(ފުވައްމުލައް ސިޓީ) ޏ. އަތޮޅު ފުއައްމުލަކަކީ އެއް ފަސްގަނޑެއްގެ މައްޗަށް އުފެދިފައިވާ ބޮޑު ރަށެކެވެ. ރަށުގެ ވަށައިގެން އެއްކޮށް މޫދު އޮންނަ އިރު ކައިރީގައި ފަޅު ރަށެއް ވެސް ނޯވެއެވެ. ފުއައްމުލައް އުފެދިފައި އޮންނަ ގޮތުން ރަށުގެ މެދު އޮންނަނީ ރަށުގެ ބޭރަށް ވުރެ ތިރިކޮށެވެ. އަދި ޗަކަ ބިން ގިނައިރު ރަށުގެ މީހުން ނޫޅޭ ހިސާބުވެސް އެހާ ބޮޑެވެ. މިއީ ފަޅު ހިސާބުތައް ގިނަ ފުވައްމުލަކުގައި އަންހެން ކުއްޖަކަށް ދިމާވި ހަގީގީ ވާހަކަ އެކެވެ.

ބިރުވެރި މި ވާހަކަތައް މި ކުއްޖާ ކިޔައި ދިން އިރު، ކުއްޖާގެ އެދުމުގެ މަތިން ލިއުމުގައި ކުއްޖާގެ އަސްލު ނަން ގެނެސްފައި ނުވާނެއެވެ.

ފާތުމަތު ނިޝާއަށް މި ހާދިސާއާ ފުރަތަމަ ކުރިމަތިލާން ޖެހުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނިޝާ އަކީ ވާހަކަ ލިޔާ ކުއްޖެކެވެ. އާދައިގެ މަތީން ކޮންމެ ރެއެއްގައިވެސް ދޭއް ނުވަތަ ތިނެއް ޖަހަންދެން އޭނާ ވާހަކަ ލިޔުމުގައި އުޅެއެވެ. މި ހާދިސާ ހިނގި ރޭގައި ގާތް ގަނޑަކަށް ތިނެއް ޖަހާ ހާއިރު ގޭގެ ކޮޓަރިން ނިކުމެ ފާހަނާ އަށް ދިޔައިރު ބަދިގެ ކުރިމަތީން ކުޑަ ކުއްޖަކު ފެނުނު ކަމަށް ނިޝާ ބުންޏެވެ.

ނިޝާއަކީ އައިނު އަޅާ މީހަކަށް ވާއިރު އެ ރޭ ކަންދިމާކުރި ގޮތުން އޭނާ ހުރީ އައިނު ވެސް ނާޅައެވެ. އޭރު ފުސް ގޮތަކަށް އަހަންނާއި ދިމާލަށް ބަލައިގެން ހުރީ ކުޑަ ކުޑަ އަންހެން ކުއްޖެކެވެ. ތިން އަހަރު ވާނެ ކަމަށް ބެލެވޭ އެ ކުޑަ ކުއްޖާ ހުރީ އަހަންނާއި ދިމާލަށް ބަލާފައި ހޭށެވެ. އެ ކުއްޖާގެ އިސްތަށިގަނޑު ކަކުލާ ހަމައަށް ދިގު އިރު ދެވަނަ ފަހަރަށްވެސް ލޯ ސާފުކޮށްލާފައި އެކުއްޖާ އާއި ދިމާލަށް ބަލާލީމެވެ. އަދި ދަމުން ފަހަތަށް އެނބުރި ކުއްޖަކު ހުރިތޯ ޔަގީން ކޮށްލަން ބަލާލީމެވެ.

