ބައިބޯވެ ހަލަބޮލިވެފައިވާ މީހުންގަނޑު ތެރެއިން އިޒާން ވަރަށް ހަލުވިކަމާއި އެކު ދިޔައެވެ. އިރުކޮޅުކޮޅުން ފަހަތްވެސް ބަލައިލައެވެ. އޭނާ ލަމުންދިޔަ އަވަސް ނޭވާތަކުންނާއި މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުން އޭނާ އެހުރީ ބިރުގަނެފައިކަން އެނގެއެވެ. އިޒާން ސިއްސައިގެންދިޔައީ އޭނާގެ ކަނާތް ފަރާތުން މީހަކު އައިސް އެކުޑަކުޑަ އަތުގައި ހިފައި ލަތްކެއް ޖަހައިލުމުންނެވެ. ''ނޫން މަންމާ! އަޅުގަނޑަށް އަނިޔާ ނުކުރޭ. ނޫން މަންމާ!'' އިޒާން ރޮއެ އާދޭސް ކުރަމުން ދިޔައީ އޭނާގެ އުފަން މަންމައަށެވެ. އެތުއްތު ކުއްޖާގެ އަޑު އެތަނުން އެކަކަށްވެސް ނީވޭ ކަހަލައެވެ. ''ޢީދުގެ އުފާ''ގެ ނަމުގައި ހުށަހަޅަމުންދިޔަ ޝޯގައި އެންމެންވެސް ތިބީ ކިޔަމުންދިޔަ ފޯރިގަދަ ލަވައަށް މަސްތުވެފައެވެ.

ފިރާޝާ އޭނާގެ ދިހަ އަހަރަށްދާ ފިރިހެން ދަރިފުޅު އަތުގައި ހިފައި ދަމަމުން ދިޔައީ މީހަކު ޅަބުޅަލެއް ދަމާފައި ގެންދާފަދަ ގޮތަކަށެވެ. އެއިރުވެސް އިޒާން ރޮއެ އާދޭސް ކުރަމުން ދިޔައެވެ. އެއިން އެއްވެސް އާދޭހެއް ފިރާޝާއަށް އަޑުއިވޭ ކަމަކަށް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާވަނީ ރުޅިއައިސްފައެވެ.

ކޮޓަރީގެ ދޮރު ބާރަށް ޖެހުމަށްފަހު އިޒާން އެނދާއި ދިމާއަށް ހޫރައިލިއެވެ. އަދި ވަރަށް ބާރަށް ހަޅޭލަވަން ފެށިއެވެ. ''މިރޭވެސް ކައިގެން ނިދަން އުޅޭށޭ ބުނީމަ ކުޅޭއެއްޗެހިތައް ނަގައިގެން ކުޅެންވިއްޔަ އެފެށީ. މަކިހިނެއްތަ ތިވަރުން ކަލޭ ގެންގުޅޭނީ.'' ފިރާޝާގެ ގަދައަޑުގެ ސަބަބުން ތުއްތު ކުއްޖާ ބިރުން ހުރީ ކޮޓަރީގެ ކަނަކަށް ވަދެ ރޯށެވެ. ކޮޓަރީގެ ނިދާ ބޮކި ޖެއްސުމަށްފަހު ފިރާޝާ ނިދަން އޮށޯތީ އިޒާން ގާތުވެސް ނިދާށޭ ބުނެފައެވެ.

