އީދު ބަންދުގެ ކުރިން އޮތް ފަހު ކްލާހަށް ވީތީ އީދު ބަންދުގައި ކުރާނެ ކަމެއް ރާވާށާ އެކުގައި ހަ ކުދިން އެ ދުވަހުގެ ކްލާސް ނިމިގެން ސެންޓަރު ކައިރީގައި ހުންނަ ކެފޭއަށް ދިޔައެވެ.

"އަހަރެން ބޭނުމެއް ނޫން.. މި އީދު ބަންދު އެއްކޮށް މާލޭގަ ހޭދަ ކުރާކަށް.. އެކަނި ދާން ޖެހުނަސް ކޮންމެ ވެސް ތާކަށް މަ ދާނަން.." އާސިމާ ބުންޏެވެ. އޭނާއަކީ ދަތުރުކޮށް މޫދަށް އެރި އުޅުމުގައި ފޯރި ހުންނަ އަންހެނެކެވެ.

"މި ހުރީނު.. މިމްރާޙް.. ތުލުސްދޫއަށް ދާނީ.. އެއީ ދެން މި ތާނ ކައިރިއޭނު.." އަޒުމާ އެހެން ބުނުމާއެކު މިމްރާޙަށް ހުއްޓުން އެރިއެވެ. ރަށަށް ދިއުމަށް ވުރެ އޭނައަށް އީދު ބަންދު މާލޭގައި ކަމެއް ނެތި ހޭދަ ކުރުން ވެސް މާ ރަނގަޅެވެ.

"ހިނގާބަލަ އަހަރެމެން އެކަކު ވެސް ނުދާ ރަށަކަށް ދާން.. މަ ވަރަށް ގިނައިން ތުލުސްދޫއަށް ގޮސްފިން.. އަނެއްކާ އެއީ މިމްގެ ރަށް.. އޭނަ ވެސް ބޭނުން ވަނީ ބޮޑަށް ނުދާ ތާކަށް ދާން.. ދޯ މިމް.." ވިއާމު، މިމްރާޙް ސަލާމަތް ކޮށްދީފިއެވެ.

"ތިހެން ވިއްޔާ މި ތަނުން ކާކު ހުރައަށް ދިޔައީ.؟" ނޫރާ އެހިއެވެ. އެއިން އެކަކު ވެސް މިހާތަނަށް ހުރައަށް ގޮސްފައި ނުވާތީ އެ އީދު ބަންދުގައި އެ ރަށަށްދާ ގޮތަށް ނިންމިއެވެ.

****

އީދު ބަންދު އައުމާ ގުޅިގެން ޔާސީން ވެސް މާލެ އަތުވެއްޖެއެވެ.

"ހިނގާބަލަ އަހަރެމެން ތިން ބެއިން ވެގެން އީދު ބަންދުގައި ކައިރި ރަށަކަށް ގޮސްލަން.. ނޫނީ އަހަރެމެް ރިސޯޓަށް ވެސް ދެވިދާނެ.." ޔާސީން ބުންޏެވެ.

"އާނ.. ދެން މިހާރު އޮންނާނީ ރިސޯޓް ލައިފް މޮޅެތި ވާހަކަ ދެއްކުން.. ދޯ ރިސޯޓް ބޯއީ.." ހަސަން ސަމާސާކޮށްލިއެވެ.

"މި އީދު ބަންދުގަ މި އުޅެނީ ކްލާސް ކުދިންނާ އެކު ހުރައަށް ދާން ވެގެން.. އެ މީހުން ކައިރީ އާނއެކޭ ވެސް ބުނެވިއްޖެ.." މިމްރާހް ބުންޏެވެ.

"އާނ.. ދެން އޮތް ބަންދެއްގަ.. އަހަރެމެން ތިން މީހުން އެކީ ސަކަރާތް ޖަހާ ނުލާތާ ހާދަ ދުވަސް ވެއްޖެއޭ.. މި ފަހަރު މަށާއި ހަސަނާ ކޮންމެ ވެސް ކަމެއް ރާވާލާނީ ދެން ދޯ.." ޔާސީން ބުންޏެވެ.

