25 އަހަރު ކުރިން

ޒަމާންތަކަކަށް ފަހު މިމްރާޙަށް އަރާމު ނިންޖެއް ނިދާލެވުނެވެ. ހޭލެވުމާއެކު ބޯޓުގެ ކޮޓަރީގެ ފާހަނައިން ރަނގަޅަށް ފެންވަރާލިއެވެ. ހިތްހަމަޖެހޭ ވަރަށް ފެންވަރާލީ ވެސް ދުވަސްތަކަކަށް ފަހުގައެވެ. ރަށުގައި އުޅުނު ދުވަސްވަރު ބުރަ ކަމުން ފެންވަރާ ލެވޭނީ އިޝާ ވަގުތު އެކަންޏެވެ. ފެންވަރާ ގައިން ތާހިރު ވާނެ އެއްޗެއްސެއް ބައްޕަމެން ހޯދައި ނުދެއެވެ. އެހެންވެ ގައިން ތާހިރު ވެވޭނެ ގޮތެއް ވެސް ނޯވެއެވެ. މިއަދު ގައިން ދޮވާ ނުބައި ވަސްގަނޑު ފިލައިގެންދާ ވަރަށް ސައިބޯނި ބޭނުންކޮށް ފެންވަރައި ލެވިއްޖެއެވެ. ފެންވަރައި ނިމިގެން ފާހާނާއިން ބޭރަށް ނުކުތްއިރ، ކޮޓަރީގައި ހަމީހެއް އިސްތިރި ކުރަން ޙައްވާ އިނެވެ.

"މިމްރާޙް އަތުގައި ހެދުން މަދުވީމަ ދައްތަ ހުންނާނެ ބައެއް ހެދުން ގެނެސްފައި މާލެއިން އައި އިރު.. އެނދު މަތީގައި އެ އޮތް ކަޅު ދަބަހުގައި ހުންނާނެ މިމްރާޙް ލާން ގެނައި ހެދުންތައް.. އަޅެ ބަލާބަލަ ހެޔޮވަރު ހެދުމެއް އޮތްތޯ.. އެއިން ކޮންމެ ވެސް އެއް ހެދުމެއް ބަލައިފަ ގެނޭ އިނގޭ.. ދައްތަ އިސްތިރި ކޮށްދޭނަން.." އެނދު މަތީގައި އޮތް ދަބަހަށް އިޝާރާތް ކޮށްލަމުން ޙައްވާ ބުންޏެވެ.

ޙައްވާގެ ހެޔޮކަން ފެނި މިމްރާޙަށް އޭނާގެ މަންމަ މަތިން ހަނދާން ވާން ފެށިއެވެ. ބޭއިޚްތިޔާރުގައި ލޮލުން ކަރުނަތައް އޮހިގެން ދިޔައީ އޭނާގެ ޒަމީރުގެ ގާތުން ހުއްދަ ހޯދަން އެހުމާ އެކު ވެސް ނުލައެވެ.

"މިމްރާޙް ރޮނީތަ.؟" މިމްރާޙުގެ ލޮލުން ކަރުނަތައް އޮހިގެންދާ މަންޒަރު ފެނިފައި، ޙާއްވާ ގޮސް އޭނާގެ ލޮލުން ކަރުނަ ފުހެމުން ބުންޏެވެ.

"މަންމަގެ މަތިން ހަނދާންވީ.." ކުރެހިފައިވާ މަޑުމަޑު އަޑަކުން މިމްރާޙް ބުންޏެވެ.

"މިމްރާޙްގެ މަންމައަކީ ދައްތަމެންގެ ގާތް ރައްޓެއްސެއް.. ނިކަން ހިތްހެޔޮ ވާނެ.. މިމްރާޙަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަން.." ޙާއްވާ މިހެން ބުނެފައިވާ ކުޑަކުޑަ މިމްރާޙާ ބައްދާލިއެވެ.

