ކ. މާލެ

އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ފައިސަލް ވާދަކުރާނެ ކަން އިއުލާންކޮށްފިއެވެ. މި ކަން އިއުލާން ކުރުމަށް ޓަކައި މާލެ ދަރުބާރުގޭ ކުއްޔަށް ނަގައިގެން ބޮޑު ހަފްލާއެއް ވެސް ބޭއްވިއެވެ. މި ހަފްލާގައި ފައިސަލްގެ އަނބިމީހާގެ ހައިސިއްޔަތުން ނޫރާ ވެސް ބައިވެރިވިއެވެ. އިހްސާސް ކުރަމުން ދިޔަ ވޭންތައް އެއްވެސް މިންވަރަކަށް ބޭރު ފުށުން އޭނާ ނުދައްކައެވެ. އެންމެނާ ވެސް ހިނިތުންވުމަކާ އެކު މުހާތަބް ކުރެއެވެ. ފިރިމީހާއަށް ކާމިޔާބު ލިބޭނެ ކަމުގެ އުއްމީދީ ވާހަކަތަކެކެވެ.

ފައިސަލް ވަނީ މަދު އަހަރުތަކެއްގެ ތެރޭގައި އޭނާގެ ވިޔަފާރިތައް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ރާއްޖެއަށް ގިނަ މުދާ އެތެރެކޮށް އެހެން ފިހާރަތަކަށް ވިއްކަމުން ދަނީ އޭނާއެވެ. ބައެއް ރެސްޓޯރަންޓްތައް ހިންގަމުންދާއިރު، ހުޅުމާލޭގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ސަރުކާރުން ދިން ފަހުން އެ ރަށުގައި ގެސްޓް ހައުސްއެއް ވެސް ހުޅުވައިފިއެވެ. އައްޑުއާއި ކުޅުދުއްފުށީގައި ވެސް ވިޔަފާރިތައް ފަށައިފިއެވެ. ލަންކާގައި ވެސް އޭނާގެ ފިހާރަތައް ހުޅުވައި ވިޔަފާރި ފުޅާކޮށްފައިވެއެވެ. އެއީ ބޮޑަށް ބްރޭންޑް ކޮށްފައިވާ އަންނައުނު ވިއްކާ ފިހާރަތަކެކެވެ.

"ނޫރާ.. އަހަރެމެން ނޭނގެ ދޯ މިހާރު.. ފެނުނަސް.." ނޫރާ ކައިރިއަށް އާސިމާ އައިސްފައި ބުންޏެވެ.

"އާސިމާ މަތިން ހަނދާން ހުންނާނެ ދޯ.. ޚާއްސަކޮށް ހުރާ ދަތުރު މަތިން ވަރަށް މިސް.. ވަރަށް މަޖާ ދުވަސްވަރެއް އެއީ.." އާސިމާ އެ ރޭ ކުރި ކަންކަމަށް މައާފް ދޭން ވެސް ނޫރާ ބޭނުމެއް ނުވެއެވެ.

"އެޔެއް ނޫނޭ.. މަރުޚަބާ.. އިރާދަކުރެއްވިއްޔާ ދެން ރާއްޖޭގެ ފަސްޓް ލޭޑީ ތިއީ.." އާސިމާ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ.." ނޫރާ ބޭނުންވީ އާސިމާއާ އިތުރު ވާހަކަތަކެއް ނުދައްކާށެވެ.

"އަހަރެން ކަމަކު ބުނަން މި އައީ.." އާސިމާ މިހެން ބުނިއިރު، ނޫރާއަށް ކުރިން ވެސް ޤަބޫލު ކުރެވުނީ މިފަދަ ގޮތަކަށެވެ.

