ނޫރާގެ ދޮން މައިދައިތަކީ މިމްރާޙްގެ ދޮން މަންމަ ކަން ތަކުރަށް ވެސް ވިސްނައިލެވުނީ ދެނެވެ. ނޫރާއަށް މިމްރާޙް އެނގެނީ އެ ގޮތަށް ކަމަށް ތަކުރަށް ޤަބޫލު ކުރެވުނެވެ.

"އާނ.. މިމްރާޙް ދަންނަން ދޯ.. ޙަލީމާގެ ދޮން ދަރިއެއްނު އެއީ.." ތަކުރު ދެން ބުނި އެއްޗަކުން ނޫރާއަށް ސިހުމެއް ލިބުނެވެ.

"މިމްރާޙް ކޮބައިތަ.؟" ނޫރާ އެހިއެވެ.

"މާލެއަށް ގޮސް ވެއްޖެ.. އަންނާނެ އަދި ވަރަށް އަވަހަށް.." ޝަމްޙާ ބުންޏެވެ.

މާ ގިނަ ވަގުތު ގޭގައި މަޑުކޮށްފިނަމަ ޝަމްޙާ ބޭނުންވާ ގޮތަށް ކަންކަން ނުގޮސްދާނެ ކަމަށް އޭނާއަށް ވިސްނުނެވެ. އެހެން ވިޔަސް ތުލުސްދޫގައި މިމްރާޙް އުޅޭ ކަން ނޫރާއަށް އެނގެން ޝަމްޙާ ވެސް ބޭނުންވިއެވެ. އެކަމަކު ޙަލީމާއަކީ މިމްރާޙްގެ ކާކު ކަން އެނގުމުން މިމްރާޙްގެ ޅައިރުގެ ވާހަކަތައް ކިޔައިދޭން ޖެހިއްޖެ ކަމަށް ވެސް ޤަބޫލު ކުރެވުނެވެ. އެއީ ޝަމްޙާ ބޭނުންވި ކަމެއް ނޫނެވެ.

***

އެހެން ވެގެން ނޫރާ ގޮވައިގެން ޝަމްޙާ ދިޔައީ ބައިސްކަލު ދުއްވާށެވެ.

"ޝަމްޙާ ދަންނަންތަ މިމްރާޙް.؟" އަހަރުތަކަކަށް ފަހު މިމްރާޙްގެ ޚަބަރެއް ލިބުމުން ނޫރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

"ނޫރާއަށް ނޭނގެ ދޯ ޙަލީމާއަކީ މިމްރާޙްގެ ދޮން މަންމަ ކަމެއް.؟ ދެން ކިހިނެއް މިމްރާޙް އެނގެނީ.؟" ހުރިހާ ހަޤީޤަތެއް އެނގި ހުރެ އެ ގޮތަށް ސުވާލު ކުރީ ނޫރާއާ ގާތް ގުޅުމެއް އުފައްދައި ޝަމްޙާގެ މަސައްކަތުގައި ނޫރާ ވެސް ބައިވެރި ކުރަން އޭނާ ބޭނުންވާތީއެވެ.

"އެއީ ކުރީގެ ކްލާސް ކުއްޖެއް.. ރައްޓެއްސެއް.. ވަރަށް ދުވަސް ވެއްޖެ ނުފެންނަތާ.. ޙަލީމާ މަންމައަކީ މިމްރާޙްގެ ދޮން މަންމަ ކަމެއް ނޭނގެ.. ކީއްވެތަ މިމްރާޙްގެ ދޮން މަންމަ އޭނާ ނުބެލީ.؟ ޙައްވައްތަމެނަށް ވުރެ ރަނގަޅަށް އޭނައަށް ބެލޭނެ ވިއްޔާ.. ޙަލީމާ މަންމަ ވެސް ނުދައްކާ ކުރީގެ ކައިވެނި ކުރި މީހާގެ ދަރިއަކު ހުރި ކަމެއް.." ނޫރާގެ ވާހަތަކުން އޭނާއަށް މިމްރާޙްގެ ޅަ ދުވަސްތަކުގެ ޙަޤީޤަތެއް ނޭނގޭ ކަން ޝަމްޙާއަށް ޔަޤީން ވެސް ކުރެވުނެވެ.