އުދަރެހުގައި ހިތްގައިމު ކުލަތަކެއް ޖައްސަމުން އިރު ދުނިޔެ މައްޗަށް ބޯދިއްކޮށްލީ އިޒާން އަތިރިމަތީގައި އިންދައެވެ. މިއީ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް އިޒާން އަންނަ ތަނެކެވެ. އެކުށެއްނެތް މައުޞޫމް ހިތަށް އަރާ ފައިބަމުން އެދަނީ އޭނާގެ މަންމަގެ ރަހުމުކުޑަކަމެވެ. އެންމެންގެ ލޯތްބާއި އަޅާލުން އެންމެ ބޮޑަށް ބޭނުންވާ ދުވަސްވަރު އެކުޑަކުޑަ ދަރިފުޅު ތަހައްމަލު ކުރަމުން އެދަނީ ނަފްރަތެވެ. ހިތްދަތިކަމެވެ. ވޭނާއި ތަކުލީފެވެ. އިޒާންގެ ޚިޔާލީ ދުނިޔެ ވިއްސިވިހާލިވީ ބަޔަކު ވާހަކަދައްކާ އަޑު އިވުމުންނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެކުޑަކުޑަ އިނގިލިތަކުން ފޮހެލުމަށްފަހު ފަހަތް ބަލައިލިއެވެ. އެއިން ހިސާބަކުންވެސް މީހެއްގެ ހިލަމެއް ނެތެވެ. އެކަމާއި މާބޮޑު އަޅާލުމެއްނެތި އިޒާން ހިނގައިގަތީ އޭނާގެ މަންމަ ހޭލަންވާއިރަށް ގެއަށް ދިޔުމަށެވެ.

އަވަސްއަރުވާލައިފައި ގޭގެ ބޮޑު ދޮރުން ނުކުތް ފިރާޝާގެ ގައިގައި ޖެހި އިޒާން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ފިރާޝާ ފެނުމުން އިޒާންގެ ދެލޯ ބޮޑުވިއެވެ. ބިރުން ދާހިއްލަން ފެށިއެވެ. އެވަގުތު ފިރާޝާ އިޒާންއާއި ދިމާއަށް ބަލައިލި ގޮތުން ހީވަނީ އިޒާން ގޭގައި ނެތްކަން ފިރާޝާއަށް ރެއަކާއިނުލާހެންނެވެ. ރުޅިވެރިގޮތަކަށް އިޒާންއާއި ދިމާއަށްބަލައިލުމަށްފަހު އިޒާންގެ އަތަށް ތިރީސް ރުފިޔާ ދިއްކޮށްލިއެވެ. އަދި އެމަގުގައި ހުރި ''ކުރިކީލަ'' ފިހާރައިން ޕާނެއް ގަނެގެން ގެނެސްދޭށޭ ކިޔައި އެކުއްޖާފުޅު ކޮއްޕައިލިއެވެ. އެރަށަށް ޢީދު ޗުއްޓީ ހޭދަކޮށްލުމަށް އައިސް ތިބި ދެމެފިރިއެއްގެ ކުރިމައްޗަށް އިޒާން ވެއްޓުނެވެ. އިޒާން އަވަސްއަވަހަށް ތެދުވެ ގައިން ވެލިފޮޅާލުމަށްފަހު އެމީހުން ގާތު މަޢާފަށް އެދިފައި ދުއްވައިގަތީ ފިހާރައަށް ދިޔުމަށެވެ. އެވަގުތު ފިރާޝާ ވެސް ގޭތެރެއަށް ވަނެވެ.

ފެންވަރައި ނަލަހެދިގެން ރަނގަޅަށް ސައިބޮއެލައިގެން ފިރާޝާ ގެއިން ނިކުމެގެން ދިޔައިރު އިޒާން ހުރީ ހުސްބަނޑާއެވެ. ނަމަވެސް ކާއެއްޗަކަށް ގޮވައިލާނެ މީހަކު ނުވިއެވެ. އެހެންކަމުން މިއަދު އޭނާ ގަތް ޕާނުން ޕާންފޮއްޗެއް ކައިލާނަމޭ ހިތާ ބަދިގެއަށް ގޮސް އެ ހޯދާހޯދާ ވެސް ނުފެނުނެވެ. އެމައުޞޫމު ދެލޮލުގައި ކަރުނައިގެ ސާލެއް ލެވުނެވެ. ބަނޑުހައިވެފައި ހުރިވަރުން ދެތަށި ފެން ބޮއެލުމަށްފަހު އޭނާ ދިޔައީ ކޮޓަރިއަށެވެ. އެއްވެސް ތަރުތީބެއްނެތް އެކޮޓަރިތެރެ ތަރުތީބު ކޮށްލުމަށްފަހު މޭޒުގައި އިން ވަތްގަނޑެއް ހުޅުވާލައިފައި ފޮތަކާއި ގަލަމެއް ނެނގިއެވެ. އަދި ފެންކަޅިވެފައި ފޮތަށް ބަލައިލުމަށްފަހު ބޭއިޚްތިޔާރުގައި ފޮތުގައި ފިރުމާލެވުނެވެ.

