ގިނަ ފަހަރަށް އެންމެ ރަނގަޅު މުސްތަޤުބަލެއް ލިބެނީ ޅަ އުމުރުގައި ހިތި ތަޖުރިބާތަކެއް ކުރަން ޖެހި، ދިމާވާ ކަންކަމާއި ކެރިގެން ކުރިމަތިލައި އެކަންކަން ބަދަލު ކުރަން މަސައްކަތް ކުރާ މީހުންނަށެވެ. މުޅި ދުނިޔެ އަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއް ކަމުގައިވާ ޑެނީ އަލްވޭސް އަކީވެސް މިފަދަ މީހެކެވެ.

ބްރެޒިލްގެ ދަނޑުގޮވާންކޮށް ހަދައި އުޅޭ ސަރަހައްދަކަށް އުފަން ވެފައިވާ ޑެނީ އަލްވޭސް އުޅެފައި ވަނީ ވަރަށް އުނދަގޫ ދިރިއުޅުމެކެވެ. އުމުރުން 7 އަހަރުން ފެށިގެން މަސައްކަތުގައި އޭނާގެ ބައްޕަ އަށް އެހީ ވާން އަލްވޭސް ފެށި އިރު، ކާން ނުލިބޭ ދުވަސްކޮޅެއް ވެއްޖެނަމަ، އަލްވޭސް އާއި އޭނާގެ ބޭބެ ބަނޑުހައި ހޫނުކަން ފިލުވަނީ ކޮތަރު ހިފުމަށްފަހުގައި އެ ކައިގެންނެވެ.

ޑެނީ އަލްވޭސް ބާސާ އާއި އެކު ތައްޓެއް އުފުލައި ލުމަށް ފަހުގައި

ކޮންކްރީޓް ގަނޑެއްގެ މަތީގައި ކުޑަ އިރުން ފެށިގެން ނިދަމުން އައި އަލްވޭސް އަށް ރޭގަނޑުގެ ހަމަ ނިދި ރަނގަޅަށް ނުލިބޭ އިރު، ހެނދުނު ހޭލާ އިރު އޭނާ އުޅެން ޖެހެނީ ބުރަކަށީގެ އެތަން މިތަނުގައި ރިއްސާތީއެވެ. އެހެންނަމަވެސް، ބަހަނާ އެއް ނުދައްކައި ކޮންމެ ދުވަހަކުވެސް އޭނާގެ ބައްޕަ އަށް އަލްވޭސް އެހީވެއެވެ. އެއަށްފަހު 12 މޭލުގެ ރާސްތާ އެއް އަލްވޭސް ކަޑައްތު ކުރެއެވެ. އެއީ އޭނާގެ ރަހުމަތްތެރިންނާއި އެކު ފުޓްބޯޅަ ކުޅުމަށެވެ.

ކުޑައިރުން ފެށިގެން ފުޓްބޯޅަ އަށް ލޯބި ޖެހުނު އަލްވޭސް އަކީ އެހައި ފާހަގަކޮށްލެވޭ ވަރުގެ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް، ނަސީބު އައިސް އޭނާގެ އަތުގައި ހިފިއެވެ. ޔޫތް އެކަޑަމީ އަކުން 100 ކުދިން ތަމްރީން ކުރުމަށް ފެށި ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދުރު ހިސާބަކަށް ދާން އޭނާ އަށް ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފިއެވެ.

އެ ތަމްރީން ޕްރޮގްރާމްތައް ފެށުނު ދުވަސް ނޫން އަނެއް ދުވަހު އަލްވޭސް ކުޅެން ގެންގުޅު ހުރިހާ ސާމާނެއް ވަގަށް ނެގިއެވެ. އަދި އެދުވަހު ކުޅުމުގެ ތެރެއިން ޖެހި ޕެނަލްޓީއެއް ނާކާމިޔާބުވެ، ކުދިންގެ ފުރައްސާރަ އާއި ކުރިމަތިލާންވެސް ޖެހުނެވެ. ނަމަވެސް އަލްވޭސް ހިތްވަރު އެލުވައެއް ނުލައެވެ. އެނބުރި ގެއަށް ދާނީ ބައްޕަގެ މޫނު މައްޗައް ހިނިތުންވުން ގެނުވާ ވަރު ކުރުމަށް ފަހުގައި ކަމަށް ނިންމައި އޭނާ ގަދަ އަޅައި މަސައްކަތް ކުރިއެވެ.

ކުޑަ ކްލަބުތަކުން ކުޅެން ފެށި އަލްވޭސް އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑެތި ކްލަބުތަކަށް ކުޅެމުން އަންނަ މޮޅު ކުޅުންތެރިއެކެވެ. އަދި އޭގެ އިތުރުން ޑެނި އަލްވޭސް އަކީ ފުޓްބޯޅައިގެ ތާރީޙުގައިވެސް އެންމެ ގިނައިން ތަށިތައް ހިއްލައިލާފައި ހުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މީހެއްކަން ފާހަގަކޮށްލެވެއެވެ.

ADS BY SHEESHA

 

ADS BY ASTERS

Comments are closed.