"ނޫރާ.. އަހަރެންނަށް އިތުބާރު ކުރާނަންތަ.؟" ޝަމްޙާ ބޭނުންވީ ނޫރާއާ އެކު މިމްރާޙްއާއި ރަށުގައި ހިނގަމުންދާ ކަންކަމުގެ އެތެރެއަށް ދިއުމަށް މަސައްކަތް ފެށުމަށެވެ.

"މިމްރާޙްގެ އެކުވެރިންނަކީ އަހަރެންގެ ވެސް އެކުވެރިން.. މިމްރާޙްގެ އެކުވެރިންނަށް އަހަރެންގެ އިތުބާރު އޮންނާނެ.." ނޫރާ ބުންޏެވެ.

މިމްރާޙްގެ ޅައިރުގެ ދުވަސްތައް ހިނގައި ދިޔަ ގޮތް ނޫރާއަށް ޝަމްޙާ ކިޔައިދިނެވެ. ތަކުރުބެއާއި މިމްރާޙްއާ އޮންނަ އެކުވެރި ގުޅުން ވެސް ކިޔައިދިނެވެ. އަދި ރަށުގެ ތެރޭގައި ހިނގަމުންދާ ކަންކަން ވެސް ކިޔައިދިނެވެ. މިމްރާޙަށް ބަޔަކު ކުރީ ރޭ އެ ދިން ހަމަލާ ވެސް ކިޔައިދިނެވެ. ކިޔައިނުދީ ދޫކޮށްލި ހަމައެކަނި ވާހަކައަކީ މިމްރާޙް ދެކެ ޝަމްޙާ ވާ ލޯތްބާއި މިމްރާހަށް އޭނާ ލޯބި ހުށަހެޅި ކަމެވެ. މިމްރާޙާއި ނޫރާގެ ލޯބި ބަޔާންކޮށްދޭ ޑައިރީ ކިޔާފައިވާ ކަން ވެސް ފޮރުވިއެވެ.

މިމްރާޙާއި ގުޅޭ ވަރަށް ގިނަ ވާހަކަތައް ނޫރާ ވެސް ޝަމްޙާއަށް ކިޔައިދިނެވެ. ހަމައެކަނި ފޮރުވި ވާހަކައަކަށް އޮތީ މިމްރާޙް ދެކެ ނޫރާވާ ލޯތްބެވެ. އަދި ފައިސަލް އޭނާއަށް ކުރާ އަނިޔާތަކެވެ. މިމްރާޙަށް ފައިސަލް ކުރި އަނިޔާތަކެވެ. މާލޭގައި ހުއްޓައި މިމްރާޙް އެއް ފަހަރު ޖަލަށްލި ވާހަކަ ނޫރާ ކިޔައިދިނެވެ.

"ޖަލުން ދޫވީ ކިހާ ހިސާބެއްގަ.؟" ޝަމްޙާ އެހިއެވެ.

ނޫރާ އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ވަން ދެން ހަނު ހުރުމުން ޝަމްޙާގެ ސުވާލު ދެވަނަ ފަހަރަށް ތަކުރާރުކޮށްލިއެވެ.

"މިމްރާޙް ޖަލުން ފިލައިގެން ދިޔައީ.. އޭގެ ފަހުން އޭނާގެ ޚަބަރެއް ނެތް.. އެހެންވީތީ ވެސް ޝަމްޙާގެ ވާހަތަކުގެ ވެސް ބުރަދަނެއް އެބަ އޮތް.. ޝަމްޙާއާ ގުޅިގެން ތި ކަންކަމުގެ ތެރެއަށް ވަންނަން އަހަރެން ވެސް ތައްޔާރު.. އެކަމަކު ދެ މީހުން ޖެހޭނެ ވަރަށް ހުޝިޔާރު ވާން.." ނޫރާ ބުންޏެވެ.

