އިންޑިއާގެ ހިލޭ އެހީގެ ދަށުން ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލް އަދި ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" އިފްތިތާހު ކޮށްފިއެވެ. މިއީ 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ޕްރޮޖެކްޓެކެވެ.

"އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" އިފްތިތާހު ކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ރައްޔިތުންގެ މަޖްލީހުގެ ކުޅުދުއްފުށި އަދި ފުވައްމުލަކަށް ނިސްބަތްވާ މެމްބަރުން އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ޝާހިދު ވަނީ، ދަރިވަރުން އެތަނަކަށް ލޯބިޖެހި އެތަނަކަށް އަހުލުވެރި ބައެއްކަމުގައި ދެކޭނެ ފަދައިން ސްކޫލުތައް ބިނާކޮށް ފަރުމާކުރުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަ ކުރައްވައިފައެވެ. އަދި އެކަމުގެ ސަބަބުން ކުދިން ބޮޑެތިވެ މުޖުތަމައުއަށް މަންފާ ކުރުވަނިވި ބައެއްކަމުގައި ވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓް"ތައް ގާއިމްކުރުމުގައި އެހީތެރިކަން ފޯރުކޮށް، މި ޔުނިޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، މި ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލް ފޯރުކޮށްދީފައިވެއެވެ.

މި ޔުނިޓުތައް ފަރުމާ ކުރެވިފައި ހުންނާނީ އުނގެނުމަށާއި އުނގަންނައި ދިނުމަށް ފަސޭހަވާނެ މާހައުލެއް ގާއިމުކުރުމަށެވެ.

މި މަޝްރޫއު ހިންގީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންނެވެ. އިންޑިއާ ސަރުކާރުގެ މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫތަކަށް ހަރަދުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހހހ

    1.6 މިލިއަން؟ ހާދަބޮޑު އެހީއެއް! ލޮލް

  2. Anonymous

    ތިކަހަލަ ކަޑަވާ އެހީއެއް ނޫނޭ ދިވެހިން ބޭނުމީ ނިކަން ވަރު ހުރިއްޔާ އިހަވަން ދިއްޕޮޅު ފ.އަތޮޅު ޕްރޮޖެކްޓް ތިލަފުށި ވިޔަފާރި ބަދަރު ފްލެޓް ބޭނުންވާ އެންމެނަށް ފްލެޓް ހުޅުމާލޭގައި އަޅާ ފުށިދިއްގަރު ފަޅު ހިއްކާ ގޯތި ދީ ، ހުވަދުއަތޮޅުގައި އިންޓަނޭޝަނަލް އެއަރޕޯރޓް އަޅާބަލަ،