މެއި 12 ވަނަ ދުވަހު ގެނެސްދިން ބައި

"ރަނގަޅު. އަދިވެސް އޭނަ ކަންކަށި މަތީގައި ދެތިން ހަތަރު އެތިފަހަރު ވިހެލާ." ނިހާއަށް ހިތްވަރުދިނުމުގެ ގޮތުން އިންޝާ ބުންޏެވެ. "ކަލޭ ޖެހޭނެ އެދުވަހު ނިހާ ތަހައްމަލުކުރި ހުރިހާ ވޭނެއް ތަހައްމަލުކުރަން. އަނިޔާއަކީ ކޯއްޗެއްކަން އިޙްސާސްކުރެވުނީމަ ކަލެޔަށް އެހެން މީހުންގެ އިޙްސާސްތަކަށް ގަދަރުކުރަން ދަސްވެދާނެ."

އިންޝާ ގޮސް ރީތިވާ މޭޒުމަތީގައި ހުރި ބޮޑީސްޕްރޭ ފުޅި ނެގިއެވެ. ނިހާ އިލްހާމްގެ ދެފައިކޮޅުގައި ހިފައި ބަނޑުވަތަށް ފުރޮޅައިލަން އުޅުނެވެ. އެވަގުތު އެމީހުންގެ މަޤުޞަދު އިލްހާމަށް ވިސްނުމާއެކު ތެޅިފޮޅި ގަނެވުނެވެ. ރޯމަހެއް މަރަށް ތެޅޭ ބީދައިން ތެޅެން ފެށިއެވެ. އެޔާއެކު ނިހާމެންގެ ހުނުމުގެ އަޑު ގަދަވެގެން ދިޔައެވެ.

"ކަލޭ ޖެހޭނެ މި ވޭން ވެސް ތަޙައްމަލުކޮށްލަން." ނިހާ ބުނެލިއެވެ.

އިލްހާމްގެ ދެލޮލަށް އެއްވެސް އިޚްތިޔާރެއްނެތި ކަރުނަތައް ޖަމާވެގެން ދިޔައީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުންނެވެ. އަނެއްކާ ވެސް އިލްހާމް ފުރޮޅައިލަން އުޅުމުން އިލްހާމް ރޮއެގެންފިއެވެ. އޭނާ ރޮމުންރޮމުން ކޮންމެސް އެއްޗެހިތަކެއް ބުނަން ފަށައިފިއެވެ. އަނގަމަތީގައި އައްސައިފައިވާ ފޮތިގަނޑުގެ ސަބަބުން އިލްހާމް ކީ އެއްޗެއް ސާފެއްނުވެއެވެ.

"ހެޔޮނުވާނެ." އިލްހާމް އުނދަގުލުން ބުނެލިއެވެ. އިންޝާ އެ ފޮތިގަނޑަށް ދުލެއްދިނެވެ.

"މަށަށް ތިހެން ނުހަދާ. ހެޔޮނުވާނެ." އިލްހާމް އަވަސްއަވަހަށް ބުނެލިއެވެ. "އާދޭސްކޮށްފައި މިބުނީ... މަ ދޫކޮށްލާ. މަށަށް ކުރެވުނު ކުށް ޤަބޫލުކޮށްފިން. މަށަށް ހެދުނީ ވަރަށް ބޮޑު ގޯހެއް. ވަރަށް ބޮޑު ގޯހެއް. ހެޔޮނުވާނެ. ތިހެން ނުހަދާ."

އިލްހާމް ބިރުގެންފައިވާ މިންވަރު އެ މޫނުމަތިން ވަރަށް ސާފުކޮށް ހާމަވަމުން ދިޔައެވެ.

"އެންމެ ރަނގަޅު." ނިހާގެ މޫނުން ސަމާސާގެ ކުލަ ފަނޑުވިއެވެ. "އަހަރުމެންގެ މަޤުޞަދު ޙާސިލުވެއްޖެކަމަށް ނިންމައިފިން. ކަލެޔަށް ކަލޭގެ ކުށް އިޙްސާސްވާނަމަ ކުށަށް އިއުތިރާފުވޭ. ނިކާލަށާއި ކަލޭގެ އަންހެނުންނަށް ހުރިހާ ޙަޤީޤަތެއް ކިޔާދީ. މިކަމަށް އެއްބަސްތަ؟"

އިލްހާމް ޖަވާބެއްނުދީ ބަލަހައްޓައިގެން އޮތެވެ. އެކަމަށް އެއްބަސްވާ ހިތެއް އިލްހާމްނުވެއެވެ. އެކަމަކު އެ ހާލަތުގެ ގޮތުން އޭނާއަށް އިތުރު ގޮތެއް ނެތެވެ. ނިހާމެންގެ ހިތަށް ރަހުމު ވަންނާނެކަމަށް އެއްވެސް ޖަވާބެއް ނުދީ އިލްހާމް ބަލަހައްޓައިގެން އޮތެވެ.

"އެއްބަސްތަ؟" ނިހާ މިފަހަރު ސުވާލުކުރީ ނުހަނު ބާރަށެވެ. އިލްހާމް މަޑުމަޑުން ބޯ ޖަހައިލިއެވެ.

"ކަލޭ މިއަދު ތިއޮތީ އެދުވަހު މަ އޮތް ހާލަތުގައި." ނިހާ އިތުރަށް ބުނެލިއެވެ. "ހަމައެކަނި ތަފާތަކީ ކަލޭ އަނިޔާވެރިވި ގޮތަށް އަހަރުމެން ކަލެޔަށް އަނިޔާވެރިނުވާކަން. އެކަމަށް ޝުކުރުވެރިވޭ. ދެން ކަލޭ އަމިއްލަކުށަށް ނިކާލް ކުރިމަތީގައި އިޢުތިރާފުވެފަ، ޕޮލިހަށް ގޮސް ތެދުތެދަށް ކިޔާދޭންވީ. ނޫނީ މިޔަށްވުރެ ބޮޑުވަރުކޮށްލާނަން."

ނިހާ އިންޒާރުދީފައި އެ ކޮޓަރިން ނުކުމެންދިޔައެވެ. އިލްހާމް ވަރަށް މަސައްކަތުން އަތުގައި އައްސައިފައިވާ ފޮތިގަނޑު މޮހައިލިއެވެ. އެޔަށްފަހު ދެފައި މިންޖުކުރުމަށްފަހު އެނދުން ތެދުވެގެން ގޮސް އެ ކޮޓަރި ދޮރު ތަޅުލިއެވެ.

ގަޑިއިރެއްހާއިރު ފާއިތުވެގެން ދިޔައިރު ވެސް އިލްހާމް އިނީ ކޮޓަރިން ބޭރަށް ނުކުންނަން ނުކެރިފައެވެ. ވެދިޔަ ކަންތަކާމެދު ނުހަނު ލަދުގަނެފައެވެ. އޭނާ އެންމެ ބޮޑަށް ލަދުގަތީ އެކަމުގައި އިންޝާ ބައިވެރިވީތީއެވެ. އަދި ދެ އަންހެނުން ކުރިމަތީގައި އޭނާގެ އައުރަ އެ ގޮތަށް ކަޝްފުވެގެން ދިޔައީތީއެވެ.

