުވެސް ދުނިޔޭގައި އެބަ ތިއްބެވެ. އުފެދުމުގައިވެސް އެއްބަޔަކަށް މި މައްސަލަ ކުރިމަތިވާއިރު، ސިއްޙަތާއި މެދު ފަރުވާ ކުޑަކުރުމަކީވެސް މި މައްސަލަ އާއި ކުރިމަތިލާން ޖެހިދާނެ ސަބަބެކެވެ.

ލުއި ކާނާ ކެއުމަށް އާދަވެފައި ވުމީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ޚާއްސަ ގޮތެއްގައި ވަރަށް ގިނަ އަންހެނުންނަކީ ލުއި ކާނާ ކެއުމަށް އިސްކަންދޭ ބައެކެވެ. މިގޮތުން ލުއި ކާނާ ކައިގެން، ހަށިގަނޑަށް ބޭނުންވާ ބައިތައް ރަނގަޅަށް ހަށިގަނޑަށް ލިއްބައިދޭފަދަ ކާނާއާއި ދުރުވުމުން، ގިނަ ގެއްލުންތައް ލިބި ސިއްޙީ ނުރައްކަލާއި ކުރިމަތިލާން ޖެހޭ ފަހަރުވެސް އާދެއެވެ.

ދާދިފަހުން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް އެޑެލައިޑް އިން އެޤައުމުގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ހާމަވެފައިވަނީ، މާގިނައިން ލުއި ކާނާ ކެއުމަށް އާދަވެފައިވާ އަންހެނުންގެ ދަރިމައިވާ ނިޒާމަށް ގެއްލުން ލިބޭ ކަމެވެ. އަދި އެކަމުގެ ސަބަބުން ދަރިން ލިބުމަށް ހުރަސް އެޅި ދަރިމައިވާ ނިޒާމުގެ ދުޅަހެޔޮކަން ދަށްވާ ކަންވެސް ދިރާސާއިން ވަނީ ހާމަވެގެން ގޮސްފައެވެ.

5000 އަށްވުރެ ގިނަ ބައިވެރިންނާއި އެކު ކުރިއަށްގެންދިޔަ މި ދިރާސާއިން ހާމަވީ، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް އަހަންމިއްޔަތުކަން ނުދޭ އަންހެނުން މާބަނޑުވުމަށް އެނޫން އަންހެނުންނާއި އަޅާބަލާއިރު ދުވަސް ނަގައެވެ. އެގޮތުން ކޮންމެ މަހަކު 2 ނުވަތަ ތިން ފަހަރު ފައިދާހުރި މޭވާ އާއި ތަރުކާރީ ބޭނުންކޮށްފައިވާ އަންހެނުން މާބަނޑުވުމަށް، އެނޫން އަންހެނުންނާއި އަޅައި ބަލާއިރު އެއވްރެޖް ގޮތެއްގައި އެއްމަސް ދުވަހުގެ ތަފާތެއް ހުންނަކަން ވަނީ ހާމަވެފައެވެ.

މި ދިރާސާގެ އިސް ތަޖުރިބާކާރު، ޕްރޮފެސަރ ކްލެއަރ ރޮބާޓްސް ބުނީ، ފައިދާހުރި ކާނާ ކެއުމާއި ދުރުވެއްޖެނަމަ އަންހެނުންގެ ދަރިމައިވާ ނިޒާމަށް ވަރަށް ބޮޑު އަސަރެއް ކުރާކަން ދިރާސާއިން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ލުއި ކާނަގެ ސަބަބުން ފައިދާހުރި ކާނާ އާއި ދުރުވެ، އަންހެނުންގެ ދަރިމައިވާނިޒާމުގެ ބާރު ދަށްވެ ދަރިން ނުލިބުމާއި ކުރިމަތިވާކަމީ ދިރާސާއިން ސާބިތުވެގެންދިޔަ ކަމެއްކަމަށް އޭނާ ބުންފައިވެއެވެ.

ފައިދާހުރި ކާނާ އެންމެ އެކަށީގެންވާ މިންވަރަށް ނުލިބި، އެކަމާއި ގުޅިގެން ދިމާވާ ސިއްޙީ ހާލަތެއްގައި ދަރިމައިނުވެ އަހަރު ދުވަސްވެސް ހޭދަކުރަން ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ދިރާސާގެ ތަޖުރިބާކާރުން ބުނެއެވެ.