ކަޅު ވިލާތަކުން މުޅި އުނޑު މަތި ބައްދާލާފައިވާއިރު ގުގުރާ ވިދަމުން ވެސް ދިޔައެވެ. މޫސުން ގޯސް ރެއަކަށް ވިޔަސް އެހެން ރޭތަކެކޭ އެއް ފަދައިން މިމްރާޙް ނިދަން އޮތީ އޭނާގެ ގޭގެ ބޭރުގައި ބާއްވާފައި އޮތް ފަތްޖެހި އެނދުގައެވެ. މުޅި ދުވަހު އަރާމު ކުރުމެއް ނެތި އެހާ ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން އިރުއޮއްސުމާ އެކު އޭނާ ހުންނަނީ ވަރުބަލިވެފައެވެ. އިޝާ ނަމާދު ކޮށްގެން އަންނަ ގޮތަށް އެ ފަތްޖެހި އެނދުގައި އޭނާ އޮށޯވެއެވެ. އޮށޯވެ މާ އިރުތަކެއް ނުވެ، އޭނާގެ ދެ ލޯ މެރި ނިދެއެވެ.

ކޮންމެ ދުވަހަކު އެހާ ބުރަކޮށް މަސައްކަތް ކުރާއިރު، މަސައްކަތަށް ފައިސާއެއް ނުދޭ ތަނުގައި ކުރާ މަސައްކަތާ އެއް ވަރަށް ގެއިން ކުޑަ މިނުން ރަނގަޅަށް ކާކަށް ވެސް ނުލިބެއެވެ. ތަށި ދޮންނަ އިރު، ތަށްޓެއްގައި ކޫރުމެއް އެޅުނަސް، ބަރު މުދާ ތަކެތި އުފުލާއިރު، މުދަލެއް އަތުން ކެހިގެން ވެއްޓުނަސް، ބައްޕައާއި ދޮން މަންމަ އޭނައަށް ވަރުފަށެއް ކޮށްލައެވެ. މިއީ އެންމެ ދިހަ އަހަރުގެ މިމްރާޙްގެ ކޮންމެ ދުވަހެއް ވެސް ނިމިގެންދާ ގޮތެވެ. އޭނާގެ މަންމަ މަރުވުމާ އެކު ބައްޕަ އެހެން މީހަކާ ކައިވެނިކޮށްފިއެވެ. އެ ދޮން މަންމަގެ ހިޔާ ދަށަށް މިމްރާޙް އައި ފަހުން އޭނާގެ ހާލަތަކީ މިއީއެވެ. އަމިއްލަ ގެދޮރުގައި ހުރެމެ އެ ތަނުގައި އެހެން މީހުނަށް ނޯކިރީކަން ކުރަނީއެވެ. ކޮންމެ ރެއަކު މިމްރާޙް ނިދަން އޮށޯންނާނީ މި ނޫން ދުވަހެއް އޭނާއަށް މެދުވެރި ކޮށްދިނުމަށް ދުޢާ ކުރަމުންނެވެ. އެ އިންތިޒާރުގައި ކޮންމެ ރެއެއް ނިމި އާ ދުވަހެއް ފެށުނަސް އަދި މި ހިތްދަތި ދިރިއުޅުމަކުން މިންޖެއް ނެތެވެ.

"މި ކުރެވެނީ ނިމުމެއް ނެތް އިންތިޒާރެއްބާ.؟" މިމްރާޙުގެ ހިތަށް އަރައެވެ.

****

އެ ފިނި މޫސުމުގައި ފަޒާގައި ތެތްކަން ހިފާފައިވީ ނަމަވެސް ނިދާފައި އޮތް ތަކުރުގެ މުޅި ގައިން އޮށްދާ ހިލައިން ފެށިއެވެ. އެނދުމަތީގައި ދެ ކޮޅަށް ދެ ކޮޅަށް ފުރޮޅެން އޮތް ތަކުރަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. ހީވީ އޭނާއަށް ނުބައި ހުވަފެނެއް ފެނުނީ ހެންޏެވެ. އަވަހަށް ތެދުވެފައި ކޮޓަރީގެ ކުޑަދޮރު ހުޅުވައި ބޭރު ބަލާލިއެވެ.

އޭނާއަށް ހީކުރެވުނު ގޮތަށް، ފަތްޖެހި އެނދުގައި މިމްރާޙު ނިދާފައި އޮތެވެ. މުޅި ދުވަހު މަސައްކަތް ކޮށްގެން އެ ކުއްޖާ އެ އޮތީ ވަރަށް ވަރުބަލިވެފައެވެ. ވަރުބަލިވެގެން ގޮސް ނިދި ބަރުވެފައި ހުރި ވަރުން ވާރޭ ވެހޭ ކަން ވެސް ބޭރުގައި ނިދާފައި އޮތް މިމްރާޙަށް އިހްސާސް ނުވެއެވެ. އެ ބޯ ވާރޭގައި ވެސް އެ ކުއްޖާ ފަކީރު އެ އޮންނަނީ ބޭރު ފަތް ޖެހި އެނދުގައި ބާއްވާފައެވެ. މިމްރާޙުގެ ދޮން މަންމަ، މިމްރާޙަށް ޖައްސާ ހާލު ތަކުރަށް ވަރަށް ރަނގަޅަށް އެނގެއެވެ. މިމްރާޙާ ދޭތެރޭ ތަކުރުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ތަކުރު ދެކޭ ގޮތުގައި މިމްރާޙަށް ލިބެމުން އެ ދަނީ އަނިޔާއެކެވެ.

ސިޑިން ތިރިއަށް ފާބައި ގޭގެ މައި ދޮރު ހުޅުވުމަށް ފަހު، ބޭރަށް ތަކުރު ނުކުތީ ކުޑައެއް ހިފައިގެންނެވެ. ތަކުރުމެންގެ ގެއަކީ އެ ދުވަސްވަރުގައި އެ މީހުންގެ ރަށުގައި ދެ ބުރިއަށް ހަދާފައި ހުރި ތިން ގެއިން އެއް ގެއެވެ. ތަކުރަކީ އެ ރަށުގައި ހުރި އެންމެ ފުދުންތެރި އެކެކެވެ. އެންމެން އިހްތިރާމް ލިބިފައިވާ އެ ރަށުގެ މެދު މިނުގެ ވިޔަފާރިވެރިޔެކެވެ. ދިވެހި ބޭސް އުފައްދާ ކުޅަދާނެ ބޭސްވެރިޔެކެވެ. ރަށު އެންމެންގެ "ތަކުރު ސޭޓު" އެވެ. އެ ރޭ ތަކުރު އޭނާގެ ގެއިން އެ ނުކުތީ ވަރަށް ބޮޑު ކަމެއް ކުރަން ރޭވުމަށް ފަހުގައެވެ.

