ދުނިޔޭގައި އުޅޭއިރު ކޮންމެ މީހަކަށް ކަންތައް ދިމާވާނީ އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ. ބައެއް ފަހަރު އުފާވެރި ޚަބަރެއްގެ އިންތިޒާރުގައި ތިއްބާ ހިތާމަވެރި ޚަބަރެއް ލިބި ދިރިއުޅުމަށް ބޮޑެތި ބަދަލުތައް އާދެއެވެ. މިއީ އެފަދަ މީހެއްގެ ވާހަކައެވެ.

އިނގިރޭސިވިލާތުގެ ލިވަޕޫލް އަށް ނިސްބަތްވާ ލުއިސީ ވިސްޓާންލީ އަށް ކެންސަރު ޖެހުނުކަން އެނގުނު އިރު އޭނާގެ ބަނޑަށް 8 މަހެވެ. ލުސީ އާއި އޭނާގެ ފިރިމީހާ ތައްޔާރުވަމުން ދިޔައީ އެމީހުންގެ ދެވަނަ ދަރިފުޅަށް މަރުޙަބާ ކިޔާށެވެ. ނަމަވެސް އޭގެ ކުރިން ޖެހުނީ ކެންސަރާއި ހަނގުރާމަ ކުރާށެވެ.

ލޫސީ އަށް ޖެހުނީ ލޭގެ ކެންސަރެވެ. ދުވަސް ފުރާ އޮޕަރޭޝަން ކޮށްގެން ލޫސީގެ ދަރިފުޅު ހާލޯ ނެގިއެވެ. ކެންސަރަށް ކުރެވެން ހުރި ފަރުވާތައް ލޫސީ ދިޔައީ ކުރަމުންނެވެ. ނަމަވެސް ޝިފާއެއް ނުލިބެނީސް ދަރިފުޅުގެ އުމުރުން ފަސް މަހުގައި ލޫސީ ވަނީ މިހާރު މަރުވެފައެވެ.

ލޫސީ އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ކޮންމެ މަހަކު ގަވައިދުން ހަދަމުންދާ ޓެސްޓްތައް ހެދުމުގެ ތެރޭގައެވެ. އޭނާ އަށް ކެންސަރު ޖެހުނުކަން އެނގުނީ ޑިސެމްބަރ މަހުއެވެ. ކެންސަރަށްދޭ ބާރުގަދަ ފަރުވާތައް ދިނުން ފުރަތަމަ ޑޮކްޓަރުން މަޑުޖައްސާލީ ލޫސީގެ ދަރިފުޅު ވިހަންދެނެވެ. އޭގެ ފަހުން ކީމޯތެރަޕީ ދީގެން ކެންސަރު ނައްތާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ނަތީޖާއެއް ނުފެނުނެވެ.

މެއި 14 ވަނަ ދުވަހު ލޫސީ މަރުވީ ކެންސަރުގެ ސަބަބުން ވަރަށް ބޮޑަށް ހާލު ދެރަވެ އެންމެ ފަހުން ސިކުނޑިއަށް ލޭ އެޅިގެންނެވެ.

Comments are closed.