"މި ވާހަކަ އީމައްތަ ކައިރީގަ ވެސް އެބަ ބުނަން އެނގޭ.." ގޮނޑުދޮށާ ހަމައަށް އާދެވެމުން ބައިސްކަލު ހުއްޓުވާފައި ޝަމްޙާ ބުންޏެވެ.

"އީމައްތައަށް ވެސް އެނގޭތަ.؟" ޝަމްޙާ ވެސް ބައިސްކަލު ދުއްވުން ހުއްޓުވުމުން ނޫރާ ވެސް އޭނާ ކައިރީގައި ހުއްޓިލައިގެން މަޑުކޮށްލިއެވެ.

"އާނ.. އީމައްތަ ވަރަށް މޮޅު ވާނެ މީހުންގެ އަޑި ކޮންނަން.." ހެމުންހެމުން ޝަމްޙާ ބުންޏެވެ.

ނޫރާއާއި ޝަމްޙާ ވަކިވެގެން ދިޔައީ އެ ރޭ ބައްދަލުވާން އެއްބަސްވެފައެވެ. ބައްދަލުވާން ނިންމީ މިމްރާޙްގެ ގެ ކައިރިންނެވެ. އީމާ ވެސް ދާނެ ކަމަށް ޝަމްޙާ ބުންޏެވެ. ބައްދަލުވާން ދަނީ ޙަލީމާގެ ފަރާތުން ރަށުގެ ހުރިހާ ރައްޔިތުންނަށް އެ ރޭ ދޭން ހަމަޖެހިފައި އޮތް ކެއުމަށް ފަހުގައެވެ.

****

ތުލުސްދޫއާ އެއް ފަޅެއްގައި ވަރަށް ކައިރީގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ކުޑަ ރަށުގެ ގޮނޑުދޮށަށް ބޮއްކުރައެއް ބީއްސާލިއެވެ. އޭގައި ތިބީ ގަދަ ނޫ ކުލައިގެ ހޫޑީއެއް ލައިގެން ތިބި ދެ މީހެކެވެ. ދެ މީހުން ވެސް ތިބީ ކަޅު ކުލައިގެ ފޮތިގަނޑަކުން އަނގަ މަތި ފޮރުވައިގެނެވެ. ތިރިން އަޅި ކުލައިގެ ޖިންސް ފޮތީގެ ސޯޓު ބުރިއެއް ލައިގެންނެވެ. ދެ މީހުން ވެސް ތިބީ ވަޅި ފަދަ ތޫނު ހަތިޔާރުތައް ހަރުކޮށްގެނެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް ވަޅިއެއް އޮތެވެ. މަޑުމަޑުން އަރައިގެން ރަށުގެ ތެރެއަށް ވަދެގެން ދިޔައެވެ.

ވަލު ތެރެއިން މީހަކު އައިސް ހަމަލާއެއް ވެސް ދީފާނެ ކަމަށް ދެ މީހުން ވެސް ތިބީ ސަމާލުވެގެނެވެ. އަޅާ ކޮންމެ ފިޔަވަޅަކަށް ފަހު ވަށައިގެންވާ މުޅި މާހައުލަށް ބަލައިލެވެއެވެ. މައްޗަށާއި ތިރިއަށް ވެސް ބަލައިލައެވެ. ދެ ފަރާތަށް ވެސް ބަލައިލެވެއެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ ނަމަވެސް ރަށުގެ ގަސްތަކުން ހިޔާ ލިބެއެވެ. މަޑުމަޑުން ހިނގަމުން ގޮސް ރަށުގެ އެތެރޭގައި ހުރި ޖިފުޓިއަކާ އަރާ ހަމަވުމުން އެ ތަނުގެ ތެރެއަށް ވަދެގެން ދިޔައެވެ.