ތަކުރު ބޭރަށް ނުކުތުމަށް ފަހު، ދުވެފައި ގޮސް ނިދާފައި އޮތް މިމްރާޙު އުރާލިއެވެ. އެ ބޯ ވާރޭގައި ތެމި ފޯވިއިރު ވެސް އެ ކުއްޖާއަށް ރެއަކާ ނުލައެވެ. އެ ވަރުން ވެސް ހީކަރުވައިގަނެގެން އެ ނިކަމެތި ހަށިގަނޑު ތުރުތުރު އަޅައެވެ. އުމުރުން ދިހަ އަހަރުވީ ނަމަވެސް މިމްރާޙުގެ ހަށިގަނޑަށް ބަލާލައިފައި ހީވަނީ ހަވަރަކަށް އަހަރުގެ ކުޑަ ކުއްޖެއް ހެންޏެވެ. އިސްކޮޅުން އެހާ ކުރު އިރު، އެ ކުއްޖާގެ ހަށިގަނޑު ހިކިވެފައި ވަރަށް ލުޔެވެ.

މިމްރާޙު އުރާލައިގެން ތަކުރު ދިޔައީ އެ ރަށުގެ އިރުމަތި ފަރާތު ގޮނޑުދޮށާ ދިމާއަށެވެ. ގޮނޑުދޮށާވީ ދިމާއަށް ދެވުނުއިރު، ރަށު ފަޅު ތެރޭގައި އެ ރަށުން މާލެ ދަތުރު ކުރާ ބޯޓު އޮތެވެ. ގޮނޑުދޮށގައި ތިބި ތަކުރާއި މިމްރާޙް، ބޯޓާ ހަމައަށް ގެންގޮސް ދޭން ޑިންގީއެއްގައި ބޯޓުގެ ފަޅުވެރިޔަކު އައިސް ހުއްޓެވެ. ޑިންގީގައި ފަލި ޖަހައިގެން ބޯޓާ ހަމައަށް އައުމާ އެކު، މިމްރާޙް އުރާލައިގެން ތަކުރު ބޯޓަށް އަރައިގެން އެތެރެއަށް ވަނެވެ.

"ވެރިޔާ، އައީ ދޯ..،" ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިޔަކު ތަކުރު ފެނުމުން ބުންޏެވެ.

އެއީ ތަކުރުގެ އަމިއްލަ މަސައްކަތުންނާއި ފައިސާއިން ބަނދެފައިވާ އޭނާގެ އަމިއްލަ ބޯޓެކެވެ. އެއީ ދެ ބުރިއަށް ހަދާފައި ހުރި ބޯޓެކެވެ. ތިރީ ބަރީގައި އޮންނާނީ އާންމުކޮށް އެންމެނަށް އޮށޯވެވޭނެ ގޮތަކަށް ހަދާފައި އޮންނަ ބޮޑު އަށްޓެކެވެ. މަތީގައި ހުންނާނީ ފަހާނައާއެކު ތިން ނިދާ ކޮޓަރިއާއި، ބޯޓު ދުއްވާ ކައްޕީގެ ކޮޓަރިއެވެ. ބޯޓަށް އެރުމަށް ފަހުގައި މިމްރާޙް ގޮވައިގެން ތަކުރު ދިޔައީ ބޯޓުގެ މަތީ ބުރީގައި ހުރި ކޮޓަރިއަކަށެވެ.

"ޙަސަނާ ބޭސްފުޅިއެއް ގެނެސްބަލަ.." ކޮޓަރީގައި ހުރި އެނދެއްގައި މިމްރާޙް ބާއްވަމުން ދޯނީގައި އުޅޭ ފަޅުވެރިޔަކަށް ތަކުރު ގޮވިއެވެ.

އެ އަޑަށް ޙަަސަނާއެކު ޙަައްވާ ވެސް އެ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. ޙައްވައަކީ ތަކުރުގެ މަދަރުސީ ދައުރުގެ ރަހުމަތްތެރިއެކެވެ. އެއިރު އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ވެސް އުފެދުނެވެ. ނަމަވެސް ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ފަހުން ވަކިވީއެވެ. އަހަރުތަކެއް ފަހުން ޙައްވާގެ މައިންބަފައިންގެ އެދުމުގެ މަތިން ބޭރު މީހަކާ ކައިވެނިކޮށްފިއެވެ. އެ މީހާއާ ކައިވެނި ކުރުމަށް ފަހުގައި ޙައްވާ އުޅެމުން ދިޔައީ މާލޭގައެވެ. އެ ރޭ ޙައްވާ ރަށަށް އައީ ތަކުރު ކަމަކަށް އެދުމުންނެވެ. އެއީ މިމްރާޙު ބަލައިދިނުމަށެވެ.

"މި ސޮރު އޮތީ ހުންގަދަ ކޮށްލަފައެއްނު.. މުޅި ކުއްޖާ ވާރެއިން ތެމިފަ.." މިމްރާޙުގެ ކަރުގައި އަތް ޖައްސާލަމުން ޙައްވާ ބުންޏެވެ.

ޙަސަން ގޮސް ތަކުރުގެ އަތަށް ބޭސްފުޅި ދިނެވެ. ތަކުރު ދިން ދިޔާ ބޭސް ފޮދުން މިމްރާޙުގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވިއެވެ.

މިމްރާޙަށް ހޭލެވުމާއެކު ލިބުނީ ސިހުމެކެވެ. މިމްރާޙު ނިދީ އޭނާގެ ގޭގެ ބޭރުގައި އޮތް ފަތްޖެހި އެނދުގައެވެ. ނަމަވެސް ހޭލެވުނުއިރު އޮތީ ތަކުރުގެ ބޯޓުގައެވެ.

"ތަކުރުބޭ.. އަޅުގަނޑު މި އޮތީ ކޮންތާކު.؟ ކޮބައި ބައްޕަ.؟ ކޮބައި ޙަލީމާ މަންމަ.؟" ލިބުނު ހައިރާން ކަމާ އެކު މިމްރާޙު ސުވާލުތަކެއް އޮއްސާލިއެވެ.

"ކޮއްކޯ.. ކޮއްކޮގެ ޙަލީމާ މަންމަ ކޮއްކޮއާ މެދު ކަންކަން ކުރާ ގޮތްތައް ތަކުރުބެ ދުށީމޭ.. އެހެންވެ ތަކުރު މި އުޅެނީ ކޮއްކޮ ގޮވައިގެން މާލެ ދާން.. މާލެއިން ކޮއްކޮ ބަލާނީ ޙައްވައްތަ.. ޙައްވައްތަ ވަރަށް ހެޔޮ ވާނެ.. ދެން ކޮއްކޮ ބަސް އަހައިގެން ޙައްވައްތައާ އެކު އުޅޭ އިނގޭ.. ﷲ ތަޢާލާ ދެރަ ގޮތެއް މިންވަރެއް ނުކުރައްވާނެ.." ތަކުރު ބުންޏެވެ.

