ުުުމިއީ މީގެ އަހަރުތަކެއް ކުރިން ވެރިރަށް މާލޭގައި ހިނގާދިޔަ ސިހުރު ހާހޫރައިގެ ހާދިސާތަކެވެ. މިވާހަކަ ލިޔެފައިވާނީ މިވާހަކަ ކުރިމަތިވި ފަރާތް "ވަގުތަށް" ހިއްސާ ކުރި މައުލޫމާތުގެ މައްޗަށެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާނީ އަސްލު ހާދިސާގެ ނަންނަމެއް ނޫނެވެ. އަދި ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް އުނި އިތުރުކޮށްފައިވާނެއެވެ.

ރާއްޖެއިން ބޭރުން ކިޔަވައިގެން އަހަރެން ރާއްޖެ އައީ ވަރަށްވެސް ފޮނި އުންމީދުތަކާއި އެކުގައެވެ. އެގޮތުން ރާއްޖެއައިސް ބޭރުން ކިޔެވި ދާއިރާގައި ވަޒީފާ އަދާކުރަން ފެށީމެވެ. އަމިއްލަ ކުންފުންޏެއްގެ މަތީ މަގާމެއްގައި އަހަރެން ވަޒީފާ އަދާކުރަމުން ދިޔައިރު ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް އާއިލާގެ ހަރަދުތަށް ކުރާ ވަރުގެ ބޮޑު އާމްދަނީއެއް އަހަންނަށް ލިބެއެވެ. އެހެންކަމުން އަހަރެން އުޅެމުން ދިޔައީ ވަރަށްވެސް ހަމަޖެހިގެން ފުދިގެންނެވެ.

އަހަރެންގެ ހަމަޖެހޭ ދިރިއުޅުމަށް ކަޅު އަނދިރިކަމެއް ވެރިވީ އަހަރެންގެ މަގާމާއި މެދު އަހަންނާއި އެއް އޮފީހެއްގައި މަސައްކަތް ކުރާ ގާތް ރައްޓެއްސަކު އަހަންނަށް ހަސަދަ ލުމާއި އެކުއެވެ.

އަހަންނާއި އެކުއެކީހެން ވަޒީފާއަށް ވަތް އަހުމަދަކީ ކުޑައިރުއްސުރެ އަހަރެންގެ ގާތް ރައްޓެއްސެކެވެ. ނަމަވެސް އަހުމަދަކީ ތައުލީމީ ގޮތުން މާ މަތީ ސަނަދުތަކެއް ހާސިލްކޮށްފައިނުވާ މީހެއް ކަމުން އޮފީހުގައި އަހުމަދު މަސައްކަތް ކުރަން ޖެހުނީ އަހަރެންގެ ދަށުންނެވެ. ވަޒީފާގައި އަހަރެންގެ މަސްއޫލިއްޔަތަކީ އޮފީހުގެ މުވައްޒިފުންގެ ކަންކަން ބެލެހެއްޓުމެވެ. އަދި މުވައްޒަފުންގެ މަސައްކަތްތަށް ކުރިއަށްދާ މިންވަރު ބެލުމެވެ.