އެ ވާހަކަތައް އަޑުއަހަން ތިބި އަސްލަމާއި ޙައްވާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. ޔާސީނާއި ހަސަން ވެސް އެ މީހުންގެ އެއް ބަނޑު އެއް ބަފާ ކޮއްކޮއެއްގެ ގޮތުގައި މިމްރާޙް ދެކެމުން ދާތީއެވެ.

"ރައުފާ މިއަދު ދުނިޔޭގައި ހުރި ނަމަ.. އަމިއްލަ ދަރިފުޅާ މެދު ހާދަ ފަޚްރުވެރިވާނެއޭ.." އަސްލަމް ކައިރީގައި ވަރަށް މަޑުމަޑުން ޙައްވާ ބުންޏެވެ.

****

ޙައްޖު ދުވަސް އައުމާއެކު ނޫރާ ބުރުގާ އަޅައިފިއެވެ. އެއީ އައުޒަމް އެހާ ހިތްހަމަ ޖެހުނު ކަމަކަށް ނުވެއެވެ. އައުޒަމަށް ކަމުދަނީ ކުރިން ނޫރާ ހުންނަ ގޮތެވެ. އޭނާ ރައްޓެހިން ކައިރީ އެންމެ ބޮޑަށް ބުނާ ވާހައަކީ ވެސް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިއަކީ ވަރަށް ފެޝަން ރީތި ކުއްޖެއް ކަމުގައެވެ. ބުރުގާ އެޅިޔަސް ނޫރާގެ ރީތިކަން މުޅި މާލެއަށް މަޝްހޫރު ވީތީ އަދިވެސް އެ ޝަރަފެއް އޮންނާނެ ކަމަށް އައުޒަމް ޤަބޫލު ކުރެއެވެ. އެހެންވެ ނޫރާ ބުރުގާ އެޅުން އޭނާ މާ ބޮޑު މައްސަލަގަނޑަކަށް ނުހެދިއެވެ. އަދި ނޫރާ ކުރަން ބޭނުންވާ ކަމެއް ކުރުމަށް އޭނާއަށް ނުހުއްޓުވޭނެ ކަން ވެސް އެނގެއެވެ. އެހެން ވިޔަސް ނޫރާއަށް އަންނަ ބަދަލުތަކާ ގުޅިގެން އޭނާ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. މީގެ ކުރިން ނޫރާއާ ގާތް ވާން ލިބޭ ވަރަށް ފުރުސަތު ވެސް އޭނައަށް ނުދެނީއެވެ.

****

ހުރައަށް ދާން ފުރާ ގޮތަށް ހަމަޖެއްސީ ޙައްޖު ދުވަހުގެ ރޭގަނޑަށެވެ. މިމްރާޙާއި ވިއާމު ސައިކަލުގައި ދުއްވާފައި ގޮސް މާލޭގެ އުތުރު ސަރަހައްދު ބަނދަރު ކައިރީގައި ޕާކް ކޮށްލިއެވެ. މި ފަހަރު ސައިކަލު ދުއްވީ މިމްރާޙެވެ. އޭރު ބަނދަރު ސަރަހައްދުގައި ނޫރާއާއި އައުޒަމް ގޮސް ހުއްޓެވެ. ނޫރާ ބުރުގާ އަޅައިގެން ހުރި މަންޒަރު ފެނުމުން މީގެ ކުރިން ދުވަހަކު ވެސް އިހްސާސް ނުކުރެވޭ ވަރުގެ އުފާވެރިކަމެއް މިމްރާހަށް އިހްސާސް ކުރަމުން ދިޔައެވެ. ނޫރާ ހުރީ ވެސް އޭނާ ގެންގުޅޭ ބުޅާ، މިއޯ ވެސް ގޮވައިގެންނެވެ. ކައިރީގައި އައުޒަމް ހުރި ކަން އެ ވަރަށް އިހްސާސް ވެސް ނުކުރެވުނީ ކަން ނޭނގެއެވެ. މިމްރާޙް ގޮސް ނޫރާއާއެކު މިއޯ ގޮވައިގެން ސަކަރާތް ޖަހަން ފެށިއެވެ. ބުޅަލަކީ އައުޒަމް އެހާ ގަޔާވާ އެއްޗެއް ވެސް ނޫނެވެ.

