ކޮޓަރީގައި އޮށޯވެ އޮތް މިމްރާޙަށް ނިދޭ ގޮތެއް ހަމަ ނުވިއެވެ. މަތީގައި އެނބުރެމުން ދިޔަ ފަންކާއާ ދިމާއަށް ބަލަހައްޓައިގެން އޮވެ އޭނާގެ ސިކުނޑި ގެނބިފައި ވަނީ އެތައް ވިސްނުމެއްގެ ތެރެއަށެވެ. އެއްކޮޅުން މާދަމާ ތެދުވެ ކުރަން އޮތް ވަޑާމުގެ މަސައްކަތެވެ. އަނެއް ކޮޅުން ފެށެން އުޅޭ ކޯހަށް ކުރެވޭ އިންތިޒާރެވެ. ދޭތެރެދޭތެރެއަކުން ވިސްނުމުގެ މިސްރާބު ޖަހަނީ މާޒީއަށެވެ. ތުލުސްދޫގެ ހަނދާންތައް އެހެން އުޅެމުން ސިކުނޑީގައި އެނބުރެއެވެ. މާލެއަށް ތަކުރުބެ އައިސް އުޅޭއިރު ވެސް ރަށަށް ދެން ދާނަންތޯ ވަރަށް ގިނައިން އަހާނެއެވެ. ނަމަވެސް މިމްރާޙް ރަށަކަށް ދާކަށް ބޭނުމެއް ނުވެއެވެ. އެއީ މިމްރަޙްގެ ހަޔާތުގެ ފޮތުގައި ނެތް ޞަފްޙާތަކެއް ކަމުގައި އޭނާ ދެކެއެވެ.

ޚިޔާލުތަކުގެ ދުނިޔޭގައި މިމްރާޙް އޮންނަމުން ދަނިކޮށް ފަތިސް ނަމާދަށް ބަންގި ގޮވަން ފަށައިފިއެވެ. އަދިވެސް މިމްރާޙަށް ނިދޭ ގޮތް ނުވުމުން، ތެދުވެ ކޮފީ ތަށްޓެއް ގިރާލިއެވެ. އެއީ މަސައްކަތުގައި އުޅެމުން ނިދިދާނެތީއެވެ. ކޮފީ ތަށި ބޯލުމަށް ފަހު ފަތިސް ނަމާދު ކުރީ ގޭގައެވެ. އެއަށް ފހުގައި ޤުރްއާން ކިޔަވަން އިނެވެ. އިރުކޮޅެއް ފަހުން އަސްލަމް މިސްކިތުން ފައިބައިގެން ގެއަށް އަތުވެއްޖެއެވެ.

"މިމްރާޙް.. މިއަދު ވާނެ.. އެއްކަލަ އަދަދަށް މޭޒު ހަދާ ނިންމާލަން.. މިރެއަށް ޑެޑްލައިން ހަމަވާނެ.. ދެން މިރޭ ވާނެ މަށާ އެއްކޮށް އެ ގެއަށް ގޮސްލަން.. ނަސްރު ބޭނުންވެޔޯ.. އަހަރެމެންނާ އެކީ ނެގޯސިއޭޝަންތަކެއް ކުރަން.." އަސްލަމް ބުންޏެވެ.

ނަސްރަކީ މާލޭގެ ވަރުގަދަ ވިޔަފާރިވެރިއެކެވެ. އޭނާގެ މުޅި އާއިލާގެ މެންބަރުންގެ ވިޔަފާރި ކުރެއެވެ. އަޑު ފެތުރިފައިވާ ގޮތުގައި، ނަސްރުގެ ބައްޕަ، އާދަމާއި އޭނާއާ ދެމެދުގައި ވެސް ވިޔަފާރީގެ ވާދަވެރިކަން އޮވެއެވެ.