ކޮޓަރިތެރެއިން އިވެމުންދަނީ ގިސްލުމުގެ އަޑެވެ. ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެލައިގެން އިނދެ އިޒާން ކޮންމެވެސް އެއްޗެއް ލިޔަމުން ދިޔައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވުނެވެ. އިޒާން ސިއްސައިގެންގޮސްފައި ދޮރާއި ދިމާއަށް ބަލައިލިއިރު އެތާނގައި ހުރީ ފިރާޝާއެވެ. އޭނާ ހީވަނީ ރުޅިއައިސްފައިވާ މިނިކާވަގެއްހެންނެވެ. ފިރާޝާ އެއައި ގޮތަށް އައިސް އިޒާންގެ މޭގައި އޭނާގެ ފައިން ޖަހާ ކޮއްޕާލިއެވެ. އިޒާން ވެއްޓި ކައިރީގައި ހުރި ގޮނޑިއެއްގައި ބޯޖެހުނެވެ. އޭނާ ބިރުގަނެފައި ހުރިވަރުން ވަމުންދިޔަ ތަދުވެސް އިހްސާސް ނުކުރެވެއެވެ. އިޒާންގެ މޭމައްޗަށް އޭނާގެ ކަނާއަތުފައިން އަރައި ފިއްތައިލައިގެން ހުރެ ހަޅޭއްލަވަމުން ބުންޏެވެ. ''ކަލޭ ތި ހީކުރަނީ އަހަރެން މުޅި ދުނިޔެއަށް ފަޟީހަތް ކޮށްލެވޭނެ ކަމަށްތަ؟ އިތުރަކަށް އަހަރެން ފަޟީހަތް ކުރާކަށް ކަލެއަކަށް އަދި ކަލޭގެ ބައްޕައަކަށް ވެސް ޖާގައެއް ނެތް.'' އަހަރުތަކަކަށްފަހު އިޒާންއަށް އޭނާގެ ވެސް ބައްޕައެއް ހުންނަކަން އެނގުމުން ވަރަށް އުފާވިއެވެ.

ތުންފަތް މައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. މިތަން ފެނިފައި ފިރާޝާގެ ރުޅިގަނޑު ދެގުނައަށް އިތުރުވިއެވެ.

އިޒާންގެ ގައިގައި ޖެހުމަށް ހިތްލާލި އަތް އިޒާންއާއި ހަމައަށް ފޯރާވަރެއް ނުވިއެވެ. ރުޅިއައިސްފައިހުރެ ފަހަތް ބަލައިލިއިރު ފިރާޝާގެ އަތުގައި ހިފަހައްޓައިގެން ހުރީ އޭނާގެ މަންމައެވެ.

އާދައިގެ ގޮތަކަށް ހަދާފައިވާ އެންމެ ކޮޓަރިއަކާއި މެދުގެއެއް ހިމެނޭ އެ ގޭތެރެއަށް ފިރާޝާއާއި އޭނާގެ މަންމަ ވަނެވެ.

އަދި މެދުގޭތެރޭ ހުރި ޖޯލިފައްޗެއްގައި ފިރާޝާއާއި އިންވެގެން އިން ޖޯލީގައި އޭނާގެ މަންމަ އިށީނނެވެ. ވަރަށް ރުޅިއައިސްފައިހުރެ ބާރު އަޑަކުން ފިރާޝާ އޭނާގެ މަންމައާއި މުޚާތަބް ކުރިއެވެ. ''މަންމަ ކީއްކުރަންތަ އަހަރެން މިތަނަށް ތިގެނައީ. މަންމައަކަށް ނޭނގޭނެ އިޒާން އަހަރެން ފަޟީހަތް ކުރަމުން މުޅި ރަށުތެރޭގައި ހިނގާކަމެއް. އަހަންނަށް ހީވާ ކަހަލަ އޭނާގެ ބައްޕަގެ މަސައްކަތް ދިރުވަން އުޅެނީހެން.'' ފިރާޝާގެ އަނގަމަތީގައި އޭނާގެ މަންމަ އަތް އެޅިއެވެ. އަދި ހަމަޖެހިލުމަށް ބުންޏެވެ. ނަމަވެސް ފިރާޝާގެ ހިތް އެއިރުވެސް އަންދަމުން ދިޔައީ ނަފްރަތުގެ އަލިފާނެވެ.