އިރުކޮޅެއް ފަހުން އާސިމާއާއި އަޒުމާ ވެސް އައިސްފިއެވެ. އާސިމާ މަތިން ލައިގެން ހުރީ ގަޔަށް ބާރު ކަޅު ކުލައިގެ ޓީޝާޓެކެވެ. ތިރިން ލައިގެން ހުރީ ޖިންސް ފޮތީގެ ކުޑަކުޑަ ސޯޓެކެވެ. އެ ހެދުމުގައި އޭނާގެ ހަށިގަނޑުގެ ބައްޓަން ވަރަށް ބޮޑަށް ފާޅުވެއެވެ. އާސިމާއާ ދިމާއަށް އައުޒަމް ނަޒަރު ހިންގަމުންދާ ކަން ނޫރާއަށް ފާހަގަކުރެވުނެވެ. އެހެންވިޔަސް އެކަމާ އެހާ ބޮޑަށް އަޅައި ނުލައި އޭނާ އުޅުނީ މިމްރާޙާއެކު މިއޯ ގޮވައިގެން ސަކަރާތް ޖެހުމުގައެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރުގެ ދަތުރަކަށް ފަހު ހުރައަށް ދެވިއްޖެއެވެ. ހުރާގައި މަޑުކުރަން ގެއެއް ހަމަޖެއްސީ އާސިމާއެވެ. އެއީ އޭނާގެ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ގޭގައި ދެ ކޮޓަރި ހުހަށް ހުރުމުންނެވެ. ހުރިހާ އަންހެން ކުދިން އެއް ކޮޓަރީގައި ތިބެފައި އަނެއް ކޮޓަރީގައި ހުރިހާ ފިރިހެން ކުދިން ތިބޭ ގޮތަށް ހަމަޖެއްސިއެވެ.

"އޭނ.. ނިދަން ދިއުމުގެ ކުރިން ހިނގާބަލަ ކޮންމެ ވެސް އެއްޗެއް ކައްކަން.. މިހާރު އެ ހުރިހާ ފިރިހެނުން ވެސް ތިބޭނީ ނިދާފަ ކަންނޭނގޭ.." އަޒުމާ ކައިރިއަށް ނިދި ވެސް އަންނަ ހެނެއް ހިއެއް ނުވެއެވެ.

"އާނ.. މަ ވެސް ބަނޑުހައިވެފަ މި ހުރީ.. ދެންމެ ދެންމެ ވެއްޓިދާނެ ހެން ވެސް ހީވޭ.." ނޫރާ ވެސް ބޭނުމީ އެއްޗެއް ކައްކައިގެން ވިޔަސް ކާށެވެ.

"މަ މި އޮތީ ވަރަށް ނިދި އައިސްފަ.. ތި ދެ ކުދިން ބޭނުމިއްޔާ ގޮސް ކައްކައިގެން ކާލަންވީނު.. އައި އޭމް ގޮނަ ސްލީޕް.." މިހެން ބުނެފައި އާސިމާ އޭނާގެ މުޅި ހަށިގަނޑުގައި ރަޖާ އަޅައިގެން އޮށޯތެވެ.

"އެއީ.. އޭނަ އަބަދުވެސް.. މުޅި ގައިގައި ރަޖާ އަޅައިގެން ނިދާނީ.." އާސިމާ މުޅި ހަށިގަނޑުގައި ރަޖާ އަޅައިގެން ނިދަން އޮށޯތުމުން ހައިރާން ވެފައި ހުންނަ ގޮތަކަށް ނޫރާ އެ ދިމާއަށް ބަލަހައްޓައިގެން ހުރުމުން އަޒުމާ ބުންޏެވެ.