-- 25 އަހަރު ފަހުން --

ގަދަ ވަޔާއެކު ބޮޑެތި ބިޔަ ރާޅުތައް ޖެހެމުން ދިޔަ އިރު ވެސް ބޯޓުގެ ދުވެލި މަޑެއް ނުކުރެއެވެ. އެ ދުވަހުގެ ހެނދުނު އިންޑިއާގެ ލަކްޝަދްވީޕްގެ ރަށަކުން ފުރައިގެން އައިސް ރާއްޖޭގެ މާލެ އަތޮޅުގެ ތެރެއަށް އެ ބޯޓު ވަންނަނީއެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކަނޑު ކަމުގައިވާ، ކާށިދޫ ކަނޑު ތެރޭގައި ޖަހަމުން ދިޔަ ބިޔަ ރާޅުތަކާ އެކު ބޯޓު ދެންމެ ދެންމެ އަރި އަޅާލައިގެން ދާން އުޅޭހެން ހީވެއެވެ.

ބޯޓުގެ ކޮޓަރިއެއްގައި އޮތް މިމްރާޙަށް ދެންމެ ކޮޓަރީގައި އޮންނަން އުނދަގޫ ވެގެން ކޮޓަރިން ނުކުމެ ބޭރުގައި ހުރި ދަގަނޑުގައި އޭނާގެ ދެ އަތުން ހިފިއެވެ. ދެން އުނޑު މައްޗަށް ބަލާލިއެވެ. އުނޑުމަތި ކަޅު ވިލާތަކުން ފުރިފައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެސް ވާރޭ ވެހިދާނެހެން އުނޑުމައްޗަށް ބަލާލުމުން ހީވެއެވެ. މިމްރާޙުގެ ދިގު ފަން އިސްތަށިގަނޑު ވަޔާ ތެޅެމުން ދިޔައެވެ. ތުނބުޅި މަތިމަސް ވެސް ނުކޮށާ ގިނަ ދުވަސްވުމުން ހުރީ ފުދޭ ވަރަކަށް ދިގުވެފައެވެ. ވައިރޯޅިއެއް އައިސް މިމްރާޙުގެ މޫނު މަތީގައި ޖެހިލުމާއެކު އޭނާއަށް ދެ ލޯ މަރާލެވުނެވެ.

ދެ ލޯ ހުޅުވާލުމާއެކު އޭނާއަށް ފެނުނީ އޭނާ ބަލައި އައިސް ހުރި މަސް ދޯންޏެއް ބޯޓު ގާތުގައި އޮއްވައެވެ. މިމްރާޙް އޭނާގެ ދަބަސްތައް ހިފައިގެން ބޯޓުން އެ މަސް ދޯންޏަށް ފޭބިއެވެ. މިމްރާޙް މަސް ދޯންޏަށް ފޭބުމާއެކު ބޯޓު އަނބުރާލާފައި އުތުރާ ދިމާއަށް މިސްރާބު ޖެހީއެވެ.

އުމުރުން 10 އަހަރުގައި އުފަން ރަށުން ފުރައިގެން މާލެ ދިޔުމަށް ފަހު މިމްރާޙު އަދި އޭނާގެ ރަށަކަށް ނުދެއެވެ. ދާކަށް ބޭނުމެއް ވެސް ނުވިއެވެ. އެހެން މީހުން އެ މީހެއްގެ އުފަން ފަސްގަނޑަށް ދާ ހިތުން ތެޅުނަސް، ފާއިތުވެ ދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި މިމްރާޙު މަސައްކަތް ކުރީ އޭނާގެ އުފަން ރަށާ ވީހާ ވެސް ދުރުގައި ހުރުމަށެވެ. ނަމަވެސް 25 އަހަރު ފަހުން ތަޤުދީރު ކަން ދިމާ ކުރި ގޮތން މިމްރާޙަށް ޖެހުނީ އޭނާގެ އުފަން ރަށަށް އަންނާށެވެ. އެއިރު މިމްރާޙުގެ އުމުރުން 35 އަހަރުވީއެވެ.

މަސް ދޯނީގެ ދުވެލި ވަރަށް މަޑެވެ. ރަށަށް ފޯރާނެ އިރެއް ވެސް ނޭނގޭތީ މިމްރާޙު އޮށޯވެލީ ކުޑަ އިރުކޮޅަކަށް ނިދާލުމަށެވެ. އިރުތަކެއް ފަހުން ދޯނީގައި އުޅޭ ކުއްޖަކު މިމްރާޙަށް ގޮވާލުމުން އޭނާ ތެދުވިއެވެ. ތެދުވެ ކުރި މައްޗަށް ބަލައިލި އިރު، ފެނުނީ އޭނާގެ އުފަން ރަށް، ކ. ތުލުސްދޫގެ މަލަމައްޗެވެ.

****

ދުވަހަކު ވެސް އެ ރަށުން ނުފެންނަ ފިރިހެން ޒުވާނަކު، ރަށުގެ ގޮނޑުދޮށުން ބޮޑު މަގަށް ހިނގާފައިވާ އަންނަ ތަން ފެނުމުން ގިނަ މީހުން އެ ޒުވާނާއަށް ބަލަހައްޓައިގެން ތިބީ ރަށަށް އާ ބީރައްޓެއްސަކު އަރައިގެން އުޅޭ ކަމަށް ހީކޮށެވެ. 25 އަހަރު ދުވަސް ފަހުން، ރަށަށް އުފަން މީހަކު ވެސް ރަށަށް އަރައި އުޅޭ ތަން ފެނުމުން ހީވާނީ އެއީ ހަމަ އެ ރަށަށް ނާންނަ އާ ބީރައްޓެއްސެއް ހެންޏެވެ. އިސްކޮޅުން ކުރު ނަމަވެސް ޒުވާން އަންހެން ކުދިން ހިތް ކިޔާ ކަހަލަ ބިޔަ ވަރުގަދަ ހަށިގަނޑެއް ހުރި ޒުވާނެކެވެ. އެ ރީތި ޒުވާނާ ފެނި ރަށުގެ ގިނަ އަންހެން ކުދިން ތިބީ ބުދެއްހެން ހުއްޓި އޭނާއަށް ބަލާށެވެ. އެ ޒުވާނާ ހުރީ ހުދު ކުލައިގެ ގަމީހެއްގެ މަތިން އަޅި ކުލައިގެ ކޯޓެއް ލާފައި، ތިރިން އަޅި ކުލައިގެ ހިމަ ފަޓުލޫނެއް ލައިގެނެވެ. އަދި "ޑާބީ" ވައްތަރުގެ ބޫޓަރަކަށް އަރައިގެންނެވެ.