އެ ރޭ ނިޝާ ހީކުރީ ކުއްޖަކު ފެނުން އެއީ ހީވި ހީވުމެއް ކަމަށެވެ. އަދި ޖެހިގެން އައި ދުވަހުގެ ހެނދުނު ހައިރާން ކަމެއް ލިބުނީ ގެ ކައިރީގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު އޭނާގެ ގެއިން އެ ރޭ ކުޑަ އަންހެން ކުއްޖަކު ފެނުނު ވާހަކަ ބުނި ހިސާބުންނެވެ. އެ މުސްކުޅި ބޭބެ ބުނީ އޭނާގެ ގޭގެ ދޮރުގައި ޓަކި ދީފައި ހީލާ އަޑު ދަންވަރު އިވުނު ކަމަށެވެ.

ބޭބެ ބުނި ގޮތުގައި ކުޑަ އަންހެން ކުއްޖަކު ދަންވަރު ގަޑީގައި ހޭވަރުން ނުހުރެވިގެން އެތާ އޮތް ފިހިގަނޑެއް ހިފައިގެން ނިކުތުމުން އެ ކުޑަ އަންހެން ކުއްޖާ ދުވެލާފަ ގޮސް ޖެހިގެން ހުރި ގޭގެ ފާރުކައިރީގައި ހުރި އަނބު ގަހުގެ ފުރަގަހަށް ވަދެ ގެއްލުނީއެވެ. އެ ކުޑަ ކުއްޖާ ދުވެ ފިލީ ނިޝާ ގޭގެ އަނބުގަސް ކައިރި އަށެވެ.

މި ހާދިސާ ހިނގި ފަހުން މިއަދާ ހަމައަށް ވެސް ނިޝާ އަށް އެ ކުޑަ ކުއްޖާ އެތައް ފަހަރަކު ފެނުނެވެ. އެންމެ ފަހުން ނިޝާ އަށް އެ ކުއްޖާ ފެނިފައި ވަނީ ފުވައްމުލަކުގެ ހަވިއްތަ ކައިރިންނެވެ. އެ ސަރަހައްދުގައި އޮންނަ ގަސް ބޯ ހިސާބުން އެ ކުއްޖާ ފެނުނު އިރު މިއަދާ ހަމައަށް އެ ކުއްޖާ ގާތްގަނޑަކަށް ދިހަ ފަހަރު ވަނީ ފެނިފައެވެ.

ބިރުވެރި މިފަދަ ހާދިސާތައް ކުރިމަތިވާ ފަރާތްތަކުން ބުނާގޮތަށް މިފަދަ ރޫހާނީ ކަންކަން ދިމާވާއިރު ނުބައި ވަހެއް ނުދުވި ކަމުގައި ވިޔަސް ނިޝާ ބުނީ އެ ކުއްޖާ ފެނުމުގެ ކުރީން އެކި ކަހަލަ އެއްޗެހި ބިންމައްޗަށް ވެއްޓޭ އަޑު އިވޭ ކަމަށެވެ. ބަދިގެ ތެރެއިންވެސް އެއްޗެހި ވެއްޓޭ އަޑު ވަރަށް ގަދައަށް އިވޭ ކަމަށާއި ނަމަވެސް ބަދިގެއަށް ވަދެ ބަލާއިރު އެއްވެސް އެއްޗެއް ވެއްޓިފައި އޮންނަތަން ނުދެކޭ ކަމަށް ނިޝާ ބުންޏެވެ.