"އާނ.. އޭރުންނޭނު.. ރަޖާ ދަށުގަ ބާލީސް ބަހައްޓައިފަ.. އާއިލާ މީހުނަށް ފިލައިގެން ރޭގަނޑު ގަޑީގަ ކޮޓަރިން ނުކުމެގެން ބިޓުން ކައިރިއަށް ވެސް ދޭވޭނީ.." ނޫރާ ސަމާސާ ކޮށްލިއެވެ.

އެ ދެ ކުދިން ނުކުމެގެން ބަދިގެއަށް ދިޔައިރު މިމްރާޙާއި ވިއާމު އޭރު ވެސް ތިބީ ބަދިގޭގައެވެ.

"ކަލޭމެން މިހާރު ވެސް އައިސް ތި ތިބީ އެއްޗެއް ކައްކަން އައިސް ދޯ.. ކޮބައި އެ އައުޒަމް.." އަޒުމާ އެހިއެވެ.

"އޭނަ އެބައިން ކޮންމެ ވެސް އޮފީސް ކަމެއްގަ. މާދަމާއަށް ސަބްމިޓް ކުރަން ޖެހޭ ޑޮކިއުމަންޓްތަކެކޯ.." ވިއާމު ބުންޏެވެ.

އޭރު މިމްރާހް ހުރީ އުދުން ކައިރީ ނޫޑްލްސް ކައްކާށެވެ.

"މިމް.. އާންމުކޮށް ކައްކައި އުޅެންތަ.؟" މިމްރާހްގެ ކަންފަތް ކައިރީގައި މަޑުމަޑުން ނޫރާ އަހާލިއެވެ.

"އާނ.. ޙައްވައްތަ ހުންނާނީ ހުރިހާ ކުދިންނަށް ވެސް ކައްކަން ދަސްކޮށްދީފަ.." މިމްރާޙް ބުންޏެވެ.

ކައްކައި ނިމުމުން ސިޓިން ރޫމުގައި ހުރި ކާ މޭޒު މަތީގައި ނޫޑްލްސް ހުރި ތެލި ބެއިންދިއެވެ.

"ޔަމީ.. މި ވަރަށް މީރު އިނގޭ.." ނޫޑްލްސް ކޮޅެއް ކާލަމުން އަޒުމާ ބުންޏެވެ.

"އާނ.. އަހަރެމެން ދެ މީހުންގެ ކަމަކީ މި.. ދޯ މިމް.." ވިއާމު ބުންޏެވެ.

"އަސްލު ވެސް ވަރަށް މީރު.. މި ދަތުރުގަ ކޮންމެ ރެއަކު ވެސް ކައްކަން ޖެހޭނީ ތި ދެ މީހުން.." ސަމާސާ ރާގެއްގައި ނޫރާ ބުންޏެވެ.

ނޫރާ ކަމުން ދިޔައިރު މިއޯއަށް ވެސް ނޫޑްލްސް ކޮޅެއް ދެމުން ދިޔައެވެ. ނޫރާގެ އެއިން ކޮންމެ ހަރަކާތެއް ވެސް މިމްރާޙް ގެންދިޔައީ ސަމާލު ކަން ދެމުންނެވެ. މިމްރާޙްގެ މިއޯގެ މަތިން އޭނާ އަބަދުވެސް ހަނދާންވެއެވެ. ކައި ނިމިގެން ހަތަރު ކުދިން ކޮޓަރިއަށް ގޮސް ނިދީއެވެ.

