ކޮވިޑް-19 އަށް ފައްސި މީހަކާ ބައްދަލުވުމުން ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ހިލަރީ ޑަފް 14 ދުވަހަށް އެކަހެރިވެއްޖެއެވެ.

ހޮނިހިރު ދުވަހު އުމުރުން 33 އަހަރުގެ ހިލަރީ މިކަން ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައެވެ. އެކަހެރިވެ ހުންނަތާ ދެ ވަނަ ދުވަސް ކަމަށް ހާމަކޮށްފައިވާ އިރު އޭނާ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އިންސްޓަގްރާމް ސްޓޯރީއަށް ލާފައިވާ ފޮޓޯގައި އޭނާ ފެނިގެން ދަނީ އަޅި ކުލައިގެ ހުޑީއެއް ލައިގެން އިންދައެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާ ބައްދަލުވުމުން 14 ދުވަހަށް އެ މީހަކު އެކަހެރި ވުމަށް ދަ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން އިރުޝާދު ދޭއެވެ. އެގޮތުން ކޮވިޑް-19 ފައްސި މީހާކާ ހަ ފޫޓު ކައިރިން 15 ވަރަކަށް މިނެޓު ވަންދެން ބައްދަލުވެފައިވާ ނަމަ އެމީހަކު އެކަހެރިވާން ޖެހެއެވެ. ހިލަރީ ކޮވިޑު ޖެހިފައިފައިވާ މީހަކާއި ބައްދަލުވީ ކޮންއިރަކު ކަން އަދި ބައްދަލުވި މީހާއަކީ ކާކުކަންވެސް އޭނާ ހާމަކޮށްފައި ނުވެއެވެ.

އާންމުންގެ ތެރެއިން ހިލަރީ ޑަފް އެންމެ ފަހުން ފެނިފައި ވަނީ އޭނާ ކުޅެމުންދާ ޓީވީ ލެންޑް ސިލްސިލާ ޔަންގާސްގެ ސީން ނަގަމުން ދަނިކޮށެވެ. އޭނާ އޭރު ހުރީ މެންހަޓަންގެ އީސްޓް ވިލެޖް ގައި ސީރީސްގައި އޭނާ އާއެކު ހަރަކާތްތެރިވާ ސަޓޮން ފޮސްޓާއާ އެކީގައެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު ވެސް ހިލަރީ އާންމުންގެ ތެރެއިން ފެނިފައިވާ އިރު އޭރު އޭނާ ފެނިފައި ވަނީ ފިނިން ސަލާމަތް ވުމަށް މަތިމަތިން ހެދުން ލައިގެން ހުއްޓައެވެ.

ހިލަރީ ދިރިއުޅެމުން އަންނަނީ އޭނާގެ އާއިލާ އާއެކު ލޮސް އެންޖަލިސް ގައެވެ. ހިލަރީގެ ފިރިމީހާ 33 އަހަރުގެ މެތިއު ކޮމާ އާއި އަށް އަހަރުގެ ލޫކާ އަދި ދެ އަހަރުގެ ބަންކްސް ލޮސް އެންޖެލިސް ގައި ދިރިއުޅޭއިރު ޝޫޓިންގެ ކަންކަމަށް ހިލަރީ ވަގުތީ ގޮތުން ހުންނަނީ ނިއުޔޯކް ސިޓީ ގައި އެވެ.

މެތިއު އާއި ހިލަރީ ޑޭޓް ކުރަން ފެށީ 2017 ވަނަ އަހަރުގައެވެ. ނަމަވެސް ދެ މީހުން ވަނީ 2015 ވަނަ އަހަރު ބައްދަލުވެ އެކީގައި މަސައްކަތް ވެސް ކޮށްފައެވެ. ހިލަރީގެ ބޮޑު ދަރިފުޅު ލުކާ އަކީ އޭނާގެ ކުރީގެ ފިރިމީހާ އަދި ކުރީގެ ޕްރޮފެޝަނަލް ހޮކީ ކުޅުންތެރިޔާ މައިކް ކޮމްރިޔާގެ ކުއްޖެކެވެ. މެތިއު އާއެކު ހިލަރީ މިހާރު އުފަލުގައި ދިރިއުޅެމުން އަންނަ އިރު ފާއިތުވި މަހު އެމީހުންނަށް އިތުރު ކުއްޖަކު ލިބޭކަންވެސް ވަނީ ހާމަކޮށްފައެވެ.

ފޮޓޯ: ހިލަރީގެ އިންސްޓަގްރާމް