"ކޮބައި ކިހާ ހިސާބެއްގަ ކަންކަން އޮތީ.. މިމްރާޙް.." ޖިފުޓިގަނޑުގެ އެތެރޭގައި ހަރުކޮށްފައިވާ ބޮކި ދިއްލައިލަމުން އަސްލަމް އެހިއެވެ.

އަސްލަމްއާއި މިމްރާޙް ވެސް އަޅައިގެން ހުރި ފޮތިގަނޑު ނެގިއެވެ. ރީނދޫ ކުލައިގެ މަޑުމަޑު އައްޔެއް ލިބޭ ބޮއްކަކުން ކިރިޔާ އެ ތަނުގެ އެތެރެ ފެންނަނީއެވެ. މިމްރާޙް އޭނާގެ ސޯޓުގެ ޖީބުން ކަރުދާސްތަކެއް ނެގިއެވެ. އަދި އެ ކަރުދާސްތައް އަސްލަމްގެ އަތަށް ދިނެވެ.

"ފައިސަލްގެ ދޮން މަންމަ ޙަލީމާއާއި އަނބިމީހާ ނޫރާ އުޅެނީ މިހާރު ވެސް ތުލުސްދޫއަށް އައިސްގެން.. އެހެންވެ އާ ގޮތްތަކެއް ވިސްނަން ޖެހުނީ.. ތިއީ މިހާރު ދާނެ ގޮތް ދެން.. އެ މީހުން އަންނަން އުޅޭ ކަމުގެ ޚަބަރު މަށަށް ކުރިން ވެސް ލިބުނު.. އެހެންވެ މާލެއަށް ދާން ޖެހިއްޖެއޭ ކިޔާފައި ފުރި ކަމަށް ހެދުނީ.. އެ މީހުން ހީކޮށްގެން ތިބީ މަ މި ހުރީ މާލޭގަ ކަމަށް.." މިމްރާޙް ކިޔައިދިނެވެ.

"ޙަލީމާއާއި ނޫރާ ދަތުރު ހަފުތާއެއް އަވަސް ކޮށްލީ ދޯ.. ތި ދިމާވި ދަތި ކަމަކަށް.. މިހާރު ޙަލީމާއާއި ނޫރާއަށް އޮންނާނީ މިމްރާޙް ތުލުސްދޫގަ އުޅޭ ކަން އެނގިފަ.. ދެން ކިހިނެއް ކަންކަން ރާވަނީ.؟" އަސްލަމް އެހިއެވެ.

"މިއީ ހަމަ އިއްތިފާޤެއް ކަމަކަށް މަ ނުދެކެން.. މި ސަރަހައްދުގަ މިހާރު ވެސް އަހަރެމެން ތިބޭހެން އަންނައުނު އަޅާ އިތުރު މީހަކު އެބަ އުޅޭ.. ރަތް ކުލައިގެ ހޫޑީއެއް ލައިގެން އުޅެނީ.. ހަމަ މޫނު ފޮރުވައިގެން އުޅެނީ.. ފުރަތަމަ ހީކުރެވުނީ އެކަކުއޭ.. މިހާރު ޤަބޫލު ކުރެވޭ ދެ މީހެކޭ ވެސް.. މަށަށް ޝައްކު ކުރެވޭ އެކަކު ވެސް އެބަހުރި.. މިއީ ފައިސަލްގެ މީހެއް ކަމަށް ބެލެވެނީ.." މަސައްކަތަށް އައި ހުރަސްތަކަކީ ރޭވިގެން ކުރިމަތިކުރުވި ކަމެއް ކަމުގައި މިމްރާޙް ދެކެއެވެ.

"އޭނަ ޖަހައިގަންނާނީތަ ނޫނީ އަދިވެސް އެ މީހުންނަށް ދޫކޮށްލައިގެން ކުޅޭނީތަ.؟" އަސްލަމް އެހިއެވެ.

"އާނ.. އެ ޕްލޭންއަކަށް މާ ބޮޑު ބަދަލެއް ނުގެންނާނަން.. ފަހު ގަނޑުގަ ހާހެއްގެ ޑިގު ޖަހާފަ ބަލިކޮށްލާނީ.." މިމްރާޙްއާއި އަސްލަމް ހޭން ފެށިއެވެ.