މަސައްކަތުގެ ޕްރެޝަރެއް ނެތި އަހަރެން ވަޒީފާއަދާކުރަމުން ދިޔައިރު އަހުމަދުގެ ކިބައިން ހަސަދަވެރިކަމުގެ ބައެއް އަމަލުތަށް ފެންނާން ފެށިއެވެ. އެގޮތުން އޮފީހުގެ ރަސްމީ ދުވަހެއް ނިމިގެންދާއިރު ބައެއް ދުވަސް ދުވަހު އަހުމަދު އަހަރެންގެ ލޮލަށް ނުފެނިދާ ފަހަރުވެސް އަންނާނެއެވެ. އަދި އަހަރެންގެ ބައެއް ރައްޓެހިން ކައިރީގައި އަހަންނޭ ކިޔައިގެން ބައެއް ކަހަލަގެ ހަޤީގަތެއް ނެތް ( ހުއްޖަތެއް ނެތް) ވާހަކަތަށް ދައްކާވެސް އުޅެއެވެ. އަދި އަހަންނަށް އޮފީހުގެ އެހެން މުވައްޒަފުން ކުރާ ގަދަރު ކުޑަކުރުމަށް ނުވަތަ އަހަރެން ބަދުނާމު ކުރުމުގެ ނިޔަތުގައި އެތަކެއް ކަމެއް އަހުމަދު ކުރަމުން ގެންދެއެވެ. ނަމަވެސް އަހުމަދުގެ މި އަމަލުތަކާއި މެދު ހިތްހަމަ ނުޖެހުމުގެ އެއްވެސް އަމަލެއް އަހަރެން ނުކުރަމެވެ.

ދުވަސްތަށް މިގޮތުގައި ފާއިތު ވަމުން ދިޔައެވެ. ތުންތުން މަތިން އަޑު އިވޭ ގޮތުގައި އަހުމަދަކީ ސިހުރު ހާހޫރައިގައި ނަން ކިޔާލެވޭ މީހުންނާއި ހާއްސަ ގުޅުމެއް އޮންނަ މީހެކެވެ. އަދި ސިހުރުގެ ޒަރިއްޔާއިން އޭނާއަށް ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެގޮތުން އަހަރެންގެ މަގާމު ގެއްލުވާލުމަކީ އަހުމަދަށް ފަސޭހަ ކަމެއްކަން އަހަންނަށް އޮތީ ކުރިންވެސް އެނގިފައެވެ. ނަމަވެސް ގާތް އެކުވެރިއެއްގެ ކިބައިން އަހަންނަށް އެފަދަ ލަނޑެއް ނުލިބޭނެ ކަމަށް އަހަރެން އުންމީދު ކުރީމެވެ.

ނަމަވެސް ކަންވެގެން ދިޔައީ އަހަރެންގެ ލަފައާއި މުޅިން ހިލާފަށެވެ. ފަހަކަށް އައިސް އަހުމަދުގެ ކިބައިން ތަފާތު އަދި ގަބޫލު ކުރަން ދަތި ކަންކަން އަހަންނަށް ފާހަގަވިއެވެ. އެގޮތުން އަހަރެން އޮފީހަށްދާ ވަގުތުގައި އަހަންނަށް ލޯއެޅުމާއި އަދި އެނޫންވެސް ބައެއް ކަންކަން ހިމެނެއެވެ. އަދި އަހަންނާއި އާދަޔާހިލާފަށް ގާތް ވުމަށް ( ވާހަކަ ދައްކާ އުޅުމަށް) އަހުމަދު މަސައްކަތް ކުރިއެވެ.

އަހުމަދުގެ އުޅުމަށް ބަދަލު އަންނަންފެށިތާ ދުވަސްކޮޅެއް ފަހެވެ. އަހަންނަށް ކުރިން ނުވާ އެތަކެއް އުނދަގޫތަކެއްވާން ފެށިއެވެ. އެގޮތުން އަބަދުވެސް ކަންކަން ކުރަން ފޫހިވުމާއި މާ އަވަހަށް ރުޅި އައުން ހިމެނެއެވެ. އަދި ބައެއް ފަހަރު ގިނަ އިރު ކޮޅަށް ހުރުމަށްވެސް އަހަންނަށް އުނދަގޫވިއެވެ. އަދި މީހުންނާއި އެކަހެރިކޮށް އުޅުމަށް ލޯބިކުރެވުނެވެ. އަދި މަސައްކަތަށް ފަރުވާ ކުޑަކުރެވެން ފެށިއެވެ. އަހަރެންގެ އުޅުމަށް ބަދަލުތަށް އަންނަން ފެށި ފަހުން އޮފީހުގެ މެނޭޖުމެންޓްއިން އަހަންނަށް އިންޒާރުގެ ސިޓީއެއް ދިނެވެ. އަދި އޭގެ ފަހުންވެސް އަހަރެންގެ އުޅުން ރަނގަޅު ނުވުމުން އަހަރެން ވަޒީފާއިން ވަކި ކުރިއެވެ.