ހެނދުނު ހެނދުނާ، ކާޕެންޓްރީގް މުވައްޒަފުންނާ އެކީގައި މިމްރާޙް މަސައްކަތް ފެށިއެވެ. ވަޑާމުގެ މަސައްކަތަށް އަސްލަމް މިހާރު ހުންނަނީ ހަތަރު މުވައްޒަފަކު ވެސް ހޯދައިފައެވެ. ނަސްރު ޑިމާންޑް ކުރި އަދަދަށް މޭޒުތައް ހަދައި ނިމުނުއިރު، ޮއިރުއޮއްސިއްޖެއެވެ. އޭރު، ވަރުބަލިވެގެން މިމްރާޙް ނިދާލަން ބޭނުންވިއެވެ. ނަމަވެސް އަސްލަމާއެކު، ނަސްރުމެން ގެއަށް ދާން އެއްބަސްވެފައި އޮތުމުން، އެ ގެއަށް ދާން ތައްޔާރު ވާން މިމްރާޙް ފެންވަރައިލިއެވެ.

ފެންވަރައި ރީތިވެލައިގެން ނުކުތްއިރު، ހަސަން ކޮޓަރީގައި ހުރި އޭނާގެ އެނދުގައި އޮށޯވެލައިގެން އޮތެވެ. އާދައިގެ މަތިން އެ ރޭ ވެސް ހަސަން އޮތީ ފޯނުގައެވެ. އޭނާ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާއަށް ގުޅައިގެންނެވެ.

"ސިމާއަށް ސަލާން ބުނައްޗޭ.." އާދައިގެ މަތިން ސިމާއަށް މިމްރާޙް ސަލާން ބުންޏެވެ.

"ސިމާ.. އެ އުޅޭ މިމް ސަލާން ބުނި އިނގޭ.. މިމް.. މިމްއަށް ވެސް ސިމާ ސަލާން ބުނި.." ހަސަން ބުންޏެވެ.

އެހެން ރޭތަކުގައި ހަސަނަށް ދިމާކޮށް ވެސް މިމްރާޙް ހަދައެވެ. ނަމަވެސް އެ ރޭ ތަނަކަށް ދާން ވެސް އޮތުމުން ހަމައެކަނި ސަލާމް ބުނަމުން މިރޭ ނިންމައިލީއެވެ. މިމްރާޙް އޭނާގެ ގަޔަށް ބޮޑީ ސްޕްރޭ ޖަހައިލުމަށް ފަހު ކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުތް އިރު އޭނާގެ އިންތިޒާރުގައި އަސްލަމް ބޭރުގައި ހުއްޓެވެ.

****

ސައިކަލުގައި ދުއްވާފައި ދިޔައިރު މިމްރާޙުގެ ނަޒަރު ހުއްޓިފައި ވަނީ މަގުމަތީގައި ހިނގާ ކަންކަމަށެވެ. އޭނާ ފުރަތަމަ މާލެއަށް އައި ދުވަސްވަރާ މިދިޔަ ހަ އަހަރުގެ ތެރޭގައި މާލޭގެ މައްޗަށް އައިސްފައިވާ ބަދަލުތަކާ މެދު މިމްރާޙް ގެންދިޔައީ ފުންކޮށް ވިސްނަމުންނެވެ. އޭނާއަކީ މަގުމަތީ ހިނގަމުންދާއިރު އާންމުކޮށް ވަށައިގެން ފެންނަ މާހައުލާ މެދު އަބަދުވެސް ވިސްނާ ފިކުރުކޮށް އުޅޭ ކުއްޖެކެވެ. މިމްރާޙް ފުރަތަމަ މާލެ އައިއިރު ހުރިހާ މަގުތަކެއް ހުރީ ޗަކަ ހެދި ހަލާކު ވެފައެވެ. މިހާރު ހުރިހާ މަގެއްގައި ގައި ޖަހައިފައެވެ. އެއިރަށް ވުރެ ވެސް ގަސް މަދުވެއްޖެއެވެ. އިމާރާތްތައް ގިނަވިއިރު އިމާރާތްތައް އުސް ވެސް ވެއްޖެއެވެ. މަގުތައް އަލިވެ، އަނދިރި މަގުތައް މަދުވެއްޖެއެވެ.

ސައިކަލު ގޮސް ޕާކް ކުރީ ޝަހީދު އަލީ ހިނގުން މަގުގައި ހުރި އަލިރަސްގެފާނު ޒިޔާރަތް ކައިރިއަށެވެ. އެ ޒިޔާރަތް ކުރިމައްޗަށް ހުރި އިމާރާތުގައި ހުރީ ކޯޑު ލޮކަކުން ތަޅުވެލިފައެވެ. އެ ދުވަސްވަރު މާލޭގައި އެފަދަ ތަޅުތައް ހުންނަނީ މަދު ގެއެއްގައެވެ. ބޭރުގައި ހުރި ރަނގަބީލަށް އަސްލަމް ފިއްތާލުމުން އިރުކޮޅެއްގެ ތެރޭގައި ނަސްރު ތިރިއަށް އައިސްފިއެވެ. އަދި އެ ދެ މީހުން ގޮވައިގެން ދެވަނަ ބުރިއަށް އެރިއެވެ.

