ހުޅުމާލޭގައި ފަށާފައިވާ ސައިންސް ލެބޯޓްރީއެއްގެ އެއް ކޮޓަރިއެވެ. ދެވަނަ ފަންގިފިލާގައި ހުންނަ އެ ކޮޓަރީގެ މޭޒެއް މަތީ މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ބާއްވާފައި އޮތެވެ. ޑޮކްޓަރަކު ދެ ހަށިގަނޑު ތަހްލީލް ކުރަމުން ދިޔައެވެ. މޫނު މަތީގައި ގޯހެއް އުޅޭ ކަމަށް ބެލެވިގެން އިތުރަށް ބެލި ބެލުމުގައި ކަރު ކައިރިން އިތުރު ހަންގަނޑެއް ފެނުނެވެ. އޭގައި ހިފައި ދަމައިގަތެވެ. އެއީ މާސްކްއެކެވެ. އެހެން މީހެއްގެ ސޫރައަށް ހަދާފައިވާ މާސްކްއެކެވެ. ދެން އޮތް ހަށިގަނޑުގެ ކައިރިއަށް ޖެހިލިއެވެ. ކަރު ކައިރިން ހަމަ އެ ގޮތަށް އިތުރު ހަންގަނޑެއް ފެންނާތީ އޭގައި ހިފައި ދަމައިގަތެވެ. އެއީ ވެސް ހަމަ މާސްކްއެކެވެ.

"ފައިސަލް.. އާދެބަލަ.. ލެބްއަށް.. އަވަސް.." ފައިސަލްއަށް ގުޅާފައި އަންނަން ޑޮކްޓަރު އެދުނެވެ.

ފައިސަލްއާއި އާސިމާ ލެބްގެ އެ ކޮޓަރިއަށް ގޮސްފިއެވެ.

"މިމްރާޙް.... ހާދަ މޮޅަކަށް އަހަރެމެންނަށް އެ އޮޅުވައިލީ.." އަސްލަމްއާއި ސައިފު ކަމަށް ހީކޮށް މަރާލެވުނީ އެހެން ބަޔަކު ކަން އެނގުމުން ފައިސަލް ބުންޏެވެ.

"ފައިގެ ނޫރާ ވެސް އެ މީހުންގެ ތެރޭ ތިބި.. މިމްގެ ހުރި މޮޅުކަން ވެސް ފެނި އަހަރެން ވެސް ގަޔާވެއްޖެ.." ސަމާސާ ރާގެއްގައި އާސިމާ ބުންޏެވެ.

ފައިސަލް ކައިރިއަށް އައި ރުޅީގައި އާސިމާގެ ކަރުގައި ހިފާފައި ފާރުގައި ލައްކޮށްލިއެވެ.

"މާ ފޮންޏެއް ނޭރުވޭނެ.. ނޫރާއަކީ މަގޭ ޙައްޤެއް.. އާސިމާ ވެސް.. ނީމާ ވެސް.. ހުންނަން ޖެހޭނީ އޭގެ ފަހަތުން.. ނޫރާގެ ފަހަތުން ކަލޭމެން ތިބޭނީ.. ކަލޭމެނަށް މާ ބޮޑަށް ދޫދެވުނީމަ ހެދުނު ގޯސް މިއީ.. ދެން މި ކަން ބަލާނީ ސީދާ މަ.. ޙަލީމާ ހިފަހައްޓާނީ މަ.. ކަލޭމެނަކަށް ނުވިއެއްނު.." އާސިމާ ބިންމައްޗަށް ތިރިކޮށްލުމަށް ފަހު ފައިސަލް އެ ތަނުން ގޮސްފިއެވެ.