އޭނާ ފެނުމުން އެއީ މީގެ 25 އަހަރު ކުރިން އެ ރަށުގައި ބައްޕަގެ އަޅާލުން ނުލިބި ނިކަމެތި ދިރިއުޅެއް އުޅެމުން ދިޔަ، ކޯނިގޭ އަބްދުﷲގެ ދޮށީ ދަރިފުޅު، މިމްރާޙު ކަމަށް މީހަކު ހިތަކަސް ވެސް ނާރާނެއެވެ.

މިމްރާޙު ބޮޑު މަގު ހުރި ސީދަލަށް ހިނގާފައި ދިޔައީ އެ މަގުގެ އެންމެ ދެކުނަށެވެ. ދޮން މަންމަ، ޙަލީމާ ބައްޕަ ކައިރިން ވަރިވެ މާލޭގެ މަހުޖަނަކާ އިނދެގެން، ރާއްޖޭން ބޭރުގައި ޙަލީމާ އުޅޭ ޚަބަރު ވަނީ މިމްރާޙަށް ލިބިފައެވެ. އެއަށް ފަހުގައި ބައްޕަ ހުންނަނީ ދުނިޔެ މަތިން ފޫހިވެ، ބުއްދި ފިލައިގެން ގޮސްފައެވެ. އެހެންވެގެން އޭނާ ވަނީ ގުރައިދޫގައި ހުންނަ މޮޔައިންގެ މަރުކަޒުގައި ބާއްވާފައެވެ. އެ ތަނުގައި އޮންނަތާ ދިހަ ވަރަކަށް އަހަރު ވެދާނެއެވެ. މަރުކަޒަށް ގޮސް ބައްޕައާ ބައްދަލު ނުކުރި ކަމަށް ވިޔަސް އޭނާގެ ފަރުވާއަށް ބޭނުންވާ ފައިސާ މިމްރާޙު ދަނީ ބަރާބަރަށް ފޮނުވަމުންނެވެ.

އެ ވީހާ ދުވަސް ވަން ދެން ގޭގައި އެއްވެސް މީހަކު ނޫޅެއެވެ. އެ ކަން ގޭގެ ދޮރޯއްޓަށް އެކަނި ބަލާލުމުން ވެސް އެނގެއެވެ. މުޅި ދޮރޯށި ހުރީ ހިރަފުހުން ފުރިފައެވެ. ގޭގެ ދޮރޯށި ހުޅުވައި މިމްރާހު އެތެރެއަށް ވަނެވެ. ދޮރޯށިން އެތެރެއަށް ވަންނަ އިރު އިރުމައްޗަށް ދޮންވެލި ފަސްގަނޑެއް ހުއްޓެވެ. މިމްރާޙު އަދިވެސް ހަނދާން ހުރެއެވެ. އޭނާގެ ކިލާސް ކުއްޖެއްގެ ގޭގައި އެ ގޮތަށް ދޮންވެލި އަޅާފައި ހުއްޓައި ފެނިގެން މިމްރާހުމެންގެ ގޭގައި ވެސް ދޮންވެލި އަޅާފައި ބަހައްޓައިދޭން މަންމަ ގާތުގައި އާދޭސް ކުރުމުން މަންމަ ދޮންވެލި ގެނެސް ގޭތެރެއަށް އެޅީއެވެ.

ކޮންމެއަކަސް އެ ދޮންވެލި ހުރީ ކަޅު ވެއްޔާ އެކުވެ ހަޑިވެފައެވެ. ދޮރޯށިން އެތެރެއަށް ވަންނަ އިރު، ހުޅަނގަށްވާ ބައި އޮންނަނީ ހުހަށެވެ. ދެން ދޮރޯށީގެ ކުރިމަތީގައި ހުންނަ ގޭތެރެއަށް ވަންނަ ދޮރުން މިމްރާޙު ގޭތެރެއަށް ވަނެވެ. މެދުން ގޭގެ ގިފިލި ފަޅިއަށް ދާން މަގެއް ގޮތަށް އޮންނަ އިރު ކޮޓަރިތައް ހުންނަނީ ދެ ފަރާތުގައެވެ. އެ ތަނުން އެއް ފަރާތުގައި ފާޚާނާއެއް ހުރެއެވެ. ބަދިގެއާއި ކާގެ ހުންނަނީ ގޭތެރެއާ ވަކިން ގިފިލި ފަޅީގައެވެ.

މިމްރާޙު ގޭތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. މުޅި ތަން ވަނީ ހިރަފުހުން ފުރިފައެވެ. ފާރުތަކުގައި ހުސް މަކުނު ވަލެވެ. ދެން މިމްރާޙު ގޮސް ގިފިލި ފަޅިއަށް ވަންނަ ދޮރު ހުޅުވައި އެ ފަޅިއަށް ވަނެވެ. އާސަހަރޯއެވެ. ގަސްތައް ކޮށައ އުކާ ނަގާފައި ހުއްޓެވެ. ގިފިލި ވަޅު ތެރެއަށް ވެސް އޭތި މީތި އަޅާފައި ހުއްޓެވެ. އެ ވާނީ ރަށު ތެރޭގައި އުޅޭ ވިޔާނުދާ ޒުވާން ކުދިން ކޮޅުންގެ ތެރެއިން ކުދި ބަޔެއްގެ ކަމަކަށެވެ. ބައެއް މީހުން ވެސް މަޖާ ނަގާ ވައްތަރެއްދޯއެވެ. މިމްރާޙް ހިތަށް އެރިއެވެ. ދެން އޭނާ ގޮސް އެ ފަޅީގައި ހުންނަ ބަދިގޭގެ ދޮރު ހުޅުވިއެވެ. ދޮރު ހުޅުވާލުމާއެކު ބަދިގެ ތެރެއިން މީދަލުގެ ބޮޑު ލަޝްކަރެއް ނުކުތެވެ. ބަދިގެ ތެރެއަށް ވަނުމާއެކު ނޯއް ދަމާލަން ނުކުރެއެވެ. ދޮވާ ނުބައި ވަހުންނެވެ. ބަދިގެ ތެރޭގައި ހުރި ކާތަކެތި އެ ތަނުގައި ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ މުޅި އެ ތަން ވެސް ފުރާ މަކުނު ވަލެވެ. ހިންޏާއި މެއްސެވެ. މީދާ ގުޔެވެ. މުޅި ގެ ރަމަތަކޮށް ސާފުކޮށްގެން ނޫނި އަދި ރަނގަޅަށް ނޭވާއެއް ލެވޭކަށް ނެތެވެ.