އިލްހާމް ވަރަށް ވިސްނިއެވެ. އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނިކާލަށް ތެދުތެދަށް ޙަޤީޤަތް ކިޔާދީފިނަމަ އޭނާ ދިރިހުއްޓައި މަރައިލަން ވެސް ނިކާލް ފަހަކަށް ނުޖެހޭނެއެވެ. އަދި އޭނާ ކުށަށް އިޢުތިރާފުވެއްޖެނަމަ ކުށް ސާބިތުކުރަން އެއްވެސް ހެތްކެއް ބޭނުމެއް ނުވާނެއެވެ. އުމުރު ދުވަހަށް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުވާނެއެވެ. އޭނާ ސަލާމަތްވުމަށް އޮތް ހަމައެކަނި ފުރުޞަތު ވެސް ގެއްލިގެން ހިނގައިދާނެއެވެ. އިލްހާމް ހަމަހޭގައި ހުރެގެން އެފަދަ ނިންމުމެއް ނުނިންމާނެއެވެ. ނިހާ އިންޒާރު ދިން ނަމަވެސް ކުށަށް އިޢުތިރާފުވުމުގެ ވިސްނުން އޭނާ ދޫކޮށްލިއެވެ. ނިހާގެ މަޤުޞަދަކީ އޭނާއަށް އަނިޔާވެރިވުމެއް ނޫނެވެ. ނިހާ ބޭނުންވަނީ އިލްހާމް ލަދުގަންނުވާށެވެ. ބަލިކަށިކޮށްލާށެވެ. އެޔަށްފަހު އޭނާގެ ކުށަށް އިޢުތިރާފު ކުރުވާށެވެ. އެކަން ކާމިޔާބުވިޔަ ނުދިނުމަށް އޭނާ އަޒުމުކަނޑައެޅިއެވެ.

އިލްހާމް އެ ވިސްނުމުގައި އިންދައި ނިހާ ނިކަން ބާރަށް އެ ކޮޓަރި ދޮރުގައި ތަޅައިގަތެވެ. އިލްހާމް ބޮލަށް އުނދަގޫވެގެން ރުޅި އަންނަ ގޮތްވިއެވެ. ދޮރު ހުޅުވިއިރު އޭނާ ހުރީ ރަނގަޅަށް ވެސް ރުޅި އައިސްފައެވެ.

"ކިހާ ބޮޑު އުނދަގުލެއްތަ؟" އިލްހާމް ހަޅޭލަވައިގަތެވެ. "ކަލޭ ގޮސް ނިކާލާއި ޕޮލިހުން ގާތު ދައްކާނެ ވާހަކައެއް ދައްކަބަލަ. މަށެށް ނުދާނަން. މަ ދުވަހަކު ވެސް ކުށަކަށް އިޢުތިރާފެއް ނުވާނަން. މަށަށް ޖެއްސުންނުކޮށް މައިތިރިވެގެން ހުރެވޭތޯ ބަލާ. މަ ކަންކުރަންވީ ގޮތް ކިޔާދޭން ނުހަދާ މިތަނުން ރައްކާވޭ. ކަލޭދޭ އިންޒާރަކަށް މަ ޖެހިލުމެއްނުވޭ. ބިރެއް ވެސް ނުގަނޭ. ބޮޑު ފިރިހެނަކު ހަތަރެސްފައި ބަނދެގެން ކަލެޔަށް ބިރުދައްކަން އެނގުނީ ވެސް. އެކަމުން ވެސް ދޭހަވަނީ ކަލޭމެން އަންހެނުންގެ ބަލިކަށިކަން. ދެން ނިކަން އެކަހަލަ ކަމެއްކޮށްލަން މަގޭ ގައިގަ އިނގިލިކުރި ޖައްސައިލަބަ. އިނގިލިތައް މުގުރާލާނަން. އެހެންވީމަ ކަލޭ ތި ދައްކާ ވާހަކައެއް ދައްކަން ޕޮލިހަށް ދޭ. މަ ނުދާނަން."

ނިހާ ހައިރާނެއް ނުވެއެވެ. އިލްހާމްގެ އަޒުމު ގުޑުވައިލުމަކީ އުނދަގޫކަމެއްކަން މާ ކުރިން ވެސް އޭނާއަށް އެނގެއެވެ.

"ޕޮލިހަށް ދާނީ މަށެށް ނޫނޭ." ނިހާ ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން ބުންޏެވެ. "ކަލޭ ދާނީ ގޮސް އެމީހުންނަށް ކަލޭ ކަންތައް ކުރި ގޮތް ކިޔައިދީ."

"މަގޭ ބުއްދި އަދި ގޯހެއްނުވޭ." އިލްހާމް ޖަހައިލީ ހިނިގަނޑެކެވެ.

"ބުއްދި ގޯސްވާން މާ ގިނަ ވަގުތެއް ނެތް." ނިހާ ހަށަން ބަނދެލިއެވެ. "އަވަހަށް ގޮސް ޕޮލިހުންނަށް ތެދުތެދަށް ކިޔައިދީ."

"ނުދާނަން." އިލްހާމް އުޅުނީ ނިހާގެ މޫނު މައްޗަށް ދޮރު ޖަހާށެވެ. ނިހާ އަތް ހިއްލައިލަމުން އެ ދޮރު ލެއްޕުނަ ނުދީ ހިފެހެއްޓިއެވެ.

"މީތި ބަލާބަލަ." ނިހާ ފޯނު ނަގަމުން ބުންޏެވެ.

ނިހާގެ މަންމަ ރޮއެރޮއެ އޮއްވައި އެ ފަކީރު މިދުނިޔެއިން ނައްތާލި ދުވަހަކީ ނިހާގެ ހިތުން ދުވަހަކު ވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. މަންމަގެ މަރަށް އިންސާފު ހޯދުމަށް ނިހާ ނުކުތުމުން އެ ދުވަހު ނިހާއަށް ކާމިޔާބެއް ނުލިބުނެވެ. އިލްހާމް މޮޅުވެ ނިހާގެ ކޮޅު ބަލިވިއެވެ. އެދުވަހު މިނިވަންކަމާއެކު ހަމަޖެހިލައިގެން އުޅުމުގެ ފުރުޞަތު އިލްހާމަށް ލިބުނެވެ. މިއަދު ނިހާގެ އަބުރާއި އިއްޒަތް ވެއްޔާލައި މޮޑެލުމަށްފަހުގައި ވެސް އިލްހާމްގެ އަމަލުތައް އެ ހުރީ އެކަހަލަ ގޮތަކަށެވެ. އޭނާއަށް ބިރު ދެއްކުމުން ވެސް އެ ހިލަހިތުގައި ބިރުވެރިކަމުގެ ރެނދު އަޅުވައިލެވޭ ވަރެއްނުވިއެވެ. އިލްހާމް ހަމަޖެހިފައި އެ ހުރީ ސަލާމަތްވާނެ ކޮޅެއް ފެނިފައި އޮތީމައިކަން ނިހާއަށް އެނގެއެވެ. ނަމަވެސް އެ މަގު ބަންދުކޮށްލެވޭނެ ވަރުގެ ވަރުގަދަ ހެތްކެއް ނިހާގެ އަތުގައި އޮތްކަން އިލްހާމަށް އަންގާލަން ނިހާގެ ހިތް އެދުނެވެ. އިލްހާމަށް ލިބިފައިވާ ކުޑަ ހަމަޖެހުން ނަގައިލަން ނިހާ ބޭނުންވިއެވެ. ފުލުހުންނާއި ހަމައަށް އިލްހާމް ގެންދިޔުމުގެ ކުރިން އަދިވެސް އެ މޫނުމަތިން ހާސްވުމާއި ބިރުވެރިކަން ފެނިއްޖެނަމަ ނިހާގެ ހިތަށް ތަޞައްލީއެއް ލިބޭނެއެވެ.