"ފައިސަލް ޝެޑޯ ކެބިނެޓް މިރެއިން ރާވާނެ ކަމަށް ވަނީ.. ވާދަވެރި އެއްވެސް ބަޔަކު އޭނާއާ ގުޅޭނެ ހެނެއް ހިއެއް ނުވޭ.. އަހަރެންގެ ބައްޕަ ދުވަސްތަކަކަށް ސިޔާސީ ކަންކަމުގަ ފެއަށް ޖެހި ހުއްޓަސް މާލެއަކީ އަދިވެސް އޭނަގެ ކޮންޓްރޯލް އޮތް ތަނެއް.. ތި ކެބިނެޓަށް މަ ގެންނަންވީ. އޭރުން މަގޭ ބައްޕަ ވެސް މި ކޮޅުގަ ހުރި ކަމަށް ޤަބޫލު ކުރެވޭނެ. ދެ ފަރާތަށް ވެސް މީގެ ފައިދާ އޮންނާނެ." އާސިމާ ބުންޏެވެ.

"އަހަރެން ފައިސަލް ގާތުގައި އަހާނަން.." ނޫރާ ބުންޏެވެ.

ހަފްލާ ކުރިއަށް ދިޔައީ ކެއުންތަކާ އެކުގައެވެ. ފައިސަލްގެ ސަޕޯޓަރުން ވަރަށް ގިނައެވެ. ދަރުބާރުގެ އެތެރެ ފުރިފައިވާއިރު، ބޭރުގައި ވެސް މީހުން ތިއްބެވެ. އެހެން މީހުންނަށް ވެސް ކެއުން އެ ތަނުން ނެގޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައިވެއެވެ.

މިދިޔަ އަހަރުތަކުގައި ވަޒީރު ކަމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތުން އޭނާ ވެގެން ދިޔައީ ނުފޫޒުގަދަ އަދި އާންމުންގެ ތެރޭގައި ވެސް މަޤްބޫލް ބޭފުޅަކަށެވެ. މި ހަފްލާއަށް ވެސް މާލެއިން ގިނަ ބަޔަކު ޖަމާވެ ތިއްބެވެ. ފައިސަލް ހުރީ ސަޕޯޓަރުންގެ ގިނަ ބަޔަކާ ބައްދަލުކޮށް ވާހަކަ ދެއްކުމުގައި މަސްއޫލު ވެގެނެވެ. އޭނާގެ ވާހަކަ އަވަހަށް ނުނިމޭނެކަން ނޫރާއަށް އެނގެއެވެ. ވަރުބަލި ވެފައި ހުރުމުން އަވަހަށް ގެއަށް ދެން ދިޔައީއެވެ.

****

ކުއްލިއަކަށް މީހަކު ދޮރުގައި ތަޅައިގަންނަ އަޑަށް ނޫރާއަށް ހޭލެވުނެވެ. އޭނާ އޮތީ ވަރަށް ބިރުންނެވެ. އަންނަން އޮތް އަނިޔާތަކާއި ހަމަލާތައް އޭނާއަށް އެނގެއެވެ. ފައިސަލްއަކީ ކިޔަވައިގެން ހުރި ތައުލީމީ ބޭފުޅެކެވެ. ގަދަ ބަރާއި ނުފޫޒުން ކައިވެނި ކުރިއަސް ދެ މީހުނަށް އުފާވެރި ޒަވާޖީ ހަޔާތެއް ހޭދަކުރެވޭނެ ކަމުގައި ނޫރާ ދެކުނެވެ. އެކަމަކު ކަންކަން ދިޔައީ އެހެނެވެ. ބައްޕައާއި މަންމައާ ގުޅުން ގޯސް ކުރަން ބޭނުން ނުވާތީ ލިބެމުންދާ އަނިޔާތަކަށް ކެތް ކޮށްގެން އޭނާ ހުރީއެވެ.

ނޫރާ ދޮރު ހުޅުވާލުމާއެކު ނޫރާގެ މޫނު މަތީގައި ފައިސަލް ބާރު އެތި ފަހަރެއް ޖެހިއެވެ.

"މަށާ އެކީ ދޯ އަންނަން ޖެހޭނީ.. މީހުން ހީކުރާނެ އެއްޗަކަށް އެއްވެސް ވަރަކަށް ކަލޭ ނުވިސްނާ.." ފައިސަލް ހުރީ ވަރަށް ރުޅިގަދަވެފައެވެ.

