ޑިޓިއުން ބޭންޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ރާއްޖެ ތަމްސީލްކުރުމުގައި އެފަދަ ދެ ވަނަ އެއް ނެތް ބޭންޑެކެވެ.

އަދި ދިވެހި އަމިއްލަ މިއުޒިކީ އުފެއްދުންތައް ކުރިއަރުވަން ކެނޑިނޭޅި މަސައްކަތް ކުރަމުން އައި ބޭންޑެކެވެ.

ރިސޯޓް މިއުޒިކްގެ ދާއިރާއިން ކުރިއެރުން ހޯދަމުން އައި ޑިޓިއުންއަކީ ރާއްޖޭގައި މިއުޒިކް ކުޅެގެން އާމްދަނީ އެއް ނުލިބޭނެ ކަމަށް ބުނި އެތައް ބައެއްގެ ޚިޔާލް ބަދަލުކޮށްލި ބޭންޑެކެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އައި ކޮވިޑް-19 ރާއްޖެއިން ފެނުމުން ފަތުރުވެރިކަމަށް އަސަރުކޮށް، ލަވަ ކިޔުން މަޑު ޖެހުނު ހިސާބުން ވެސް ޑިޓިއުން ދެއްކީ ތަފާތު މަންޒަރެކެވެ.

5 މެމްބަރުންގެ މައްޗަށް ހިމެނޭ މި ބޭންޑުން މިވަނީ ފުރަބަންދުގައި ގެއިން ނުނިކުމެ ތިބެގެން ވެސް އާއްމުންނާއި ހަމައަށް ލަވައެއް ގެނެސްދީފައެވެ.

ތަފާތު އެކި ރަހަތަކުގެ ލަވަތައް ގެނެސްދޭ ޑިޓިއުންގެ މިފަހަރުގެ ލަވައަކީ މަޑުމައިތިރި ހިތްގައިމު ލަވައެކެވެ.

"މިއީ ރާއްޖެ" މި ލަވައަކީ މިއީ ޑިޓިއުންގެ ބޭންޑް ރާއްޖެއާއި މެދު ކުރެވޭ އިހުސާސްތައް ހިމަނައިގެން ގެނެސްދިން ލަވައެއް ކަމަށް، ބޭންޑް ހިންގުމުގައި އިސް ދައުރެއް އަދާކުރާ ފެޒޫ ވަނީ "ވަގުތަށް" މައުލޫމާތުދެމުން ބުނެފައެވެ.

" އަހަރުމެން އަސްލު ބައެއް ކަންކަން ވަރަށް ގްރޭންޓެޑްކޮށް ނަގާ. އަހަރުމެންނަކަށް ޓައިފޫންސް އެއް ނާދޭ. ބީޗް، ސަން، ސޭންޑް އެ އެއްޗެހި ފެނުނަސް އަހަރުމެންނަށް ެއެއްޗެހި ފީލްއެއް ނުވޭ. އެކަމު ލޮކްޑައުން ވީމަ އެ ވިސްނެނީ. މީހުން ބުނޭ ކޮންމެ އެއްޗެއް ވެސް ގެއްލުނީމަ ވިސްނޭނޭ. އަސްލު ވަރަށް މިސްވޭ ރިސޯޓަށް ކުޅެން ދިއުން. މިއީ ރަށަކަށް ބޮޑުވާ މީހަކު، ކިޔާދޭ ލަވައެއް" އޭނާ ކިޔާދިނެވެ.

ޑިޓިއުންގެ މި ލަވަ ރިކޯޑްކޮށްފައި ވަނީ އެކި ތަންތަނުގައި ތިބެގެންނެވެ. އެހެންކަމުން މއިީ ޑިޓިއުންއަށް ވެސް ތަފާތު ތަޖުރިބާއެކެވެ.

އެ ބޭންޑަށް މި އަހަރުގެ ފްބްރުއަރީ މަހު 14 އަހަރު ފުރުނު އިރު އަދިވެސް އެ ބޭންޑްގައި ތިބީ ބޭންޑް ފެށި އިރު ތިބި ފަސް މީހުންނެވެ. ފަސް މެމްބަރުން ހިމެނޭ ޑިީޓިއުންގެ ދިރިއުޅުން ބިނާކޮށްފައި ވަނީ އަމިއްލަ މިއުޒިކް އުފެއްދުމާއި ރިސޯޓް މިއުޒިކުން ލިބޭ އާމްދަނީއަށެވެ.

ބޭންޑްގެ ހަމައެކަނި އަންހެން މެމްބަރު ފެޒޫ އަކީ ބޭންޑް ހިންގުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ފަރާތެވެ.

މި ބޭންޑްގައި ހިމެނޭ މެމްބަރުންނަކީ ހަސަން ފާތިހު (ފާތި) އާއި އަހުމަދު ފުރުގާން (ފުޖީ) އާއި އަހުމަދު އާސިފް (އައްމަޑޭ) ގެ އިތުރުން އަލީ ޝިފާއު (އައްޔަ) އެވެ.