***

ކ. ތުލުސްދޫ

ހެނދުނުގެ ވަގުތަކަށް ތަކުރާއި ޝަމްޙާއާއި ނޫރާ ތުލުސްދޫއަށް އަތުވެއްޖެއެވެ. ހަވީރުގެ ވަގުތެއްގައި ފައިސަލް އަންނާތީ މުޅި ރަށް ދިޔައީ އެ ކަމަށް ތައްޔާރުވަމުންނެވެ. ފައިސަލްގެ ޕާޓީގެ ކުލަ ކަމުގައިވާ ރަތް ކުލައިގެ ދިދަތަކުން މުޅި ބަނދަރު ސަރަހައްދު ފުރާލިއެވެ. ފައިސަލްއަށް ސަނާ ކިޔާފައިވާ ޝުއޫރުތައް ހިމެނޭ ބެނާތައް ކޮންމެ މަގެއްގައިހެން ބެހެއްޓިއެވެ. ފައިސަލްގެ ފޮޓޯ ހިމެނޭ ބޮޑެތި ޕޯސްޓަރުތައް ވެސް ބަހައްޓާފައި ހުއްޓެވެ. މި މަސައްކަތަކުގައި އަމަލީ ގޮތުން ޙަލީމާއާއި ނޫރާ ވެސް ދިޔައީ ބައިވެރިވަމުންނެވެ. ނޫރާއާއެކު ޝަމްޙާ ވެސް އުޅުނެވެ. ނޫރާ ދާ ކޮންމެ ތަނަކަށް ޝަމްޙާ ވެސް ގެންދައެވެ. ޙަލީމާއަށް ވެސް އެކަން ފާހަގަކުރެވުނެވެ. ނޫރާ އުޅެނީ ވެސް ޝަމްޙާމެން ގޭގައެވެ.

އަޞްރު ނަމާދުގެ ބަންގީގެ ވަގުތު ގާތްވެއްޖެއެވެ. ލޯންޗެއްގައި ރަށުގެ ބަނދަރަށް ފައިސަލްއާއި ޖަމްޝީދު ބަނދަރުކޮށްފިއެވެ. ބަނދަރު ސަރަހައްދުގައި މާފަތި ހިފައިގެން ރަށުގެ ޒުވާން އަންހެން ކުދިން ނުކުމެ ތިއްބެވެ. ރަށުގެ އެންމެން ގޮތަކަށް އެ ސަރަހައްދަށް ޖަމާވެ ތިއްބެވެ. ފައިސަލްއާއި ޖަމްޝީދަށް ރަށުންކީ ހޫނު މަރުޚަބާއެކެވެ. ފައިސަލްއާއި ޖަމްޝީދު އައީ ވެސް އެ ރޭ ތުލުސްދޫގައި މަޑުކުރާ ގޮތަށެވެ.

***

ފައިސަލް އައުމުން އޭނާއަށް އެންމެ މީރު ބަނބުކޮޔެ ބަތާއި ގަރުދިޔައާއި ހުންޏާއި ސައްލަން ނޫރާ ތައްޔާރުކުރިއެވެ. ތައްޔާރުކުރުމަށް ފަހު ފައިސަލްއަށް ގޮވިއެވެ. ފައިސަލް ގޮސް ކާ މޭޒު މަތީ އިށީނދެ ނޫރާ ވެސް އޭނާގެ ކައިރީގައި އިށީންނަން ބުންޏެވެ. ފައިސަލް އެދުނު ގޮތަށް ނޫރާ ވެސް އިށީނދެ ކާން ފެށިއެވެ.

"މަށަށް އެނގޭ.. ނޫރާއަށް ވެސް މިހާރު ރަތް ލަޝްކަރުގެ ވާހަކަ އެނގޭ ކަން.." ފައިސަލް އެހެން ބުނުމުން ނޫރާ ކާން އިނދެފައި ކޮށި އަރައިގަތެވެ.

"މިހާރު ދެން ވިސްނާފަ އޮތީ އަހަރެން މަރާލަންތަ.؟" ވަރުބަލި ކަމުން ނޫރާއަށް ވާހަކަ ދެކެވެނީ މަޑުމަޑު އަޑަކުންނެވެ.

"ނޫން.. މަށެއް ނޫން އެ ކަންކަން ކުރަނީއެއް.. މަ ކިތަންމެ ނުލަފާ މީހަކަސް.. މީހުން މަރަމުން ދަނީ މަށެއް ނޫން.. މަ މި ދައްކާ ވާހަކަ ޤަބޫލު ކޮށްބަލަ.." ނޫރާގެ އަތުގައި ފައިސަލް ހިފުމުން، އޭނާގެ އަތް ނޫރާ ފޮޅާލިއެވެ.