ނިހާ ވީޑިއޯ ޕްލޭކޮށްލައިފައި އިލްހާމަށް ދައްކައިލިއެވެ. ފެނުނު މަންޒަރާއެކު އިލްހާމްއާއެކު ބާރު ދުވެއްޔެއްގައި މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. އޭނާ ލަމުންދިޔަ ނޭވާ ކަރުތެރޭގައި ތާށިވިއިރު ދެލޯ ހުރީ މުދުނުގައެވެ. އޭނާއާއި އިބްރާހީމްބެގެ މައްޗަށް ކުށްސާބިތުކުރަން އެޔަށްވުރެ ބޮޑު ހެތްކެއް ނުލިބޭނެކަން ވިސްނި އޭނާ ނިކަން ހާސްވިއެވެ. ކުއްލިއަކަށް ނިހާ އަތުން ފޯނު ޖަހައިގަތުމަށް އިލްހާމް ފުންމައިގަތެވެ. އެކަމަށް ހުށިޔާރުވެގެން ހުރި ނިހާ ފޯނު ތިރިކޮށްލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ނިހާގެ އަތުން އިލްހާމް ފޯނު ޖަހައިގަތެވެ. ވަގުތުން ފޯނު ބިން މައްޗަށް ޖެހުމާއެކު ކުދިކުދިވެގެން އެކި އެތިކޮޅު އެކި ދިމަދިމާއަށް ބުރައިގެން ދިޔަ އަޑާއެކުވެގެން އިލްހާމްގެ ހުނުމުގެ އަޑު ވެސް އިވިގެން ދިޔައެވެ.

"ފޯނުގައި އެކަންޏެއް ނޫނޭ. އެ ވީޑިއޯ އޮތީ." ކުދިކުދިވެފައިވާ ފޯނާ ދިމާއަށް ބަލާލަމުން ނިހާ ބުނެލިއެވެ.

އިލްހާމްގެ ހުނުން މެދުކެނޑުނެވެ. ނިހާ އިސްއުފުލާ ބަލާލިއިރު އިލްހާމް ބާރުބާރަށް ސިޑިން ފައިބަނީއެވެ. އޭނާ އެ ދަނީ ނިހާގެ ކޮޓަރިއަށްކަން އެނގުމާއެކު ނިހާ ވެސް ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ހިނގައިގަތެވެ. ނިހާ ސިޑިން ފައިބަނިކޮށް ބާރު އަޑު ފަށްގަނޑެއް އިވުނެވެ. އޭނާ ކޮޓަރި ދޮރު މައްޗަށް ހުއްޓުނުއިރު ލެޕްޓޮޕް ވެސް އޮތީ ފުނޑުކޮށްލައިފައެވެ. އިލްހާމްގެ އަތުގައި ކެމެރާ ވެސް އޮތެވެ.

"ދެން ކީކޭބާ ބުނާނީ." އިލްހާމް މޭ ފުއްޕާލިއެވެ. "އަދިވެސް މަށަށް ގޮތް ކިޔައިދޭން އަންނާތި. ކަލޭ ގޮސް ޕޮލިހުން ގާތު ދައްކާ ވާހަކައެއް ދައްކާ. މަ ނޫޅެން ހުއްޓުވާކަށް. މަށަށް އެނގޭ ވިއްޔަ މަ ސަލާމަތް ވާނެކަން. ހަމަ ސަފީނާ މަރައިލާފަ ސަލާމަތް ވީ ވެސް ކަލޭ ބަޔާނެއް ދީފައި އޮއްވައި. ހަމަ އެގޮތަށް މިފަހަރު ވެސް ކަންތައް ވެގެންދާނީ. ކަލޭ ބަޔާން ދިނަސް ނުދިނަސް މަ ނުދާނަން ޖަލަކަށް. ކަލޭގެ މޮޔަކަން ޕޮލިހަށް ވީޑިއޯ ހަވާލުނުކޮށް މަށަށް ބިރު ދައްކަން އައިކަން."

އިލްހާމްއާ ދެކޮޅަށް ނިހާއަށް ލިބުނު ބޮޑު ހެކި ނައްތައިލެވުމުން އޭނާ ހުރީ ކިބުރުވެރިވެފައެވެ. ނިހާ ހިމޭނުން ހުރުމުން އޭނާ ވަކިން ބޮޑަށް ބޮޑާވެލިއެވެ. އޭނާގެ ގާތުގައި ނިހާފަދަ ނިކަމެތި އަންހެން ކުއްޖަކަށް ކުރި އެރުމެއް ނުލިބޭނެކަމަށް ބުނެ މަލާމާތްކޮށްލިއެވެ.

"ކަމަނާގެ އަނގައިން ބަސް ހުސްވީތަ؟" އިލްހާމް އެހިއެވެ.

"އެ ވީޑިއޯ މި ފޯނުގައި ވެސް." އިންޝާގެ އަޑު އިވުމާއެކު އިލްހާމް އެނބުރި ބަލައިލިއެވެ.

އިންޝާގެ އަތުގައި އޮތް ފޯނުން އެ ވީޑިއޯގެ ތަންކޮޅެއް ދައްކާލައިފައި ހިނިތުންވަމުން ބުމަ އަރުވާލިއެވެ. އިލްހާމް ނިހާއަށް ބަލާލިއިރު ނިހާ ހުރީ ލާނެއް ހިންޏެއް އައިސްފައެވެ. ނިހާގެ މަކަރުވެރިކަން ވިސްނި އިލްހާމް މިފަހަރު ރަނގަޅަށް ވެސް ހާސްވެއްޖެއެވެ. ހަތަރު އުދަރެސް ފެނު ޖެހިއްޖެއެވެ.

"ދޭބަލަ. ބަލަހައްޓައިގެން ތި ހުންނަނީ ކީއްވެގެންތަ؟ ދޭބަލަ. ގޮސް އިންޝާގެ އަތުގައި އޮތް ފޯނު ވެސް ފުނޑައިލާ." ނިހާ މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ.

އިލްހާމްގެ އަނގަ ބަންދުވިއެވެ. ނިހާއަކީ ބުއްދިވެރި އަންހެނެއްކަން އޭނާ ހަނދާން ނެތުނީއެވެ. ނިހާ އެ ވީޑިއޯ ދައްކާނީ ވެސް އެ ރައްކާކުރަންޖެހޭ މިންވަރަށް ރައްކާކޮށްފައެވެ. އެވަރުގެ ބޮޑު ހެތްކެއް އަތުޖެހިފައި އޮއްވައި ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް ނާޅައި އޭނާއާ ހަމައަށް ގެންނާނީ ބޮޑު މޮޔައެކެވެ. ނިހާއަކީ އެފަދަ މޮޔައެއް ނޫނެވެ. އިންޝާ ފޯނުގައި ނޫނަސް އެ ވީޑިއޯ އެތައް ތަނެއްގައި ރައްކާކޮށްފައި ހުންނާނެކަން ކަށަވަރެވެ.