"އާދޭ.. ދެބަފައިން ވެސް.. އަންހެނުން އެބަ ހުރި ކުކުޅު ހަދާފައި.." މިހެން ބުނެފައި ދެ މީހުން ގޮވައިގެން ނަސްރު ދިޔައީ ކާގެއަށެވެ.

ކާ މޭޒު މަތީގައި އެކި ވައްތަރުގެ ކެއުން އަތުރާފައި ހުއްޓެވެ. ކުކުޅު ބިރިޔާނީގެ އިތުރުން ކުކުޅު ރިހަ ހުއްޓެވެ. ބަތާއި ރޮށި ހުއްޓެވެ. އަދި ކުކުޅު ރޯސްކޮށްލާފައި ވެސް ހުއްޓެވެ.

"ހާދަ މުއްސަނދިވީމައޭ މިހެން އަންނަ މެހެމާނަކަށް ވެސް އެ ވަރަށް ކެއުން ތައްޔާރު ކޮށްލެވޭނީ.." މިމްރާޙް ހިތަށް އެރިއެވެ.

****

ކައި ނިމިގެން، މުޙިއްމު ވާހަކަތަކެއް ދައްކަން ވެފައި ހުރި ކަމަށް ބުނެ އަސްލަމާއި ނަސްރު ދިޔައީ އެ ތަނުގައި ހުރި ކޮޓަރިއަކަށެވެ. އެ ކުރަން އުޅޭ މުއާމަލާތެއް ނިމެންދެން މިމްރާޙް މަޑު ކުރީ ސިޓިން ރޫމުގައެވެ. އެ ގޭގެ ސިޓިން ރޫމުގެ ވެސް ވަރަށް ބޮޑެވެ. މުޅި ސިޓިން ރޫމު ތެރެއަށް ނަޒަރު ހިންގަމުން ދަނިކޮށް ޓީވީ ކައިރީގައި އަންހެން ކުއްޖަކު ކޮންމެ ވެސް އެއްޗެއް ކުރަހަން ހުއްޓައި ފެނިއްޖެއެވެ.

އެ އަންހެން ކުއްޖާގެ ކޮންމެ ހަރަކާތެއް މިމްރާޙް ދިޔައީ ކަޅި ހުއްޓާ ނުލައި ބަލަމުންނެވެ. އެ ކުއްޖާގެ ކޮންމެ ހަރަކާތަކުން މިމްރާޙަށް ބުނެދެން ދަތި އިހްސާސްތަކެއް ކުރެވެމުން ދިޔައެވެ. އެ ކުއްޖާ އިނީ، އީޒްލް ސްޓޭންޑެއްގައި ކެންވަސްއެއް ބަހައްޓައިގެން އޭގައި މަންޒަރެއް ކުލަ ޖައްސަމުންނެވެ. އޭނާގެ ދިގު ފަން އިސްތަށިގަނޑު އޮތީ ހުޅިއެއް ޖަހައިފައެވެ. އެ ވަގުތު އޭނާ އަތުން އެ ދޮން މޫނުގައި ކުލަކޮޅެއް ކޭއްތުނެވެ. އެއިން ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާ އެކުގައި މިމްރާޙް ބަލަން ހުއްޓެވެ. ވެހެމުން ދިޔަ ބޯ ވާރޭގައި މުސްކުޅި އަންހެނަކު ތެމިފޯވަމުން ދަނިކޮށް ޒުވާން އަންހެން ކުއްޖަކު ގޮސް ކުޑައަކުން އެ އަންހެން މީހާ ހިޔާ ކޮށްދޭ މަންޒަރެކެވެ. އެ މަންޒަރުން ވަރަށް ފުން މާނައެއް މިމްރާޙަށް ދޭހަވިއެވެ. މަންޒަރު ކުރަހާލާފައި ވަނީ ވެސް އެހާ ފުރިހަމައަށެވެ.