"ނުކުރާނަން.. އަހަރެންނަށް ކުރާ އަނިޔާ ދަންނަން.. ތިއީ އެ ވަރުގެ ދަށް ފެންވަރުގެ މީހެއް.. ވަރަށް އަވަހަށް ވަރިވާން ވެސް އެދޭނަން.. މިހާރު ދެން ކޮންމެހެން އަހަރެންގެ ލޯބި ހޯދަން މާ ލޯބިން ވާހަކަ ދައްކާނެ ކަމެއް ނެތް.." ރޮމުން ރޮމުން އެ ތަނުން ނުކުގެން ނޫރާ ހިނގައްޖެއެވެ.

"ނުކުރާނެ ޤަބޫލެއް.. ދެން ކިތަންމެ މަސައްކަތެއް ކުރިޔަސް.. އަލިފަކަށް ދެން ކަލޭ ނުވެވޭނެ.." އާސިމާ ހުރީ ނޫރާއާއި ފައިސަލް ދައްކާ ވާހަކަ ބޭރުގައި ހުރެގެން ސިއްރުން އަޑުއަހާށެވެ.

"މިމްރާޙްއާ އެކީގަ ޑީލަކަށް ގޮސްގެން ނޫނީ ޙަލީމާ ނުހިފެހެއްޓޭނެ.. އެ ކަން ވަރަށް ސާފު.. ނޫރާ މެދުވެރިކޮށް އެ ކަން ވާން ނެތިއްޔާ.. މިމްރާޙާ ސީދާ އަހަރެން މުއާމަލާތް ކުރާނީ.. ކޮން ގޮތެއް ހަދައިފަ ވެސް ޙަލީމާ ހިފަހައްޓަން ޖެހޭ.." އަރައިގަނެފައި ހުރި ރުޅިން އާސިމާގެ މޫނަށް ފައިސަލް ކުޅެއް ޖެހިއެވެ.

"ވޯޓަށް އޮތީ ދެ ދުވަސް.. ދެ ދުވަސް ތެރޭގަ ޙަލީމާގެ ރޭވުން ކަލެއަށް ބައްޔެއް ނުކުރެވޭނެ.. މިމްރާޙަށް ވެސް ކަލޭ އެނގޭނެ.. ކަލެއަކާ އޭނާ ނުގުޅޭނެ.. އަހަރެންނަށް ވެސް މިހާރު ކަލޭ ކަމަކު ނުދޭ.. ޙަލީމާގެ އެ މޮޅު ވިސްނުން ތަންފީޒު ނުކުރާން ކަލޭ ތިހާވަރަކުން ތި އުޅެނީ ކީއްވެ.؟" ފައިސަލްގެ ކަނާތު އަތުގައި އާސިމާގެ ތޫނު ނިޔަފަތިތަކުން ވިކައިގަތެވެ.

"މިމްރާޙާ އެކީ ޑީލަކަށް ދެވޭނެ.. ބޮޑު ނުބައާއި ކުޑަ ނުބައި އިޚްތިޔާރު ކުރުން ނޫން ގޮތެއް މި ރާއްޖޭގަ އަދި އަދަށް ވެސް ނެތް.. މިމްރާޙަށް ވެސް މީގެއިން ބޮޑު ނުބައާއި ކުޑަ ނުބައި އެނގޭނެ.." ފައިސަލް ވަރަށް ޔަޤީންކަމާއެކު ބުނެފައި އެ ތަނުން ނުކުމެގެން ގޮސްފިއެވެ.

***

ޅ. މާފިލާފުށި

އަސްލަމްގެ އިރުޝާދުގެ ދަށުން އެންމެން ދިޔައީ ތޫނު ހަތިޔާރުތައް އުފައްދަމުންނެވެ. އަދި ބޮން ޑެފިއުޒް ކުރާނެ ގޮތް ވެސް ދަސްކުރަމުންނެވެ. އަސްލަމްއާއެކު މިމްރާޙާއި ވިއާމާއި ޔާސީނާއި ޙަސަން ދިޔައީ ބައިވެރިވަމުންނެވެ. އީމާއާއި ސައިފުވީ ސަލީމްއާއެކު މާލެ ގޮސްފައެވެ. މާލެއިން އަދިވެސް އެއްކުރަން ޖެހޭ މައުލޫމާތުތައް ހުރި ކަމަށް ސަލީމް ބުނުމުންނެވެ.

