"މަށަށް އެނގޭ ތިއީ ކާކު ކަން.. މިރޭ ކުރިން ވެސް ހަމަ ތި ޙަރަކާތްތަކާއެކު ފުންމާލަނިކޮށް ދެކުނިން.. މިމްރާޙްގެ ގެއިން ކަރުދާސްތައް ހިފައިގެން.. ދޯ އީމާ.." ކަޅުކުލައިގެ ފޮތިގަނޑަކުން އަނގަމަތި ފޮރުވައިގެން ހުރި ނަމަވެސް އެއީ އީމާ ކަން ނޫރާ ޔަޤީން ކުރިއެވެ.

އީމާ ދެވެފައި ގޮސް ނޫރާއާ އަރާ ހަމަވެ ނޫރާގެ އެއް އަތުގައި ވަޅި ކާއްތާލިއެވެ. އޭނާގެ އަތުން ލޭ ފައިބަން ފެށިއެވެ. ދެވަނަ ފަހަރަށް ނޫރާއަށް ވަޅިން ހަމަލާ ދޭން އުޅެނިކޮށް، އީމާގެ ބޯ މައްޗަށް މީހަކު ފުންމާލިއެވެ. އޭނާ ފުންމާލީ ގޭގެ ފުރާޅު މަތިންނެވެ. އަދި އެ މީހާގެ ދެ ފައިން އީމާގެ ކަރުގައި ހިފުމަށް ފަހު، ހަށިގަނޑު ބިން މައްޗަށް ތިރިކޮށްލިއެވެ. އީމާގެ ދެ އަތުގައި ބިޑި އަޅުވައި ބޭއްވިއެވެ.

އެ މީހާ ހުރީ ގަދަ ނޫކުލައިގެ ހޫޑީއެއް ލައިގެނެވެ. އޭނާގެ އަނގަ މަތި ވެސް އޮތީ ކަޅު ކުލައިގެ ފޮތިގަނޑަކުން ފޮރުވައިފައެވެ. ސީދާ ކާކު ކަން ނޭނގޭ ގޮތަށެވެ. އެހެންވިޔަސް އޭނާގެ ދެ ލޯ ނޫރާއަށް ވަރަށް ކައިރިން ފެނިއްޖެއެވެ. އެއީ ނޫރާ ދެކެ ފަރިތަ ދެ ލޮލެކެވެ. އެ މީހާއާ ނޫރާ ގާތްވެލިއެވެ. އަދި އޭނާ އަޅައިގެން ހުރި ފޮތިގަނޑު ނަގަން މަސައްކަތް ކުރިއެވެ.

އެކަމަކު އޭގެ ކުރިން ދުމެއް ފެތުރެން ފެށި ނޫރާއަށް އޭނާގެ ދެ ލޯ މަރާލެވުނެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ ދުން މަދު ވެސް ވިއެވެ. އެކަމަކު ނޫރާ އޭނާގެ ދެ ލޯ ހުޅުވާލިއިރު އެ މީހަކު އެ ތަނުން ގެއްލިއްޖެއެވެ.

"އެއީ ހަމަ މިމްރާޙް ދޯ.." ޝަމްޙާގެ އަޑު ފަހަތުން އިވިގެން ނޫރާ ބަލާލިއިރު އޭނާ ގޭތެރެއިން ނުކުންނަނީއެވެ.

"އާނ.. އެއީ މިމްރާޙް.. އަދި މި ހުރީ އީމާ.." އީމާއާ ދިމާއަށް ބަލައިލަމުން ނޫރާ ބުންޏެވެ.

"ނޫން.. އެއީ އީމާއެއް ނޫން.. މަށަށް ވެސް މި މީހަކާ މެދު ފަހުން ފަހުން ޝައްކު އުފެދުން.. ފަހުން ހަދާ ހެދިކާއެއް ވެސް ކަމަކު ނުދޭ.. އަހަރެންގެ ވާހަކަތަކެއް މާ ބޮޑަކަށް ނޭނގެ.. އެކަމަކު މިމްރާޙްގެ ވާހަކަތައް ވަރަށް ބޮޑަށް އެނގޭ.. ބުނޭ ތިއީ ކާކު ކަން.. އަދި އީމާ ކޮންތާކު ފޮރުވައިގެން ތި އުޅެނީ.." ނޫރާ ހީކުރި ވަރަށް ވުރެ ޝަމްޙާ ހުޝިޔާރުވެފަ ބުއްދިވެރިއެވެ.