"ތެދެއް ތިބުނީ އަދި މި ވީޑިއޯ ޕޮލިހުންނަކަށް ނުދައްކަން." ނިހާ އެއްބަސްވިއެވެ. "އެއީ ކީއްވެގެންކަން އެނގޭތަ؟ ކަލެޔާއެކު މަގޭ ވެސް ދުނިޔޭގެ ލަދާއި ކުރިމަތިލާން ޖެހިދާނެތީ. އެހެންވީމަ ދުނިޔޭގެ ލަދުން ސަލާމަތްވާން ބޭނުންނަމަ އިލްހާމް މޫސާ ޕޮލިހަށް ގޮސް ކުރި ކުށަށް އިޢުތިރާފުވޭ. ނޫނީ މަށަށް މަޖުބޫރުވާނެ މި ވީޑިއޯ ލީކުކޮށްލަން. ޕޮލިހުންނަށް އެކަންޏެއްނޫން މުޅި ދުނިޔެއަށް. އޭރުން ޕޮލިހުންނާއި ހިސާބުން ނޫނީ އެހެން އެއްވެސް ހިސާބަކުން މައްސަލަ ނުހުއްޓުވޭނެ. ރާއްޖޭގެ އެންމެން ވެސް ޤަބޫލުކުރާނެ ތީ ކުށްވެރިއެއްކަން. ފައިސާއަށް ވިކޭ ބަޔަކު ވެސް ވިކެން ބިރު ގަންނަވަރުގެ ހެތްކެއް މީ. އެހެންވީމަ އެބަ އޮތް ގޮތެއް. ކަލޭ ގޮސް ޕޮލިހުންނަށް ކަލޭކުރި ހުރިހާ ކަމެއް ތެދުތެދަށް ކިޔައިދީ. އޭރުން މި ވީޑިއޯ އިތުރު މީހަކަށް ނުފެންނާނެ."

އެ ހެކި ޕޮލިހުންނާ ހަމައަށް ފޯރައިފިނަމަ މާކިންއަށް ވެސް ކުރެވޭނެ ކަމެއް ނޯންނާނެކަމަށް އިލްހާމް ޤަބޫލުކުރިއެވެ. ލީކުވެއްޖެނަމަ ގެއްލުން ވާނީ އިލްހާމަށެވެ. ކުށުން ބަރީޢަވުމަށް އޮތް ހަނި ފުރުޞަތު ވެސް ގެއްލިގެން ދާނެއެވެ. އެވަރުން ވެސް އިލްހާމް ނިހާގެ ކުރިމަތީގައި ބަލި ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ނިހާގެ ކުރިމަތީގައި ބަލި ޤަބޫލުކޮށްފިނަމަ އަމިއްލަ ނަފުސު ވެސް އޭނާއަށް މަލާމާތްކުރާނެއެވެ. ނިހާ ބުނިފަދައިން އެ ވީޑިއޯ ލީކްވެއްޖެނަމަ ލަދުގަންނާނީ އޭނާ އެކަންޏެއް ނޫނެވެ. ވީއިރު އެ ވީޑިއޯ ރާއްޖޭގެ އެންމެންނަށް ފާޅުކަން ބޮޑުގޮތެއްގައި ފެންނަފަދަ ކަމެއް ނިހާއަށް ކުރާކަށް ނުކެރޭނެއެވެ.

"ނުދާނަން." އިލްހާމް ގަދަވެލިއެވެ.

"ހިނގާދާން އިންޝާ." އިލްހާމްގެ ގޮތް އެނގޭތީ ނިހާ ހުރީ މާކުރިން ވެސް ގޮތެއް ނިންމައިގެންނެވެ. "ފުރަތަމަ ޕޮލިހަށް ދައްކާނީ. އިލްހާމް ހައްޔަރުކޮށްގެން ގެންގޮސް ދަޢުވާ ނުއުފުލިއްޖެނަމަ ނުވަތަ އިލްހާމް އަނބުރާ ސަލާމަތްވެގެން މުޖުތަމަޢުއަށް ނުކުމެއްޖެނަމަ ވީޑިއޯ ލީކުކޮށްލާނީ. އެއީ ވެސް ހެދިދާނެ ގޮތެއް."

"އަދިވެސް އެބައޮތް ގޮތެއް." މިފަހަރު ވާހަކަ ދެއްކީ އިންޝާއެވެ. "މި ޖަނަވާރު ފިރިހެނާ ހައްޔަރުނުކޮށް މި ހުންނަނީ މަ ދީފަ އޮތް ބަޔާނުގެ ސަބަބުން.. މަށަށް ޙަޤީޤަތް ނޭނގި ބުނެވުނީ މި ކަލޭގެ ކޮޓަރީގައި ނެތްކަމަށް. މިހާރު މަ ބޭނުންވަނީ އެ ބަޔާންބަދަލުކޮށްލަން. ކަލެޔަށް އެނގޭތަ ދެން މަ ބަޔާންދޭނީ ކީކޭ ކިޔާފައިކަން. މަ ބުނާނީ ކަލޭ މަށަށް ބިރު ދައްކައިގެންނޭ އެގޮތަށް ބަޔާން ދިނީ. އިބްރާހީމްބެއާ ކަލެޔާ ދެމީހުން ވެސް ކޮޓަރީގައި ތިއްބޭ. މިގޮތަށް ބަދަލުކޮށްލީމަ ކަލޭގެ މައްޗަށް ކުށް ސާބިތުކުރަން އިތުރު ބާރެއް ލިބިގެންދާނެ."

"ހިނގާދާން. މީނަ ލެވޭވަރުގެ ގޮޅި ވެސް ހުންނަކަން އަންގާލާނަން." ނިހާ އިންޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

"ނޫން. ނޫން. މަށަށް މަޢާފުކުރޭ." އިލްހާމް ނިހާގެ އަތުގައި ހިފިއެވެ. އިލްހާމް ކަހަލަ ފަސޭހައިން ބަލި ޤަބޫލުކުރަން ބޭނުންނުވާ ބޮޑާ މީހަކު އެހާ އަވަހަށް މަޢާފަށް އެދުމުން ނިހާއަށް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް އެއީ އިލްހާމް ދައްކާ ދަޅައެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"މަޢާފުކޮށްފާނަން ޝަރުތެއްގެ މަތިން." ނިހާ ވަރަށް ފަސޭހައިން އެއްބަސްވިއެވެ.

"ކޮން ޝަރުތެއް." އިލްހާމް ހައިރާންވިއެވެ. އޭނާ އެ ކުށުން ސަލާމަތްވާނެކަމުގެ ޔަޤީންކަން ލިބިއްޖެނަމަ ނިހާ އެދޭ ކޮންމެ އެދުމެއް ފުރިހަމަކޮށް ދޭނެކަމަށް ބުނެލިއެވެ.

"އަމިއްލައަށް ދަންޖެހިގެން މަރުވޭ." ނިހާ އަޑަށް ބާރުލަމުން ބުންޏެވެ. "ކަލޭމެން މަގޭ މަންމަ މަރާލި ގޮތަށް."

އިލްހާމް މާޔޫސްވެ ކަރުއެލުނެވެ.

"ދެން އޮތް ގޮތަކީ ކަލޭ ޕޮލިހުންނަށް ހަޤީޤަތް ކިޔައިދިނުން. މި ވީޑިއޯ މީ ވުޖޫދުގައި ވެސް ނުވާ އެއްޗަކަށް އޭރުން ވެދާނެ." ނިހާ އިތުރަށް ބުންޏެވެ. "ފަސް މިނެޓު ދީފިން ގޮތެއް ނިންމަން."