****

އަނެއް ދުވަހު ހެނދުނު ހެނދުނާ ތެދުވެގެން ހަ ކުދިން ވެސް ފެންވަރާ ރީތިވެލައިގެން ނުކުތީ އީދު ނަމާދަށް ދިއުމަށެވެ. އާންމުކޮށް ނަމާދަށް ގޮސް ނޫޅޭ އައުޒަމް ވެސް އެ ދުވަހު އީދު ނަމާދު ކުރަން ދިޔައެވެ. އީދު ނަމާދުކޮށް ނިންމައިގެން ހަ ކުދިން ދިޔައީ ހެދުން ބަދަލުކޮށްލައިގެން އެ ރަށުގެ ކުޅި ސަރަހައްދަށެވެ. ކުޅިއަކީ މިމްރާހް ވަރަށް ކުޑައިރުއްސުރެން ކަމުދާ ތަނެކެވެ. ކުޅިއަށް އެރިލުމަކީ އޭނާ ވަރަށް ބޭނުންތެރި ވެފައި ހުރި ކަމެކެވެ. މިއީ އޭނާގެ ހަމަ ލޮލުން ކުޅިއެއް ފެނުނު ފުރަތަމަ ފަހަރެވެ. ކުޅި ފެނުމާއެކު އެންމެ ފުރަތަމަ އެރި ގަތީ ވެސް އޭނައެވެ. އޭނާއާއެކު ދެން ތިބި ކުދިން ވެސް ކުޅިއަށް އެރިގަތެވެ. އަދި ވިއާމުގެ ކެމެރާއިން އެ މަންޒަރުތަކުގެ ފޮޓޯ ނެގިއެވެ. ވިއާމަކީ ފޮޓޯ ނަގާ ހިތްވާ ކުއްޖެކެވެ.

ދެން އެންމެން ދިޔައީ މަސް ބާނާށެވެ. މަސް ބާނައިގެން އައިސް ހުރާ ގޮނޑޮދޮށުގައި ތިބެގެން މަސް ފިހުނެވެ. ހުރިހާ ފިރިހެން ކުދިން މަސް ފިހުމުގައި އުޅުނުއިރު، މަސް ފިހެ ނިމެންވާއިރަށް ހުރިހާ އަންހެން ކުދިން ވެގެން ގެއިން ރޮށި ފިހެގެން އައެވެ. ހަ ކުދިން ގެއަށް ދިޔައީ މެންދުރު ނަމާދަށް ބަންގި ގޮވުމުންނެވެ. ހަވީރު އެ ރަށުގައި އޮތް އީދު ކުޅިވަރުތައް ބަލާލިއެވެ. ހަ ކުދިން ބޭރަށް އޭރު ނުކުތް ގޮތަށް ދެން ގެއަށް ދިޔައީ އިރުއޮއްސުމުންނެވެ. އެ ހުރިހާ ވަގުތެއްގައި ވެސް ވިއާމުގެ ނަޒަރު ހުރީ އައުޒަމަށެވެ. ކޮންމެ ފޮޓޯއެއްގައި އައުޒަމް ހުންނަނީ އާސިމާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ކޮންމެ ވެސް ނުބައެއް ހިނގަން އުޅޭހެން ވިއާމަށް ހީވާން ފެށިއެވެ.

****

ނޫރާ ބަދިގެ ތެރޭގައި މިއޯއަށް ކާން ދޭން އިންދައި، އައުޒަމް އޭނާ ކައިރިއަށް އައިސް އިށީނެވެ.

"ނޫރާ ލޯބީ.. މި ތަނަށް އައިއްސުރެން ރަނގަޅަށް ވާހަކަ ނުދައްކަން.. ކަމެއް ގޯސްވީތަ.." ނޫރާގެ އަތުގައި ހިފާލަމުން ބުންޏެވެ.

"ނޫން.. އައޫ.. ހުރިހާ ކަމެއް ވެސް އޯކޭ.. އަދި އަހަރެމެން ވެސް އޯކޭ.." ނޫރާ މިހެން ބުނުމާއެކު ނޫރާގެ ކޮލުގައި އައުޒަމް ބޮސް ދިނެވެ.

