މެއި 03 ވަނަ ދުވަހު ގެނެސްދިން ބައި

"އެނގޭ. ނަޒީލްގެ ކުށެށް ނެތް. ނަޒީލް ދޫކޮށްލާ." ނިހާ އާދޭހާއެކު އެދުނެވެ.

"އެއީ ތެދެއް ފައިރޫޒް." ފެންކަޅިވެފައި ހުރި އިންޝާ ބުންޏެވެ. "ނަޒީލްގެ ކުށެށް ނެތް. އޭނަ މުޅި ރަށަށް ބަދުނާމުނުކޮށް ދޫކޮށްލާ."

"އެ ބުނީ ހަޤީޤަތަށް. ނިހާއަށް ލިބުނު އަނިޔާގެ ބަދަލެއް ނުދެވޭނެ. އެކަމަކު އެއީކީ ނަޒީލް ގަސްތުގައި ކުރި ކަމެއްނޫން." ޞަފިއްޔާ ވެސް ބުނެލިއެވެ.

"ނަޒީލްތަ ބުނީ އޭނަ އަމިއްލަ އިހްތިޔާރުގައި ކުރިކަމެއް ނޫނޭ." ފައިރޫޒް ސުވާލުކުރި ރާގުން އެމީހުން ދެއްކި ވާހަކައަށް އިތުބާރު ނުކުރާކަން އެތަނުގައި ތިބި އެންމެނަށް ވެސް އެނގުނެވެ.

"އޭނަ ނުބުނޭ." ނިހާ ވިސްނުންތެރިކަމާއެކު ޖަވާބު ދާރީވިއެވެ. "އެކަމަކު އޭނާގެ ބާރު ހުރި ގޮތުން އޭރު ވެސް ޝައްކުވެފަ ހުއްޓައި އިބްރީސްގެ ވާހަކަތައް އިބްރާހީމްބެ ބުނީމަ ޔަޤީންވީ."

"އެއީ ތެދެއް." އިންޝާ އެއްޗެއް ހަނދާންވެގެން ބުންޏެވެ. "ނިހާ ކޮޓަރިއަށް ވަން ދުވަހުގެ ފަހުން އަހަރެން ކައިރީ ބުނި އެ ކޮޓަރިއަށް ދެވުނު ގޮތެއް ވެސް ނޭނގެއޭ."

ފައިރޫޒް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އެމީހުން ތިއްބާ ފައިރޫޒް އެދުނީ އެންމެން ބޭރުގައި މަޑުކޮށްލުމަށެވެ. ނިހާއާއި އިންޝާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެން ބަލާލީ ފައިރޫޒަށެވެ. އެމީހުން ކުރަމުންދިޔަ އާދޭސް އެ ލޯތަކުން ފައިރޫޒަށް ފެނުނެވެ. ނަމަވެސް އޭނާ ތަޙުޤީޤު ޓީމާ ބައްދަލުކޮށްފައި ޖަވާބެއް ދޭނެކަމަށް ބުންޏެވެ. ތިން މީހުން ބޭރަށް ނުކުތްފަހުން ތަޙްޤީޤު ޓީމުގެ ބައިވެރިން ފައިރޫޒްގެ ކެބިންއަށް ވަނެވެ. އެމީހުން އެތަނުގައި ތިބެ ދެއްކި ވާހަކައެއް ނިހާމެންނަކަށް ނޭނގެއެވެ. އިރުކޮޅަކުން އިލްހާމް ވެސް އެތަނަށް އަޔެވެ. ގާތްގަނޑަކަށް ބައިގަޑި އިރެއްހާއިރު ފަހުން ފައިރޫޒް އައިސް ޓީމުގެ ނިންމުން ހާމަކުރިއެވެ.

"ނިހާގެ މައްސަލަ އަލުން މިއޮތީ ތަޙުޤީޤުކުރަން ޖެހިފައި. ނަޒީލް އޭނާގެ ކުށް ފޮރުވަން ގިނަ ކަންތައްތަކެއްކޮށްފައި ހުރިކަމުގެ ހެކިތައް ވެސް ވަނީ ލިބިފައި. އަނެއްކޮޅުން ނިހާއާއި އިންޝާގެ ބަޔާން ވެސް މިހާރު މިވީ ނިހާމެން ބުނާ ގޮތުންނަމަ ދޮގު ބަޔާނަކަށް. އެހެންވީމަ ހަޤީޤަތް ޔަޤީންކުރެވެން ދެން ތަޙުޤީޤު ކުރިޔަށްދާނެ. ނަޒީލް ބަންދުކުރެވިފައި އެހުރީ 05 ދުވަހަށް. އެ މުއްދަތުގައި ނަޒީލްއާ ދެކޮޅަށް އިތުރު ހެތްކެއް ނުލިބިއްޖެނަމަ ނުވަތަ ލިބިފައި ހުރި ހެކި ބާތިލުކުރެވޭނެ ގޮތަކަށް ސާބިތުވެއްޖެ ނަމަ އޭނާ ދޫކޮށްލެވޭނެ."

ފައިރޫޒް ތަޙްޤީޤު ޓީމުގެ ފަހުބަސް އިއްވާލުމުން އެންމެ އަޑުގަދަކޮށްލީ އިލްހާމްއެވެ. އޭނާގެ ދަރިފުޅު ބަދުނާމުކުރަން މީހުން ދޮގުހެކި ދެމުންދާކަމުގެ ތުހުމަތުއަޅުވައި ފައިރޫޒްގެ ނިންމުން ބަދަލުކުރުމަށް އޭނާ އުޅުނެވެ. މާނިޢުގެ ބަޔާނާއި، ނުދަންނަ ނަންބަރުގެ އެސްއެމްއެސްގެ ވާހަކަ ވެސް އިލްހާމަށް އެނގޭކަން އަންގާލުމަށް އޭނާ އެ ވާހަކަތައް ވެސް ގޮވިއެވެ. ރަށުތެރެއިން އެވާހަކަތައް އިވެމުންދާކަމަށާއި، ނިހާގެ މެޑިކަލް ޗެކަޕް ހެދި ޑޮކްޓަރ ބޮލަށް އެރިގެން ނަޒީލް ބަދުނާމުކުރަން ރާވަމުންދާ އަޑުތައް އިވޭކަމަށް އިލްހާމް ހަރުއަޑުން ކިޔަމުން ދިޔައެވެ. އިލްހާމަށް އެ ހުރިހާ މަޢުލޫމާތެއް އެނގުމުން ފައިރޫޒް ހިސާބަކަށް ހައިރާން ވެސް ވިއެވެ. ނަމަވެސް ފައިރޫޒު ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. މައްސަލައިގެ ތަހުގީގު ނިމޭ ހިސާބުން ހުރިހާ ހަޤީޤަތެއް ވެސް ޝައްކެއްނެތް މިންވަރަށް ސާފުވެގެން ދާނެކަމަށް ބުނެ ފަހު ބަސް އިއްވިއެވެ.

ފައިރޫޒްމެންގެ ނިންމުން ބަދަލުކުރުމުގެ އެއްވެސް ހިޔާލެއް އެމީހުން ނުގެންގުޅޭކަން ޔަގީންވުމުން އިލްހާމްމެން ގެއަށް ދާން ނުކުތީ ކަރު އެލުވާލައިގެންނެވެ. މާޔޫސްވެފައި ތިބެއެވެ. ގެއަށް ދިޔަ މަގުމަތީގައި ނަޒީލް ކުރިކަމެއް ކުރީ އިބްރީސްގެ ވަސްވާހުން ކަމަށް ބުނެ އެ މަޢުލޫމާތު ޞަފިއްޔާ އިލްހާމާ ހިއްސާކުރިއެވެ. އިލްހާމް އިނީ އެ ވާހަކަތައް ކަނުލާ އަޑު އަހާށެވެ. އެޔާއެކު އޭނާގެ ވިސްނުމަށް މޮޅު ހިޔާލެއް އައެވެ. ކުރިން އެކަހަލަ ވިސްނުމެއް އޭނާގެ ބޮލަށް ނައީ ކީއްވެގެންތޯ އަމިއްލަ ނަފުސާ އިލްހާމް ސުވާލުކުރިއެވެ.