"އަހަރެންނަކީ އޭނާގެ ކޮއްކޮ.. ނީމާ.. ފައިސަލްގެ ވެރިކަން ފުރޮޅާލަން ވެގެން މިމްރާޙާ އޭނާއާ ގުޅުނީ.. އީމާ ތަކުރާ ދިމާވުމަކީ މިމްރާޙް ރާވައިގެން ކުރި ކަމެކޭ.. މިމްރާޙްގެ ރޭވުން ބަލިކުރަން ވެގެން ފައިސަލް އަހަރެން ފޮނުވީ.. އެހެންވެ އީމާ ފޮރުވުމަށް ފަހު އޭނާގެ ތަނުގައި އަހަރެން މި ހުރީ.." ނީމާ ހޭން ފެށިއެވެ.

"މިމްރާޙްގެ ފަޅިއޭ.. ފައިސަލްގެ ފަޅި ދޫކޮށްލިއޭ.. ފައިސަލްގެ ވެރިކަމޭ.. ނީމާއާއި އީމާ.. އެއްމާ ބަނޑު ދެ މީހުން.. މިމްރާޙްގެ ރޭވުމެކޭ.. އީމާއާއި ތަކުރު ދިމާވުމަކީ.." ނީމާ ދެއްކި ވާހަކައާ އެކީ ނޫރާގެ ޚިޔާލުތައް ދިޔައީ އިތުރު ސުވާލުތަކެއްގެ ތެރެއަށެވެ.

"މަށަށް އެނގޭ މި ގޮލާ އިންކުއަރީ ކުރެވޭނެ ތަނެއް.. މި ގޮލާ ގޮވައިގެން ހިނގާ އެ ތަނަށް ދާން.." ޝަމްޙާ މިހެން ބުނެފައި ނީމާ ގޮވައިގެން ދިޔައީ މިމްރާޙްގެ ގެއަށެވެ.

****

"ނީމާ.. އީމާ.. މަށަށް ހެޔޮ ކޮންމެ ނަމެއް ކިޔަސް.. ވެގެން އުޅޭ ގޮތެއް އަހަރެމެނަށް ކިޔައިދޭނީތަ.. ނޫނީ.." ނީމާގެ ފައިގެ އެއް އިނގިލި ކައިރީގައި ވަޅިއެއް ބާއްވަމުން ޝަމްޙާ ބުންޏެވެ.

"ތިއީ އަހަރެންނަށް އާ ކަންކަމެއް ނޫން.. ތިހެން އަނިޔާކޮށްގެން މަގޭ ދުލުން ވާހަކައެއް ނެރެވޭނެއޭ ހީނުކުރާތި.." ނީމާ އެހެން ބުނުމުން އަރައިގަތް ރުޅީގައި ޝަމްޙާ އޭނާގެ އަތުގައި އޮތް ވަޅި ދުރަށް ހޫރާލިއެވެ.

"ތި ވަރު ނުކުރިޔަސް މަ ކިޔައިދީފައިނަމޭ.. ވާހަކައެއް.." ނީމާ މިހެން ބުނުމާއެކު ނޫރާއާއި ޝަމްޙާ ވެސް އޭނާއާ ދިމާއަށް ބަލާލިއެވެ.

"ކޮން ވާހަކައެއް.؟" ނޫރާ އެހިއެވެ.

"މިމްރާޙާއި ނޫރާގެ ލޯބީގެ ވާހަކަ.. ދެވަނަ ސީޒަން.. އެ ބައި އެނގެން ބޭނުންވާނެ ދޯ.. ޝަމް ވެސް.." ޝަމްޙާއާ ދިމާއަށް ބަލާލާފައި ނީމާ ހޭން ފެށިއެވެ.