ގިނައިން ދޭން ފެށިއެވެ. މީގެ ކުރިން ވެސް އައުޒަމް އެހެން ކޮލަށް ބޮސްދީ އުޅެއެވެ. ދެން ނޫރާގެ ތުންފަތުގައި ބޮސްދީ، މަޑުމަޑުން އައުޒަމްގެ އަތް ދިޔައީ ކައިވެނީގެ ކުރިން ބީހެން ނުވާނެ ހިސާބަކަށެވެ. ނޫރާ އައުޒަމްގެ އަތް ފޮޅާލިއެވެ.

"ނޫން.. އައޫ.. އަހަރެން ބޭނުމެއް ނޫން.. ކުރިން ވެސް އޮންނާނީ ބުނެފަ.. ކައިވެނީގެ ކުރިން މިއިން އެއްވެސް ކަމެއް ބޭނުމެއް ނޫން.." ނޫރާ މިހެން ބުނެފއި މިއޯ ގޮވައިގެން، ވަރަށް ރުޅި އައިސް ހުރެ ގޮސްފިއެވެ.

އައުޒަމް ވެސް ބޭރަށް ނުކުމެގެން ދިޔައީއެވެ. އޭނާ ހުރީ ވެސް ނޫރާ ދެކެ ރުޅި އައިސްފައެވެ. ނުކުމެގެން ގޮސް އެ ގޭ ކުރިމަތީގައި ފަޅުކޮށް ހުރި ގެއެއްގެ ތެރެއަށް އޭނާ ވަނެވެ. އެ ގޭތެރެއަށް ވަން އިރު އާސިމާ ހުއްޓެވެ. އާސިމާ ލައިގެން ހުރީ ބާރު ޓީޝާޓަކާއި ތިރިން ކުރުކުރު ޖިންސް ފޮޓީގެ ޝޯޓެކެވެ. ވަގުތުން އާސިމާގެ ފަން އިސްތަށިގަނޑުގައި ހިފާފާއި އައުޒަމްއާ އޭނާ ކައިރިކޮށްލިއެވެ. ދެން އާސިމާ އައުޒަމް ދުރަށް ކޮށްޕާލިއެވެ. އަދި އެ ތަނުގައި ހުރި ދަބަހަކުން ދެ ފުޅިއެއް ނެގިއެވެ. އެއީ ބަނގުރާ ދެ ފުޅިއެކެވެ. އެއިން ފުޅިއެއްގައި ހުރި ބުއިން ދެ ތަށްޓަކައި އަޅައި އެއިން އެއް ތަށި އައުޒަމްއަށް ދިއްކޮށްލިއެވެ. ދެ ކުދިން ތިބެގެން އެ ތަނުގެ ތެރޭގައި ރާ ބޮއެ މަސްތުވިއެވެ.

****

"އައުޒަމް.." ބާރު އަޑަކުން މީހަކު ގޮވާލި އަޑު އިވެގެން ދެ ކުދިން ސިއްސައިގެން ގޮސް ބޭރަށް ބަލާލިއެވެ.

އެ ދެ ކުދިން ކުރަން ތިބި މުޑުދާރު އަމަލު ވިއާމާއި ނުރާއަށް ފެނުނީއެވެ. ނޫރާއަށް އިރުކޮޅަކަށް ވެސް މަންޒަރު ބަލަން ނުހުރެވިގެން ރޮމުން ރޮމުން ގޮސްފިއެވެ. ނަމަވެސް އައުޒަމަށް އެއްވެސް އެއްޗެއް ހިތަކަށް ނޭރިއެވެ. ނޫރާ މަތިން ފޫހިވެ ރުޅިވާން އޭނާ ބޭނުން ވެފައި ހުރިތާ ކިތަންމެ ދުވަހެކެވެ. އެ މަންޒަރު ފެނުމާ އެކު އެ ގުޅުން ނިމިގެން ދިޔައީތީ ހިތްހަމަޖެހުމެއް ވެސް އައުޒަމްގެ އޮތީތީއެވެ. އަދި އެ ވާހަކަ ގޮސް މަންމަ ބައްޕަ ކައިރީ ނުކިޔާނެ ކަން ވެސް އޭނާއަށް ޔަގީންވާތީއެވެ.

(ނުނިމޭ)