ގެއަށް ވަދެވުމާއެކު އިލްހާމް ހުރިހާ ވަރެއް ބޭލީ ނިހާއަށެވެ. ކުށްވެރިއަކަށް ހެދީ ނިހާއެވެ. ނުދަންނަ ނަންބަރުން މެސެޖު ފޮނުވިކަމުގެ ތުޙުމަތު ވެސް ނިހާގެ ބޮލުގައި އެޅުވިއެވެ. ފައިރޫޒަށް ކުރިން ހަޤީޤަތް ބުނެދިންނަމަ މިއަދު ނަޒީލް އެވަރު ބޮޑު ބަދުނާމެއް ނުވާނެކަމުގައި ބުނަމުންނެވެ. ނިހާ ޚައިރާނެއް ނުވެއެވެ. އޭނާ ނަޒީލް ސަލާމަތްކުރަން ފުރާނަ ޤުރުބާން ކުރިކަމުގައި ވިޔަސް އިލްހާމުގެ ދުލުން ޝުކުރުގެ ބަހެއް ވެސް ނުލިބޭނެކަން އޭނާ ދަނެއެވެ. އެހެން މީހެއްގެ ހިތުގައި އެ ޝައްކު އުފެދިދާނެތީ އޭނާ ބިރުގަތެވެ. ނިކާލް އެ ތުޙުމަތުތައް ޤަބޫލުކޮށްފާނެތީ ކަންބޮޑުވެފައި ހުއްޓައި ނިކާލް އެރީ ނިހާއާ އެއްކޮޅަށެވެ. އިންޝާ ވެސް ނިހާގެ ދިފާޢުގައި ވާހަކަދެއްކިއެވެ.

ޞަފިއްޔާ ވެސް އިލްހާމްއާ ބައިވެރިވެގެން ނިހާއަށް އަޑުލާކަށް ބޭނުމެއް ނުވިއެވެ. އޭނާ މިހާރު އެއްފަހަރު އިލްހާމްގެ ބަހަށް ހެއްލިގެން ނިހާގެ ބޮލުގައި ގޮތްކުޑަ އިލްޒާމުތަކެއް އަޅުވައިފިއެވެ. އެވަރުން ވެސް ނިހާ އެދުވަހު ހަމަހިމޭނުން ހުރީއެވެ. ނަޒީލްގެ ނަން ބުނި ނަމަވެސް ޤަބޫލުނުކުރާނެކަން އެނގުނީކަމުގައި ވެސް ވެދާނެއެވެ. އެހެނަސް ނަޒީލް ހައްޔަރުކޮށްގެން ގެންދިޔަ ހިސާބުން ނިހާ ނަޒީލްގެ ދިފާޢުގައި ތެދުވުމުން ޞަފިއްޔާގެ ހިތް ނިހާގެ މައްޗަށް ސާފުވާން ފަށައިފިއެވެ.

"ނިހާ މި ހުރިހާ ދުވަހު ހަމައެއްވެސް ކަމެއް ނޭނގޭކަމަށް ހެދިގެން ތި ހުންނަނީ. ފައިރޫޒަށް ތެދުތެދަށް ކިޔައިދިންނަމަ މިއަދު ނަޒީލް މިވަރު ބޮޑު ލަދެއްގައި ނުބެދޭނެ." އިލްހާމް އަޑުގަދަ ކުރަމުން ކިޔެވެ.

"އެ ދުވަހު ތެދަށް ކިޔާދިންނަމަ ވެސް ގޯސްވާނީ ނިހާ." ނިކާލްގެ ރައްދުދިނީ ހަރުކަށި ރާގެއްގައެވެ. "ބައްޕަމެންނަށް ރަނގަޅު އެއްގޮތެއް ވެސް ނޯންނާނެ. އެ ދުވަހު ކިޔާދިން ނަމަ ބުނާނެ ނިހާ މި އާއިލާ ބަދުނާމުކުރަނިއްޔޭ. މިއަދު ވެސް މަށާ ދިމާއަށް ބުނި ނިހާ ވަގަށް ފިރިހެނުން ވައްދާފަ ނަޒީލްގެ ބޮލުގައި ތުހުމަތު އަޅުވަނިއްޔޭ. މިހާރު އިބްރީސްގެ ކަންތައް އައުމުން ބައްޕަ ވެސް ތި އުޅެނީ އަނެއްކާ ވެސް އަނެއްވާހަކައެއް ދައްކައިގެން ނިހާ ގޯސްކޮށްލެވޭތޯ؟ ނަޒީލްގެ ދިފާޢުގައި ތެދުވެ ހުރިތަނެއް ބައްޕައަކަށް ނުފެނުނެއްނު. ބައްޕަމެންނާ މި ވާހަކަ ދެއްކުމަކީ ވެސް ބޭކާރުކަމެއް."

"ނިކާލް ވާހަކަ ނުދައްކާ މަޑުންހުރޭ." އިލްހާމް ގާތަށް ރުޅިއައެވެ. "މަށަށް އެނގޭ އެއްޗަކީ އެ ދުވަހު ތެދުތެދަށް ކިޔާދިންނަމަ މިއަދު ނަޒީލް ކުޑަގޮޅިއެއްގައި ނިދަން ނުޖެހޭނެކަން."

ނިކާލް ނިހާއަށް ކުރަމުންދާ އިތުބާރު އިޙްސާސްވުމުން ނިހާ ހުރީ ނިކަން ހިތްހަމަޖެހިފައެވެ. އެ އިތުބާރުގެ ސަބަބުން އިލްހާމްގެ އެތެރެ ހަށީގައި ރޯވަމުންދިޔަ ނަފުރަތުގެ އަލިފާން ނިހާއަށް ފެނެއެވެ. އެ އަލިފާނުގެ ގިނިން ނިހާ ފިއްސައިލަން ބޭނުންވި ނަމަވެސް ނިހާގެ ނަފްސަށް ލިބިފައިވާ ހަމަޖެހުން އެކަމަށް ހުރަސް އަޅާނެއެވެ. ނިކާލް އޭނާގެ އަތުގައި ހިފައިގެން ހުރިހާ ދުވަހަކު އިލްހާމަށް އެކަން ކާމިޔާބެއް ވެސް ނުވާނެއެވެ. އެ އުފާވެރިކަން ނިހާގެ ތުންފަތް މަތިން ވެސް ހާސާވެގެން ދިޔައެވެ. އިލްހާމް ނުރުހުމުގެ ނަޒަރުން ބަލާލި ވަގުތު ނިހާގެ ތުންފަތްމަތީގައި ވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ނިހާ މަލާމާތްކުރަނީކަން ވިސްނުމުން އިލްހާމްގެ ރުޅި އިތުރަށްވީ ގަދައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލައިފައި ވެސް ފުން ނޭވާއެއް ބޭރުކޮށްލަމުން، އޭނާ އެތަނުން ދިޔައީ އެންމެނަށް ވަކިވަކިން ކަޅިއަޅާފައެވެ.