ބަދިގެ ތެރެއިން ރޯނު ފަށެއް ނަގައި ގޭތެރޭގެ މަގުން ލާފައި އަނެއް ފަޅިއަށް މިމްރާޙް ދިޔައީ ކޮޓަރިން ދަގަނޑު ކޮނޑެއް ވެސް ނަގައިގެންނެވެ. ދެން އެ ތަނުގައި ހުރި ދޮންވެލި ފަސްގަނޑުން ދޮންވެލި ނަގައި ސުތުލި ގޯޏްޏަކަށް އެޅިއެވެ. އެއަށް ފަހުގައި ވަލު ތެރެއިން ދަރު ކޮޅެއް ކޮށައިގެން އައިސް ތިން ދިގު ދަނޑި ތިން ދިމާލުގައި ޖަހައި ބިމުގައި ހަރު ކުރިއެވެ. ދެން ހިފައިގެން އައި ރޯނު ފަށް ނަގައި އެ ފަށް ވާންވާ ވަރަށް އެ ދަނޑީގައި އައްސައި ދަމާލިއެވެ. އެއަށް ފަހު ލައިގެން ހުރި ކޯޓާއި ގަމީސް ބޭލިއެވެ. ބޭލުމަށް ފަހު އެއްޗެހި ކޮނޑުގައި އަޅުވައި ކޮނޑު ރޯނުގައި އެޅުވިއެވެ. ދެން މުޅި ގޭތެރެއާއި ބަދިގެއާއި ގިފިލ ސާފުކޮށް، ތަން ހަމައަކަށް އެޅުމުގެ މަސައްކަތް ފެށިއެވެ. މުޅި ތަން ރަމަތަކޮށް ނިމުނު އިރު އިރުއޮއްސިއްޖެއެވެ.

ވަރުބަލި ވެފައިވާ ހަށިގަނޑު ތާޒާ ކޮށްލުމަށް ޓަކައި މިމްރާޙު ފެންވަރާލިއެވެ. ފެން ވަރައިގެން ނުކުތުމަށް ފަހު، ކޮޓަރި އެނދުގައި ޖައްސައިލިއެވެ. ފަންކާ ހަލާކު ވެފައި ހުރުމުން އަރާ ހޫނުން އޮވެވޭ ވަރެއް ނޫނެވެ. އެންމެ ފަހުން ގެއިން ނުކުމެގެން ގޮސް ދިޔައީ އަތިރި މައްޗަށެވެ. އަތިރި މަތީގައި ހުރި ޖޯލިފައްޗެއްގައި ޖައްސައިލިއެވެ. ޖެހޭ ފިނި ވައިރޯޅީން ހިތަށް ވެސް ފިނި ކަމެއް ގެނެސްދިން ކަހަލައެވެ. ފަނަރަވަނަ ވިލޭރޭގެ ފުރިހަމަ ހަނދާއެކު އެ ހަނދުގެ ފަނޑު އަލި މޫދަށް ފޭއްދިފައިވާ މަންޒަރު ނުހަނު ހިތްގައިމެވެ. އެ ވަގުތު މިމްރާޙުގެ ހަނދާނަށް އައީ އޭނާގެ ޅަ އިރު ރަށުގައި ހޭދަ ކުރި ދުވަސް ކޮޅެވެ. އޭނާގެ ސިކުނޑި ގެނބިގެން ދިޔައީ މާޒީގެ ހަނދާނީ ކަނޑުގެ ތެރެއަށެވެ.

****

އަބަދުހެން ހިނިތުން ވެފައި ހުންނަ ކުޑަކުޑަ މިމްރާޙް އެ ދުވަހު ހުރީ އުދާސްވެފައެވެ. މާ އިރެއް ނުވެ، އޭނާއަށް ގިސްލާފައި ރޮވެން ފެށުނެވެ. އުމުރުން ފަސް އަހަރުވީ ނަމަވެސް އޭނާއަށް މީހުން ދައްކާ ވާހަކަ ކޮންމެ ވެސް ވަރަކަށް އެނގެއެވެ. މިމްރާޙްގެ މަންމަ، ރައުފާގެ ހަށިގަނޑު ސަންދޯކަށް ލެވުނު އިރު މަންމަގެ ގައިގައި ބައްދާ ހެދީމަ ވސް މަންމަ ނުތެދުވިއެވެ. ނިދާފައި ތިޔަހެން ނޯންނާށޭ، މަންމާއޭ އަހަރެންނާ އަނގައިން ބުނާށޭ ކިޔައި މިމްރާޙު ރޮއެ އާދޭސް ކުރިއެވެ. މަންމަ އަނގައަކުން ނުބުންޏެވެ. އެ ތަނުގައި އެއްވެފައި ތިބި އެންމެންހެން މިމްރާޙްގެ ގާތުގައި ބުނަމުން ދިޔައީ މަންމަ ދެން ދުވަހަކު ވެސް އަނގައިން ނުބުނާނެ ކަމަށެވެ. މަންމަ މަރުވީ ކަމަށެވެ. އެ ކުޑަކުޑަ މިމްރާހަށް އެ ކަން ޤަބޫލު ކުރަންވީ ދަތި ކަމަކަށެވެ. އެހެން ނަމަވެސް ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް މިމްރާޙަށް އެ ކަން ޤަބޫލު ކުރެވެން ފެށުނެވެ. އޭނާޣެ ދެ ލޮލުން މަންމަ ކަފުންކޮށް ވަޅު ލަނިކޮށް ދުށްޓެވެ. އެއަށް ފަހުގައި، މިމްރާޙަށް އޭނާގެ މަންމައެއް ނުފެނެއެވެ.

ރައުފާގެ މަރަށް ފަހު، މިމްރާޙު މުޅިން އެކަނި ވެއްޖެއެވެ. ކުރިން ވެސް މިމްރާޙާއެކު މަޖާކޮށް ހޭދަ ކުރަނީ ހަމައެކަނި އޭނާގެ މަންމައެވެ. އެއްވެސް އިރެއްގައި މިމްރާޙްގެ ބައްޕައަކަށް އޭނާއަށް ވަގުތެއް ވާ ކަމަކަށް ނުވެއެވެ. ޢަބްދުﷲ އަބަދުހެން އުޅެނީ އޭނާ ކުރާ މުދަލުގެ ވިޔަފާރީގައެވެ. ރަށާއި އަތޮޅުގެ ރަށްރަށަށް މުދާ ގެނެސްގެން، ފިހާރަތަކަށް މުދާ ވިއްކުމުގެ ވިޔަފާރި ޢަބްދުﷲ ކުރެއެވެ.