މާފިލާފުށީގެ ބިޔަ ގަސްތަކުގެ ތެރޭގައި، އެއް ގަހުން އަނެއް ގަހަށް ފުންމުގެ ތަމްރީނެއް ކުރަމުން ދިޔައެވެ. މީގައި ތަމްރީން ކުރަނީ ވީހާ ވެސް މަތިން ފުންމާށެވެ. މީގެ ތަމްރީނެއް ކުރިން ޕާކިސްތާނުގައި އުޅެމުން ވެސް އަސްލަމް ނަގައިދިނެވެ. ފަސް މީހުން ވެސް ދިޔައީ ހުޝިޔާރުކަމާ އެކު އެއް ގަހުން އަނެއް ގަހަށް ފުންމަމުންނެވެ. މި ތަމްރީންތައް ގެންދިޔައީ ރޭގަނޑުގެ ދަން ވަގުތުގައެވެ.

ތަމްރީން ނިމިގެން ފަސް މީހުން ވަލު ތެރޭގައި ތިބެގެން ކައްކަމުން ދިޔައެވެ. ދަރު އުދުނެއް ބަހައްޓައިގެން ކައްކަމުން ދިޔައީ ނޫޑްލީހެވެ. މިމްރާޙާއި ވިއާމު ކެއްކުމުގައި މަސްއޫލުވެގެން ތިބިއިރު ޔާސީނާއި ޙަސަން އުޅުނީ މަސް ފިހުމުގައެވެ. އެއީ އެ ދުވަހުގެ ހަވީރު ވަގުތެއްގައި ރަށް ކައިރިން އެ މީހުން ވެގެން ބޭނި މަސްތަކެކެވެ. އޭގެ ތެރޭގައި ކަނޑު މަހާއި ފަރު މަސް ވެސް ހުއްޓެވެ.

"މިރޭ އެބަ ޖެހޭ މިމްރާޙާއި ވިއާމު ތުލުސްދޫއަށް ގޮސްލަން.. އަހަރެން އޮންނާނެ ލޯންޗެއް ހަމަޖައްސައިފަ.. މަށަށް ޚަބަރު ލިބިފަ އޮތް ގޮތުން މިރޭ ތުލުސްދޫގަ ފައިސަލް ކަމެއް ހިންގަން އޮތީ ރާވައިފަ.. އެއަށް ތައްޔާރު ވެގެން ތިބެން ޖެހޭނެ.. އަހަރެމެންގެ ތެރެއިން މީހަކަށް ހަމަލާ ވެސް ދީފާނެ.. މިހާރު އެނގޭނެ ނޫރާއަށް މި ހުރިހާ ކަމެއް އެނގޭ ކަން ވެސް.. ޝަމްޙާ ވަރަށް ހުޝިޔާރުކޮށް ހުރީ ވެސް.." އަސްލަމް ވާހަކަ ދެއްކިއެވެ.

"އާނ.. ރޭގަނޑު މަޑު ކުރަން ނިންމީ ކަމެއް ބޭނުންވެފަ އޮވެގެން.. ޝަމްޙާ މަށަށް ވެސް ގުޅައިފަ ބުނި.. ކުޑަ ރަށަށް ގޮސް ދިދައެއް ޖެހި ވާހަކަ.. ޝަމްޙާއަށް ޤަބޫލު ކުރެވުނީ އެއީ ގަސްތުގަ ކުރި ކަމެއް ކަމަށް.. ފައިސަލްއަށް ޝަމްޙާ ފާރަލީކަން އޭނައަށް އެނގޭހެން ހީވަނީ.. ރަތް ދިދައެއް ބެހެއްޓީ.. ދެން ގަދަ ނޫ ކުލައިގެ ދިދައެއް.. ބޮޑަށް ހީވަނީ މަޝްވަރާއަކަށް ގޮވާލީހެން.." ވިއާމު ބުންޏެވެ.