އިލްހާމްގެ ބަސްތަކުން ޞަފިއްޔާގެ ހިތް ވަނީ ނިހާގެ މައްޗަށް ސާފުވުމަށް ހުރަސް އަޅާފައެވެ. އިލްހާމް ބުނީ ވެސް ދޮގެއް ނޫނެވެ. ފައިރޫޒަށް ދިން ބަޔާނުގައި ނިހާ ތެދު ހާމަކުރިނަމަ މިއަދު ނަޒީލް ހުންނާނީ ގޭގައެވެ. ފުލުހުންގެ ހައްޔަރަކު ނޫނެވެ. އެޔާއެކު އިއްޔެގެ ވަގުތު ނިހާއާ ވެވުނު ދެބަސްވުން ވެސް އޭނާގެ ހަނދާނަށް އަޔެވެ. އެކަމުގެ ބަދަލެއްގެ ގޮތުން ނިހާ އެސްއެމްއެސް ފޮނުވައިގެން ނަޒީލް ހައްޔަރުކުރުވީކީ ނޫންބާއެވެ؟ އެޔަށްފަހު އެމީހުންގެ ލޮލުގައި އަނދުން އަޅުވަން ނަޒީލް ސަލާމަތްކުރުމަށް އަތުކުރި އޮޅާލީ ހެއްޔެވެ؟ ޞަފިއްޔާގެ ހިތް ޝައްކާއި ވަހުމުން ފޯވިއެވެ. ނަމަވެސް އޭނާ ހިމޭންކަން ޚިޔާރުކޮށް ނިހާއާ ދިމާއަށް އެއްޗެއް ނުބުނީ ނިހާ ދިފާޢުކުރަން ނިކާލް ނުކުމެ ހުރުމުންނެވެ. އަދި ހައްޔަރުގައި ހުރި ނަޒީލަށް ވެސް އެންމެ ބޮޑު އެހީތެރިކަމެއް މިވަގުތު ފޯރުކޮށްދެވެން އޮތީ ނިހާއަށް ކަން އޭނާއަށް އެނގޭތީއެވެ. ފަހަރުގައި ނިހާ މެދުވެރިކޮށް ފައިރޫޒްގެ ނިންމުން ބަދަލު ކުރެވިދާނެތީއެވެ. ނިހާ ރުޅިއަރުވާލުން އެއީ ބުއްދިވެރި ގޮތެއްކަމަށް ނުފެންނާތީއެވެ.

ބާބު 12 – އޭނާގެ ވަފާތު

ފާއިތުވަމުން ދިޔަ ކޮންމެ ދުވަހަކީ ސުނޯހައުސްގެ އަހުލުވެރިންގެ ހިތްތަކަށް އިންތިހާ ނުތަނަވަސްކަން ވެރިވަމުން ދިޔަ ދުވަސްތަކެކެވެ. އިލްހާމް ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ ނަޒީލް ހައްޔަރުން މިނިވަން ކުރެވޭތޯއެވެ. ސަރުކާރުގެ އެކިއެކި ފަންތީގެ ބޭބޭފުޅުންނަށް ގުޅުމުގައާއި، އެމީސްމީހުންނާ ބައްދަލުކުރުމަށް އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްގެންނެވެ. ހަމަ އެ ބީދާއިން، ފައިރޫޒް އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރަމުން ދިޔައީ ވީހާ ވެސް އަވަސް ދުވެއްޔެއްގައި ތަހުޤީޤު ފުރިހަމަ ކުރުމުގައެވެ. އިލްހާމް މެދުވެރިޔަކަށް ވެ ހުރެ އޭނައަށް ކުރިމަތި ކުރުވަމުންގެންދާ ކޮންމެ ގޮންޖެހުމަކާއި ފިއްތުންތަކަކަށް ކެރިހުރެ ކުރިމަތިލަމުންނެވެ.

ތަހުޤީޤު ފެށިގެންދިޔައީ މައްސަލައާ ގުޅުންހުރި އެންމެން ކުރިން ދީފައިހުރި ހުރިހާ ބަޔާތައް ބާތިލުކޮށް އަލުން އެމީހުންގެ ބަޔާންތައް ނެގުމަށް ފަހުގައެވެ. ގޮތްނޭނގޭ ނަންބަރުން ފޮނުވި އެސްއެމްއެސްގެ ހަޤީޤަތް ހޯދުމަށް ޑޮކްޓަރ ރާޖޭޝް ފުލުސް އޮފީހަށް ހާޟިރުކޮށްގެން ހިންގުނު ތަހުޤީޤުން ވެސް އެއްވެސް ކުރި އެރުމެއް ލިބޭގޮތެއްނުވިއެވެ. ނިހާގެ މެޑިކަލް ރިޕޯޓަކީ ސައްޙަ އެއްޗެއްކަމާއި، އޭގައި އެވާ މަޢުލޫމާތަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އެއަށް ފޯރައިފައި ނުވާނެ އެއްޗެއް ކަމަށް ބުނެ ޑޮކްޓަރ ދިން ބަޔާނަށްފަހު އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުން އޭނާ ބަރީޢަވިއެވެ. ނިހާ ފަހުން ދިން ބަޔާނުގައި ނަޒީލްގެ ފަރާތުން އޭނާއަށް އެއްވެސް ޖިންސީ ގޯނާއެއް ލިބިފައިނުވާނެކަމަށް ބުނެފައިވާކަން އެއީ ނަސީބެކެވެ. ނޫންނަމަ ފައިރޫޒަށް ޑޮކްޓަރގެ ބަޔާން ދޮގުކުރަން ފަސޭހަވީހެވެ. ފައިރޫޒަކީ ތޫނުފިލި ފުލުހެއްކަމުން، ބަޔާންދިނުމުގައި ނިހާ ގެންނަމުން ދިޔަ ކޮންމެ ބަދަލެއް ފައިރޫޒް ދިޔައީ ފާހަގަ ކުރަމުންނެވެ. ނިހާގެ ބަޔާނުގައި ހަޤީޤަތާއި ޚިލާފު އެތައް ވާހަކައެއް ވާކަން ފައިރޫޒަށް އެނގެއެވެ. ނަޒީލްގެ ދިފާޢުގައި އޭނާ މިނިވަންކުރުމުގެ ބޭނުމުގައި އެ އާއިލާ އިން ދޮގުބާޔާނެއް ދީފާނެކަމާމެދު ފައިރޫޒް ޝައްކެއްނުކުރެއެވެ. އޭނާ އެކަން ޔަޤީނެވެ. ނަޒީލާ ވެސް ސުވާލުތައް ކުރެވުނެވެ. މާނިޢުއަށް ރިޝްވަތު ދީގެން ބަޔާން ބަދަލުކުރަން ޖެހުނީ ވެދާނެ ބަދުނާމަކުން ސަލާމަތްވުމަށް ކަމުގައި ބުންޏެވެ. މައްސަލައިގައި ނަޒީލް އިތުރު އެއްޗެއް ނުބުނެ ހަނު ހުރީ އިލްހާމްގެ އިރުޝާދުގެ ދަށުންނެވެ. ނަޒީލާ ދެކޮޅަށް އެއްވެސް ހެތްކެއް ނުލިބުނު ތަނުގައި ތަހުޤީޤު ވެގެން ދިޔައީ ބޮޑު އޮޅުންބޮޅުން ގަނޑަކަށެވެ. ނަޒީލް ބަންދުގައި 05 ދުވަސް ހޭދަކުރުމަށްފަހު އޭނާ މިނިވަންކުރަން ޖެހޭ ދުވަސް އައިސް ބޯމަތި ވީ އިރުވެސް ކަން އޮތީ ހަމަ އެހެންނެވެ. ފައިރޫޒް ބޭނުންވި ނަމަ ބަންދުގެ މުއްދަތު އިތުރުކުރުމަށް ނަޒީލް އަނެއްކާ ވެސް ކޯޓަށް ގެންދެވުނީހެވެ. ނަމަވެސް އޭނާ އިހްތިޔާރުކުރީ ނަޒީލް މިނިވަން ކުރުމެވެ.