ނީމާ މިހެން ބުނުމުން ޝަމްޙާއާ ދިމާއަށް ނޫރާ ބަލާލިއެވެ. ޝަމްޙާ ވެސް ނޫރާއާ ދިމާއަށް ބަލާލިއެވެ. އަދި ލޮލުގެ އިޝާރާތަކުން ޝަމްޙާއަށް އެ ވާހަކަތައް އެނގޭ ކަން ނޫރާއަށް އަންގައިދިނެވެ. އަދި ނޫރާ ވެސް ލޮލުގެ އިޝާރާތަކުން ޝަމްޙާގެ އިޙްސާސްތައް އެނގޭ ކަން އަންގައިދިނެވެ. ބެލެވޭ ގޮތުގައި ދެ ކުދިން ވެސް ތިބީ މިމްރާޙްގެ ދިރިއުޅުން ފުރޮޅިގެން އައި ގޮތް އެނގެން ބޭނުންވެފައެވެ.

"ތިއީ މިމްރާޙް ޖަލުން ފިލައިގެން ދިއުމަށް ފަހު އެ ހިނގި ދިހަ އަހަރު ދުވަހުގެ ވާހަކަތަ.؟" ޝަމްޙާ އެހިއެވެ.

"އާނ.. މިމްރާޙްގެ މުޅި ދިރިއުޅުން ފުރޮޅިގެން އައި ދިހަ އަހަރުގެ ވާހަކަ މި ބުނީ.." މިހެން ބުނެފައި އެ ދިހަ އަހަރު ވެގެން ދިޔަ ކަންކަން ނީމާ ކިޔައިދޭން ފެށިއެވެ.

10 އަހަރު ކުރިން – މާފުށި ޖަލު

ފަޒާތެރޭގައި ތެތް ފިނިކަމެއް ހިފާލާފައި ހުރި އިރު، އެ ރޭގެ މޫސުމުގެ ފިނިކަމުގެ ސަބަބުން މިމްރާޙް އޮތީ ހީކަރުވައިގަނެގެނެވެ. އެކަމަކު ހީފިލުވަން ޖަލުގެ ގޮޅީގެ ތެރޭގައި ރަޖާ ގަނޑެއް ވެސް ނެތެވެ. ލަކުޑި އެނދެއްގައި ބާއްވާފައި އޮތް ބާލީހެއްގައި ބޯ އަޅައިގެން އޭނާ އޮތީ ބޯޅައެއްހެން ވަށްވެގެނެވެ. އިރުކޮޅެއް ފަހުން ޖަލުގެ ތޭރިތަކުގައި ދަގަނޑު ބުރިއަކުން މީހަކު ތަޅާ އަޑު އިވިގެން މިމްރާޙް އޭނާގެ ދެ ލޯ ހުޅުވާލިއެވެ. އެ އަޑު އިވިފައި މިމްރާޙް އެ ފަރާތަށް ބަލާލިއެވެ. އެ ތަނުގައި ހުރީ ފައިސަލްއެވެ.

"މަށަކަށް ނޫރާ އެހާއެއް ނޫނޭ ބްރޯ.." ފައިސަލް މި ގޮތަށް މިމްރާޙާ ބައްދަލު ކުރަން އައިސް މި މޭރުމުން ވާހަކަ ދައްކާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

"ދެން ނޫރާ ދޫކޮށްލަންވީނު.. މަ ވެސް ދޫކޮށްލަންވީނު.. އަހަރެމެން ކޮންމެ މީހަކު ތަނެއްގަ ބަންދުކޮށްގެން ތި އުޅެނީ ކޮން ކަމެއް ހާސިލް ކުރާން.." މިމްރާޙް ކައިރިއަށް އައި ރުޅީގައި ފައިސަލްއާ ދިމާއަށް ކުޅެއް ޖެހިއެވެ.

"މިމްރާޙް... މަށަށް ވުރެ ރުޅި ގަދަ ވާން ކަލެއަކާ ނުގުޅޭ.. ނޫރާ އެއީ މިހާރު މަގޭ މީހެއް.. މަ ބޭނުން ގޮތަކަށް ގެންގުޅެވޭނެ މީހެއް.. ކަލެއަކަށް ނުލިބޭނެ.." ޖަލުގެ ތޭރިތައް ހުޅުވުމަށް ފަހު އެ ތަނުގެ ތެރެއަށް ފައިސަލް ވަނެވެ.