އިންޝާއާއެކު ނިހާ ސިޑިން ފައިބައިގެން ދިޔައެވެ. މިވަގުތު އިލްހާމަށް އޭނާގެ މުސްތަޤުބަލް ފެންނަނީ އަނދިރިކޮށެވެ. ސާފު އަލި މަގެއް އެއްވެސް ދިމާއަކުން ނުފެނެއެވެ. ފެނުނު އަލިމަގަށް ވެސް ވީޑިއޯގެ ހިޔަނި އެޅި އަނދިރިވެއްޖެއެވެ. ފުލުހުންގެ މޭޒުތަކާއި ހަމައަށް އެ ވީޑިއޯ ހިނގައްޖެނަމަ އޭނާއަށް ޖަލު ހުކުމެއް އަންނާނެކަން ކަށަވަރެވެ. އެކަން ހުއްޓުވާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ނިހާގެ ދެފައި ބުޑަށް ވެއްޓި އާދޭސް ކުރަންވީ ހެއްޔެވެ؟ ނިހާ އެދޭ ފަދައިން ޕޮލިހަށް ގޮސް ކުރެވުނު ކުށަށް އިޢުތިރާފުވާން ވީ ހެއްޔެވެ؟ އެއިން ކޮންމެ ގޮތަކަށް ޢަމަލުކުރި ނަމަވެސް އޭނާއަށް ސަލާމަތެއް ނެތެވެ. އިލްހާމަށް ގޮތް ހުސްވުމުން ގުޅީ މާކިންއަށެވެ.

"ކުށް ސާބިތުވެއްޖަނަމަ ކިހާ ދުވަހެއްގެ ޖަލު ހުކުމެއް އަންނާނެ." އިލްހާމް އެނގެން ބޭނުންވިއެވެ.

"ރޭޕްކުރުމުގެ ކުށަށް 15 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ." މާކިން އޮޅުންފިލުވައި ދިނެވެ. "އަދި އިލްހާމް ނިހާ މަރާލަން ވެސް މަސައްކަތްކޮށްފައިވޭ. އެހެންވީމަ ދެން ވިސްނާލާ. މަރުދުވަހާއި ހަމައަށް ވެސް ޖަލުގައި އޮންނަން ޖެހޭނެކަމަށް."

އިލްހާމްގެ އަނގައިން އާޚުގެ އަޑު ބޭރުވެގެން ދިޔައެވެ. އޭނާ ދެން ކިޔައިދިނީ އޭނައާ ދެކޮޅަށް ލިބުނު ވަރުގަދަ ހެކީގެ ވާހަކައެވެ. އެއަށްފަހު އޭނާއަށް އެކުށުން ސަލާމަތްވުމަށް އެއްވެސް ފުރުޞަތެއް އޮންނާނެތޯ އަހައިލިއިރު އޭނާގެ ހިތުގެ ތެޅުމުގެ އަޑު ކަންފަތާ ހަމައަށް ވެސް ފޯރައެވެ.

"އެއްވެސް ފުރުޞަތެއް ނޯންނާނެ." މާކިން ތެދުތެދަށް ޖަވާބުދިނެވެ. "ސަލާމަތްވާން ބޭނުންވަންޏާ ތި ވީޑިއޯ ނައްތާލާ."

އިލްހާމްގެ މޫނު މައްޗަށް އަނދިރިވާހެން ހީވުމުން ދެކަކޫ މައްޗަށް ތިރިވިއެވެ. ފޯނު ކަންފަތާ ދުރަށް ޖައްސައިލަމުން އޭނާ ވިސްނުމަކަށް ގެއްލިފައި އިންދައި ލޮލުގެ ތެރެއަށް ކަރުނަ ގިނަވާން ފެށިއެވެ. ހަޔާތުގެ ބާކީބައި ޖަލުގައި ހޭދަކުރާނެ ގޮތް ލޮލުކުރިމަތީގައި ސިފަވަމުން ދިޔައެވެ. މަޑުމަޑުން އެސްފިޔަތަކުގެ ފުރަގަހަށް ބޮނޑިވަމުން އައި ކަރުނަތަކަށް ކެތް ނުވެގެން ބަންޑުންވިއެވެ. އެއްވެސް އިޚްތިޔާރަކާއިނުލާ ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމިގެން ދިޔައެވެ. ދެން ފެނުނީ އޭނާ ގިސްލަމުން ބާރަށް ރޮއެގަތް ތަނެވެ. އެއީ އޭނާގެ ހަޔާތުގައި ވެސް އެހާ ބޮޑަށް ހިތްދަތިވި ފުރަތަމަ ފަހަރެވެ.

އިލްހާމް ތިރިއަށް ދިޔައިރު އެކަކު ވެސް ތިރިޔަކު ނެތެވެ. ދެލޯ ފޮހެމުން އޭނާ ބޭރަށް ނުކުތެވެ. ނިހާމެން ތިބީ އުނދޯލީގައެވެ. އިލްހާމް ނުކުތްތަން ފެނުމުން ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލައިފައި ހިނިތުންވެލިއެވެ. އިލްހާމްގެ މިލާ މޯޅިވެފައިވާ މޫނު ފެނުމުން ނިހާ ބާރަށް ހީނގަތެވެ. އިލްހާމް ވަރަށް ލަދުވެސް ގަތެވެ. އެހެނަސް އެ ލަދުވެތިކަމާއި ކުރިމަތިލައިގެން ނަމަވެސް އަންނަން އޮތް ބިރުވެރި ތޫފާނުން ސަލާމަތްވުމަށް އޭނާ ބޭނުންވިއެވެ. އިލްހާމް ދެއަތް ދެއަތާ ޖައްސައިލަމުން މޫނާއި ހަމައަށް އުފުލައިލިއެވެ. ނިހާ ކުރިޔަށް ވުރެ ބާރަށް ހީނގަތެވެ. ހެމުހެމުން އޭނާ ތެދުވިއެވެ.

"މަށަށް މަޢާފުކުރޭ." އިލްހާމް މަޑުމަޑުން ބުނެލިއެވެ. "މަ ސަލާމަތްކޮށްދީ. ނިހާއަށް ދުވަހަކުވެސް އުނދަގުލެއް ނުފޯރާނެ. މަށަށް މާފުކޮށްދީ."

"ކޮންކުށަކަށް މަޢާފަށް ތި އެދެނީ؟" ނިހާ އެހިއެވެ.

"ނިހާގެ އިއްފަތްތެރިކަން ނަގާލުމުގެ ކުށަށް." އިލްހާމް ޖަވާބުދިންއިރު އެ މޫނުން މާޔޫސްކަން ފާޅުވެއެވެ.

"އެކަން އެކަނި." އަބުއި ރާގެއްގައި ނިހާ ބުންޏެވެ. "އެންމެކުށެށް ކަލޭ ކުރީ؟ މަށަށް ދިން އަނިޔާ ހަނދާން އެބަހުރި. ކުޑަ އިރުންސުރެން ކަލޭގެ ފުށުން މަށަށް ލިބުނީ އަނިޔާއާ ހިތްދަތިކަން. އެކަންކަން ހަނދާން އެބަހުރިތަ؟"

"ހަނދާން އެބަހުރި." އާންމު ގޮތެއްގައި ޒީލަގަދަކޮށް ވާހަކަދައްކާ އިލްހާމަށް މިއަދު ރުޅި އަންނަން ވެސް ނޭނގުނެވެ. ނޫނީ އޭނާގެ ހިތުގައި ނުބައި ރޭވުން ގަނޑެއް އޮތުމުން ރުޅި ބޭރަށް ފާޅުނުކުރަނީއެވެ.

"ހަނދާން..." އެ ހިސާބަށް ބުނެފައި ނިހާ މަޑުޖެހިލިއެވެ. ގޭޓާ ދިމާއަށް ނަޒަރު ހިންގައިލިއެވެ.

"ހަނދާން ހުރިއްޔާ ކިޔާދީބަލަ." ނިހާ އެދުނެވެ. "ކަލޭ ތި މާފަށް އެދޭ ކަންކަމުގެ ލިސްޓެއް ކިޔާދީބަލަ. ކަލޭ ކުރި ހުރިހާ ކުށަކަށް މަގޭ ކުރިމަތީގައި ނަމަވެސް އަމިއްލައަށް އިޢުތިރާފުވެއްޖެނަމަ ކަލެޔަށް ހަމްދަރުދީވެވިދާނެ. އެހެންވީމަ ކަލޭގެ ވިޔާނުދާކަން އަމިއްލައަށް ކިޔާދީ."