އެއަށް ފަހުގައި ކަޅު ދަބަހުގައި ހުރި ހެންދުތައް ހެޔޮވަރުތޯ މިމްރާޙް ބަލާލިއެވެ. އޭގެ ތެރެއިން ގިނަ ހެދުންތައް އޭނާއަށް ހެޔޮވަރެވެ. އެ ތަނުން ގަދަ ނޫ ކުލައިގެ ގަމީހެއް އިސްތިރި ކުރަން ޙައްވާއަށް ދިނެވެ. ގަދަ ނޫ ކުލައަކީ މިމްރާޙަށް ވަރަށް ރީތި ކުލައެކެވެ. ތިރިން ލާން ކަޅު ކުލައިގެ ފަޓުލޫނެއް ޙައްވާ އިސްތިރިކޮށްދިނެވެ.

ރީތި ވެލައިގެން މިމްރާޙް ކުޑަ ދޮރުން ބޭރު ބަލާލިއެވެ. ކައިރިން ވެރިރަށް މާލޭގެ މަލަމަތި އޭނާއަށް ފެނުނެވެ. ރަށާ ކިތަންމެ ކައިރިޔަސް އެއީ މިއިން ދުވަހަކު މިމްރާޙް އައި ތަނެއް ނޫނެވެ. އާންމުކޮށް މީހުންގެ ފަރާތުން އިވިފައިވާ ގޮތަށް މާލޭގެ މަލަމަތިން ގަސްތައް މަދުކަން އޭނާއަށް ފާހަގަކޮށްލެވުނެވެ. ވަށައިގެން ފެންނަނީ އިމާރާތްތަކެވެ. އިރުކޮޅެއްގެ ތެރޭގައި މާލޭގެ ދެކުނު ފަރާތު ނެރުން ވަދެގެން ދޯނި ފަޅު ތެރެއަށް ވަނެވެ. އަދި ބަނދަރަށް ދޯނި ގާތް ކުރުމާއެކު ދޯނިން މީހުންތައް ފާބަން ފެށިއެވެ. މިމްރާހް ހުރީ ތަކުރުގެ އަތުގައި ހިފަހައްޓައިގެންނެވެ. ތަކުރުގެ އަނެއް އަތުން އޭނާ ހުރީ މިމްރާޙަށް އޭނާ ހޯދައިދިން ބައެއް ތަކެތި އަޅާފައި ހުރި ދަބަހެއް ހިފަހައްޓައިގެންނެވެ.

އިރުކޮޅެއް ފަހުން ދެ ބަފައިންނާއި، ޙައްވާ ދޯނިން ފައިބައި މާލޭގެ ބަނދަރަށް އެރިއެވެ. އޭރު ބަނދަރުގައި އެ މީހުންގެ އިންތިޒާރުގައި ޙައްވާގެ ފިރިމީހާ އަސްލަމް ހުއްޓެވެ. އަސްލަމަކީ ޕާކިސްތާނަށް އުފަން މީހެކެވެ. ނަމަވެސް އުފަން ފަސްގަނޑު ދޫކޮށް މާލޭގައި އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ.

"މިމްރާޙް.. ދައްތައާއި ބޭބެގެ ބުނާ ބަސް އަހައިގެން އުޅޭތި.. ދެ މީހުން ވެސް ވަރަށް ހެޔޮ ވާނެ.. ތަކުރުބެ ދެން މި ދިޔައީ.. ތަކުރުބެ ބަލާލަން ވީ ވަރަކުން މިމްރާޙަށް ބޭނުންވާ ތަކެތި ހޯދާފައި އެ ގެއަށް ފޮނުވޭތޯ.. ކަމެއް ބޭނުން ނަމަ ޙައްވައްތަމެން ކައިރީ ވެސް ބުނާތި.. އެ މީހުން ކޮށްދޭނެ.. އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ.." ތަކުރަށް އިޙްސާސް ކުރެވުނީ އަމިއްލަ އުފަން ދަރިއަކު ދޫކޮށްފައިދާއިރު ކުރަން ޖެހޭ ފަދަ އިޙްސާސްއެކެވެ.

"ތަކުރުބެ.. ބައްޕަމެންގެ ޚަބަރު ވެސް އަޅުގަނޑަށް ގެނެސްދޭތި.." ދެރަވެލާފައި މިމްރާޙް ބުންޏެވެ.