ފައިސަލް ހިފަހައްޓައިގެން ހުރި ދަގަނޑު ބުރިން މިމްރާޙްގެ ގައިގައި ޖަހަމުން ދިޔައެވެ. ބޮޑަށް ޖަހަމުން ދިޔައީ ފައިގައެވެ. ފައިގެ ފަލަމަސްގަނޑު ކޮންމެ ވެސް ވަރަކަށް ވީދައިގެން ދިޔައެވެ. މި ގޮތަށް ކުދި އަނިޔާ ކޮށްކޮށް ހުއްޓައި ފައިސަލްގެ ފޯނަށް މީހަކު ގުޅުމުން އެއަށް ޖަވާބު ދިނެވެ.

"ފައިސަލް.. އީމާ ބަޣާވާތް ކޮށްފި.. ކަލޭގެ ވެރިކަން ފޭރިގަންނަން އޭނާ ރާވައިގެން ހުރީ.." ފައިސަލްގެ ފޯނު ސްޕީކަރަށް ލާފައި ހުރުމުން ދައްކަމުން ދިޔަ ވާހަކަ މިމްރާޙަށް ވެސް އިވުނެވެ.

"ކޮން ތާކަށް އޭނަ ދިޔައީ.؟ ކޮބައި ނީމާ.؟ އޭނަ އެ ބަޣާވާތުގެ ބައިވެރިއެއް ނުވޭތަ." ފައިސަލް ވާހަކަ ދެއްކިއެވެ.

"ނީމާ އަހަރެމެނަށް މީގެ ޚަބަރު ވެސް އެ ދިނީ.. ލަޝްކަރުގެ ތެރެއިން ބަޔަކު ގޮވައިގެން މާފުށީ ޖަލަށް ގޮސް ވެއްޖެ.." ފޯނުގައި ހުރި މީހާ މިހެން ބުނުމުން ފައިސަލް ކައިރިއަށް އައި ރުޅީގައި ފޯނު ހޫރާލިއެވެ.

އައިސްފައި ހުރި ރުޅި ވަރުގަދަ ކަމުން އޭނާއަށް ނުކުމެވުނީ މިމްރާޙް އޮތީ ގޮޅީގެ ތޭރިތައް ނުލައްޕައެވެ. އެކަމަކު ފަޔަށް ލިބިފައި ހުރި އަނިޔާތަކުން އޭނައަށް އެ ތަނުން ތެދުވެވޭ ގޮތެއް ނުވިއެވެ. ފައިސަލް ނުކުމެގެން ދަނިކޮށް އޭނާއަށް ފެނުނެވެ. އެއަށް ފަހު އޭނާގެ ދެ ލޯ މެރި، ހޭ ކެނޑިގެން ދިޔައެވެ.

****

މިމްރާޙަށް ހޭލެވުނުއިރު އޭނާ އޮތީ ޖަލަކު ނޫނެވެ. އެއީ މީހުން ދިރިނޫޅޭ ފަޅު ރަށެއް ކަމަށް ޤަބޫލު ކުރެވުނެވެ. އޭނާ އޮތީ ގަސްތަކެއްގެ ތެރޭގައި ލަކުޑިން ހަދާފައި ހުރި ގެއެއްގެ ތެރޭގައެވެ. މިމްރާޙްގެ މުޅި ހަށިގަނޑުގައި ރިއްސާތީ ހިއްލައިލެވުނީ ވަރަށް ހާލުންނެވެ.

"ތިއީ ކާކު.؟" ތެދުވިއިރު އަންހެން ކުއްޖަކު މިމްރާޙްގެ ފައިގައި ތެޔޮ ހާކަން އިންދައި ފެނިގެން އެހިއެވެ.

"އީމާ.." އެ އަންހެން ކުއްޖާ އޭނާގެ ނަން ބުންޏެވެ.

"އީމާ.. އަހަރެން ޖަލު ތެރެއިން ނެރުނީ ކިހިނެއް.؟ ފައިސަލްއާ ދެކޮޅަށް ބަޣާވާތް ކުރިއޭ ކިޔާފަ އެ ދައްކަނީ ކޮން ވާހަކައެއް.؟" ގޮތް ނޭނގޭ ކަންތައްތަކެއް ހިނގަން ފެށުމުން މިމްރާޙްގެ ބޮލުގައި ރިއްސައިގަތެވެ.

