ދިވެއްސަކު މެރެތަން ރޭހެއްގައި ދުވެ، ރޭސް ފުރިހަމަކޮށްފިއޭ ބުނި ނަމަވެސް، އެއީ އާ ކަމަަކަށް ނުވާނެއެވެ. މާ ބޮޑު ކަމަކަށްވެސް ނުވާނެއެވެ. އެހެނަސް މިފަހަރު މިއޮތީ އުމުރުން އެންމެ 18 އަހަރުގައި ދިވެއްސަކު މެރެތަން ރޭހެއް ފުރިހަމަކޮށް، ރާއްޖޭގައި މެރެތަން ރޭހެއް ފުރިހަމަކުރި އެންމެ ހަގު ދުވުންތެރިޔާއަށްވެ، ތާރީހުގެ ތެރެއަށް ގޮސްފައެވެ.

މި ދައްކަނީ ލ.ފޮނަދޫ އެވަލާސްޓް އަލީ އިވާޝްގެ ވާހަކައެވެ. މިއީ މިހައިތަނަށް ރާއްޖޭގައި މެރަތަންއެއް މިހާ ހަގު އުމުރެއްގައި ނިންމައިލި ފުރަތަމަ ދުވުންތެރިޔާއެވެ.

އިވާޝް ބުނި ގޮތުގައި އޭނާ އަލަށް ދުވަންފެށީ އުމުރުން އެންމެ 16 އަހަރުގައި، 2018 ވަނަ އަހަރުއެވެ. އަދި އޭރު ދުވަންފެށީ ރަން އިން ލާމު 2018 ގައި މީހުން ދުވާތަން ފެނިގެން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އޭރު ދުވިއިރު ހާސިލްކުރަން ބޭނުންވާ އެއްވެސް ލަޑުދަނޑިއެއް ނެތްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އިވާޝް އަބަދުވެސް ބޮޑު ރޭހެއްގައި ދުވެލަން ބޭނުންވެއެވެ.

ކުރި ހިތްވަރާއި ބުރަ މަސައްކަތުން، ހަމަ އެ އަހަރުގެ ތެރޭގައި ރީތި ހިތްފަސޭހަ ލާމު ލިންކް ރޯޑުގައި އިވާޝް އެންމެ ފުރަތަމަ ފަހަރަށް 21 ކިލޯމީޓަރަށް ދުވެ، ހާފް މެރެތަން އެއް ޖެހިއެވެ. އޭރު ހާފް މެރެތަން 2 ގަޑިއިރާއި 28 މިނެޓުން ނިންމި ނަމަވެސް، އެއީ އެއްވެސް ރޭހެއްގައި ދުވި ދުވުމެއް ނޫންކަމުން، އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ.

އިވާޝް ދުވަނީ – ފޮޓޯ: ބިގޭ

2019 ވަނަ އަހަރުގެ ރަން އިން ލާމުގައިވެސް އިވާޝް ވަނީ ބައިވެރިވެފައެވެ. އަދި ރަން އިން ލާމުގައި 2 ގަޑިއިރާއި 15 މިނެޓުގެ ތެރޭގައި ހާފް މެރެތަން ޖަހައި، ނުވާނެއޭ ބުނި މީހުނަށް ގޮން ޖަހާލިއެވެ. މި ރޭހާއެކު، އިވާޝްއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ދެން އިވާޝް ބޭނުންވީ ފުލް މެރަތަންއެއް ޖަހާށެވެ.

ފުލް މެރަތަންއެއް ޖަހަން އަޒުމު ކަނޑައަޅައި ދެން އިވާޝްގެ މިސްރާބު ޖެހީ 2019 ވަނަ އަހަރު އޮތް ހައްދުންމަތީ މެރަތަން އަށެވެ. އެތައް ދުވަހެއްގެ ޓްރެއިނިންގ އަށްފަހު، ރޭޙުގައި ބައިވެރިވާ ހިސާބަށް އައި އިރު އިވާޝްއަށް ލިބުނީ ހިތާމަވެރި ހަބަރެކެވެ. 18 އަހަރު ނުވާތީ ފުލް މެރެތަންގައި ބައިވެރިނުވެވޭނޭ ކަމަށް ރޭސް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ. ފުލް މެރެތަން ރޭހުގައި ދުވަން ފުރުސަތު ނުލިބި، އިވާޝްއަށް އެފަހަރު ދުވަން ޖެހުނީ 10 ކިލޯމީޓަރު ރޭހުގައެވެ.