"އަހަރެން މަޢާފަށް މި އެދެނީ ހިތުގެ އަޑިން. މަޢާފަށް މި އެދެނީ ނިހާ މަންމަ ސަފީނާ މަރާލުމުގެ ކުށަށް." ނިހާގެ ހިތަށް ރަހުމު ވަންނާނެކަމަށް ހީކޮށް އޭނާ ކުރި ކުށްތަކަށް އިއުތިރާފުވާން ފެށިއެވެ. "ސަފީނާ މުޅި ރަށަށް ބަދުނާމުކުރުމުގެ ކުށަށް. ސަފީނާއާއި ނިހާގެ ވެސް އިއްފަތްތެރިކަން ނަގާލުމުގެ ކުށަށް. ނިހާއަށް ސިހުރު ކާންދީގެން ނިކާލްއާ ދުރުކުރުވަން އުޅުމުގެ ކުށަށް. ނަޒީލްގެ ހަޤީޤަތް އެނގިހުރެ އެކަން ފޮރުވުމަށް މަސައްކަތްކުރުމުގެ ކުށަށް. ނިހާއަކީ ހަވަރު ތުންފުއްސެއްކަމަށްހަދައި ޞަފިއްޔާ ގާތުގައި ވާހަކަ ދެއްކުނީތީ އެ ކުށަށް. އަދި ނިހާގެ..."

ކުއްލިއަކަށް ފަހަތުގައި ހުރި މީހަކު އިލްހާމްގެ ކޮނޑުގައި ބާރަށް ހިފައިލަމުން އަނބުރާލިއެވެ. އިލްހާމަށް އެއީ ކާކުކަން ނޭނގި އުޅެނިކޮށް އެމީހަކު އަތުގެ ބާރުގަދަ އެތި ފަހަރެއް އޭނާ މޫނު މައްޗަށް އަރުވާލިއެވެ. އޭނާއަށް ލިބުނު ސިހުމާއެކު ފައި އަރިއަޅާލަން އުޅުނު ވަގުތު ދެވަނަ އެތި ފަހަރެއް އޭނާގެ ކަންކަށި މައްޗަށް އެރިއިރު އިލްހާމްގެ ގަމީހުގެ ގިރުވާން އޮތީ އެމީހާގެ އަތަށް އޮޅާލެވިފައެވެ. އިލްހާމްގެ މޫނަށް އަރައިގެން ދިޔަ ދިލައާއެކު މޫނުގެ އެއްފަރާތް އައްސިވެގެން ދިޔައެވެ. އޭނާއަށް ކޯތާފަތް މަތީ އަތްއަޅާލެވުނީ ދެލޯ މަރާ ބާރުކޮށްލަމުންނެވެ. އޭނާ ދެލޯ ހުޅުވާލި ވަގުތު ތިންވަނަ ހަމަލާ ވެސް އޭނާގެ ކަންކަށި މައްޗަށް އަރުވާލަމުން ކޮށްޕާލިއެވެ. އިލްހާމް ޅަ ބުޅާ ގަނޑެއްހެން ވިނަގަނޑު މައްޗަށް ގުޅައަކަށް ޖެހުނެވެ. އޭރު އޭނާއާއެކު މުޅި ދުނިޔެ އެނބުރެމުންދާކަން އިހްސާސްވިއެވެ. މޫނު މައްޗަށް އަނދިރިވެ މުޅި މަންޒަރު އަނދިރިވިއެވެ. އޭނާ އަވަސް އަވަހަށް ދެލޯ މަރާ ބާރުކުރަމުން ދެލޯ ހުޅުވާލުމާއެކު މަންޒަރު ސާފުވާ ގޮތްވިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއެކު އެއީ ކާކުތޯ ބަލާލަން ފުރުޞަތެއް ލިބުނީ އެވަގުތުއެވެ. ކުރިމަތީގައި ރުޅި އައިސް ރަތްވެފައި ހުރި ނިކާލް ފެނުމުން އިލްހާމް އިތުރަށް ބިރުގަތެވެ. ނިކާލްގެ ދެލޮލުން އަލިފާން ކަނި ބުރައެވެ. ދާދި ގާތުގައި ހުރި ޞަފިއްޔާ ވެސް ނުރުހުމާއެކު އިލްހާމަށް ބަލާލީ ދަތްކުނޑި ވިކާލަމުންނެވެ. ނިކާލް ދެއަތް މުށްކަވާ ބާރުކޮށްލަމުން ކައިރިއަށް ޖެހިލި ވަގުތު އިލްހާމަށް ފަހަތަށް ޖެހިލެވުނީ ހިންދިރުވާލަމުންނެވެ. ނިކާލް އެހާ ރުޅިގަދަވެފައި ހުއްޓައި ދުވަހަކު ވެސް ފެނިފައެއް ނުވެއެވެ.

"ތިކަހަލަ މުޑުދާރު މީހެއް ދުނިޔޭގައި ބަހައްޓާކަށް ވެސް ބޭނުމެއް ނޫން." ކުއްލިއަކަށް ނިކާލް ފުންމައިގެން ގޮސް އިލްހާމްގެ ކަރުގައި ހިފައި ބާރުކޮށްލިއެވެ. އިލްހާމް ސަލާމަތްވުމަށް ތެޅިފޮޅިގަތެވެ. ނިކާލްގެ ވަކިތަކުގެ ދަށުން ސަލާމަތްވުމަށް މަހެއް މަރަށް ތެޅޭހެން ތެޅެންފެށިއެވެ. ނަމަވެސް ކުޑަވެސް ދުލެއް ނުލިބި ނޭވާ ހުސްވަން ދިޔައިރު އިލްހާމް ދެލޯ ބޮޑުވެއްޖެއެވެ. މޫނު މައްޗަށް ލޭ އަރަމުންދާ ކަހަލަ އިޙުސާސެއްވިއިރު އޭނާގެ ލޮލުކުރި މައްޗަށް ސިފަވީ ސަފީނާއެވެ.

"ނިކާލް. ހަމަމިހާރު ދޫކޮށްލާ." ނިހާ ހަޅޭލަވައިގަތެވެ. "އޭނާ މަރުވަނީ އޭ."

ނިހާއާއި ޞަފިއްޔާ ވެސް ނިކާލް ދުރުކުރަން އުޅުނެވެ. ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ. އެތަނުގައި ތިބި ތިން އަންހެނުންނަށް ވުރެން ވެސް ނިކާލްގެ ބާރުގަދައެވެ.

"އޭނަ މަރުވެއްޖެނަމަ މަ ދުވަހަކު ވެސް ނިކާލަށް މާފެއް ނުކުރާނަން. ﷲ ގަންދީ ހުވާކޮށްފައި ބުނަން ނިކާލްގެ ދެއަތުން އޭނަ މަރުވެއްޖެނަމަ ދުވަހަކު ވެސް ނިކާލްއާ މަށެށް ނީންނާނަން." ނިހާގެ އިންޒާރާއެކު އިލްހާމްގެ ކަރުން ނިކާލް ދޫކޮށްލިއެވެ. އިލްހާމް ބާރަށް ކެއްސަމުން އަވަސް އަވަހަށް ނޭވާލަމުން ފަހަތަށް ލޫދެން ފެށިއެވެ. މީހެއްގެ ނޭވާ ހާސްވެގެންދާ ވަގުތު ކުރެވޭނެ އިޙްސާސް އޭނާއަށް މިއަދު ރަނގަޅަށް އިހްސާސް ކުރެވިއްޖެއެވެ. އެދުވަހު ސަފީނާގެ ކަރުބުޑުގައި ލީ ހިތިރަހަ މިއަދު އޭނާގެ ކަރުބުޑުގައި ލައިފިއެވެ.