"ނަޒީލް ގެއަށް ދޫކޮށްލެވުނަސް މި މައްސަލަކުރިއަށްދާނެ. މެޑިކަލް ރިކޯޑުގެ މައްސަލަ ވަރަށް ސީރިއަސްކަމާއެކު ބަލަމުން މިދަނީ. އެ ރިޕޯޓަށް ނުފޫޒު ފޯރުވާފައި ވާކަމުގެ ކުޑަވެސް ހެތްކެއް ލިބިއްޖެނަމަ ނަޒީލް އަނބުރާ ގެނެސް މި ގޮޅިއަށް ލެވޭނެ." ފައިރޫޒު ދިނީ އިންޒާރެކެވެ.

ފައިރޫޒްގެ އެ އިންޒާރުން ނަޒީލަށް އަންނަން އޮތް ތޫފާނުގެ ކޮޅުމަތި ފެނުނު ކަހަލައެވެ. ގޮޅިން މިނިވަން ވެވުނެއް ކަމަކު އެ ބިރުވެރިކަމާ ހާސްކަމުން ހިތާ ސިކުނޑި މިނިވަންކުރެވޭނެ ގޮތެއް އޭނާއަކަށް ނެތެވެ. ހަޤީޤަތް ފަޅާއަރާނީ ކޮން އިރަކު، ކޮން ވަގުތަކު، ކޮން ހާލަތެއްގައިކަން ނޭނގި ދިރިއުޅުމައިގެން ކުރިޔަށް ދެވިދާނެ ހެއްޔެވެ؟ އައިސްދާނެ ހުކުމަކަށް ވެދާނެ ފަޟީހަތަކަށް ވިސްނަން އޭނާއަށް މަޖުބޫރުވެއްޖެއެވެ.

ނަޒީލް ގެއަށް ގެންދިޔުމަށް ބަލާ އައީ އިލްހާމްއެވެ. ޕޮލިސް ސްޓޭޝަނުން ނުކުމެގެން ކާރާ ހަމައަށް ދެވެންދެން ވެސް ނަޒީލް ހުރީ އިސްޖަހައިލައިގެންނެވެ. އަނގަޔަކުން ނުބުނެއެވެ. އިލްހާމް ކުރާ ސުވާލަކަށް ވެސް ޖަވާބުދެނީ ބޮލުގެ އިޝާރާތުންނެވެ. ނަޒީލް ލަދުގަންނަ ވަރަށް އިލްހާމް ވެސް ލަދުގަނެވެ. މަގުމަތީ އެކި ހިސާބުތަކުގައި ތިބި މީހުންގެ ތޫނު ނަޒަރުން އެމީހުންނަކަށް ސަލާމަތެއް ނުވެވޭނެއެވެ. އެމީހުން ދެކޭގޮތް ވެސް ބަދަލެއް ނުކުރެވޭނެއެވެ. އަދި އެމީހުންގެ ދުލަކު ވެސް ނުހިފެހެއްޓޭނެއެވެ. އެކަން އެ ދެބަފައިން ވެސް ދަނެއެވެ. އެހެނަސް ކިތަންމެ ވިސްނަން ބޭނުން ނޫނަސް ދުނިޔޭގެ ލަދަށް ކޮންމެ މީހަކު ވެސް ވިސްނާނެއެވެ. މި ގޮތަށް ފަޟީހަތްވެގެން ދިޔުމުގެ ކުރިން ދުނިޔެ އަޅާ ދިޔަނަމައޭ ވެސް އެ ދެބަފައިން ހިތަށް އެރިއެވެ. ނަމަވެސް ތަގުދީރުގައި އޮތްގޮތް ބަދަލު ކުރެވޭނީ ވެސް ކާކަށް ހެއްޔެވެ؟ މިއަދު ދުނިޔެއާ ކުރިމަތިލުން ނޫން އިތުރު ގޮތެއް އެމީހުންނަކަށް ނެތެވެ.

ނަޒީލް ގެއަށް ވަނުމާއެކު ޞަފިއްޔާ ދުވެފައި އައިސް އޭނާގެ ގައިގާ އޮޅުލައިގަތެވެ. މުޅި މޫނުގެ އެތަން މިތަނުގައި ބޮސްދެމުން ގިސްލައި ރުޔެވެ. މަންމަގެ ހާލު ފެނިފައި ނަޒީލަށް ވެސް ރޮވުނެވެ. އިންޝާއަށް ވެސް އެތަނަށް އާދެވުނީ އެވަގުތެވެ. އޭނާއަށް ވެސް ވީ ޞަފިއްޔާއަށް ވީ ވަރެވެ. ދުވަސް ކޮޅަކަށްފަހު ފިރިމީހާ ފެނުމުން އުފަލުން ރޮވުނެވެ.

"މަންމާ. އަޅުގަނޑަށް މާފުކުރޭ. މަންމަމެން ފަޚުރުވެރިވާފަދަ ދަރިޔަކަށް އަޅުގަނޑަކަށް ނުވެވުނު. އަޅުގަނޑަށް މާފުކުރައްވާ." ނަޒީލް މާފަށް އެދުނީ ހިތުގެ އެންމެ ފުންމިނުން އޭނާއަށް ކުރެވުނުކުށް ޤަބޫލުކުރާ ހާލުގައެވެ.

"ތީ ދަރިފުޅުގެ ކުށެށް ނޫނޭ. ނުރޮއެ ހުއްޓާލާ." ނަޒީލްގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ޞަފިއްޔާ އަސަރާއެކު ބުންޏެވެ. "މަންމަގެ ދަރިޔަކު ހަމަހޭގައި ހުރެ އެފަދަ ވިޔާނުދާ ކަމެއް ނުކުރާނެ. މަންމަ ޤަބޫލެއްނުކުރާނަން."

މަންމައަށް ކަމުގެ ހަޤީޤަތް ނޭނގޭ ހާލުގައި ނަޒީލަށް ކުރާ އިތުބާރުގެ މިންވަރު އެނގުމުން، ކުރިޔަށް ވުރެން ބޮޑަށް ނަޒީލްގެ ހިތުގައި ޖެހުނެވެ. އޭނާ ދުވަހަކު ވެސް ދެރަނުވާހާ ދެރަވިއެވެ. ހިތާމަކުރިއެވެ. ގިސްލައި ރުޔެވެ. ނަޒީލް އިންޝާގެ ކިބައިން ވެސް މަޢާފަށް އެދުނެވެ. އިންޝާ އޭނާއަށް ހިތުގެ އެންމެ ފުންމިނުން މަޢާފުކުރިތާ އެތައް ދުވަހެއް ވެއްޖެކަމަށް ބުނެ އެކަން ހަނދާންކޮށް ދިނެވެ. ދެން ނަޒީލް މިސްރާބް ބެހެއްޓީ ތަންކޮޅެއް ދުރުގައި މަންޒަރު ބަލަންހުރި ނިކާލާއި ނިހާއާއި ދިމާއަށެވެ. ނަޒީލް އަންނަން ފެށުމުން ނިކާލް ފުސްމޫނު ދައްކާލިއެވެ. އޭނާއަށް އެއްޗެއް ބުނެވިދާނެތީ އެތަނުގައި ނުހުންނަން ވެގެން ސިޑިން އަރައިގެން ދިޔައީ ރުޅިގަދަވެފައި ހުރުމުންނެވެ. ނަޒީލްގެ ޑްރާމާގައި ބައިވެރިވާން އޭނާ ބޭނުން ނުވީއެވެ. އެ އަމަލުން މިހާރު ނިކާލަށް އެއްވެސް ކަމެއް ފޮރުވިފައި ނެތްކަން ނަޒީލަށް އެނގުނެވެ. ނިހާ އެވަނީ ހުރިހާ ހަޤީޤަތެއް ނިކާލަށް ކިޔާދީފައެވެ. ނަމަވެސް އެކަމާ ޝަކުވާކުރުމުގެ ހައްޤު ނަޒީލަށް ލިބިގެންނުވާކަމަށް އޭނާ ޤަބޫލުކުރެއެވެ. ފުލުހުންނަށް ހަޤީޤަތް ފޮރުވާ ސިއްރުކޮށް ދިނީ ވެސް ހަމަ އެ ނިހާއެވެ. އެކަމަށް ޝުކުރުވެރިވުން ހައްޤެވެ.