އިރުކޮޅެއް ފަހުން އެ އަންހެން ކުއްޖާ މިމްރާޙާ ދިމާއަށް ބަލާލިއެވެ. މިމްރާހް، އޭނާއާ ދިމާއަށް ނުބަލާ ކަމަށް ހެދިފައި އެހެން ދިމާއަކަށް މޫނު އަނބުރާލިއެވެ. އެއަށް ފަހު މަޑުމަޑުން އެ ކުއްޖާއާ ދިމާއަށް އަލުން ބަލާލިއެވެ. އެ ކުއްޖާ ހުރީ ހަމަ މިމްރާޙާ ދިމާއަށް ބަލާށެވެ. އެ ކުއްޖާ ހީލިއެވެ. އެ ކުއްޖާގެ ހިނިތުންވުން ފެނިފައި ތަފާތު އިހްސާށެއް ކުރެވުނެވެ. ރައްދުގައި މިމްރާހް ވެސް ހީލިއެވެ. އޭރު އެ އަންހެން ކުއްޖާގެ ލޮލަށް މިމްރާޙް ބަލާލިއެވެ. ގަދަ ނޫ ކުލައިގެ ކަޅިއެވެ. އެއީ މިމްރާޙްގެ ކަޅީގެ ވެސް ހުރި ކުލައެވެ.

އިރުކޮޅެއް ފަހުން އަސްލަމާއި ނަސްރު އެ ތަނަށް އަތުވެއްޖެއެވެ. ހީވަނީ ކުރަން އޮތް މުއާމަލާތެއް ނިމި، ހުރިހާ ކަމެއް ހަމަަޖައްސައި ނިމުނީ ހެންޏެވެ. ދެން އަސްލަމާ އެކު މިމްރާހް ގެއަށް ދިޔައީއެވެ.

****

ގެއަށް ވަނުމާއެކު އެނދުމަތީގައި މިމްރާޙް އޮށޯތީ ވަރުބަލި ވެސް ވެފައި ހުރި ވަރުން ފަސޭހައިން ނިދޭނެ ކަމަށް ހިތައެވެ. ނަމަވެސް އެ ރޭ ވެސް މިމްރާޙަށް ނިދޭ ވަރެއް ނުވިއެވެ. ސިކުނޑިއަށް ޚިޔާލުތައް ފުރިބާރުވެފައެވެ. ނަސްރުމެންގެ ގެެއިން ފެނުނު އަންހެން ކުއްޖާގެ ޚިޔާލުތަކެވެ. މީގެ ކުރިން ވެސް މިމްރާހަށް އަންހެން ކުދިން ފެނެއެވެ. ނަމަވެސް މިފަދަ އިހްސާސްތަކެއް ނުކުރެވެއެވެ. ދެންމެ ފެނުނު ކުއްޖަކާ މެދު އެ ވަރަށް ވިސްނޭތީ އޭނާގެ އަމިއްލަ ނަފްސަށް މިމްރާޙް ކުދި ކިޔާލިއެވެ.

އެ ޚިޔާލުތަކުގައި މިމްރާޙަށް ނިދުނީ މެންދަންވި ފަހުންނެވެ. މިމްރާޙަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ ވަގުތަށް ގަޑި އެލާމް ކޮށްފައި އޮތުމުންނެވެ. އަވަހަށް ހޭލައިގެން ފެންވަރާލިއެވެ. ވުޟޫ ކޮށްގެން ފަތިސް ނަމާދު ކުރިއެވެ. އެއަށް ފަހު، ކާން ވެގެން އިށީނެވެ. އޭރު މޭޒު މަތީގައި ބަނަހާއި ޖޭމު ބަހައްޓާފައި ހުއްޓެވެ.

"މިއަދު ކްލާހަށް ދާ ފުރަތަމަ ދުވަސް ދޯ.." އަސްލަމް ވެސް މަސައްކަތަށް ނުކުތުމުގެ ކުރިން ކާން ވެގެން އިށީނެވެ.

"ކިހިނެއް ކްލާސްތައް މި އޮތީ.." އަސްލަމް އެހިއެވެ.

"ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން އެގާރައަށް.." މިމްރާޙް ޖަވާބު ދިނެވެ. ކާ ނިންމައިގެން މިމްރާޙް ދިޔައީ ސެންޓަރަށެވެ.