އެ ކަމުގައި ބުރަކޮށް އުޅެނީއޭ ކިޔައިގެން ރޭގަނޑުގެ ގިނަ ވަގުތު ވެސް އުޅެނީ ގެއިން ބޭރުގައެވެ. އެހެން ލިބޭ ހުސް ވަގުތުތަކުގައި ޢަބްދުﷲގެ ކަމަކީ އޭނާ ގެންގުޅޭ ތާކުންތާކު ނުޖެހޭ ރައްޓެހިންނާއެކު ރާޒުވާ ކުޅުމެވެ. ތާސް ކުޅުމެވެ. ކޮސް އަނގަ ތެޅުމެވެ. ފޮނި ބައިސާ ކެނޑުމެވެ. ދެން ކުރާ ކަމަކީ ހިލޭ އަންހެނުން ކައިރިއަށް ވަނުމެވެ. ޒުވާން އިރުއްސުރެން ވެސް ޢަބްދުﷲ އަކީ އަންހެން ކުދިން ހޯދުމުގައި ކާމިޔާބު ފިރިހެނެކެވެ. ރީތި އަންހެން ކުދިން ހިތް ކިޔާ ކަހަލަ ވަރުގަދަ ހަށިގަނޑެކެވެ. އެ ކުދިން ބޭނުންވާ ކަހަލަ ސަކަ މިޒާޖެކެވެ. ރީތި އަންހެން ކުދިންގެ ހަށިގަނޑުން އަރާމު ހޯދުމަކީ ޢަބްދުﷲގެ ކަށީގައި ހިފައިފައި ހުރި ނޭދެވޭ އާދެއެކެވެ.

އެ ކަންތައް ގަނޑަށާއި މަސައްކަތަށް ވަގުތު ދިނުމަށް ފަހު، ރައުފާއަށާއި މިމްރާޙަށް ދޭނެ ވަގުތުކޮޅެއް އޭނާއަކަށް ނޯވެއެވެ. ވިޔަފާރިއަށާއި ރައްޓެހިންނަށާއި އެހެން ހިލޭ އަންހެނުންނަށް ލިބޭހާ ފައިސާއެއް ހޭދަ ކުރުމަށް ފަހު، އެ ދެ މައިންނަށް ދޭނެ ލޯ ލާރި ފޮއްޗެއް ވެސް އޭނާގެ އަތުގައި އޮންނަ ކަމަކަށް ނުވެއެވެ. މިމްރާޙަށް ބޭނުންވާ ކަންތައް ކޮށްދިނުމަށް ޓަކައި ރައުފާ ރުފިޔާ ހޯދަނީ އަމިއްލައަށް މަސައްކަތް ކޮށްގެނެވެ. ކިއްކި ތަޅައިގެން، ކިއްލި ވިއްކައިގެންނެވެ. ބަނބުކެޔޮ ކޮށައި ތެލުލައިގެން ތެލުލި ކެޔޮ ވިއްކައިގެންނެވެ. ރައުފާ ދުނިޔޭގައި ހުރިއިރު މިމްރާޙު ބޭނުންވާ ކަމެއް ނުވެއެއް ނުހުރެއެވެ. މަންމަ ހުރިހާ ކަމެއް އޭނާއަށް ކޮށްދެއެވެ. ބައްޕަ އޭނާއާ އެހާ ވާހަކަ ދައްކާ ނޫޅޭތީ، ބައްޕަ ގާތުގައި ކަމަކަށް އެދޭކަށް ވެސް މިމްރާޙަށް ނުކުރެއެވެ. އެހެންވެ، މަންމަ މަރުވުންވީ މިމްރާޙާށް އަދި މާ ބޮޑު ހިތްދަތި ކަމަކަށެވެ. އޭނާ މުޅިންހެން އެކަނިވީއެވެ.

ރައުފާގެ މަރަށް ހަފުތާއެއް ވެސް ނުވެއެވެ. ޢަބްދުﷲ، އެހެން މީހަކާ ކައިވެނިކޮށްފިއެވެ. އެ ރަށު ރީނދޫމާގޭ ޙަލީމާއާ، ޢަބްދުﷲ ކޮންމެ ވެސް ކަހަލަ ނޭދެވޭ ގުޅުމެއް ހިނގާ ކަމަށް މާ ކުރިން ވެސް ވަނީ ރަށު ތެރޭގައި އަޑު ފެތުރިފައެވެ. އެ ދެ މީހުން ކައިވެނި ކުރުމާއެކު އެ ފެތުރުނު އަޑުތަކަކީ ތެދެއް ކަމަށް ރަށު ރައްޔިތުންނަށް ޤަބޫލު ކުރެވުނެވެ. ޙަލީމާއާ ކައިވެނި ކުރަން ރަށުގެ އެތައް ފިރިހެނަކު އެކަކު އަނެކަކާ ތޮޅެމުން ދަނިކޮށް، އެ ރީތި ހަށިގަނޑުގެ ފަރިކަމަނާ މި ޖަހައިގަތީ ޢަބްދުﷲއެވެ. އުމުރުގައި 15 އަހަރުގެ ތަފާތު ހުރި އިރު ވެސް މެއެވެ. ފައިސާ އޮތިއްޔާ އެވީއެވެ. މަސް ދުވާނީ ފެން އޮތް ތަނަކަށެވެ. މުސްކުޅިބޭ ގަނޑެއް އަތުން ލިބުނަސް ވަރިހަމަތާއެވެ. ރަށުގެ އެތައް ބަޔަކު މި ކައިވެންޏަށް ފާޑުކިޔެވެ. ފާޑުކިޔަސް ކުރެވޭނެ ކަމެއް ނެތެވެ. ކައިވެނިިކޮށް ނިމިއްޖެއެވެ. "މިސް ތުލުސްދޫ" މި ފަހަރު ލިބުނީ ޢަބްދުﷲއަށެވެ.