"މިކަހަލަ މުޑުދާރު އެއްޗެއް ސަލާމަތްކުރަން ތިވަރުގެ ހުވައެއްކުރަން ތީ ބޮޑު މޮޔައެއް." ނިކާލްގެ ރުޅި މަޑެއް ނުވެއެވެ. "އޭނަ ކުރި ކުށްތަކުގެ ސަޒާއަށް މަރުގެ އަދަބު ހައްޤު."

ބައްޕަ އެފަދަ ރަހުމުކުޑަ ގޮތަކަށް ނިހާއާމެދު އަމަލުކޮށްފާނެކަމަށް ޤަބޫލުކުރަން ވެސް ނިކާލަށް އުނދަގުލެވެ. އެހެނަސް ބައްޕަ ކުށަށް އިޢުތިރާފު ވީ އަޑު އެހީ އޭނާގެ ދެ ކަންފަތުންނެވެ.

"ނިކާލްގެ ބައްޕައޭ އެއީ." ނިހާއަށް ބުނެވުނެވެ. "މަށަށް މަރާނުލެވިގެނެއް ނޫނޭ އެހުރީ ދުނިޔޭގައި ބަހައްޓާފައި. އޭނާ ކުރި ކުށުގެ ސަޒާ ދޭނީ އަހަރުމެން ނޫންވީމަ."

"މަގޭ ބައްޕައެއް ނޫން އެއީ. މުޑުދާރު ނަޖިސް ފިރިހެނެއް އެއީ. މަމީ އޭނާގެ ލެޔެއްނޫން. މަށެށް ޤަބޫލެއްނުކުރާނަން މަގޭ ބައްޕަ އެ ފާޑަށް ތެޅޭނެކަމަކަށް. ފުރަތަމަ ދީޕިކާގެ ދަރިފުޅުގެ ހަޤީޤަތް އެނގުނު ދުވަހުވެސް މަށަށް ނުވިސްނުނީ މީނަގެ ނަޖިސްކަން. އެދުވަހު ވިސްނުނުނަމަ. މަށަށް ޤަބޫލުނުކުރެވުނީ އެއްފުޅަށްމަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ވެސް ފުންމާލާނެކަން. އެ ހަޤީޤަތް ޤަބޫލުކުރަން އުނދަގޫވީ މަމީ އޭނަގެ ލޭ ވީމަ. އެކަމަކު ކިހާ ނުބައި ނުލަފާ ޖައްބާރު މީހެއް އެއީ. ނިހާ އެކަންޏެއް ނޫން. ނިހާގެ މަންމަ ބަދުނާމުކޮށް ދަންޖެއްސުވި މީހަކީ ވެސް އެއީ. އޭނާއާ ހުރެ ނިހާއަށް ތި ހުރިހާ ވޭނެއް ތަހައްމަލުކުރަން ޖެހުނީ. ނިހާ މަރާ ހަނގުރާމަ ކުރަންޖެހުނީ މީނަގެ ސަބަބުން. މަމީ ކިހާ ބޮޑު މޮޔައެއް. ނިހާ މިގޭގައި ބަހައްޓައިގެން ވެސް ނުވާނެކަން މަށަށް ނުވިސްނުނީ ކީއްވެގެންތަ؟ މަ ނިހާ ގޮވައިގެން މިގޭން ނުކުމެގެން ނުދިޔައީމަ ލިބުނު ދެރައެއްތީ." ނިކާލްގެ ރަތްވެފައިވާ ދެލޮލުން ކަރުނަ ހިލިގަތެވެ.

"ދަރިފުޅުގެ ކުށެށް ނޫން އެއީ." ނިކާލްގެ ކޮނޑުމަތީގައި އަތްބާއްވައިލަމުން ޞަފިއްޔާ ބުންޏެވެ. "މަންމަގެ ކުށް. ބައްޕަ މަންމައަށް ބޭވަފާތެރިވީމަ ވެސް މަންމައަށް ބައްޕައާމެދު ވިސްނުނީ. ދަރިފުޅު ނުކުމެގެން މަންމަ ފަހަތުން އަތުވެއްޖެނަމަ ބައްޕަ ނިކަމެތިވެދާނެ ވަރު ވިސްނުނީ. ހަޤީޤަތުގައި މަންމަ ވެސް ހިއެއް ނުކުރަން ބައްޕަ އެހާ ގޯސްވާނެކަމަކަށް. ނިހާގެ މުޅި ދިރިއުޅުމުގައި އަލިފާން ޖަހަމުން އޭނާ އެ އަންނަނީ އެންމެ ކުޑައިރުން ސުރެން. ނިހާގެ ބައްޕައާއި މަންމަގެ ވެސް ޤާޠިލަކީ އެއީ."

ޞަފިއްޔާ ބުނި ވާހަކައެއް ނިހާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ބައްޕަގެ ކުއްލިމަރުގެ ފަހަތުގައި ވެސް ވަނީ އިލްހާމް ހެއްޔެވެ؟

"އާނ. ދަރިފުޅާ ނިހާ." ޞަފިއްޔާ ނިހާ ގާތަށް ޖެހިލަމުން އަސަރާއެކު ބުންޏެވެ. "ދަރިފުޅު ބައްޕަ މަރުވެގެން ދިޔައީ ގުދުރަތީ މަރެއްގެ ސަބަބުންނެއް ނޫން. ވަސީމް މަރާލީ ސިހުރުހަދައިގެން. ދައްތައަށް މިއަދު ހުރިހާ ހަޤީޤަތެއް ވެސް އެނގިއްޖެ. ސަފީނާ ކޮއްކޮގެ ވެސް އެއްވެސް ކުށެށް ނެތްކަން ވިސްނިއްޖެ. ކުށެށް ނެތް ކޮއްކޮއަށް ވެސް އަނިޔާ ދެވުނީ އެ ނުލަފާ ފިރިހެނާގެ ސަބަބުން. ދަރިފުޅާ ދައްތައަށް މަޢާފުކުރޭ. ދަރިފުޅު މަންމަގެ މަރުގެ އަސްލު ސަބަބަކީ ވެސް ދައްތަ. ސަފީނާ ކޮއްކޮ އެ ދުވަހު ދެއްކި ވާހަކަތައް މި ދައްތަ ޤަބޫލުނުކުރީމަ ކޮއްކޮއަށް އެހާލު ޖެހުނީ. ދައްތައަށް މަޢާފުކުރޭ."

ޞަފިއްޔާ އެ ހިސާބަށް ބުނިއިރު އޭނާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ބައްޕަގެ މަރުގެ ހަޤީޤަތް އެނގުމުން ނިހާގެ ދެލޮލުން ކަރުނަ އޮހެންފެށިއެވެ. ޞަފިއްޔާ މަޢާފަށް އެދެމުން ނިހާގެ ގައިގާ ބާރަށް ބައްދައިގަތެވެ. ސަފީނާގެ މަރުގެ ހަޤީޤަތް އެނގުމުން ޞަފިއްޔާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. އެދުވަހު ސަފީނާ ރުއިރުއިމާއި ކުރި އާދޭސް އޭނާގެ ލޮލަށް ފެންނަ ކަހަލައެވެ. ނަމަވެސް އެދުވަހު ޞަފިއްޔާގެ ހިލަ ހިތަށް ރަހުމުނުވަނީއެވެ. އިލްހާމް ހަދާފައިވާ ސިހުރުގެ ސަބަބުން އިލްހާމަށް މާބޮޑަށް އިތުބާރުކުރެވުމުން އޭނާގެ މުޅި ދިރިއުޅުން ބަރުބާދު ވެއްޖެއެވެ.