"ފައިސަލް.. ސޮރީ.. މިއަދު ވަރަށް ބިޒީކޮށް އިވެންޓްތަކުގަ ދިޔައީ.. މަ ވަރުބަލި ވާން ފެށީމަ އައީ.. ވަރަށް ބޮޑަށް ސޮރީ.." ނޫރާ ރޯން ފެށިއެވެ.

"ތި ޑްރާމާ މަށަށް ދައްކާނެ ކަމެއް ނެތް.." ނޫރާ އެނދަށް ކޮއްޕާލަމުން ފައިސަލް ބުންޏެވެ.

އެނދުގެ ދެ ފަރާތުގައި ނޫރާގެ ދެ އަތް ބަނދެ އައްސައިލިއެވެ. ދެ ފައި ވެސް ވާކޮޅަކުން ބަނދެލިއެވެ. އަދި ނޫރާ ލައިގެން ހުރި އަންނައުނު ބޭލިއެވެ. އަލަމާރިން ފައިސަލް ނެގީ ދަގަނޑެކެވެ. އެ ދަގަނޑުން ނޫރާގެ ހަށިގަނޑުގެ އެކި ދިމާލުގައި ބާރަށް ޖަހަން ފެށިއެވެ. މިއީ ފައިސަލް ކިރިޔާ ވެސް ހިތްހަމަނުޖެހޭ ކަމެއް ނޫރާގެ ފަރާތުން ފެނިއްޖެނަމަ ކަން ކުރާ ގޮތެވެ. އިތުރު އެހެން ގޮތަކަށް ވެސް އަދަބެއް ނުދެއެވެ. މި ގޮތަށް ދަނގަޑުން އަނިޔާ ދީފައި އޭނާގެ އެދުންތައް ފުއްދުމަށް ފަހު ކޮޓަރިން ދެއެވެ.

ކައިވެންޏަށް މިހާރު ދިހަ ވަރަކަށް އަހަރު ދިޔައީއެވެ. އަދި ނޫރާ ކައިރީ އޮވެގެން ފައިސަލް ނިދާފައެއް ނުވެއެވެ. އޭނާ ނިދާނީ ތިރީ ތަޅަންގަނޑުގައި ގޮދަޑިއެއް ބާއްވައިގެން އެ ބޮޑު ކޮޓަރީގެ ވަރަށް ދުރުގައެވެ. ނޫރާ މި ގޮތަށް ބަނދެފައި އޮންނަ ރެއެއްގައި އެހެން އަނިޔާ ކުރުމަށް ފަހު ދުލެއް ވެސް ނުކޮށްލައެވެ. އައްސާފައިވާ ވާގަނޑު މޮހާލާނީ އަނެއް ދުވަހު ފައިސަލް ހޭލުމަށް ފަހުގައެވެ. މިވީހާ ދުވަހު ނޫރާއަށް ދަރިއަކު ވެސް ލިބިފައެއް ނުވެއެވެ. ނޫރާއަށް އަޑު އިވިފައިވާ ގޮތުގައި ފައިސަލްއަށް ދަރިން ނުލިބެއެވެ.

އެ ރޭ ވެސް ނޫރާއަށް ނިދުނީ އެ ގޮތަށް ބަނދެފައި އެނދުމަތީ އޮއްވައެވެ. ހޭލެވުނުއިރު ވާގަނޑު އޮތީ މޮހާލައިފައެވެ. އޭނާގެ މުޅި ހަށިގަނޑުގައި ރިއްސައެވެ. ދަގަނޑުން ޖަހާފައި ހުރި ދިމާތަކުގައި ކުލަވަރު އަރާފައި ހުއްޓެވެ. އެއިން ކޮންމެ ތަނެއްގައި އިނގިލި ޖައްސާލިޔަސް ރިއްސާލައެވެ. ފައިގެ ތަބިކަށްޓާއި ދިމާއިންނާއި އަތުގެ ކުޑަހުޅާ ދިމާގައި ވެސް ވަރަށް ރިއްސައެވެ. ވާކޮޅުން އައްސާފައި އޮންނަލެއް ބާރުކަމުންނެވެ. ފަހަކަށް އައިސް ނޫރާ ލައި އުޅެނީ ވެސް ދިގު ހެދުމެވެ. ލިބިފައިވާ ޒަޚަމްތައް ފޮރުވުމަށެވެ.