****

ޙަލީމާގެ ފަރާތުން ތުލުސްދޫ ރައްޔިތުންނަށް ހަމަޖެއްސި ކެއުން ދިނުމުގެ ޙަފްލާ އޮތީ ވަރަށް ބޮޑުކޮށެވެ. ރަށުގެ އެންމެން ގޮތަކަށް އެ ޙަފްލާއަށް ދިޔައެވެ. މި ކަން އޮތީ ރަށުގެ ބޯޅަ ދަނޑުގައެވެ. ވިއްސާރަ ވެދާނެ ކަމަށް ލަފާކޮށް ބޯޅަ ދަނޑުގެ ބޮޑު ބައެއް އޮތީ ހިޔާކޮށްފައެވެ. ޙަލީމާ ދިޔައީ އޭނާގެ އާއިލާ މީހުނަށް ނޫރާ ތައާރަފް ކޮށްދެމުންނެވެ. އަދި ފައިސަލްއަށް ވެރިކަން ލިބުމަކީ ތުލުސްދޫއަށް ބޮޑު ބަދަލެއް އަންނާނެ ކަމުގެ ހުވަފެން ވެސް އެ ރަށު ރައްޔިތުންނަށް އޭނާ ދައްކަމުން ދިޔައެވެ.

ނޫރާ ހުރީ އެ ޙަފްލާ ނުނިމިގެނެވެ. ޖަލުން ފިލި ފަހުން މިމްރާޙްގެ ޙަޔާތުގައި އަޑި ނޭނގޭ އެތައް ކަމަށް ހިނގައި ދިޔަ ކަމުގައި ނޫރާއަށް ވެސް މިހާރު ޤަބޫލު ކުރެވެން ފެށުނެވެ. މި ރަށުގައި މޫނު ފޮރުވައިގެން، ތޫނު ހަތިޔާރާއެކު ބަޔަކު އުޅޭ ކަން ޝަމްޙާއަށް ފެންނަން ފެށީ ވެސް މިމްރާޙް އައި ފަހުންނެވެ. އެހެންކަމުން އެއީ މިމްރާޙް އެނބުރި ރަށަށް އައުމާ ގުޅުން ހުރި ކަމެއް ކަމުގައި ނޫރާއަށް ޤަބޫލު ކުރެވުނެވެ. ވޭތުވެދިޔަ ދިހަ އަހަރު ކަންކަން ހިނގައިދިޔަ ގޮތަކާ މެދު ވިސްނައި ނޫރާއަށް ބިރު ހީވާން ފެށިއެވެ. މިމްރާޙްގެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ވެސް ހީކުރެވެން ފެށުނެވެ. އޭނާ މާލޭގައި ސަލާމަތުން ހުރި ކަމާ މެދު ވެސް ސުވާލު އުފެދެން ފެށުނެވެ.

"މާތް ﷲ.. މިމްރާޙް ހެޔޮ ރަޙްމަތާއެކު ސަލާމަތުން ލަހައްޓަވާށި.." ނޫރާ ދުޢާ ކުރިއެވެ.

****

ޙަފްލާ ނިމިގެން މިމްރާޙް އުޅޭ ގެ ކައިރިއަށް ދިޔައިރު އެ ތަނުގެ ކައިރީގައި ޝަމްޙާ ހުއްޓެވެ. އަތުގެ އިޝާރާތުން އަވަހަށް އަންނަން ޝަމްޙާ ބުނުމުން ނޫރާ ބާރަށް ހިނގާފައި އޭނާގެ ކައިރިއަށް ގޮސްފިއެވެ.

"އީމާ ވެއްޖެ އެތެރޭގަ.. އެއްކަލަ ދުވަހު އެ އުޅުނު ހޫޑީ ސޮރު އަދި ނެތް ފެންނާކަށް.. އެ ސޮރު އައިސްދާނެ ކަމަށް އަހަރެމެން ތިބޭނީ ފާރައަށް.." މަޑުމަޑު އަޑަކުން ޝަމްޙާ ބުންޏެވެ.