****

މިމްރާޙް ހީކުރި ގޮތާ ޚިލާފަށް ކްލާހުގައި ކުދިން މަދެވެ. މިމްރާޙް ރަނގަޅަށް ކްލާސް ތެރެއަށް ބަލާލިއެވެ. ދެ އަންހެން ކުދިންނާއި ނުވަ ފިރިހެން ކުދިން ތިއްބެވެ. އެ ގަޑިއަށް ކްލާހަށް އިތުރު އެހެން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ވަނެވެ. ކަޅު ކުލައިގެ ދިގު ފަން އިސްތަށިގަނޑާކާއި، އިސްކޮޅުން ކުރު އެ ކުއްޖަކީ މިމްރާޙަށް ނަސްރުމެންގެ ގެއިން ފެނުނު ކުއްޖާއެވެ. އޭނާ ލައިގެން ހުރީ ބާރު ޓީޝާޓަކާއި ތިރިން މަޑު ނޫ ކުލައިގެ ޖިންސެކެވެ. އެ ކުއްޖާއަށް މިމްރާޙް ފެނުމާއެކު ހީލިއެވެ. ރައްދުގައި މިމްރާޙް ވެސް ހީލިއެވެ.

"އެ ރީތި ކުއްޖާ ވެސް އެއައީ ފިހެނަކާ އެކު.. ކިހިނެއް ހެޔޮ ވާނީ.. ބޭބެއަށް ވިއްޔާ ރަނގަޅީ ދެން.." މިމްރާޙް ހިތަށް އެރިއެވެ.

ކްލާހަށް މުދައްރިސް ވަނުމާއެކު އެންމެން ކޮޅަށް ތެދުވިއެވެ.

"އައްސަލާމް އަލައިކުމް.." މުދައްރިސް ސަލާން ގޮވުމުން ހުރިހާ ކުދިން ސަލާމަށް ޖަވާބު ދިނެވެ.

އެއަށް ފަހު މުދައްރިސްގެ އިޒުނައާއެކު ހުރިހާ ކުދިން ވެސް އިށީނެވެ.

"މިއަދު ފުރަތަމަ ދުވަސްވީމަ ސަރ އެއްވެސް ވަރަކަށް ފިޔާވަޅުގެ ބައެއް ކުރިއަކަށް ނުގެންދާނަން.. މިއަދު އޮންނާނީ އެންމެން އެކަކު އަނެކަކަށް ތައާރަފް ވުން.. ސަރއަކީ ޢަލީ ނާސިރު.. ރައްޓެހިން އާންމުކޮށް ކިޔައި އުޅެނީ އައްޔަ.. ތި ކުދިން އައްޔަ ސަރ ކީމަ ރަނގަޅު ވާނެ.. ސަރ މިއީ މި ތަން ހުޅުވީއްސުރެން ހިސާބު ކިޔަވައިދޭން އަންނަ ޓީޗަރު.. މި ކޯހުގައި ވެސް ހިސާބު ކިޔައިވައިދޭނީ ސަރ." އަލީ ސަރ އޭނާގެ ތަރާފެއް ދިނެވެ.

"ހިނގާ ދެން ތި ކުދިން ވެސް ތައާރަފް ވެލަން.. އެންމެ މި ކޮޅުް ފަށަމާ.." އަލީ ސަރ އިނގިލި ދިއްކޮށްލީ، ނަސްރުމެންގެ ގެއިން މިމްރާޙަށް ފެނުނު އަންހެން ކުއްޖާއަށް ދިމާއަށެވެ.

މިމްރާހްގެ އިތުރުން ކްލާހުގެ އެހެން ހުރިހާ ފިރިހެން ކުދިންގެ ނަޒަރު ވެސް ހުއްޓިފައި ހުރީ އެ ކުއްޖާއަށެވެ. އޭނާގެ ނަން އަޑުއަހާލަން މިމްރާޙް ވެސް ހުރީ ކެތް މަދުވެފައެވެ. އޭނާ ކޮޅަށް ތެދުވިއެވެ.

"ނޫރާ.. އަޅުގަނޑުގެ ނަމަކީ އައިޝަތު ނޫރާ އާދަމް.."

(ނުނިމޭ)