"ލައްބަ.. ގެނެސްދޭނަން.." މިމްރާޙްގެ ކޮލުގައި މަޑުމަޑުން ހިފާލަމުން ތަކުރު ބުންޏެވެ. މިހެން ބުނެފައި ތަކުރު ދިޔައީ ދޯންޏަށެވެ. އަސްލަމާއެކު އެ މީހުންގެ ގެއަށެވެ.

****

ޙައްވާމެންގެ ގެއަށް ދިޔަ މަގުމަތީގައި މިމްރާޙަށް ފެނުނީ ތަފާތު މަންޒަރުތަކެކެވެ. މަގުތައް މަތީގައި ހެދިފައިވާ ޗަކަ ފެންގަނޑުތަކެވެ. ދުވަހަކީ ގައިމު ވެސް އަވިގަދަ ދުވަހެކެވެ. ނަމަވެސް ދެވޭ ކޮންމެ މަގެއްގައި ޗަކަ ހެދިފައި ހުރި ކަން މިމްރާޙަށް ފާހަގަވިއެވެ. ބައެއް މަގުތަކުގައި ގާ އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ ކަން ވެސް އޭނާއަށް ފާހަގަވިއެވެ. ދެވޭ އެންމެ މަގަކުން ވެސް މީހުން މަދު ތަނެއް ނުފެނެއެވެ. ކޮންމެ މަގެއްގައި ވެސް ހިނގާ އުޅޭ މީހުންނާއި ދުއްވާ ތަކެތި ގިނައެވެ. އެއީ ހަމަ މިމްރާހް ރަށުގައި ދިރިއުޅުނުއިރު، މީހުންގެ ފަރާތުން މާލެ އަޑުއިވިފައިވާ ގޮތެވެ.

****

ގާތްގަނޑަކަށް ވިއްސަކަށް މިނެޓްގެ ހިނގުމަކަށް ފަހު، ޙައްވާމެންގެ ގެއަށް އާދެވުނެވެ. ގޭގެ ފާރުގައި މަޑު ނޫ ކުލައެއްގެ ދަވާދު ލައިގެން ރީތި ކޮށްލާފައިވެއެވެ. އެއީ ދެ ބުރިއަށް ނަގާފައި ހުރި ގެއެކެވެ. އަސްލަމްގެ ފަހަތުން ޙައްވާއާއި މިމްރާޙް ގޭތެރެއަށް ވަނެވެ. ގެއަށް އާދެވެން ދެން ޙާއްވާ ހުރީ މިމްރާޙްގެ އަތުގައި ހިފަހައްޓައިގެންނެވެ. ގޭގެ ދޮރޯށިން އެތެރެއަށް ވަންނައިރު، ހުސް ޖާގައެއް އޮވެއެވެ. އެ ތަނުގައި ވަޑާން ކުރަން ބޭނުން ކުރާ އެކި ސާމާނުތަކާއި ލަކުޑި ފަދަ ތަކެތި ބަހައްޓާފައި ހުއްޓެވެ.

ދޮރޯށިން ވަދެގެން އައިސް ގޭތެރެއިން ވަންނަ ދޮރުން އެތެރެއަށް ވަނެވެ. ފުރަތަމަ ވަދެވުނީ ސިޓިން ރޫމަށެވެ. ސިޓިން ރޫމްގައި އިށީންނަން އަށްޓެއް ހުރިއިރު އަށީގެ ކުރިމައްޗަށްވާ ގޮތަށް ހުރި މޭޒެއްގައި ފޮށި ޓީވީއެއް ބަހައްޓާފައި ހުއްޓެވެ. މިމްރާހަށް ވުރެ އުމުރުން ދޮށީ ދެ ފިރިހެން ކުއްޖަކު ޓީވީއިން ކާޓޫން ބަލަން އަށި މަތީގައި ތިއްބެވެ. ސިޓިން ރޫމުގެ އިރުމައްޗަށް ކާ މޭޒުމަތި ހުއްޓެވެ. އަދި ކައްކަން ބޭނުންވާ ހުރިހާ އެއްޗެއް އެ ތަނުގައި ބަހައްޓާފައި ހުއްޓެވެ. އަދި ކާގެ ވެސް ހުރީ އެ ކުޑަކުޑަ ސިޓިން ރޫމުގެ ތެރޭގައެވެ. ސިޓިން ރޫމުގެ ތެރެއިން މައްޗަށް ދާން ސިޑިބަރިއެއް ހުއްޓެވެ. ދެވަނަ ބުރީގައި ދެ ކޮޓަރި ހުރިއިރު ކޮންމެ ކޮޓަރިއެއްގައި ފާހާނާއެއް ހުރެއެވެ.