"އަހަރެންގެ މަންމަ ރަށުން ބޭރުން އައި ރެއެއްގަ އަހަރެން ހުރީ ގެ ރީތިކޮށް ސާފުކޮށް ބަދިގޭގައި ވެސް ހުރިހާ އެއްޗެއް ރީއްޗަށް އަތުރައި މަންމަ އަންނަންދެން ހުރިހާ ކަމެއް ފުރިހަކޮށްފައި. ރީތިކޮށްލާފައި ކޮޓަރިއަށް ވަން ތަނާ އަހަންނަށް އިވުނީ ކުއްލިއަކަށް ފެންފުޅިތަކެއް ބިންމައްޗަށް ވެއްޓޭ އަޑު. ދުވެލާފައި ބަދިގެއަށް ވަދެ ހުރިހާ ތަނެއް ބެލިން ފުޅިއެއް ވެއްޓިފައި އޮތްތޯ. ނަމަވެސް އެއްވެސް ތަނަކަށް ފުޅިއެއް ވެއްޓިފަ އޮއްތަނެއް އަހަރެން ނުދެކެން. ދެވަނަ ފަހަރަށް ވެސް މިގޮތަށް ފުޅިތަކެއް ވެއްޓުނު އަޑު އިވުނު. އަދި އަހަންނަށް މި ފެންނަނީ ގޭގެ ކުޑަ ދޮރު ކައިރިން އަހަންނާއި ދިމާއަށް ބަލައިގެން ހުންނަ އަންހެން ކުއްޖެއް. ހަމަ އަބަދުވެސް ފެންނަ ކުއްޖާ. އަހަންނާއި ދިމާއަށް ބަލައިގެން ހުރެ ހޭތަން ފެނޭ" ނިޝާ ކިޔައިދިނެވެ.

ނިޝާ ބުނީ ހަވިއްތަ ކައިރިން ކުއްޖާ ފެނުނު ފަހުން ގޭކައިރީގައި އޮންނަ ގޯޅިގަނޑުން ވެސް ކުއްޖާ ފެންނަ ކަމަށެވެ. މިފަހަރު އެ ކުއްޖާ ފެނުނީ ކުރިއާ ހިލާފަށް ރުޅި އައިސްގެން ހުއްޓާ ކަމަށް ނިޝާ ބުންޏެވެ. އެ ކުއްޖާގެ ދެލޯ ރަތް އިރު، ނިޝާއާ ދިމާލަށް ކަޅި ހަދާލާ ކަމަށްވެއެވެ. ދެލޯ ރަތް ކަމުން އޭގެ ފަހުން ނިޝާ ބުނީ އޭނާ އަށް ނަމުން ގޮވާލާ އަޑު އިވޭ ކަމަށާއި ނަމުން ގޮވާލުމަށް ފަހު ހީލާ ވެސް ހަދާ ކަމަށެވެ.

ނިޝާ ބުނީ ރަށުގެ ބައެއް ޓީޗަރުން ތަކަކަށްވެސް މި ކުއްޖާ ފެނިގެން އެ ވާހަކަތައް އެހިސާބުގެ މީހުން ދެއްކި ކަމަށެވެ.

"ބައެއް ފަހަރު އަހަންނަށް ހީވަނީ އެ ކުއްޖަކު އަހަރެންގެ ފަހަތުން އަންނަ ހެން. އެއީ މަގުމަތިން ދުއްވާފައި ދާއިރުވެސް ފަހަތުން އަންނަ ކަމުގެ އިހުސާސެއް ވޭ. އަދި އެވަރަށް ގިނައިން ފެނޭ. އަހަންނަށް ވަރަށް ބިރުވެރި ހުވަފެންތައްވެސް އެ ހާދިސާގެ ފަހުން ފެނޭ. އަހަރެން ވަށާލައިގެން ބަޔަކު އުޅޭތަންފެން ފެނޭ." ނިޝާ ކިޔައިދިނެވެ.

ނިޝާ ބުނީ ކޮންމެ ކަމެއް ވިޔަސް އޭނާ ރައްކާތެރިކަން އެދެނީ ހަމައެކަނި الله ގެ ހަޒުރަތުން ކަމަށެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ިިަިަިއައިޑިއާ