އަނެއްކާވެސް އިވާޝްގެ އަމާޒަކަށްވީ ރަން އިން ލާމު 2020 ގައި ފުލް މެރަތަންއެއް ޖެހުމަށެވެ. އަދި އޭރު ޕްރެކްޓިސް ކުރުމުގެ ތެރޭގައި، މިދިޔަ ޑިސެމްބަރ 15 ވަނަ ދުވަހު އިވާޝް ވަނީ އޭނާގެ ތިންވަނަ ހާފް މެރެތަން 2 ގަޑިއިރާ 8 މިނެޓު ތެރޭގައި ނިންމާފައެވެ.

މިއަހަރު ބޭއްވުނު ރަން އިން ލާމުގައި ބައިވެރިވެ އިވާޝް މިވަނީ ރާއްޖޭގެ އެންމެ ހަގު މެރެތަން ދުވުންތެރިޔާއަށް ވެފައެވެ. އަދި ލ.ފޮނަދޫން ފުލް މެރަތަންއެއް ނިންމި 2 ވަނަ މީހާއަށް ވެފައެވެ. މި އަހަރުގެ ރަން އިން ލާމުގައި އިވާޝް ރޭސް ނިންމީ 4 ގަޑިއިރާއި 58 މިނެޓުންނެވެ. އެއީ މެރެތަން ދުވި 50 މީހުންގެ ތެރެއިން 10 ވަނަ އަކަށެވެ.

އިވާޝް އަށް ލިބުނު މެޑަލް –

އިވާޝް ބުނީ އޭނާއަށް މިހާތަނަށް މި އާދެވުނީ އޭނާގެ ބޭބެ، މުހައްމަދު ފަޔާޒުގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ. އަދި އަބަދުވެސް ފަޔާޒު އޭނާއާއި އެކުގައި ދުވާ ކަމަށާއި، ފަޔާޒަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް އިވާޝް ވަނީ ބުނެފައެވެ. މުހައްމަދު ފަޔާޒަކީ ލ.ފޮނަދޫން އެންމެ ފުރަތަމަ މެރެތަން ރޭހެއް ފުރިހަމަ ކުރި މީހާއެވެ. އަދި މި އަހަރުގެ ރަން އިން ލާމުގައިވެސް ފަޔާޒް ވަނީ 4 ގަޑިއިރާ 47 މިނެޓުން މެރެތަން ނިންމާ، ރޭހުގައި ބައިވެރިވި 50 މީހުންގެ ތެރެއިން 5 ވަނަ ހޯދާފައެވެ.

ފަޔާޒް އާއި އިވާޝް

އިވާޝްގެ މި ކާމިޔާބީއާއި އެކު އޭނާ މިވަނީ ރާއްޖޭގައި ހުރި އެންމެ ހަގު މެރަތަން ދުވިންތެރިޔާއަށް ވެފައެވެ. މަޢުލޫމާތު ލިބޭގޮތުން ދުނިޔޭގައި ފުލް މެރެތަންއެއް ނިންމި އެންމެ ހަގު ދުވުންތެރިއަކީ 2002 ގައި އުފަންވި އިންޑިޔާ ކުއްޖެއްކަމަށްވާ ބުދިއާ ސިންހް އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުނަންތަ

    ރާއްޖޭގަ ކުރީގަ މެރަތަން އެއްވަނަ 16 އަހަރުގަ ހޯދިމީހުންއެބަތިބި މީހަމަތެދު

    • ސުވާލު

      ކާކު؟ ނަސީރު ތަ

  2. ޙުސައިން

    1987 ކުޑަހުސެން އުމުރުން 17 އަހަރުގަ ފުރަތަމަ މާލޭ މެރަތަން ދުވި.