"މިހާރު އެ ހުރީ ކާން ތައްޔާރު ކޮށްފައި.. ހުރިހާ ކުދިން އާދޭ ކާން.." މެންދުރު ނާސްތާއަށް ތައްޔާރު ކޮށްފައި އަށިމަތީގައި ކާޓޫން ބަލަން ތިބި ތިން ކުދިންނަށް ޙައްވާ ގޮވިއެވެ.

ޙާއްވާ ގޮވުމާއެކު ތިން ކުދިން ކާ މޭޒުމަތީ ކައިރީ ހުރި ގޮނޑިތަކުގައި އިށީނެވެ. އަދި އެ އަޑަށް އަސްލަމް ވެސް ކާން ވެގެން ކާ މޭޒު މަތީ ކައިރީ ހުރި ގޮނޑިއެއްގައި އިށީނެވެ.

"މިމްރާހް މިއީ ޔާސީނާއި ހަސަން.. އަސްލަމްބެއާއި ޙައްވައްތަގެ ކުދިން.. މިމްރާހް ނިދަނީ އެ ދެ ކުދިން ވެސް ނިދާ ކޮޓަރީގައި.. ޔާސީނާއި ހަސަން ވެސް މިމްރާޙާއި ވަރަށް ގުޅިގެން އުޅޭތި،" ކާ ތަށްޓައް ބަތް އަޅަމުން އަސްލަމް ބުންޏެވެ.

އާދަވެފައިވާ ގޮތުން މިމްރާޙް ކައި ނިންމުމަށް ފަހު ބަތް ތަށި ދޮންނަން ސިންކު ކައިރިއަށް ލެފުނެވެ.

"މިމްރާޙަށް ބަތް ތަށި ދޮންނާނަކަށް ނުޖެހޭނު.. ޙައްވައްތަ ބަތް ތަށި ދޮވެދޭނަމޭ.. އެހެން އެންމެން ކާ ތަށިތައް ވެސް މި ގޭގަ ދޮންނާނީ ޙައްވައްތަ.." ޙައްވާ ބުންޏެވެ.

މިމްރާޙް މަޑުމައިތިރިކަމާ އެކު ބަތް ތަށި ބޭންދިއެވެ.

"ޙައްވައްތަ ވާހަކައެއް އަހާލަންތަ.؟" މިމްރާޙް އެހިއެވެ.

"އަހާބަލަ.." ޙައްވާ ބުންޏެވެ.

"އަސްލަމްބެއަކީ ދިވެއްސެއް ނޫން ދޯ.." މިމްރާޙް އެހިއެވެ.

"އާނ.. އަސްލަމްބެއަކީ އަސްލު ޕާކިސްތާނު މީހެއް.." މިހެން ބުނެފައި އަސްލަމާއި ޙައްވާގެ ވާހަކަ ކޮންމެ ވެސް ވަރަކަށް މިމްރާޙަށް ޙައްވާ ކިޔައިދިނެވެ.

****

ޔާސީނާއި ޙަސަން ވެސް ވީ މިމްރާޙަށް ވަރަށް އެކުވެރި ދެ ކުދިންނަށެވެ. ރަށުން ދިމާވީ ކުދިންނާ ޚިލާފަށް އެ މީހުން މިމްރާޙަށް މަލާމާތްކޮށެއް ނުހަދައެވެ. މިމްރާޙަށް ރަނގަޅަށް ކިޔަން ލިޔަން ނޭނގޭތީވެ އެ ދެ ކުދިން ވެސް މިމްރާޙަށް ދަސްކޮށްދޭން އެހީތެރިވެދެއެވެ. ޙައްވާ ވެސް މިމްރާޙަށް ކިޔަން ލިޔަން ދަސްކޮށްދޭން ވަގުތު ހޭދަކުރެއެވެ. ލިޔަން ކިޔަން ދަސްކުރަން މިމްރާޙަށް ފޮތާއި ގަލަން ވެސް އެ މީހުން ހޯދައިދިނެވެ. ހަފުތާއެއްގެ ތެރޭގައި މަޖީދިއްޔާ ސްކޫލުން ކިޔަވަން މިމްރާޙަށް ޖާގަ ލިބުނެވެ. އެއަށް ފަހު ޙައްވާ ކޮންމެ ދުވަހަކު ވެސް މިމްރާޙް ސްކޫލަށް ލައި، ބަލައި ގޮސް ހަދައެވެ. ގިނަ ދުވަސްތަކެއް ނުވެ މިމްރާޙް ރަނގަޅަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަން ކިޔަން ދަސްވިއެވެ.