****

އެނދުމަތިން ތެދުވެގެން ގޮސް އެންމެ ފުރަތަމަ ފާޚާނާއަށް ވަނީއެވެ. ފެންވަރާލައިގެން ނުކުމެ އަލަމާރިން ދިގު ހެދުމެއް ނަގައި ލިއެވެ. ބުރުގާ ވެސް އެޅުމަށް ފަހު ކޮޓަރި ތެރެއިން ނުކުމެއްޖެއެވެ. އެހެން ދުވަސްތަކެކޭ އެއް ގޮތަށް އެ ދުވަހު ވެސް ފައިސަލްގެ ބައްޕަ ޖަމްޝީދުއާއި ދޮން މަންމަ ޙަލީމާ ގޭތެރޭގައި ވިޔަފާރިއާ ގުޅޭ ވާހަކަތައް ދައްކަން ތިއްބެވެ. ފައިސަލްގެ ހިތްހަމަނުޖެހުމެއް މި ކަމުގައި ވެސް އޮވެއެވެ. ވިޔަފާރީގެ ތެރެއަށް މާ ބޮޑަށް ދޮންނަ މަންމަ ވެއްދުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އެކަމަކު އެ ނުފޫޒުގަދަ އަންހެން މީހާ ކުރާނެ ކަމެއް ކުރާން ޖަމްޝީދު ހުންނަނީ ދޫކޮށްލައިގެންނެވެ. ޖަމްޝީދުގެ ނިންމުންތަކަށް ދެކޮޅު ހަދަން ފައިސަލްއަކަށް ނުކުރެއެވެ.

"ނޫރާ.. މި އުޅެނީ ޙަލީމާ މަންމަމެން ރަށަށް ގޮސްލަން.. ދާނަންތަ.؟" މަތީ ބުރިން ތިރިއަށް ނޫރާ ފާބަނިކޮށް ފެނިގެން ޖަމްޝީލު އަހާލިއެވެ.

"އެއީ ކޮން ރަށެއް.؟" ޖަވާބެއް ދިނުމުގެ ކުރިން ނޫރާ ވެސް ކޮށްލީ ސުވާލެކެވެ.

"މި ތާ ކައިރިއޭ.. ތުލުސްދޫ.." އާދައިގެ މަތިން ދޮފާ ތަނބު ހިފައިގެން ހުރެ ރަތްކޮށް ދޮފާލައިގެން ޙަލީމާ ހުއްޓެވެ.

ތުލުސްދޫއަކީ ނޫރާގެ ހިތާ ގާތް ކަމެއް އޮތް ރަށެކެވެ. ޙަޔާތުގައި ތުލުސްދޫއަށް ދިޔައީ ދެ ފަހަރެއްގައެވެ. ފުރަތަމަ ފަހަރަކީ ވެސް މިމްރާޙް ހޯދަން ވެގެން އޭނާ ކުރި ދަތުރެކެވެ. ފަހު ފަހަރަށް ނަމަވެސް ދެކިލަން ވެގެންނެވެ. އެ ރަށުގައި އޭނާ ހުރެދާނެ ކަމަށް ދެކިގެންނެވެ. އެ ފަހަރު ވެސް މިމްރާޙް ނުފެނެއެވެ. އެ ގޭގައި އެއްވެސް ބަޔަކު ނޫޅޭކަން މައުލޫމާތު ލިބުނެވެ. ދެވަނަ ފަހަރު ދިޔައީ ފައިސަލްއާ އެކީ ދައުލަތުގެ ރަސްމިއްޔާތަކަށެވެ. އޭރު ވެސް މިމްރާޙް އައިސްފިތޯ ބަލަން ދިޔައެވެ. އެ ގެ ހުރީ ފަޅަށެވެ. އޭގެ ފަހުން ހަތަރު އަހަރުވީއެވެ. އެ ރަށުން މިމްރާޙް ދެން ފެންނާނެ ކަމަކަށް ވެސް ނޫރާ ދެން އުއްމީދެއް ނުކުރެއެވެ.