"ނިހާ. ވަރަށް ލަދުގަނޭ މި ވާހަކަ މިހެން ދައްކަން ވެސް." ނަޒީލް ދެއަތް ޖޯޑުކޮށް އުފުލާލައިގެން ހުރެ ބުންޏެވެ. "އެކަމަކު މަ ކަހަލަ ނުލަފާ ޖައްބާރަކަށް ވެސް ނިހާ ކަންތައް ތި ކޮށްދިނީ ވަރަށް ހެޔޮކޮށް. މިއަދު އަސްލު ވެސް ވަރަށް ދެރަވެއްޖެ. މާފުކޮށްދެވެން އޮތިއްޔާ މާފުކޮށްދީ. އަހަރެން މިއަދު މަޢާފަށް މި އެދެނީ ހިތުގެ އެންމެ އަޑިން ކުރެވުނު ކުށް ޤަބޫލުކުރާ ހާލުގައި. މި ވޭތުވެދިޔަ 05 ދުވަހު އެކަން ވިސްނިއްޖެ."

ނަޒީލް ރޮމުން އާދޭސްކުރާ ހާލުގައި މަޢާފަށް އެދުމުން ވެސް ނިހާގެ ހިތަށް އަސަރެއް ނުކުރިއެވެ. ދެރައެއް ވެސް ނުވިއެވެ. ބަދަލުގައި ނަޒީލްގެ ނިޔަތާމެދު ނިހާ ކުރީ ޝައްކެވެ. ނަޒީލަށް ކުރެވުނު ކުށް އިޙްސާސްވޭ ހެއްޔެވެ؟ ލޮލުން އޮހޮރޭ ކަރުނައަކީ ފެންނަ ދަޅައަކަށް ނުވާނެބާއެވެ؟ ނިހާ ނަޒީލަށް ކުޑަކޮށް ވެސް އިތުބާރެއް ނުކުރެއެވެ.

"އަހަރެން އެކަން އެގޮތަށްކޮށް ދިނީ ހަމައެކަނި އިންޝާއަށްޓަކައި. އެހެންވީމަ ނަޒީލް އިސްލާޙުވެގެން އޭނާ އުފަލުގަ ގެންގުޅެދީ. އޭރުން އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއް ނޯންނާނެ. ނަޒީލްގެ މަޢާފަކީ އެއީ." ދުރުގައި ހެވިފައި ހުރި އިންޝާއަށް ބަލަމުން ނިހާ ބުނެލިއެވެ.

"އަހަރެން ވަޢުދުވަން. ދުނިޔޭގައި ހުރިހާ ދުވަހަކު އިންޝާ އުފަލުގައި ގެންގުޅޭނަން." ނަޒީލަށް މާގިނަ ދުވަހެއް ނެތްކަން ވިސްނުނު ނަމަވެސް އެ ވަޢުދު ވެސް އޭނާ ވިއެވެ. މާދަމާ ވެސް އޭނާ ލޯބިވާ މީހުންދޫކޮށް ކުޑަ ގޮޅިއަށް ދާންޖެހިދާނެއެވެ.

ނިކާލް ކޮޓަރިއަށް ވަދެ ނިކަން ބާރަށް ދޮރު ޖެހިއެވެ. އައިސްފައި ހުރި ރުޅިގަނޑު ފިނިކޮށްލުމަށް ފާހާނާއަށް ވަދެ މާގަނޑު ދަށުގައި އެތައް އިރަކު އޭނާ ހުއްޓެވެ. މުޅި ހަށިގަނޑަށް އަރާމު ލިބި ފިނިކަން އިހްސާސްކުރެވުނެވެ. ނަމަވެސް ރުޅީގެ މައްޗަށް ކާމިޔާބެއް ނުލިބުނެވެ.

ނިހާގެ ނިންމުމަކީ ނިކާލްއާ ދެކޮޅަށް އޭނާ ނިންމި ނިންމުމެކެވެ. ދޮގު ބަޔާންދީގެން ނަޒީލް މިނިވަންކުރުމަށް ނިކާލް ފާޅުގައި ދެކޮޅު ހެދިއެވެ. ނަމަވެސް ނިކާލްގެ އެ ނިންމުމަށް ނިހާ ދިނީ ބީރު ކަންފަތެކެވެ. ނަޒީލް މިނިވަންކުރަން ނިހާ ހަގީގަތް އޮޅުވައިލީއެވެ. އެއީ ނިކާލަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަމާ ނިކާލް ވަރަށް ހިތްހަމަނުޖެހުނެވެ. ނަޒީލް ސަލާމަތްވެގެން ގެއަށް އައުމުން މަންމައަށް ލިބުނު ހަމަޖެހުން ފެނި އޭނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނިހާގެ ނިންމުން ރަނގަޅުކަމުގައި ކުޑަ ހިނދުކޮޅަކަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް ނަޒީލް އޭނާއާ ދިމާއަށް އަންނަތަން ފެށުމުން އޭނާގެ އެތެރެ ހަށީގައިވާ ލޭތައް ކެކިގަތީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ނަޒީލްގެ ފަރާތުން ނިހާއަށް ލިބުނު އަނިޔާ ހިތަށް ސިފަވެގެން ދިޔައެވެ. އެޔާއެކު ނަފްރަތާ ފޫހިކަމުން ހިތް ފުރިގެން ދިޔައެވެ. އެ ހިސާބުން ނަޒީލްގެ ކުރިމަތީގައި ހުންނަން ވެސް އޭނާ ބޭނުން ނުވީއެވެ.

ނިކާލް ފެންވަރައިލައިގެން ނުކުތްއިރު ނަފްސަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވެއެވެ. ސޯޓަކާއި ޓީޝާޓެއް ލުމަށްފަހު ކުޑަގޮތަކަށް ތައްޔާރު ވެލައިގެން ފޯނު ނަގާ ބަލާލިއިރު މިސްކޯލަކާއި މެސެޖުތަކެއް ހުއްޓެވެ. ނިހާގެ ކޯލެކެވެ. ތިރިއަށް އައުމަށް އެދި ނިހާ ފޮނުވާފައިވާ ދެ މެސެޖެއް ވެސް އޮތެވެ. ދެ ފިކުރެއްގައި ހުއްޓާ ނިހާ އައިސް ވަނެވެ.