އިރުކޮޅެއް ނުވެ ފާރުމަތިން އީމާ ފުންމާލިއެވެ. އަދި ޝަމްޙާގެ އަތަށް ކަރުދާސް ގަނޑުތަކެއް ދިއްކޮށްލިއެވެ.

"ކުރިން އޮތް އޭ، ބީ، ސީ، ލިޔެފަ އޮތް ކަރުދާސްތަކުގެ އިތުރުން ކަރުދާހެއް ވެސް އެބަ އޮތް.. ޑީ ޖަހާފަ އެ އޮތީ. އޭ ކަރުދާސް.. ކުޑަ ރަށުގައި ތިކި ޖަހާފަ އޮތީ ހަމައެކަނި މެދުގަ.. ބީއަށް ބަލާއިރު މި އޮތީ ރަށުގެ އެންމެ އުތުރު އަދި ދެކުނުގަ ތިކި ޖަހާފަ.. ސީ ކަރުދާހުގަ އޮތީ ހުޅަނގު އަދި އިރުމަތީގަ.. ޑީ އަދި ވަރަށް ތަފާތު.. މުޅި ރަށް ވަށައިގެން ތިކިތަކެއް.. ކުރަން މި އުޅޭ ކަމެއް އެހާ ސާފެއް ނޫން.." ކަރުދާސްތަކުން ފެންނަން އޮތް މެޕް އީމާއަށް ވިސްނޭ ގޮތަކަށް ކިޔައިދިނެވެ.

ކަރުދާހުން ތުލުސްދޫއާއި ކައިރީ އޮންނަ ކުޑަ ރަށުގެ މެޕް ކުރަހާފައި ފެންނަން އޮތެވެ. އެ މެޕުން ފެންނަ ކަންކަން އީމާ ކިޔައިދެމުން ދިޔައިރު އޭނާގެ ޙަރަކާތްތަކަށް ނޫރާ ދިޔައީ ވަރަށް ސަމާލުވެ ހުރެ ބަލަމުންނެވެ. އީމާގެ ނަޒަރު ވެސް ހިނދުކޮޅަކަށް ނޫރާއާ ދުރަށް ނުދާ ކަން ނޫރާއަށް ވެސް ފާހަގަކުރެވުނެވެ.

"ހިނގާ ދެން ގެއަށް ދާން.. މި ތަނުގަ ތިބުން ރައްކާތެރިއެއް ނޫން.. އެ އުޅޭ ސޮރު އައިސްދާނެ.." ފުން ނޭވާއެއް ލުމަށް ފަހު ވަރަށް ބާރަށް ތިން މީހުން ހިނގައިގަތީ ޝަމްޙާމެންގެ ގެއަށެވެ.

****

ނޫރާ ވެސް މިހާރު މަޑުކޮށްގެން ހުރީ ޝަމްޙާމެން އުޅޭ ގޭގައެވެ. އެ ކަން ޙަލީމާއަށް ވެސް އެންގިއެވެ. ނޫރާ ނިދަނީ އެ ގޭގައި ޝަމްޙާ ވެސް ނިދާ ކޮޓަރީގައެވެ. ޝަމްޙާ އޮތީ ގަދަ ނިންޖެއްގައެވެ. ނޫރާއަށް ނިދޭ ގޮތެއް ނުވިއެވެ. އެތައް ކަމަކަށް އޭނާ ހުރީ ފިކުރު ބޮޑުވެފައެވެ. ޝަމްޙާގެ ޙަރަކާތްތަކުން ވެސް އޭނާ މިމްރާޙަށް އޮންނަ ކުލުނާއި ލޯބި ނޫރާއަށް ވިސްނެއެވެ. އެ ކަން ނޫރާއަށް ފޮރުވަން މަސައްކަތް ކުރާ ކަން ވެސް ވިސްނެއެވެ. މިމްރާޙްގެ ގެއިން ފެނުނު ކަރުދާސްތަކުގައި ވަނީ ކޮއް އެއްޗެއް ކަމާ މެދު ވެސް ވިސްނައި އޮތީ ފިކުރު ބޮޑުވެފައެވެ.