"ކަލެއަށް މިހާރު ޝަމްޙާ ގުޅަން ވެސް ފެށީ ދޯ.. ކިހާ ހިސާބެއްގަ އެ ކަން އޮތީ.." ސީރިއަސް ވާހަކައެއްގެ ތެރެއިން ވެސް ވިއާމަށް ޙަސަން ދިމާކޮށްލައިފިއެވެ.

"ޙަސަން ވެސް ދޯ.. ޝަމްޙާއަކީ ވެސް މިމްރާޙްގެ ބިޓެއް.. މަށަށް ހީވަނީ ދެ އަނތްބަށް އިނދެގެންހެން ނިންމާނީ.. ސިއްރު ސިއްރުން އުޅޭ ގޮލައެކޭ.. މަޑުމަޑުން ހުރެފަ ސެންޓަރު އެންމެން ނުލިބިގެން އުޅުނު ނޫރާ ވެސް ސެޓު ކުރީ ވިއްޔާ.." ވިއާމު ދިމާކޮށްލީ މިމްރާޙަށް ސަމާސާ ކުރާށެވެ.

"ކަލޭމެނަށް ސާބަސް.. ވިއާމު ހިނގާ ތުލުސްދޫއަށް.. ފައިސަލް މަޝްވަރާ ކުރަން ބޭނުންވާ ކަމެއް ވެސް ބަލަން ޖެހެއެއްނު.." ތެލީގައި ހުރި ނޫޑްލީހުގެ ތެރެއިން އެތިކޮޅަށް ފަތްކޮޅަކަށް ލަމުން މިމްރާޙް ބުންޏެވެ.

****

ކ. މާލެ

ސަލީމްއާއި އީމާ އިނީ ރެސްޓޯރެންޓެއްގައެވެ. ސަލީމް އިނީ އޭނައަށް އެކަނި ޕިއްޒާއެއް ކާލަން ވެގެންނެވެ. ސަލީމަކީ އާންމު ގޮތެއްގައި ވެސް ވަރަށް ގިނައިން ކައި އުޅޭ މީހެކެވެ. ސަލީމް އެކަނި ޕިއްޒާއެއް ކާލަން އުޅޭ ގޮތް ބަލަހައްޓައިގެން އީމާ އިނެވެ.

"ސަލީމް.. ކަލޭ ތި ބުނާ މީހަކު އަންނަނީ ކިހާ އިރަކުން.. ފައިސަލްގެ ޕްލޭން މި މީހަކަށް އެނގެނީތަ.؟ އަނގައިން ނުބުނެ މާ ގިނައިރު ހުންނާކަށް ނުވާނެ.." އާންމު ގޮތެއްގައި ވެސް ބަސް މަދު ސަލީމް އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ކެއުމުގައި މަސްއޫލުވެގެން އުޅުމުން އީމާ ޝަކުވާ ކޮށްލިއެވެ.

"އޭނަ މަރާލައިފި.." ޕިއްޒާގެ ފަހު ފޮތިކޮޅު އަނގައަށް ލަމުން ސަލީމް ބުންޏެވެ.

"މަރާލައިފިއޭ.؟ ދެން މި ތަނުގަ މި ތިބެނީ ކީއްކުރަން.؟" ވަގުތުތަކެއް ބޭކާރުވުމުން އަރައިގަތް ރުޅީގާއި އީމާއަށް ވާހަކަ ދެއްކެވުނީ އަޑު ވަރަށް ބާރަށެވެ.

"އޭ.. ޝޫ... އަޑުގަދަ ނުކުރޭ.. މި ތަނުގަ މީހުން އެބަ ތިބި.." ސަލީމް އެހެން ބުނުމުން ވަށައިގެން އީމާ ބަލައިލިއިރު، ބައެއް މީހުން އެ ދެ މީހުންނަށް ބަލަހައްޓައިގެން ތިއްބެވެ.