"ނިކް. ކިހިނެއްތަ ތިއުޅެނީ؟ ނަޒީލްއާ ވާހަކަ ދައްކަން ތިރިއަށް ހިނގާބަލަ. މަންމަމެން އެބަ ސުވާލުކުރޭ ނިކް ތި ގޮތަށް މައްޗަށް އައީމަ. ތިހެން އުޅެން ވެއްޖިއްޔާ ޝައްކުވެދާނެ. މަންމަމެންނަށް ތިކަން އެނގުނީމަ އަނެއްކާ ވެސް އަހަރެން ދެކެއޭ ރުޅި އަންނާނީ. ބުނާނެ މަށާހެދިއޭ ނިކް ނަޒީލްއާ ވާހަކަ ނުދައްކަނީ. މިހާރު ވެސް އަހަރެން ކުށްވެރިވެފަ އޮތީ. މަންމަމެންގެ އުފަލަށް ވިސްނާފަ ނަމަވެސް ނަޒީލް ކުރި ކަންތައް ހަނދާން ނައްތާލައިފަ ނަޒީލަށް މާފުކުރޭ." ނިހާ ނަޞޭޙަތްތެރިވުމުގެ ގޮތުން ބުނެލިއެވެ.

"ނިހާއަށް ތިހެން ބުނަން ފަސޭހަވިޔަސް އަހަންނަކަށް ތި އެދޭ ގޮތަށް ކަންތައް ކޮށްދޭކަށް ފަސޭހައެއް ނޫނޭ." ނިކާލް ނުރުހުންވެފައި ބުންޏެވެ. "ނަޒީލް ފެންނައިރަށް ހަނދާންވަނީ ނިހާ އެދުވަހު އޮތް ހާލު. ނިހާ ތެޅިލާނެވަރު. އިންޝާއަށް ނުދެވުނުނަމަ ވާނެ ގޮތް. އޭނަ މަގޭ ހައްޤަކަށް އަރައިގަނެފަ ހުރި ހަނދާން ވެސް އަބަދުއަބަދު މި ބޮލުތެރޭގައި ހަރުލާފައި ހުރޭ. ލަދުގެ ކަންފުޅެއްވެސް އޭނަގެ ނެތެއްނު. އެވަރުންވެސް އަމިއްލަ ކުށް ފޮރުވަން ބޮޑެތި ދޮގު ހަދައިގެން އެ އުޅެނީ. ހަޤީޤަތުގައި ނިހާ އިންޝާއަށް ތި ދެނީ ބޮޑު ކެއްސެއް. އެކަހަލަ މީހުން ދުވަހަކު ވެސް ނުވާނެ އިސްލާހެއް. އެމީހުންނަށް ހައްޤު އަދަބު ނުދީ ދޫކޮށްލީމަ މާދަމާ ގޮސް ހަލާކުކޮށްލާނީ ކޮންމެވެސް އެހެން އަންހެނެއްގެ ދިރިއުޅުން. އެކަމަކު ނިހާގެ އެދުމަށް އަދި މަންމަގެ އުފަލަށް ވިސްނާފަ މަށަށް މި ޖެހެނީ ހުރިހާކަމެއް އެނގިހުރެ ވެސް ނޭނގޭކަމަށް ހެދިގަނެގެން ހުންނަން. ހަމައެކަނި މަންމައަށްޓަކައި."

"މަންމައަށް ޓަކައި ދެން ތި މޫނު ހެދުން ވެސް ހުއްޓާލާ. އެކަންކޮށްދެވި ދާނެތަ؟" ނިހާ އާދޭހާއެކު އެދުނެވެ.

"ނުވާނެ." ނިކާލް ވަގުތުން ބުންޏެވެ. "ނިހާ ވެސް ކަންތައްކުރީ މަ ބުނި ގޮތަކަށް ނޫނެއްނު. މަ ވެސް ކަންތައްކުރާނީ މަށަށް ފެންނަ ގޮތަކަށް."

ނިކާލްއާ ޖަދަލުކޮށް ކުރިއެއް ނުލިބޭނެކަން އެނގުމުން ނިހާ ހަތިޔާރު ބެހެއްޓިއެވެ. ނިކާލްގެ މިޒާޖުގައި އެ ސިފައެއް ހުރެގެން ނިހާއަށް އުނދަގޫވާ ހަމައެކަނި ސިފައަކީ އެއީއެވެ. ބޯހަރުކަމާއި ގޮތްދޫނުކުރުމެވެ. ނިހާ އައިސް ގާތުގައި އިށީނުމާއެކު ނިކާލް ދުރު ބަލާލީ ނުރުހިފައެވެ. ކުޅަނދުރު ހަތައެއްހެން މޫނު ހަދައިން އިނުމުން ނިހާ ގާތަށް ހިނި ވެސް އަޔެވެ. ނިކާލްގެ ހިތްހަމަނުޖެހުން ފިލުވާލުމަށް ކޮނޑުގައި ބޯ އަޅައިލިއެވެ. ނިކާލްގެ އަތުގެ ތެރެއަށް އަތް މަހާލައިގެން ނިހާ މަޑުމަޑުން އޮތެވެ. އިރުއިރު ކޮޅާ ނިކާލްގެ އަތްތިލައިގެ މެދުގައި ނިހާ އިނގިލި ކާތާލައެވެ. ކަރުދޮށާ ދިމާއަށް ބޯ ކައިރިކުރަމުން ނޭފަތް ދަމާލައެވެ. ވަރަށް މީރުވަސް ދުވާކަމުގައި ބުނެލައެވެ. ނިކާލްގެ ތުންފަތް މައްޗަށް ނޭނގި ނަމަވެސް ހިނިތުންވުމެއް ވެރިވިއެވެ. ހިތަށް އުފާވެރިކަން ވަނެވެ.

"ސޮރީ." ނިކާލް ބުނި އަޑު އިވުނެވެ.

ނިކާލްގެ އަތް އުފުލާލަމުން އެ އަތުގެ ނުފުށަށް ނިހާ ބޮސްދިނެވެ. އޭނާ ހިތުގައި ބުރަކަމެއް ނުވާކަމަށް އެންގުމުގެ ގޮތުންނެވެ.

"ނިހާދެކެ ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކޭތީ މާފަށް މި އެދެނީ." ނިހާއަށް ގޯސްގޮތަކަށް ވިސްނިދާނެތީ ނިކާލް ބުނެލިއެވެ. އޭނާގެ "ސޮރީ"ގެ މާނައަކީ ނަޒީލްގެ ކުށް ހިތުންފޮހެލައި މަޢާފުދިނުމެއް ނޫނެވެ. އަދި ނިހާ ކަންތައްކުރި ގޮތް ރަނގަޅުވީއެއް ވެސް ނޫނެވެ.

ނިކާލް ތިރިއަށް އަންނާނެ ކަމުގެ އުންމީދުގައި ނަޒީލް އިނެވެ. އެތައް އިރެއްވީއިރު ވެސް ނިހާގެ ޚަބަރެއް ނުވުމުން ނިކާލްގެ ނިންމުން އޭނާއަށް ވިސްނުނެވެ. މަންމަމެން ގާތުގައި އަރާމުކޮށްލަން ކޮޓަރިއަށް ދަނީ ކަމުގައި ބުނެފައި އޭނާ ތެދުވިއެވެ.

ނިކާލްގެ ކޮޓަރި ދޮރާ ހަމަވުމާއެކު ނިހާގެ ހުނުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ކުޑަކޮށް ހުޅުވިފައިހުރި ދޮރު އޭނާ ހުޅުވައިލީ ހުއްދަ ހޯދުމެއް ނެތިއެވެ. އެނދުމަތީގައި އޮތް ނިހާ ހިންޏާއިގެން ހިނދޭވަރަށް ނިކާލް ދިޔައީ އޭނާގެ ބަނޑުގައި ގިލިގިލިކޮށްޓަމުންނެވެ. ނިހާ ހެމުން އެހެން ނުހެދުމަށް އެދެމުން ދިޔަވަރަކަށް ނިކާލް ދިޔައީ ފޯރިގަދަ ކުރަމުންނެވެ. ހުނުން މެދުކެނޑޭ އިރަށް ބަނޑުގައި ކޮށްޓައިލައެވެ. އެއަށްފަހު ޝައުގުވެރިކަމާއެކު ނިހާގެ ރީތި މޫނަށް ބަލަން އޮވެއެވެ. ލޯބިން ފުރިގެންވާ އުފާވެރި މަންޒަރެކެވެ. އެދެމީހުން އެކަކު އަނެކަކުދެކެ ވާ ލޯބި، ހަޔާތުގައި ފުރަތަމަ ފަހަރަށް ނަޒީލަށް އިހްސާސްކުރެވުނެވެ.