"ނޫރާ.. ކޮން ޚިޔާލެއްގަ.؟" އެއްވެސް އެއްޗެއް ނުބުނެ ނޫރާ މަޑުން ހުރުމުން ފައިސަލް އެހިއެވެ.

"ވިސްނަނީ.. މާލެއިން ބޭރަށް ނުދާތާ ވެސް ވަރަށް ދުވަސްވެއްޖެ.. ކޮން ބަޔެއް ދަނީ.؟" ނޫރާ އެހިއެވެ.

"މަ އެކަނި ދާ ގޮތަށް އަދި.. މި މީހުން ވިޔަފާރިއާއި ކެމްޕޭންގަ ބިޒީ ވާނެ ދޯ.. އެހެންވެ މި ކިޔަނީ ނޫރާ ގޮވައިގެން މަށަށް ދެވިދާނެ ނޫން ހޭ.." ޙަލީމާ ބުންޏެވެ.

"އަހަރެމެން ކެމްޕޭންގަ ވެސް ތި ރަށަށް ދާނެއޭ.. އެ ދުވަހަށް މަޑުކޮށްލަންވީނު ނުގޮސް.. ހަފުތާއެއް ފަހުން ދާނެ.." ޖަމްޝީދު ބުންޏެވެ.

"ތި މީހުން އަންނަން ދެން މަ ބޭނުން މަޑުކޮށްލަން.. ވަރަށް ދުވަސްވެއްޖެ ރަށަށް ނުދާތާ ވެސް.." ޙަލީމާ ހުރީ ގޮތް ދޫކޮށްލާ ގޮތަކަށް ނޫނެވެ.

"މަންމައާ އެކީ އަހަރެން ގޮސްދާނަން.." ނޫރާ ބުންޏެވެ.

"ސަޅި.. އެހެންވީމަ މާދަމާ ހެނދުނު ދެވޭ ގޮތަށް ދޯންޏެއް ހަމަޖައްސައިދޭނަން.. މިހާރު ސަރުކާރު ފެރީތައް ވެސް ފަށައިފި މި ދެމެދު.. އެއިން ވެސް ދެވިދާނެ.. ދަރިފުޅު.. ފައިސަލް.. މި ކަންކަން ހަމަޖައްސައިދޭތި.." މިހެން ބުނެފައި ފައިސަލްއާއި ޖަމްޝީދު ބޭރަށް ދިޔައެވެ.

ނޫރާއަށް ހަމަ ނޭވާއެއް ލިބުނެވެ. ހަފުތާއެއްހާ ދުވަހަށް ވިޔަސް އޭނާ މި ވަގުތަށް ބޭނުންވީ ފައިސަލްއާ ދުރުގައި ހުރުމަށެވެ. ނޫނީ ކޮންމެ ރެއެއް ވެސް ނިމިގެން ދާނީ ކުރީ ރެއެކޭ އެއް ގޮތަށް އެތައް އަނިޔާއެއް ލިބެމުން ކަން އޭނާއަށް އެނގެއެވެ. މިމްރާޙް ނުފެނުނަސް ތުލުސްދޫއިން ނޫރާއަށް ހިތްހަމަޖެހުމެއް ވެސް ލިބެއެވެ. މާލެއަށް ވުރެ އަތޮޅުތެރޭ ރަށެއްގައި އުޅެން އޭނާ މާ ބޮޑަށް ބޭނުން ވެސް ވެއެވެ.

****

ޓެރަސް މަތީގައި ފައިސަލް ސިނގިރޭޓެއް ރޯކޮށްލައިގެން ހުރިއިރު، އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ވެހެމުންދާ ވާރޭ ތިކިތަކަށެވެ. ފައިސަލްއާ ކައިރިއަށް އައިސް ނޫރާ ބައްދާލިއެވެ.

"މިސް ވާނެ.." ނޫރާ ބޭނުންވީ ދިއުމުގެ ކުރިން ވެސް ދެމެދު އޮތް ހިތްނުތަނަވަސްކަން ނިމި ދިއުމަށެވެ.