އަސްލަމަކީ މާލޭގައި ވަޑާމުގެ ވިޔަފާރިއެއް ކުރަމުން ދިޔަ މީހެކެވެ. ވަޑާމުގެ މަސައްކަތް ވެގެން ދިޔައީ މިމްރާޙް ވަރަށް ގަޔާވާ މަސައްކަތަކަށެވެ. މިމްރާޙްގެ އިތުރުން އަސްލަމްގެ ދޮށީ ދަރިފުޅު ޔާސީން ވެސް އެ މަސައްކަތް ވަރަށް ކުރާ ހިތްވެއެވެ. އެއާ ޚިލާފަށް ހަސަނަކަށް އެ މަސައްކަތް މާ ކަމުދާ މަސައްކަތަށް ނުދެއެވެ. ކޮންމެ ދުވަހަކު ސްކޫލުން ނިމިގެން އައިސް ހަވީރު ވަގުތުގައި އަސްލަމް ކައިރިން ޔާސީނާއި މިމްރާޙް ވަޑާމުގެ މަސައްކަތް ދަސްކުރަން ވަގުތު ހޭދަކުރެއެވެ. މިމްރާޙް ވެގެން ދިޔައީ އެ މަސައްކަތަށް ތޫނު ފިލި ކުއްޖަކަށެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، އަސްލަމް ކައިރިން ވަޑާމުގެ މަސައްކަތް މިމްރާޙް ވަރަށް ރަނގަޅަށް ދަސްކުރިއެވެ.

****

އަހަރުތައް ފާއިތުވަމުން ގޮސް މިމްރާޙް އޯ ލެވެލް ހަދާ އަހަރަށް އައެވެ. އޭރު މިމްރާޙްގެ އުމުރުން 16 އަހަރު ވެއްޖެއެވެ. އެ ދުވަސްވަރު މިމްރާޙްގެ މުޅި ދުވަސް ހޭދަވަނީ ސްކޫލްގައާއި ސްކޫލުން ދޭ ފިލާވަޅުތައް ދަސްކުރުމަށެވެ. އަސްލަމާއި ޔާސީނާ އެކު ވަޑާން ކުރުމުގެ މަސައްކަތަށް ވެސް މިމްރާޙަށް ވަގުތު ދެވޭ ގޮތެއް ނުވެއެވެ.

ހަސަނަކީ އަބަދުވެސް ކިޔެވުމަށް ތޫނުފިލި ކުއްޖެކެވެ. ހަސަން ދިޔައީ އޭނާއަށް ލިބޭ ހުސް ވަގުތުތަކުގައި މިިމްރާޙްގެ ފިލާވަޅުތަކުގައި އެހީތެރިވަމުންނެވެ. އެ އަހަރަކީ ހަސަންގެ އޭ ލެވެލް އަހަރެވެ. ޔާސީން ސްކޫލް ނިމުނުތާ ދެ އަހަރު ވީއެވެ. ޔާސީން ވެސް ވަނީ އޭ ލެވެލް ނިންމާފައެވެ. ޔާސީންގެ އޯ ލެވެލް ނަތީޖާ ރަނގަޅުވި ނަމަވެސް އޭ ލެވެލް ނަތީޖާ އެހާމެ ރަނގަޅެއް ނޫނެވެ. އެއާ ޚިލާފަށް ހަސަން އަންނަނީ އޭ ލެވެލްގައި ވެސް ތަފާތު މޮޅު ނަތީޖާތައް ނެރެމުންނެވެ. ހަސަން ބޭނުން ވަނީ މުދައްރިސަކަށް ވާން ކަމަށް އޭނާ ބުނެއެވެ. އެހެންވެ، އޯ ލެވެލްގައި މިމްރާޙަށް އޭނާ އެހީތެރިވުމަށް ދިޔައީ ވަރަށް ކުރާ ހިތުންނެވެ.