ފިރާޝާގެ މަންމަ ފާތުމަ އޭނާގެ ދަރިފުޅަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ''އިޒާން''އޭ ކިޔާފައި އެއްވެސް އެއްޗެކޭ ބުނުމުގެ ކުރިން ފިރާޝާ އޭނާ ހުއްޓުވައެވެ. އިތުރަށް އެންމެ ލަފުޒެއްވެސް ބުންޏަކަ ނުދެއެވެ.

ފިރާޝާއަށް ވިސްނައިދިނުމަށް ފާތުމަ ކުރި މަސައްކަތް ބޭކާރުވީއެވެ. ކުޑައިރުއްސުރެ ފިރާޝާއަކީ ގޮތްދޫނުކުރާ ޒީލަވަރުގަދަ ކުއްޖެކެވެ. މިއަދުވެސް ފާތުމަ ވާހަކަދައްކަދައްކާ ހުއްޓައި ފިރާޝާ އެގެއިން ނިކުމެގެން އެދިޔައީ އޭނާ އުޅޭ ގެއަށެވެ.

އަގުބޮޑު ޖަވާހިރެއް ގެއްލިގެން ހޯދާފަދަ ގޮތަކަށް މުޅިގޭތެރޭގައި އަތްފުނާ އަޅަމުން ފިރާޝާ އެހޯދަނީ އިޒާންއެވެ. އިޒާން ގޭގައި ނެތްކަން ޔަގީންވުމުން އޭނާ އަވަސްވެގަތީ އިޒާން ހޯދުމަށް ދާށެވެ.

ހަލުވި ފިޔަވަޅުތަކެއް އަޅަމުން އިޒާން ދާނެހެން ހީވާ ހުރިހާ ތަނަކަށް ފިރާޝާ ދިޔައެވެ. ނަމަވެސް އިޒާނެއް ނުފެނުނެވެ. ފިރާޝާގެ ރުޅި އިންތިހާއަށް ދިޔައެވެ. އޭނާ ހީވަނީ ބުއްދި ގޯސްވެފައިވާ މީހެއްހެންނެވެ. އެކަނި މާއެކަނި އިޒާންއާއި ދިމާއަށް އެއްޗެހި ކިޔަމުން އެކި ތަންތަން ބަލަމުން ދިޔައެވެ. ނަމަވެސް އިޒާންގެ ހިލަމެއްވެސް ނުވިއެވެ.

އިރުއޮއްސި ރަތްވިލާތައް އުދަރެހުގައި ރަސްކަން ކުރަން ފަށައިފިއެވެ. އަދި ވެސް ފިރާޝާއަކަށް އިޒާންއެއް ނުފެނެއެވެ. ވަރުބަލިވެފައިވުމާއެކު ފިރާޝާ ގެއަށް ގޮސް ކާއެއްޗެއް ރޯފިލުވާލައިގެން އޭނާގެ ހައިހޫނުކަން ފިލުވައިލިއެވެ. އަދި ހަށިގަނޑަށް އަރާމެއް ހޯދާލުމަށް ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެ މާގިނައިރުތަކެއް ނުވަނީސް ނިދިއްޖެއެވެ.
އަވަސްއަރުވާލައިފައި ފިރާޝާ ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ.

ކަރުހިއްކައިގެންފައި ހުރި ވަރުން ފެންފުޅި އެއްކޮށް ބޯލިއެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އަތުގެ ނުފުށުން މޫނުމަތި ފޮހެލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރުހިންގާލީ އިޒާން ފެނޭތޯއެވެ. އިޒާންގެ ޖެހުނުތާ ލައްވެސް ނެތެވެ. ކޮޓަރީގެ ހޮޅިބުރި ދިއްލައިލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އަލަމާރި ކައިރިއަށް ވެއްޓިފައި އޮތް އިޒާންގެ ފޮތުގައެވެ. ފިރާޝާ އެފޮތް ނަގައި ހުޅުވާލިއެވެ. އަދި ވަރަށް ރަނގަޅަށް އެފޮތް ބަލައިލިއެވެ.