"މަ މަތިން ހަނދާން ވާނެއޭ ކިޔާނެ ކަމެއް ނެތް.. މަށާ ދުރުގަ ހުރެގެން ވަގު ބިޓެއް ކައިރިއަށްދާ ހިތުން ވިއްޔާ ވަކިން ދާން ތި އެއްބަސްވީ.." ފައިސަލް ކުދި ކިޔާލާފައި ނޫރާ ހޫރާލިއެވެ.

"ނޫން.. އަހަރެން ބޭނުންވީ ވެސް ފައިސަލްއަށް ހެޔޮ އަނތްބެއް ގޮތުގަ ހުންނަން.. އަހަރެން ފައިސަލްއަށް ޚިޔާނާތްތެރިއެއް ނުވާނަން.. ހެޔޮ ނުވާނެ.. އެންމެ އިރު ކޮޅަކަށް ވެސް ޝައްކެއްގެ ނަޒަރުން ނުބަލައި ހެޔޮ ހިތުން ބަލައިދީ.." ނޫރާ ގިސްލާފައި ރޯން ފެށިއެވެ.

"އާޓު ދައްކާނެ ކަމެއް ނެތް.. ތިޔަ މިމްރާޙް ހޯދުމަކީ އަހަރެންގެ އެންމެ ބޮޑު މަސައްކަތް.. އޭނާ އޮތް ތަނަކުން ހޯދާނަން.. މަށަށް ޔަޤީން މިހާރު ތުލުސްދޫގަ ކަން ވީ.. އަހަރެން ފާރަވެރިވާނަން.. ތިޔަ ތުލުސްދޫއިން ފިރިހެނަކާ ބައްދަލުކޮށްފި ކަން އެނގިއްޖިއްޔާ ތި ދެ މީހުނަށް ވެސް މަގޭ ނުލަފާ ކަން ދައްކާލާނަން.." ރޯކޮށްގެން ހުރި ސިނގިރޭޓު ވެސް ހުސް ނުވަނީސް އެއްލާލާފައި ގޮސްފިއެވެ.

"މިމްރާޙް.. އޭނާވީ ދިމާއެއް އަހަރެންނަކަށް ނޭނގެ ފައިސަލް.. ފެނުނަސް އަހަރެންނެއް ކުށެއް ނުކުރާނަން.. ކިތަންމެ ފަހަރަކު ފައިސަލް ވެސް އެހެން ކިޔަމުން ދާނެ.. އަހަރެންނަށް އެނގޭނެއޭ މިމްރާޙް ވީ ތަނެއް.. އޭނާ ހޯދާނަމޭ.. މި ރާއްޖޭގެ ވެރިކަމަށް ފަހު ފައިސަލްގެ އެންމެ ބޮޑު ބޭނުމަކީ މިމްރާޙް ހޯދުމޭ.. ފިލައިގެން ނޫޅެވޭނެއޭ.. އެހެން ކިޔަމުންދާތާ އެތައް އަހަރެއް.." ނޫރާގެ ސިކުނޑި އޮތީ މިފަދަ އެތައް ޚިޔާލެއްގައި ތާށިވެފައެވެ.

ފައިސަލް ދެކޭ ގޮތުގައި މިމްރާޙް ފޮރުވައިގެން އުޅެނީ ނޫރާއެވެ. ނޫރާއަށް މިމްރާޙް ވީ ތަނެއް އެނގެއެވެ. މިމްރާޙްއާ އަދިވެސް ގުޅުމެއް ބާއްވާ ކަމަށް އޭނާ ޝައްކު ކުރެއެވެ. އެހެން ވިޔަސް މިމްރާޙް ވީ ތަނެއް ނޫރާއަކަށް ވެސް ނޭނގެއެވެ. މާލޭގައި އޭނާ މަޑުކޮށްގެން ހުރި ގޭގެ އެކަކަށް ވެސް ނޭނގޭ ކަމަށްވެއެވެ. ފައިސަލްއާ އެއް ގޮތަށް ނޫރާ ވެސް މަސައްކަތް ކުރަނީ މިމްރާޙް ހޯދުމަށެވެ. އޭނާ ނުފެންނަތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ.