މި ފިކުރުތަކާއެކު ނިދަން އުނދަގޫ ވެގެން ނޫރާ ތެދުވެގެން ކޮޓަރިން ނުކުމެއްޖެއެވެ. އެ އަޑަށް ޝަމްޙާ ވެސް އޭނާގެ ދެ ލޯ ހުޅުވާލިއެވެ. ޝަމްޙާއަށް ވެސް އޮތީ އެކި ފިކުރުތަކާއެކު ނިދަން އުނދަގޫ ވެގެނެވެ. މިމްރާޙްގެ ގާތުގައި ލޯތްބަށް ހުށަހެޅުމުން ކަންބޮޑުވެގެނެވެ. މަޖުބޫރުގައި ނުފޫޒުގަދަ މީހަކާއެކު ކައިވެނިކޮށްގެން އުޅުނެއް ކަމަކު ނޫރާގެ ދެ ލޮލުން އަދިވެސް މިމްރާޙަށް އޮތް ލޯބި ޝަމްޙާއަށް ފެނެއެވެ. ރަށުގައި ހިނގަމުންދާ ކަންކަމުގެ އަޑިއަށް ދާން ޝަމްޙާއަށް ނޫރާ ވެސް އެހީ ވަމުން ދަނީ އިތުރު އެހެން ސަބަބެއް އޮވެގެނެއް ނޫނެވެ. މި ނިމުނު ދިހަ އަހަރު އެކަކަށް ވެސް ނޭނގޭ ކަންތައްގަނޑެއް ހިނގާފައި އޮތް ކަން މިހާރު ފެންނާތީއެވެ. މިމްރާޙް މާލެއިން އަންނާނެ ދުވަހެއް ވެސް ނޭނގޭތީއެވެ. ޝަމްޙާ ވެސް މަޑުމަޑުން ކޮޓަރި ދޮރުން ނުކުމެ ބަލާލިއިރު ގޭތެރޭގައި ނޫރާއެއް ނެތެވެ.

އެ ގޭގެ ބޭރުގައި ބަހައްޓާފައި ހުންނަ ޖޯލި ފަތީގައި އިށީނދެލައިގެން ނޫރާ އިނެވެ.. އިރުކޮޅެއް ފަހުން ބަދިގޭގައި ހުންނަ ކުޑަ ދޮރުން މީހަކު ފުންމާލިއެވެ. ސިހިގެން ގޮސް ނޫރާ ޖޯލިފަތިން ތެދުވިއެވެ. ބަދިގެން ފުންމާލި މީހަކު ހުރީ ރަތް ކުލައިގެ ހޫޑީއެއް ލައިގެނެވެ. އެ ރޭ އެ މީހެއްގެ ދިގު ފަން އިސްތަށިގަނޑު ވެސް އޮތީ ހާމައަށެވެ. މީހާގެ ބައްޓަމަށް ބަލާފައި އެއީ އަންހެނެއް ކަން ނޫރާއަށް ވެސް ޔަޤީން ކުރެވުނެވެ. އެ މީހަކު ހުރީ އެއް އަތް ބިމުގައި ބާއްވައިގެން ކުޑަ ކަކޫ ޖައްސައިގެންނެވެ. އަނެއް އަތުގައި ވަޅިއެއް ވެސް ހިފަހައްޓައިގެނެވެ.

"މަށަށް އެނގޭ ތިއީ ކާކު ކަން.. މިރޭ ކުރިން ވެސް ހަމަ ތި ޙަރަކާތްތަކާ އެކު ފުންމާލަނިކޮށް ދެކުނިން.. މިމްރާޙްގެ ގެއިން ކަރުދާސްތައް ހިފައިގެން.. ދޯ އީމާ.."

(ނުުނިމޭ)