ހެނދުނުގެ ހޫނުކަން އިހްސާސް ކުރެވެމުން ދިޔައިރުވެސް މަރުވެފައިވާ މައްޔިތެއް ފަދައިން ހަރަކާތް ހުއްޓިފައި، އެނދުގައި އިން ފިރާޝާ ސިއްސައިގެން ދިޔައީ މީހަކު އޭނާއަށް ގޮވާލުމުންނެވެ. ވަރަށް މަޑުމަޑުން އޭނާގެ މޫނު ދޮރާއި ދިމާއަށް އަނބުރައިލިއެވެ. އެވަގުތު އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ. ދޮރުމަތީގައި ހުރީ އިޒާންއެވެ. އަދި އޭގެއިތުރުން އޮފިސަރަކާއި އޭނާގެ މަންމައާއި ރަށަށް އައިސް އުޅުނު ބީރައްޓެހި ދެމަފިރިއެކެވެ. އޮފިސަރ ވާހަކަދައްކަން ފެށިއެވެ. ''ފިރާޝާގެ ދަރިފުޅަށް އަނިޔާ ކުރާކަމަށް އަޅުގަނޑުމެންނަށްވަނީ ރިޕޯޓް ލިބިފަ. އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަޅުގަނޑުމެންނާއި އެކު ޕޮލިސް ސްޓޭޝަނަށް ހިންގަވާ'' އޮފިސަރގެ މިބަސްތަކަށް އެއްވެސް ސަމާލުކަމެއް ނުދީ ފިރާޝާ މަޑުމަޑުން ހިނގާފައި އައިސް އިޒާންގެ ގައިގައި ބައްދާލިއެވެ. އަދި މަންމައަށް މަޢާފް ކުރާށޭ ކިޔައި ރޯންފެށިއެވެ. ފިރާޝާގެ އަތުގައި ބިޑިއަޅުވައިގެން ގެންދިޔައިރު ވެސް އިޒާން ހުރީ އޭނާގެ މަންމަގެ އެޢަމަލުގެ ސަބަބުން ހުއްޓުން އަރައިފައެވެ.

މައްސަލަ ތަހުގީގު ކުރެވެމުން ދަނީއެވެ. އެކި ދުވަސްދުވަހުގެ ހިނގާފައިވާ އެކިއެކި ހާދިސާތަކުން ސުވާލު ކުރިމަތިވަމުން ދިޔައިރު ވެސް ފިރާޝާ ހަނުހުއްޓެވެ. އޮފިސަރ ސުވާލުތައް ތަކުރާރު ކުރަމުން ގެންދިޔައެވެ. އިރުކޮޅެއްވަންދެން އެހެން އިނުމަށްފަހު ވަރަށް މަޑުމޮޅި ރާގަކަށް ވާހަކަދައްކަން ފެށިއެވެ. ''އެއީ ވަރަށް ވިއްސާރަރެއެއް. އަހަރެންގެ މަންމައާއި އެކު ކައި ނިމިގެން އައިސް ނިދަން އޮށޯތީ އަހަރެންގެ ކޮޓަރީގަ. އަހަރެންނަށް ހަމަ ނިދުނުތާ މީހަކު އުޅޭހެން ހީވެގެން އަހަރެންނަށް ހޭލެވުން. އެއިރު އަހަރެންގެ ދެއަތް އޮތީ ވާގަނޑަކުން ބަނދެލައިފަ. އަދި އަހަރެންގެ އަނގަޔަށް ފޮތިގަނޑެއް ލުމަށްފަހު އެނުލަފާމީހާ އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތް. އޭގެ ހަފްތާއެއް ފަހުން އިވުނީ އެކްސިޑެންޓެއްގައި އޭނާ ނިޔާވި ވާހަކަ. އިޒާންގެ ކިބައިން އަހަރެން އެނުލަފާ މީހާގެ ބަދަލު މިހިފީ.'' އޭނައަށް ހަމަ ރޮވެނީއެވެ.