ވަޒީފާއިން ވަކިކުރުމަށް ފަހުވެސް އަހަރެންގެ ހާލަތު ރަނގަޅެއް ނުވިއެވެ. އަދި ޑޮކްޓަރީ ގޮތުން މާލެއިން ކުރެވެން ހުރި ހުރިހާ ފަރުވާއެއް ކުރީމެވެ. ނަމަވެސް އެއްވެސް ޑޮކްޓަރަކަށް އަހަރެންގެ ބަލިމަޑުކަމެއް ދެނެއެއް ނުގަނެވުނެވެ.

އެހެންކަމުން އާއިލާގެ މީހެއްގެ ލަފައަށް އަހަރެން ރުގްޔާ ކުރާ މީހެއް ލައްވާ ރުގްޔާ ކުރީމެވެ. ރުގްޔާ ކުރި މީހާގެ ކިބައިން އެނގުނު ގޮތުގައި އަހަންނަށް ވަނީ ސިހުރު ޖެހިފައެވެ. އަދި އަހަންނަށް ދިމާވާ ކަންކަމަކީވެސް އެކަމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައި އޭނާ ބުންޏެވެ.

އަދި އަހަންނަށް ފަރުވާ ކުރެވޭނެ ރުގްޔާގެ އާޔަތްތަށް އޭނާ ދަސްކޮށްދިނެވެ. އަދި އަމިއްލައަށް ރުގްޔާ ކުރެވޭނެ ގޮތްތަށް ދަސްކޮށްދިނެވެ. ރުގްޔާ ކުރާ މީހާ ދަސްކޮށްދިން ގޮތަށް އަމިއްލަ އަށް ރުގްޔާ ކުރަން ފެށިތާ 6 މަސް ފަހުން އަހަރެންގެ ހާލަތު ރަނގަޅުވިއެވެ. އަދި ކުރިން އަހަންނަށްވާ އުނދަގޫތަށް ވުން ހުއްޓުނެވެ. ނަމަވެސް މިހާރު އަހަރެންގެ ވަޒީފާ މިވަނީ ގެއްލިފައެވެ. އަދި އަލުން ބަލުން ދިރިއުޅުމުގެ ކަންކަން އާރާސްތު ކުރަން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހިން

    ތި ސިހުރުގެ ކަންކަމަކީ މިހާރު މިރާޖޭގައި ޖެހިފައިވާ އެންމެ ބޮޑު އެއް ވަބާ. މިފަދަ ނުބައި އަމަލު ހިންގާ މީހުނަށް އަދަބު ދިނުމަށް ހަރުކަށި ޤާނޫންތަކާއި ގަވާއިދު ތައް ހަދަން ޖެހޭ، އަދި އިސްލާމް ދީނުގައި ވާ ޙުކުމްތައް އެމީހުންގެ މައްޗަށް ތަންފީޛް ކުރަން ޖެހޭ، ކެންސަރާ ކިޑްނީ ފެއިލް ވުން ފަދަ ބަލިތަކުގެ އަސްލަކީ ސިހުރު، ޖިންނި ޝައިތޯނުން.

    • މޯލްޑިވިޔަން

      މީ ބޯގޯސް ބައެއް ތަ.ސީރިޔަސްކޮށް

  2. ނަންނެތް

    އަޅުގަނޑު ތާއީދު

  3. ނާނު

    އެކުވެރިޔާ ބޮލުގަދޯ ތި އެޅުވީ

  4. ޟާޙު

    އިބުަރާތްތެރި ވާހަކަ އެޢް.