ދޮރުމަތީގައި ހުރި ނަޒީލް ފެނުމާއެކު ނިހާގެ ހުނުން މެދުކެނޑުނެވެ. ލައިގެން ހުރި މަތިކޮޅުގައި ހިފައި ރަނގަޅު ކުރަމުން އޭނާ އެނދުން ތެދުވިއެވެ. ނިކާލަށް ދޮރާ ދިމާއަށް ބަލާލެވުމާއެކު އޭނާ ވެސް ތެދުވެ، އެނދުގައި ހަމަޖެހިލައިފިއެވެ. މޫނުމަތިން ފެނުނު ހިތްހަމަޖެހުން ގެއްލި އެހިތުގައި ނަފުރަތުގެ އަލިފާން ރޯވެގަތެވެ. ނަޒީލް އެދުނީ ނިކާލާ އެކަނި ވާހަކަ ދައްކާލުމުގެ ފުރުޞަތަކަށެވެ. ނިހާ ނުކުންނަން އުޅުމުން ނިކާލް ހިފެހެއްޓިއެވެ. ނަޒީލް ދައްކާ ވާހަކައެއް ނިހާގެ ކުރިމަތީ ދެއްކުމުގެ އަމުރު އައީ ރުޅިވެރިކަމާއެކުއެވެ.

ނަޒީލަށް ދެއްކޭނެ މާގިނަ ވާހަކައެއް ނެތެވެ. މަޢާފަށް އެދުން ފިޔަވައި ބުނާނެ އިތުރު އެއްޗެއް ނުވިސްނިފައި ހުއްޓެވެ. ނިކާލް އަނގައިން ނުބުނެ އިސްޖެހިފައި އިނުމުން ނިހާ ނިކާލް ގައިގާ ކޮށްޓައިލައިފައި ނަޒީލްއާ ވާހަކަ ދެއްކުމަށް އިޝާރާތް ކުރިއެވެ.

"ކީކޭ؟ ކޮންވާހަކައެއް ދައްކަންވީ؟ ބުނެބަލަ." ނިކާލް ކޮޅަށް ތެދުވެލަމުން ނަޒީލްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"އެނގޭ. ވަރަށް ނަފުރަތުކުރާނެކަން." ނަޒީލް ލަދުވެތިކަމާއެކު އިސްޖަހައިލިއެވެ. "ވީކަމެއް ނުވާކަމަކަށް ނުހެދޭނެ. އެހެން އެކަން ވާނެނަމަ އަހަރެން އެކަން ބަދަލުކޮށްދޭނަން. މިއަދު މަށަށް އެދެވޭނީ މާފަށް. އެގޮތަށް އުޅެވުމުން ހަޤީޤަތުގައި ވެސް މިއަދު ވަރަށް ދެރަވޭ. ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އަދިވެސް މި ހުންނަނީ. ނިހާ ކިތަންމެ ވަރަކަށް މަ ސަލާމަތްކުރަން އުޅުނަސް ޤާނޫނު މަށާ އަރާ ހަމަކުރާނެ. އެ މީހުން އަދިވެސް ތަޙުޤީޤު ނުނިންމާ. މަ ގޮޅިއަށް ގެންދާނެ. ކޮއްކޮ ތި ދޭން ބޭނުންވާ އަދަބު ވެސް އޭރުން ލިބޭނެ. މަށަށް މާފު ނުކުރަންޏާ ހިތުންރުހުމުން އަނގައިން ބުންޏަސް ހިތްހަމަޖެހޭނެ."

"އިތުރު ވާހަކައެއް އެބަ އޮތްތަ؟" ނަޒީލް ވާހަކަ ނިމުމާއެކު ނިކާލް ހަމަޖެހިލާފައި އެހިއެވެ. ނަޒީލް އިސް އުފުލާލިއެވެ. ނިކާލް އޭނާއަށް ބަލަމުންދާ ބީރައްޓެހި ގޮތުން އިތުރަށް ދެރަވިއެވެ. ދެލޮލުން ފެންނަ ނަފުރަތު ވަންހަނާއެއް ނުވިއެވެ. ނަޒީލަށް ދެފަރާތަށް ބޯ ހޫރުވާލާނެ ހިތްވަރު ލިބުނީ ވެސް އުނދަގުލުންނެވެ.

"އެހެންވީމަ ހަމަ މިހާރު މިކޮޓަރިން ނުކުމޭ." ނިކާލް އަމުރުކުރިއެވެ. "މަ ވާހަކަ ދައްކާ ހިތްވީމަ ދައްކާނަން. ތި ހުންނަނީ އަދަބަކުން ނިމޭނެ ކަންތައް ތަކެއް ނޫން. މަގޭ މަޤުސަދަކީ އަދަބު ދިނުމެއް ވެސް ނޫން. އެއީކީ ކޮންމެހެން މަށަށް އެކަން ނުވާނެތީ، ނުކުރެވޭނެތީ ނޫނީ ނުކެރޭތީ އެއްވެސް ނޫން."

"ނިކް މަށަށް މައާފުދޭނެ އެއްވެސް ގޮތެއް ނެތްތަ؟ މި ގެއިން ދިޔުމުގެ ކުރިން އެކަން ވެސް ވޭތޯ ބަލާނަން." ނަޒީލް ވާހަކަ ދައްކަނީ އެއްވެސް އުންމީދެއް ނެތް ގޮތަކަށެވެ. އޭނާއަކީ އެގޭގައި ހުރި ދެ ދުވަހުގެ މެހެމާނެކޭ ބުނަން އުޅޭ ކަހަލައެވެ.

"މަޑުކޮށްބަލަ." ނަޒީލް ހިނގައިގަތުމާއެކު ނިކާލް ގޮވައިލިއެވެ. "މަންމަ ނަޒީލަށް ހިތްހެޔޮކޮށްފިއްޔާ މަވެސް މަޢާފުކުރާނަން. އެހެންވީމަ މަންމައަށް ހަޤީޤަތް ކިޔައިދީ. އިންޝާއަށް އަދި ބައްޕައަށް ވެސް ކިޔައިދީ. އޭރުން ވެސް އެމީހުން ނަޒީލް ސަލާމަތްކުރަން ތިބިއްޔާ މަ ވެސް ހުންނާނީ އެމީހުންގެ ފަހަތުގައި. އެމީހުން މާފުދީފިއްޔާ މަގޭ މާފުވެސް ލިބުނީ ކަމުގައި ބަލާ. މިގޮތް ކިހިނެއްވާނީ؟"