****

މިމްރާޙްގެ އޯ ލެވެލް ނަތީޖާ ލިބެން އޮތް ދުވަހެވެ. ސްކޫލަށް ނަތީޖާ ޝީޓް ބަލައި އޭނާ ދިޔައީ ހަސަނާ އެކުގައެވެ. އޭގެ ހަފުތާއެއް ކުރިން ހަސަނަށް ވަނީ އޭނާގެ އޭ ލެވެލް ނަތީޖާ ލިބިފައެވެ. ހުރިހާ މާއްދާއަކުން ފާސްވިއިރު، އެންމެ މާއްދާއެއް ފިޔަވައި އެހެން ހުރިހާ މާއްދާއަކުން ހަސަން އޭ ފާސް ހޯދިއެވެ. އަދި އޭނާ ވަނީ އެ ސްކޫލުން އެންމެ މަތީ ވަނަ ހޯދައިފައެވެ.

"މިމް.. ހާދަ ހާސްވެފައި.." މިމްރާޙް ހާސްވެފައި ހުރި ކަން ހަސަނަށް ހީވުމުން ބުންޏެވެ.

"އާނ.. ނޭނގެ ނަތީޖާ އަންނާނެ ގޮތެއް ވެސް.." މިމްރާޙް ބުންޏެވެ.

އިރުކޮޅަކުން ސްކޫލް ރެޝެޕްޝަންގައި އޮންނަ އަންހެން ކުއްޖާ މިމްރާޙްގެ ނަތީޖާ ޝީޓް ހިފައިގެން އައިސްފިިއެވެ.

"މި ފޮތުގެ މި ތަނުގަ ސޮއި ކޮށްލާ.." ރިޝެޕްޝަން މަތީގައި އޮތް ފޮތުގައި ސޮއި ކުރަންވީ ތަން އެ ކުއްޖާ ދެއްކުމުން މިމްރާޙް ސޮއިކުރިއެވެ.

އެއަށް ފަހުގައި ސްކޫލުން ބޭރަށް މިމްރާޙާއި ހަސަން ނުކުތެވެ.

"ދެން މިހާރު ނަތީޖާ ބަލާލަން ވީނު.." ސްކޫލުން ބޭރަށް ނުކުމެފައި ވެސް މިމްރާޙް ނަތީޖާ ޝީޓާ ދިމާއަށް ބަލައި ނުލައި ހުރުމުން ހަސަން ބުންޏެވެ.

"ދިވެހިން ސީ.. އިނގިރޭސިން ސީ.. ހިސާބުން ސީ.. ބިޒިނަސް އިން ސީ.. އެކައުންޓުން ޑީ.. އިކޮނޮމިކްސް އިން ސީ.. އާޓުން އޭ.. އިސްލާމުން އޭ.." މިމްރާޙްގެ މޫނު މޯޅިއެވެ. ބޭނުންވީ ވީހާ ވެސް ގިނަ މާއްދާތަކުން އޭ ފާހާއި ބީ ފާސް ހޯދާށެވެ.

"މިމް.. ތި ނަތީޖާ އޯކޭއޭ.. ހުސް އޭ ހޯދުން ލާޒިމެއް ނޫނޭ.. މިމް އެންމެ ކިޔަވާ ހިތްވާ އާޓްސްއާއި އިސްލާމް އިން އޭ ލިބިއްޖޭނު. ތިވީއޭ.." މިމްރާޙް ހަމަޖައްސާލަން ހަސަން ބުންޏެވެ.

ހަސަން ދިން ހިތްވަރަކުން މިމްރާޙް ހީލައި ނަތީޖާއާ މެދު އޭނާ ހިތް ޚަލާސް ކުރިއެވެ. ހުރިހާ މާއްދާއަކުން ޑީ ފާހަށް ވުރެ މަތިން ލިބިފައި އޮތީމައާ އެކުގައެވެ.