"ފައިސަލްގެ ބައްޕަ.. ޖަމްޝީދު.. އެއީ ބޮޑު ލަޝްކަރެއް ތަމްރީން ކޮށްގެން އެ ލަޝްކަރު ހިންގާ މީހާ.. އެ ލަޝްކަރުގެ ވެރިޔަކީ ޖަމްޝީދު.. މިހާރު ޖަމްޝީދު އުޅެނީ ވިރާސީ ރަސްކަމެއް ގޮތަށް ދަރިފުޅާ ވެރިކަން ހަވާލުކުރަން.. އެކަމަކު އަހަރެމެންގެ ތެރެއިން އެއް ބަޔަކު އެ ކަމަށް އެއްބަހެއް ނޫން.. އެއްބަސް ނުވާ މީހުން ޖަމްޝީދު ވެސް އިސްކޮށް ހުރެ ދިޔައީ މަރަމުން.. އަހަރެން މި އައީ ފިލައިގެން.." އީމާ ކިޔައިދިނެވެ.

"ލަޝްކަރު.. ވެރިކަން.. ތި ދައްކާ ވާހަކަތަކެއް ސާފެއް ނުވޭ.." މިމްރާޙް އަދިވެސް ހުރީ ވާނުވާގައެވެ.

"އެނގޭ.. މި ވަރުން އަދި ކިޔައިދިނަކަސް ނޭނގޭނެ ކަން.. އަދި އަހަރެންނަށް އެކަނި ލަޝްކަރުގެ ބާރު ނުވެސް ހޯދޭނެ.. އެހެންވެ އަހަރެންނަށް ޖެހޭނީ ކުޑަކުޑަ ލަޝްކަރެއް ވިޔަސް އުފައްދަން.. އެ ކަމަށް އަހަރެންނަށް އެހީ ވެދެންވީ.. އަހަރެން މި ފަޅު ރަށުގައި މިމްރާޙާއި އެ ބަޔަކު ތަމްރީން ކޮށްދޭނަން.." އީމާ ބުންޏެވެ.

ޖަމްޝީދު ވަނީ އޭރު އޮތް ވެރިކަމާ ދެކޮޅު ޙަރަކާތެއް ހިންގަން ވެގެން ބޮޑު ލަޝްކަރެއް ތައްޔާރުކޮށްފައެވެ. އެ ލަޝްކަރުގެ އެންމެން ވެސް ތިބެނީ ރަތް ކުލައިގެ ހެދުން ލައިގެންނެވެ. އަދި ކަޅު ކުލައިގެ ފޮތިގަނޑަކުން އެ މީހުންގެ އަނގަ މަތި ފޮރުވައިގެނެވެ. ލަޝްކަރުގެ އެކި މީހުންގެ އަތުގައި އެކި ޒާތުގެ ތޫނު ހަތިޔާރު އޮވެއެވެ. ކަނޑިއާއި ވަޅިއާއި ތީރެވެ. ދައުލަތުގެ އެތެރެއިން ކުރަން ބޭނުންވާ ހުރިހާ ކަމެއް ޖަމްޝީދު ކުރަމުން ދިޔައީ މި ލަޝްކަރުގެ ބޭނުން ހިފައިގެނެވެ. އާންމުންނަށް މި ކަންކަން ތިލަވެފައި ނުވިޔަސް ދައުލަތުގެ ވެރިންނަށް މިހާރު މި ލަޝްކަރު އޮންނަކަން އެނގެއެވެ. އެއް ބަޔަކު މިއީ "އަނދިރި ދައުލަތް" ގޮތުގައި ސިފަކުރެއެވެ. މި ލަޝްކަރު ބޭނުންވާ ގޮތަކަށް ނޫނީ ދިވެހި ވެރިކަމުގެ އެއްވެސް ތަރުތީބެއް ނުވެއެވެ. މި ވާހަކަތައް މިމްރާޙަށް އީމާ ސާފުކޮށްދިނެވެ.

"ތިއިން މަށަށް އޮތީ ކޯއްޗެއް.." ބަދަލުގައި މިމްރާޙަށް ވާނެ ފައިދާއެއް ވެސް އީމާ ވިސްނާފައި އޮންނާނެ ކަމަށް އޭނާއަށް ޤަބޫލު ކުރެވުނެވެ.

"ނޫރާ.." މަޑުމަޑު އަޑަކުން އީމާ ބުންޏެވެ.

(ނުނިމޭ)