ފަސް އަހަރުގެ ކުޑަ މިމްރާޙުގެ ކަންފަތަށް އިވެމުން ދިޔައީ އެ ވަރުގެ އުމުރުގެ ކުއްޖެއްގެ ކަންފަތަށް އަޑުއަހަން ކެރޭ ވަރުގެ ވާހަކަތަކެއް ނޫނެވެ. ބައްޕަ، އޭނާއަށް ދޮން މަންމައަކު ހޯދައިދިން ވާހަކައެވެ. އެއީ ދެން މިމްރާޙްގެ މަންމަ ކަމަށް ވެސް މީހުން މިމްރާޙަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެހެން ވިޔަސް އެ ކުޑަ މިމްރާޙަށް އެ ކަންތައްތައް ވިސްނޭ ވަރަށް ވުރެ އޭނާގެ ސިކުނޑި ޅައެވެ. ހަމަ ތަނަކު ހުރި މީހަކު އޭނާގެ މަންމައަށް ވެވޭނެ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އޭނާގެ މަންމައަށް ވާނީ ރައުފާއެއް ނޫން ހެއްޔެވެ؟ މަރު ވިޔަސް މަންމައަކީ އެއީ ނޫން ހެއްޔެވެ؟ ކޮންމެ އަކަސް، އެންމެންހެން އެހެން ކިޔަން ފެށުމުން މިމްރާޙުގެ އޭނާގެ ހިތުން އެ ކަމާ އެއްބަސްވެއްޖެއެވެ. މަންމަ ދުނިޔޭގައި ނެތުމުން ބައްޕަ އޭނާ ބަލަހައްޓަން އެހެން މަންމައަކު ހޯދީއެވެ. އޭނާގެ އަސްލު އުފަން މަންމަ ވެސް އޭނާގެ ކިބައިން އެދޭނީ ބައްޕައާއި ދޮން މަންމަގެ ބަސްއަހާ ކުއްޖަކަށް އޭނާ ވުން ކަމުގައި ޤަބޫލު ކުރިއެވެ. އެ ގޮތުން ބަސްއަހާ ކުއްޖަކައަށް ވުމަށް ޓަކައި ދޮން މަންމަ އެދޭ ކަންކަން މިމްރާޙް ކުރަން ފެށިއެވެ.

އިރުގެ ދޯދި މޫނު މައްޗަށް އެޅުމާއެކު މިމްރާޙަށް ދެ ލޯ ހުޅުވާލެވުނެވެ. އަދިވެސް ހަށިގަނޑުގެ އެ ތަން މި ތަނުގައި ރިއްސާލައެވެ. މަދިރީގެ އުނދަގޫ ވެސް ބޮޑީއެވެ. މަދިރި ހަފައިގެން މުޅި އަތުގައި ހުރީ ބިހި ނަގައިފައެވެ. އަދިވެސް ކަހަނީއެވެ. ރަނގަޅަށް ކާން ނުލިބޭތީ މިމްރާޙުގެ ހަށިގަނޑު ވަރަށް ނިކަމެއްޗެވެ. ހުންނާނީ ލޫޅާފަތި ގޮތަކަށެވެ. އިސްކޮޅުން ވެސް އެހާ ކުރެވެ. ބުރުސޫރަ ހުރީ އަނަރޫފަވެފައެވެ. އިސްތަށިގަނޑުގައި އޮފު ކަމެއް ނެތެވެ. މުޅި ބޮލުން ހަން ފޮޅިފައެވެ. ހަންގަނޑު ހުންނަނީ ކަޅ ދެއްޔަށްވެ އަނދާފައެވެ. ގައިން ދޮވާނީ ކަންބޮޑު ވަހެކެވެ. ލައިގެން ހުރި ހެދުން ވެސް ހުރީ ބާވެފައެވެ. މިމްރާޙުގެ އަތުގައި ލާން އޮންނާނީ ވެސް ޓީޝާޓާއި ސޯޓަކާއި ފަޓުލޫނެކެވެ. ދޮންނަން ޖެހެނީ އަމިއްލައަށެވެ. އެއް ދުވަހު އިސްތިރި ކުރަން ހުއްޓައި ބައްޕަގެ ފަޓުލޫނެއް ވިރުނީއެވެ. އޭގެ ފަހުން އިސްތިރި ކުރަން މިމްރާޙުގެ އަތަކަށް ނުދެއެވެ. އަދި މިމްރާޙުގެ ހެދުންތައް، އެ މީހުން އިސްތިރިކޮށްދެނީކީ ވެސް ނޫނެވެ. ފަޓުލޫނު ވިރުނު ދުވަހު ޙަލީމާ ރުޅި އައިސްގެން މިމްރާޙުގެ އަތުގައި ފިއްސާލި ތަނުގެ ނިޝާން އަދިވެސް ފެންނަން ހުއްޓެވެ. ފަތްޖެހި އެނދުން ތެދުވެވުނީ ވަރަށް ވަރުންނެވެ. މަސައްކަތުގައި ފަރުވާ ކުޑަ ކުރަނީއޭ ކިޔާފައި އަދަބެއްގެ ގޮތުން ޙަލިމާ، މިމްރާހު ނިދަން ބާއްވަނީ ބޭރު ފަތްޖެހި އެނދުގައެވެ. ޙަލީމާ ބުނެފައި އޮތީ ގޭތެރޭގައި ނިދުމުގެ ހުއްދަ ދެވޭނީ ފަރުވާ ކުޑަ ކުރަން މަދުވާ ދުވަހަކުން ކަމަކަށެވެ.

"އޭނ.. މިހިރަ ސުންޕާ ގަނޑާ.. ބަދިގެ ތެރޭ އޮވެގެން ނިދާނެ ކަމެއް ނެތް.. އަދި ތަށިތައް ވެސް އޮތީ ނުދޮވޭ.." މިމްރާޙްގެ ގައިގައި އިލޮށިފަތިން ހޫނު އެއްޗެއް އަޅާލަމުން ޙަލީމާ ބުންޏެވެ.

ވަރުބަލިވެފައި ހުރުމުންނާއި އެ ދުވަހުގެ ކުރީ ރޭގައި މާ ލަހުން ނިދުމުން މިމްރާޙަށް ބަދިގެ ތެރޭގައި އޮވެގެން ނިދުނީއެވެ.

"އަދި އެބަ ހުރެގެން ރޮއޭނު.. ބަލާބަލަ ޑުރާމޭގަނޑު އާޓު ޖައްސަން ފެށި ވަރު.. މިހާރު ތެދުވެގެން ތަށިތައް ދޮވެ، މުޅި ގޭތެރެ ސާފު ކުރޭ." ހަރުކަށި އަޑަކުން ޙަލީމާ ބުންޏެވެ.

އެ ތަނުގައި ތިބި ޙަލީމާގެ ރައްޓެހިންތައް މިމްރާޙާ ދިމާއަށް ބަލަހައްޓައިގެން ތިބެ ހެނީއެވެ. ރުއިން ހުއްޓާލާފައި މިމްރާޙް ތަށި ދޮންނަން ފެށިއެވެ. އަބްދުﷲއާއި ޙަލީމާގެ އިތުރުން އެ ދެމަފިރިންގެ ރައްޓެހިން ވެސް ގިނަ ފަހަރު އެ ގެއިން ކާ އުޅެއެވެ. އެ ހުރިހާ އެންމެން ކާ ތަށިތައް ދޮންނަން ޖެހޭނީ މިމްރާޙަށެވެ.