    ކެމެރާ އެއް ގައީގަ ހަރުކޮއްލާގެން ތިކުއްޖާ ވީޑިއޯ ކޮއްލަން ރަގަޅު ،

    26
    6
  2. Anonymous

    ޢަހަރެންނަށް ތިފަދަ ބައިވަރު ހާދިސާ ފެނި ފަ އެބަހުރި މީގެ 4 ވަރަކަށް އަހަރު ކުރިން ވީ ގޮތަކީ މާލޭ ސްކޫލެއްގެ ކޮރިޑޯއިން ވެސް ތިފަދަ ކަމެއްދިމާވި އަހަރެން ދިޔައީ ދަރި ބަލާ އެކަމަކު ދިމާވި ގޮތުން ސްކޫލް އޮފީހުގަ އިރުކޮޅަކު މަޑުކުރަން ޖެހުނީ ބެލް ޖެހިތާ 5 ވަރަކަށް މިނެޓް ފަހުން ކޮމްޕައުން ޑަށް އާދެވުނީ ޓީޗަރެއް ކައިރީ އޭނަޔަށް ގޮވާލަ ދޭށޭ ބުނެ ފަ ތިރީގަ ހުއްޓާ 2 ބުރީގެ ކޮރިޑޯ އިން އޭނަ ހިގާލާފަ އައިސް އަޅުގަޑު ހުރި ދިމާ މަތިީގައި މަޑު ކޮށްލީ ހަނާ އަޅާލާފައި އަންނާށޭބުނިން އެޔާއެކު ވީނުވީޔެއްނޭގި ގެއްލުނީ އެތާ ކޮމއޕައުންޑުގައި ބައިގަޑިޔެއްހާއިރު އޭނަ ތިރިޔަށް އާދޭތޯ މަޑުކުރުމަށް ފަހު އަނެއްކާވެސް ޓީޗަރެއްކައިރީ އޭނަ އަށް ގޮވައިދޭން އެދުނީ އެ ފަހަރު ޓީޗަރު ހުރީ އަޅުގަޑު އެތެރޭގަ ގިނައިރު މަޑުކުރާތީ ހިތްހަމަ ނުޖެހި ފަ އެކަމަކު މަށްޗަށްގޮސް ބަލާފަ ފަ އައިސް ބުނީ ސްކޫލުގަ އޭނަ ނެތޭ ދެން ވަރަށް ކަން ބޮޑުވެފަ ހުރެގެން ނިކުމެކާރީގަހުރި އާއިލާ މީހެއްގެ ގެއަށް ވަނީ އޭރު އޭނަ އިނީ އެގޭގަ އޭނަ ބުނީ ޓެސްޓް ކެންސަލްވީމަ ގިނައިރުވާތީ އެގެއަށް އައީޔެވެ ދައްތަވެސް ބުނި ގަޑިއެއްހާއިރު ވެދާނެކަމަށް އޭނަ އެގޭގަ އެހިސާބުން ހަދާންވީ އޭނަ ބޭގު ނުލާ އައިކަން ޓެސްއޮތީމަ އެކަމަކު ކޮރިޑޯ ގަ ހުރި ކުއްޖާ ހުރީ ބޭގުވެސް އަޅައިގެން ހީލަ ހީލާ

    8
    1
  3. މުސްތަގީމް

    ސާބަހޭ އާޔާ..! އެވާހަކަ ނުދައްކާށޭ ބުނީމަ އެންމެ ފަހުން ނޫހުގަވެސް ޖެހީތަ؟!

    18
    1
  4. ޏޏ

    ތިއޮތީ އަނެއްކާވެސް ހަމަ ވާހަކައެއް ލިޔެލަން ރަގަޅު ހިޔާލުވެސް ލިބިފަ ނުންތޯ އަވަހަށް ވާހަކައެއް ނިކަން ލިޔެލާ !

  5. 《》

    އަހަރެންވާ ބިރުން މޮޔަވާނެ😨

    1
    1
  6. މަރިޔަމް ނިއުޝާ ޖަމީލް

    ވަރަށް ބިރުވެރި ކަން އަންގައިދޭ.. އެކަމަކު ގޭގައި އެކަނި އުޅުމަކީ އެހައި ރަނގަޅު ކަމެއް ހެނެއްހެން ހީއެއް ނުވޭ.. 😁 😁 😁