***

އަސްލަމް ކުރަމުން ދިޔަ ވަޑާން ކުރުމުގެ ވިޔަފާރިއާ މިމްރާޙް ރަސްމީކޮށް ގުޅިއްޖެއެވެ. އަސްލަމްގެ ވަޑާން ކުރުމުގެ ވިޔަފާރީގައި މިމްރާޙް ކުރަމުން ދިޔަ މަސައްކަތަށް އޭނާ މިމްރާޙަށް ރަނގަޅު އުޖޫރައެއް ވެސް ދެމުން ދިޔައެވެ. މާލެ ކައިރީގައި އަލަށް ހުޅުވަން އުޅޭ ރިސޯޓުން ވަޑާން ކުރުމުގެ ވަފީޒާއެއް ޔާސީނަށް ހަމަޖެހުން ވަޒީފާ އަދާ ކުރުމަށް އޭނާ ދިޔައީ އެ ރިސޯޓަށެވެ. މޯލްޑިވްސް ކޮލެޖް ފޮ ހަޔަ އެޑިއުކޭޝަނުން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފެށުމުން ހަސަން އެ ކޯހުން ޖާގަ ހޯދިއެވެ. އަދި އެ ދުވަސްވަރު ފައިސާ ހޯދުމަށް ޓަކައި ހުސް ވަގުތުތަކުގައި ހަސަން ދިޔައީ މާލޭގައި އުޅޭ އެކި އުމުރުގެ ކުދިންނަށް ޓިއުޝަން ކިލާސްތައް ނަގައިދެމުންނެވެ.

"މިމްރާޙް އިތުރަށް ކިޔަވަން ނުވިސްނަންތަ.." ރޭގަނޑުގެ ކެއުމަށް ކާ މޭޒު ދޮށަށް ގާތް ވެލަމުން އަސްލަމް ބުންޏެވެ.

"އަޅުގަނޑު ކިރިޔާ އޯ ލެވެލްގަ ވެސް މާއްދާތަކުން ފާސްވެފައި އެ އޮތީ.. އޭ ލެވެލް އަދި މާ އުނދަގޫ ވާނެ.. ވާނެ ހެނެއް ހިއެއް ނުވޭ.." މިމްރާޙް ބުންޏެވެ.

"މިމް.. އޭ ލެވެލް ކޮންމެހެން ކިޔަވާނެ ކަމެއް ނެތޭ.. އެކަމު މާލޭގައި މިހާރު ތަފާތު ވައްތަރުގެ ކޯސްތައް އެބަ ހިނގާ.. އެއިން ކޯހަކަށް ޖޮއިން ކުރަންވީނު.." ހަސަން ބުންޏެވެ.

"ތި ކަން ވެސް އެނގެއޭ.. އެކަމު ހަދަންވީ ވަކި ކޯހެއް ވެސް ނޭނގެ.." އިސް ދަށަށް ޖަހާލަމުން މިމްރާޙް ބުންޏެވެ.

"ދަރިފުޅާ.. ހަސަނާ.. ނެތްތަ މިމްރާހަށް ގުޅޭނެ ކޯހެއް.." އަސްލަމް އެހިއެވެ.

"މެކޭނިކަލް އަދި އިލެކްޓްރޯނިކަލް ކޯސްތަކެއް އެބަ ފަށާ.. އެއިން ކޯހެއްގައި ބައިވެރިވާންވީނު.." ހަސަން ބުންޏެވެ.

މިމްރާޙަށް ހަސަންގެ ޚިޔާލު ވަރަށް ކަމުދިޔައެވެ. އެފަދަ މަސައްކަތްތަކަކީ މިމްރާޙް ވަރަށް ކުރާ ހިތްވާ މަސައްކަތެވެ. ހަސަންގެ އެހީއާއެކު މިމްރާޙަށް އެލެކްޓްރޯނިކް މަސައްކަތްތައް ދަސްކޮށްދޭ ކޯހަކުން ޖާގަ ލިބުނެވެ.

(ނުނިމޭ)