ތަށިތައް ދޮވެ ނިމުމާއެކު ދެން ޖެހޭނީ ދެމަފިރިންގެ ހެދުންތައް ދޮންނާށެވެ. އެއަށް ފަހުގައި ގޭތެރެ އެއްކޮށް ސާފުކޮށް ހަދައެވެ. ގޭތެރެއާއި ކޮޓަރިތައް ސާފުކޮށް ނިމޭއިރު ހުންނާނީ މެންދުރު ވެފައެވެ. ދެން ޖެހޭނީ ގިފިލި ފަޅިއަށް ގޮސް އެ ތަނުގައި ބިލަތް ގަސްތަކުން ބިލަތް ކަނޑާށެވެ. ޙަލީމާ، އެ ގެއަށް އައުމަށް ފަހުގައި ގިފިލި ފަޅީގައި ފުދޭ ވަރަކަށް ގިނައިން ބިލަތް ގަސް އިންދިއެވެ. ބިލަތް ކަނޑާ ނިމުމުން ދެން ޖެހޭނީ އެއިން ކޮންމެ 50 ގަނޑެއް ބޮނޑިއެއްގައި އައްސާށެވެ. ދެން އެ ބިލަތް ގޮނޑިތައް ޙަލީމާ ދޭ ލަކުޑި ފޮށްޓަކަށް އަޅައި، ޙަލީމާގެ އަތަށް އެ ފޮށި ދެއެވެ. ދެން ގިފިލި ފަޅި ވެސް އެއްކޮށް ސާފުކޮށް ރީތި ކުރެއެވެ. އެ މަސައްކަތް ނިމުމާއެކު ދެން ޖެހޭނީ ބައްޕަ، ޢަބްދުﷲއާ އެކު މުދާ އުފުލުމުގައި އެހީވާން ބަނދަރަށް ދާށެވެ. ހުރިހާ މުދަލެއް އޮޑިން ބާލައި ގުދަނަށް ގެންގޮސް އަޅާ ނިމޭއިރު އިރުއޮއްސޭނެއެވެ.

އެހާ އިރު ވަން ދެން މިމްރާޙް ހުންނާނީ ނުކައެވެ. މުދާ އުފުލާ ނިމުމާއެކު މަސައްކަތުގައި އުޅޭ އެންމެނަށް ގެއިން ކާން ލިބެއެވެ. މިމްރާޙަށް ވެސް ގެއިން ކާން ލިބޭނީ އެ ވަގުތުގައެވެ. ހަމަ އެހެން މަސައްކަތު މީހުންނެކޭ އެއް ވަރަށެވެ. އެ މީހުންނަށް އެ ގެއިން ކައި ނިންމައިގެން ގޮސް އެ މީހުންގެ އަމިއްލަ ގެއިން ވެސް ކެވޭނެއެވެ. އެހެން ވިޔަސް މިމްރާޙަކަށް އެ ގޮތެއް ނޯންނާނެއެވެ. މުޅި ދުވަހު އޭނާއަށް ލިބޭ ވަގުތަކީ އެއީއެވެ. ދެން ލިބޭނީ ތަކުރު ސޭޓަށް އެހީވާން އޭނާގެ ފިހާރަށްދާ ރެއަކުން، ތަކުރު އޭނާއަށް ދޭ ކާ އެތިކޮޅެކެވެ.

އެ ދުވަހު ގެއިން ލިބުނު ކޮއްތު ކައި ނިންމައިގެން މިމްރާޙް ދިޔައީ އިރު އޮއްސޭ މަންޒަރު ބަލައިލާށެވެ. އޭނާ ގެންގުޅޭ ބުޅާ ވެސް ގޮވައިގެންނެވެ. "މިއޯ" އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. މަދަރުސާއަށް ދާ އުމުރުގެ ކުއްޖެއް ނަމަވެސް މިމްރާޙް މަދަރުސާއަކަށް ނުފޮނުވައެވެ. އެހެންވެ އޭނާގެ އުމުރުފުރައިގެ އެއްވެސް ރައްޓެއްސަކު ނުހުރެއެވެ. އެ ވަރުގެ ގިނަ ކުދިން، މިމްރާހަށް ނުކިޔަވާ ސަންގޯރު، ހަޑި ގިއްލާ، ކުނި ގޮނޑު، ފަދަ ނަންނަމުން ގޮވައި މަލާމާތް ކުރާތީވެ، އެ ކުދިންނާ އެކު އުޅޭކަށް ވެސް މިމްރާޙަށް ނުކުރެއެވެ. ބޭނުމެއް ވެސް ނުވެއެވެ. އޭނާގެ ހުރިހާ ވެސް އެކުވެރިޔަކީ އޭނާގެ ބުޅަލެވެ. މިޔޯއެވެ. މިއޯއާއެކު މިމްރާޙް، އިރުއޮއްސޭ މަންޒަރު ބަލަން ހަމަހިމޭން ކަމާއެކު އިނެވެ. އޭނާގެ އެ ބަނަ ޙަޔާތް ނިމޭނެ ދުވަހެއްގެ އިންތިޒާރު ކުރަމުންނެވެ.

****

"މިމްރާޙު.." ފަހަތުން ކޮންމެ ވެސް މީހަކު ގޮވާލި އަޑު އިވުމުން މިމްރާހަށް މާޒީގެ ދުނިޔެއިން ބޭރަށް ނުކުމެވުނެވެ. ދެން އޭނާ ފަހަތް ބަލާލިއެވެ.

"އަހާ.. ވިއާމު.. ކިހިނެއްވީ..؟" މިމްރާޙަށް ވިއާމު ފެނުމުން އެހިއެވެ.

"މި އޮތީ ބޮސް ފޮނުވި ލިޔުމެއް.." ވިއާމު ބުންޏެވެ.

"ކޮން ލިޔުމެއް..؟ މިމްރާޙް އެހިއެވެ.

"ބޮސް މިމްރާޙަށް ދޭން ބޭނުންވާ މެސެޖް.. ތިޔަ ކިޔާލާ.." ވިއާމު ބުންޏެވެ.

"ދެން އެ ޚަބަރު ޔަޤީންވެއްޖެތަ..؟" މިމްރާހު އެހިއެވެ.

"އާނ. ޚަބަރު ޔަޤީން.. އެ މީހުން މަސައްކަތް ގެންދަނީ މި ރަށުގަ.. އަހަރެން ދެން މި ދިޔައީއޭ.. އަހަރެމެން ދެ މީހުން މާ ގިނައިރު އެކީގައި ތިބުން ރަނގަޅެއް ނުވާނެ.. މީހަކަށް ފެނި ވެސް ދާނެ.." ވިއާމު މިހެން ބުނެފައި އެ ތަނުން ހިނގައްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައްޕެ

    އެސޮރު ވަގަށް ގެންދިޔައިމަ ކޮންމެ މީހެއް ވެސް މޮޔަވެދާނެ... ވަރި ވެގެން ދިޔައިމަ އެއް ނޫން