ނަޒީލް ނުކުމެގެން ދިޔައީ އެ ޝަރުޠު ޤަބޫލުކޮށްގެންނެވެ. ނިކާލްއާ ދިމާއަށް އެހެން ނުބުނި ނަމަވެސް އޭނާގެ ހިތުގެ އަޑިން އެ ނިންމުމެއް ނިންމައިގެންނެވެ. އެގޮތަށް ކަންތައްކޮށްގެން ވެސް އޭނާ އެންމެންގެ ހިތް ހަލާލު ބޭނުންވެއެވެ. މަންމަމެންނަށް ހަޤީޤަތް އެނގިތިބެ އޭނާއަށް މަޢާފު ދީފިނަމަ ހިތަށް ތަސައްލީއެއް ލިބިގެންދާނެއެވެ. އާދައިގެ މަތިން އެރޭ ވެސް ނިދަން އަރާފައި ނަޒީލަށް އޮންނަން ޖެހުނީ ނުނިދިފައެވެ. އިންޝާ ހަމަޖެހިލައިގެން ނިދިއިރު ވެސް އޭނާގެ ލޮލަށް ނިދި ސަވާރުވާކަށް ނޫޅުނެވެ. އޭނާއަށް ކަންކަމާއި ވިސްނެނީއެވެ. ހަޔާތުގެ ބާކީބައި ޖަލުގައި ހޭދަކުރަން ޖެހިދާނެތީއެވެ. މެޑިކަލް ރިޕޯޓު ބަދަލުވެފައިވާކަމުގައި ވާނަމަ ނަޒީލަށް އެ އަދަބު ދެވޭނެކަމުގެ އިންޒާރު ފައިރޫޒް ވަނީ ދީފައެވެ. ފާއިތުވި ފަސް ދުވަހު ކުޑަގޮޅިއެއްގައި އޮންނަން ޖެހުމުގެ ސަބަބުން އޭނާ ވަނީ ނަފުސާނީ ގޮތުން ވަރަށް ބަލިކަށިވެފައެވެ. ފައިރޫޒްގެ ފަރާތުން މަންމަމެންނަށް ހަޤީޤަތް އެނގުމުގެ ކުރިން އެވާހަކަތައް މަންމަމެންނަށް ކިޔައިދޭނެ ގޮތަކާމެދު އޭނާ ވިސްނިއެވެ. މަންމަމެންގެ ކުރިމަތީގައި ހުރެގެން އެ މުޑުދާރު ވާހަކަތައް ކިޔައިދޭކަށް އޭނާއަކަށް ނުކެރޭނެއެވެ. ލިޔުމުން ހުރިހާ ވާހަކަތަކެއް ކިޔައިދީ މަޢާފަށް އެދެންވީ ހެއްޔެވެ؟ ނަޒީލަށް އެގޮތް ކަމުދިޔައެވެ.

ދެވަނަ ފަންގިފިލާގައި ހުންނަ އިލްހާމްގެ އޮފީސް ކޮޓަރީގެ ލިޔާ މޭޒު ކައިރީގައި މުޅި ރޭ އޭނާ ހޭދަކުރިއެވެ. އޭނާ އެ ގޯތި އެންމެނަށް ވަކިވަކިން ސިޓީ ލިޔުނެވެ. ސިޓީތައް ލިޔަމުން ދިޔައިރު ދެލޮލުން ފޭދެމުން ދިޔައީ ހޫނު ކަރުނައެވެ. އެ ދެލޯ ރަތްވެ ދިލަ އަރަމުން ދިޔައިރު ވެސް ދެލޮލުން ކަރުނަ ހުހެއް ނުވިއެވެ. ސިޓީތައް ލިޔެ ނިންމުމަށްފަހު ކޮންމެ ކޮޓަރިއެއްގެ ދޮރު ދަށަށް ދަށުން ސީޓީ ކޮއްޕާލާ ކޮޓަރި ތެރެއަށް ވާގޮތަށް ފޮނުވާލިއެވެ. އެމީހުން ހެނދުނު ހޭލާ ގޮތަށް އެންމެ ފުރަތަމަ ވެސް އެ ސިޓީތައް ކިޔަން އޭނާ ބޭނުންވީއެވެ. ޞަފިއްޔާގެ ކޮޓަރި ދޮރު ދަށުން ސިޓީ ފޮނުވާލުމަށްފަހު އެ ކޮޓަރި ދޮރު ކައިރީ އޭނާ އިށީނެވެ.

"މަންމާ. އަހަންނަށް މާފު ކުރޭ. މަންމަ އުންމީދު ކުރި ކަހަލަ ދަރިއަކަށް އަހަންނަކަށް ނުވެވުނު. މަންމަގެ ފުރިހަމަ ލޯތްބާއި އަޅާލުމާއި ދިން ތަރުބިއްޔަތުގައި އަހަރެން ޖެހީ ކޮޅުފައިން. އަހަރެންނަކީ މުޑުދާރު، ގޮތްކުޑަ އަދި ހަޔާތްކުޑަ މީހެއް. ނިކް ކަހަލަ ބަސްއަހާ ކިޔަމަންތެރި ދަރިއަކަށް އަހަންނަކަށް ނުވެވުނު މަންމާ. މާފުކުރާތި. ހިތްހެޔޮކުރާތި." ނަޒީލް ގިސްލައި ރޮމުން އެ ސިޓީގައި އޭނާ ލިޔުނު ބައެއް ވާހަކަތައް ކިޔަމުން ދިޔައެވެ. ހީވާކަހަލަ އެވެ. އެއީ އެނާގެ ފަހުގެ ވަޞިއްޔަތެވެ. ދުލުން ބޭރުވާނެ އެންމެ ފަހު ބަސްތަކެވެ. އޭނާ އަމިއްލައަށް މަރުވާން ތައްޔާރު ވަނީއެވެ.

ދަންވަރުގެ އެ ހަމަހިމޭން ވަގުތުގައި އެ ވާހަކަތައް އަޑު އަހާނެ މީހެއް ނެތެވެ. އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ބަހެއް ބުނެލާނެ މީހެއް ވެސް ނެތެވެ. އެންމެން ވެސް އެމީހެއްގެ ކޮޓަރިއަށް ވަދެ ތިބީ އަރާމު ނިންޖަކުން ނިދާލައިފައެވެ. ދީޕިކާ ފިޔަވައެވެ. ނަޒީލްގެ މައްސަލަ އަލުން ތަޙުޤީޤުކުރަން ފެށުމުން އޭނާ ރަށަށް ދާން ރޭވި ރޭވުން ޖެހުނީ މަޑު ޖައްސައިލާށެވެ. ފަސްދުވަސް ފާއިތުވެގެން ދިޔަ ފަހުން އޭނާއަށް ފުރުމުގެ ހުއްދަ ލިބުމުން މާދަމާ ފުރަން އޭނާ ތައްޔާރުވަނީއެވެ. ފޮށި ތައްޔާރުކޮށް އަވަދިވެގެން ނިދަން އަރައި އޮންނަތާ އެތައް އިރެއްވީއިރު ވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. އެހެން އޮއްވައި މީހެއްގެ މަޑު ގިސްލުމެއްގެ އަޑު އިވުމާއެކު އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ބިރުގަތެވެ. ކުއްލިއަކަށް ތެދުވެގެން ގޮސް މުޅި ކޮޓަރި ތެރެ ދިއްލައި އަޅައިލިއެވެ. އެނދު މައްޗަށް އަރައި ކަނަކަށް ޖެހި މުޅިގައި ފޮރުވައިގެން ދޮރާ ދިމާއަށް ބަލަން އޭނާ އޮތެވެ.

*******

ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތު ވެހެމުން ދިޔަ ބޯ ވާރޭ ތެރޭގައި ނިކާލް އިނީ ހަރަކާތް ހުއްޓިފައެވެ. ލެއިން ތަތްތެޅިފައި އޭނާ އިނީ ހިރިލާނެ ވަރުވެސް ނެތިފައެވެ. (ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    nazeel dhw maruvee ehenveema

    7
    1
  2. މީ

    ހެޔޮނުވާނެ އިލްހާމް ގެ ކުށް ފަޅާއަރުވާލަބަ. ސަފިއްޔާ އަށް ވޯތެއް ނޫން އެކަހަލަ ނުބައި މީހަކާ އެއްކޮށް އުޅޭކަށް