ފިރާޝާއިން ކޮޓަރިތެރެއަށް ވަދެގެން އެއައީ އެއްކަލަ ދެމަފިރިންނެވެ. އަދި އިޒާން އެކި ދުވަހު އެކި ތަންތަނުން ވަރަށް ދެރަވެފައި ހުއްޓައި ފެނުނު ވާހަކައާއި ފިރާޝާ އޭނާއަށް އަނިޔާ ކުރާ ވާހަކައާއި ރޭގަ އިޒާން މަރާލަން އުޅުނު ވާހަކައާއި އަދި އިޒާން ރޭގަ އެމީހުން ކައިރި މަޑުކުރި ވާހަކަ ބުންޏެވެ. މީގެއިތުރުން އެދެމަފިރިންނަކީ ދަރިން ނުލިބޭ ބައެއްކަމާއި އިޒާން ބަލަން ބޭނުންވާ ވާހަކަ ބުންޏެވެ. ފިރާޝާގެ އާނ ބަހެއް ބޭނުންވާ ކަމަށް ބުންޏެވެ. ފިރާޝާއަށް ބުނެވުނުހާވެސް އެއްޗަކީ އޭނާ އޭނާގެ ދަރިފުޅު ބޭނުންވާ ކަމެވެ. ދަރިފުޅުގެ ސިޓީއިން އޭނާގެ ވިސްނުން ބަދަލުވި ކަމަށް ބުންޏެވެ.

އެވަގުތު އޮފިސަރ ކޮން ސިޓީއެއްހޭ އެހުމުން ސިޓީގައިވާ ކަންތައްތައް ފިރާޝާ ކިޔަން ފެށިއެވެ. ''ލޯބިވާ މަންމާ! މަންމަ އަހަރެން ދެކެ ތިހާ ރުޅި އަންނަނީ ކީއްވެ؟ އެއީ މަންމަ އަހަރެންދެކެ ލޯބިވާ ގޮތްތަ؟ އަހަރެން މަންމަގެ ލޯތްބާއި އަޅާލުން ބޭނުން. މަންމަ އަހަރެންނަށް ކަންތައް ކުރާގޮތުން އަހަރެންގެ ހިތަށް ވަރަށް ތަދުވޭ. އެކަމަކު އެއްވެސް ޝަކުވާއެއް ނެތް. އަހަރެންނަށް ވިސްނޭ ގޮތުގައި މަންމަ އަހަރެންނަށް ކާން ނުދީ ބަހައްޓަނީ ހާލުގައި ޖެހިދާނެ ދުވަހަކަށް ތައްޔާރު ކުރުމަށް. އަހަރެންގެ ގައިގައި ތަޅަނީ އަހަރެން ހިތްވަރުގަދަ ކުއްޖަކަށް ހެދުމަށް. އަހަރެންގެ ގައިގައި ކޮޅުފައިން ޖަހަނީ އަހަރެން ސުވަރުގެ ދިޔުމަށް މަންމަ ބޭނުންވާތީ. އަހަރެންވެސް އަޑުއަހަން ސުވަރުގެއަށް ދެވޭނީ މަންމަގެ ފައިތިލަ ދަށުންނޭ ބުނާ އަޑު. އެހެންވެގެން މަންމަގެ ފައިތިލަ ދަށަށް އަހަރެން.....''

ފިރާޝާ ވާހަކަ މެދުކެނޑުނީ އިޒާން ''މަންމާ''އޭ ކިޔާ ގޮވާލުމުންނެވެ. ފިރާޝާ އިޒާންގެ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ. އަދި އިޒާންއަށްޓަކައި އޭނާގެ މައިވަންތަކަމުގެ ދާވަނި ފަތުރާލިއެވެ. މައްސަލަ ބަލައި ނިންމުމަށްފަހު ޕޮލިސް ސްޓޭޝަނުން އެދެމައިން ނިކުމެގެން ދިޔައީ ނުހަނު އުފަލުންނެވެ. އިޒާންއަށް އޭނާގެ މަންމަ ލިބުނެވެ. އަދި ފިރާޝާއަށް އޭނާގެ ދަރިފުޅު ލިބުނެވެ.