"ދެން ބުނެބަލަ.. ކީއްވެތަ މި ތިބެނީ..؟" އީމާ މި ފަހަރު ވާހަކަ ދެއްކީ ވަރަށް އަޑު މަޑުންނެވެ.

"މަގޭ ސަސްޕެކްޓްއަކީ މިހާރު ފައިސަލްއެއް ނޫން.. މި ފެނުނީ ފައިސަލްގެ ޕްލޭންއެއް ނޫން.. ފައިސަލް ވެސް ރަނގަޅެއް ނޫން.. ވެރިކަން ބޭނުންވޭ.. އެކަމަކު އޭނައަށް އެ އޮތީ ތާއީދާއެކު ވެސް މި ކަން ފަހިވެފަ.. ދެން ރަތް ލަޝްކަރުގެ ބޭނުންކޮށްގެން ކޮމިޝަނަށް ބިރު ދައްކުވައިފަ ބައިންދަންވީ.. ނަތީޖާ އޭނަ ފަޅިއަށް ދިޔައަސް ބައަކަށް ބަލައިގަނެވޭނެ.. މުޅި މާލެ ހަނަފަސް ކުރުމުގެ ވިސްނުމެއް އޭނަގެ ނުއޮންނާނެ.." ސަލީމް ވަރަށް ވިސްނަން ހުރެފައި ބުންޏެވެ.

"ދެން ކާކު މިފަދަ ވިސްނުމެއް ގެންގުޅޭނީ..؟" އީމާ އެހިއެވެ.

"ތިއެއް މި ވިސްނަނީ.." ފުން ނޭވާއެއް ލާފައި ސަލީމް ބުންޏެވެ.

***

ކ. ތުލުސްދޫ ކައިރި ކުޑަ ރަށް

ތުލުސްދޫ ކައިރީ އޮންނަ ފަޅު ރަށާ ތަންކޮޅެއް ދުރުގައި ލޯންޗު ބެހެއްޓުމަށް ފަހު މިމްރާޙާއި ވިއާމު ފުންމާލީ މޫދަށެވެ. ގޮނޑުދޮށާ ހަމައަށް ދެވުނީ ވިއްސަކަށް މިނެޓު ފަތާލައިގެންނެވެ. ރަށަށް އެރުމަށް ފަހު ފުރަތަމަ ވެސް ކައިރިވި ގަހެއްގެ މައްޗަށް އަރާފައި ގަހެއްގައި އެ މީހުން ހަދާފައި ހުރި ފަންގެއާ ހަމައަށް ދިޔައީ އެއް ގަހުން އަނެއް ގަހުން ފުންމަމުންނެވެ. ގެއާ ހަމައަށް އާދެވުނުއިރު އެ ތަނުގައި ދެ ދިދައެއް ޖަހާފައި ހުއްޓެވެ. އެއީ ރަތް ކުލައިގެ ދިދައަކާއި އަޅި ނޫ ކުލައިގެ ދިދައެކެވެ.

އެ ތަނުގެ ތެރެއަށް ވަދެގެން ދިޔައިރު ރަތް ކުލައިގެ ހޫޑީއެއް ލައިގެން ހުރި މީހަކު މަރުވެފައި އޮތެވެ. އޭނާ އޮތީ ވެސް ކަޅު ކުލައިގެ ފޮތިގަނޑެއް އަނގަ މަތީގައި އަޅައިގެނެވެ. މޫނު މަތީގައި ރަތް ކުލަ ހަކާފައި ހުއްޓެވެ. އެ މީހާ ކައިރިއަށް ގޮސް ފޮތިގަނޑު ނަގާފައި މިމްރާޙް ބަލާލިއެވެ. އަދި އެއީ ފެންނަން ހުރި މީހާ ނުވެދާނެތީ މޫނު މަތީ މާސްކްއެއް އަޅާފައި އޮތްތޯ ވެސް މިމްރާޙް ބެލިއެވެ. މާސްކްއެއް އަޅާފައެއް ނެތެވެ.

"ފައިސަލް މި އޮތީ މަރާލައިފަ.."

(ނުނިމޭ)

(ދެން އޮތީ ފަހު ބައި)