ކ. ތުލުސްދޫ

ވެހެމުންދާ ވިއްސާރާގައި މިމްރާޙް ހިނގަމުން ދިޔައީ ވާރޭ ކޯޓެއް ލައިގެންނެވެ. ގެއާ ހަމައަށް އާދެވުނުއިރު ޝަމްޙާ ގޭގެ ދޮރުމަތީގައި ހުއްޓެވެ. އޭނާ ހުރީ ފިނިފެންމަލެއް ވެސް ހިފައިގެންނެވެ. އެކަމަކު އެ ބޯ ވާރޭގައި ތެމިގެން މާ އޮތީ ވަރަށް ބޮޑަށް ހަލާކު ވެސް ވެފައެވެ.

"އޭނ.. މި އޮތް ދަންވަރު މި ގެ ކައިރީގަ ކީއްތި ކުރަނީ.. އަދި ތި ކީއްކުރާ މަލެއްތަ.؟" މިމްރާހް އެހިއެވެ.

"އަހަރެންގެ ވެސް ތީގެ ސުވާލެއް އެބައިން.. މި އޮތް ދަންވަރު ބޭރުގަ ކީއްކުރަނީ ތި.." ޝަމްޙާ އެހިއެވެ.

"އާނ.. އެއީ ގޭގަ އޮންނަ ހިތް ނުވެގެން ގޮނޑުދޮށާވީ ދިމާ ޖޯލީގައި އޮށޯވެ ނިދާލީ.. ބުޅަލެއް ނެގީ ގެ ކައިރީ ކުއްޖާ އަތުން.. އޭނަ ގޮވައިގެން އުޅެއުޅެފަ ގެއަށް މި އައީ.." މިމްރާޙް ކައިރީގައި ބުޅާ އޮށޯވެލައިގެން އޮތް ތަން ޝަމްޙާއަށް ވެސް ފެނެއެވެ.

"އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބަ އޮތް.. ފުރަތަމަ މަޑު ކުރީ ގާތް ގުޅުމެއް އުފެދި ގާތް އެކުވެރިއަކަށް ފުރަތަމަ ވާން ބޭނުންވާތީ.. މިހާރު ވަރަށް ގާތް ދެ އެކުވެރިން ކަމުގައި ދެކެން.. މިހާރު އަހަރެން ޤަބޫލު ކުރަނީ މި ގުޅުން މިއަށް ވުރެ ވެސް ގާތް ކުރަން.." މިމްރާޙް ދެކެވާ ލޯބި ހާމަކުރަން ޝަމްޙާ މަސައްކަތް ކުރިއެވެ.

"އަދި ނޭނގުނު ތި ބުނަން އުޅޭ އެއްޗެއް.؟" މިމްރާހަށް އެ ދެއްކި ވާހަކަ ސާފު ނުވާ ކަމަށް ހެދިފައި ބުންޏެވެ.

"މަ ވަރަށް ލޯބިވޭ މިމް ދެކެ. މިމްގެ އެކުވެރި މިޒާޖާއި އަޚްލާޤް މަށަށް ވަރަށް ކަމުދޭ.. އަހަރެން ވަކި ބޭނުމެއް ނޫން ލޯބިން ގުޅިގެން ދުވަސްކޮޅަކު އިތުރަށް އުޅެން ވެސް.. އަހަރެން ބޭނުމީ މިމްރާޙާއި އިންނަން.." ޝަމްޙާ މިހެން ބުނިއިރު ވެސް މިމްރާޙްގެ ޖަވާބު އޭނާއަށް އެނގޭ ފަދައެވެ.

އެއްވެސް އެއްޗެއް ނުބުނެ ޝަމްޙާގެ ދެ ލޮލާ ދިމާއަށް ބަލަހައްޓައިގެން މިމްރާޙް ހުއްޓެވެ.

ނުނިމޭ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިނާ

    ޕްލީޒް ސަމްހާ އެއް ނޫން😭

  2. Anonymous

    ޥަރައްރތި