މިއަދު ޞަފިއްޔާ ނިކާލާއެކު އެގެޔަށް އައިއިރު ވެސް އޭނާއަށް ވަނީ އިލްހާމް ވަންހަނާ ކުރި ހުރިހާ ސިއްރެއް އެނގިފައެވެ. ސަފީނާ ކޮއްކޮ ދުނިޔޭގައި ކޮއްކޮ އުޅުނު ހާލު އޭނާއަށް އެނގުނީ ކޮއްކޮ ލިޔެފައިވާ ޑައިރީންނެވެ. އެ ފޮތް އޭނާއަށް ފެނުނީ ސަފީނާ ދިރިއުޅުނު ކޮޓަރި ސާފުކުރުމުގެ ތެރޭގައި އެ ކޮޓަރި އަލަމާރި ދަށުންނެވެ. ސަފީނާ ކޮއްކޮއަށް ކުރި ޖިންސީ ގޯނާތައް އެނގުމުން ކޮއްކޮ ޤާޠިލަކީ ވެސް އިލްހާމްކަމަށް ޤަބޫލުކުރެވުނެވެ. އެޔާއެކު ނިހާއަށް ދިމާވި ހިތްދަތި ހިތާމަވެރި ހާދިޘާގެ ފަހަތުގައި ވެސް ވާނީ އިލްހާމްކަމަށް އޭނާ ޝައްކުކުރިއެވެ. އެ ޝައްކު ޔަޤީންނަށް ވީ އިލްހާމްގެ ދުލުން އިވުނު އިޢުތިރާފުންނެވެ.

"ދައްތައަށް މަޢާފުކުރޭ." ޞަފިއްޔާ ރޮމުން ދިޔައެވެ.

ކުއްލިއަކަށް އިލްހާމް ސަލާމަތްކުރާށޭ ކިޔައި ހަޅޭލަވައިގަތް އަޑުއިވުނެވެ. ލިބުނު ސިހުމާއެކު ޞަފިއްޔާއާ ނިހާ ދުރަށް ޖެހިލަމުން ބަލާލިއެވެ. އޭރު ނިކާލް އިލްހާމް ދަމާފައި ގެންދަނީއެވެ. އިލްހާމްގެ ގަމީހުގެ ގިރުވާން ނިކާލްގެ އަތަށް އޮޅާލައިގެން ބިންމަތީގައި ދަމަމުން ނިކާލް ބޭރަށް ނުކުތެވެ. އަދި މަގުމަތީގައި އަޅާފައި އޮތް ތާރުގަނޑު މަތީގައި ދަމަމުން ޕޮލިސް ސްޓޭޝަނާއި ދިމާއަށް މިސްރާބު ޖެހިއެވެ. ނިހާ ދުވެފައި ގޮސް ނިކާލް ހިފެހެއްޓިއިރު ޚަބަރުދަބަރު އޮޅުންފިލުވުމަށް މަގުމައްޗަށް މީހުން ޖަމާވާން ފަށައިފިއެވެ.

"ދޫކޮށްލާ އޭނަ ގައިން." ނިހާ އަމުރުކުރިއެވެ. "ގޭގެއިން މީހުން ނުކުންނަނީއޭ."

"އޭނާގެ ފުރާނައަށް ގެއްލުމެއް ނުދޭނަން. މިކަމަށް ނިހާ ހުރަސް ނާޅާ. މި ލަދުވެތިކަމާ އޭނަ ކުރިމަތިލާން ޖެހޭނެ." ނިކާލް ދަތްޕިލައަށް ބާރުލަމުން ބުންޏެވެ. "މަށަށް ރަނގަޅީ ވެސް މުޅި ރަށުގެ ރައްޔިތުން އެއްވިއްޔާ."

ނިކާލް މަޑުކުރުމެއްނެތި ހިނގައިގަތެވެ. ނިހާ މިފަހަރު ހުއްޓުވާކަށް ނޫޅުނެވެ. އޭނާއަށް ރަނގަޅީ އެގޮތެވެ. ވީހާ ވެސް ބޮޑަކަށް އިލްހާމް ފަޟީޙަތްވެ، ލަދުގަތުމެވެ.

"ދަރިފުޅާ ބައްޕައަށް މަޢާފުކުރޭ. ބައްޕައަށް ރަހުމުކުރޭ." އިލްހާމް އާދޭސްކުރިއެވެ. ގިސްލައި ރުޔެވެ. މަޢާފަށް ވެސް އެދުނެވެ. އެހެނަސް ނިކާލްގެ ހިތަށް ރަހުމެއްނުވަނެވެ. އޭނާ އިލްހާމްގެ މޫނަށް ބަލައިވެސް ނުލައި ތާރުގަނޑުމަތީ ދަމަމުން ގެންދިޔައެވެ.

"ޞަފިއްޔާ މަ ސަލާމަތްކޮށް ދީ. އިންޝާ. ނިހާ." އިލްހާމް ރޮމުން އެންމެނަށް ގޮވިއެވެ. "ދަރިފުޅުމެންނޭ. ބައްޕައަށް ތިހެން ނުހަދާ. ބައްޕަ ޖަލަށްދާކަށް ބޭނުމެއްނޫން. އެއްފަހަރެއް ކަމަށް މަޢާފުކުރޭ. މާތްﷲއަށް ޓަކައި މަ ދޫކޮށްލާ. ހެޔޮނުވާނެ."

މިއަދު އިލްހާމް ރޮމުން އާދޭސްކުރަމުންދާ އަޑުއަހާނެ އެކަކު ވެސް ނެތެވެ. ނިހާއަށް އެ އަޑުތަކުން ހިތްހަމަޖެހުން ލިބުނެވެ. ފަނޑުގޮތަކަށް އޭނާ ހިނިތުންވެލިއެވެ.

"ފިރުޢައުނު ވެސް ޣަރަގުވެގެންދިޔަ ވަގުތު ﷲ މަތިން ހަނދުމަކުރި. ކަލެޔަށް ވެސް ތިވަނީ ހަމައެހެން." ނިހާ ހިތާހިތުން ބުނެލިއެވެ.

ބާރު ދުވެލީގައި އައި ޕޮލިސް ޖިޕް މަޑުކޮށްލީ ނިކާލްގެ ކުރި މައްޗަށެވެ. ނިކާލް ވަގުތުން ހުއްޓުނެވެ. ލަތްކަކަށް އިލްހާމް ކޮޅަށް ނެގިއެވެ. އަދި ޖިޕުގެ ދޮރު ހުޅުވާލައިފައި ނުކުތް ފައިރޫޒްގެ ފައިބުޑަށް ކޮއްޕާލިއެވެ.

"ނިހާގެ އިއްފަތްތެރިކަން ނަގާލުމުގެ ކުށުގައި މީނަ ވެސް ބައިވެރިވި. ހައްޔަރުކުރޭ މީނަ." ނިކާލް ބާރަށް ބުންޏެވެ.

ފައިރޫޒްމެން އައީވެސް އިލްހާމް ހައްޔަރުކުރުމަށް ބޭނުންވާ އަމުރު ހިފައިގެންނެވެ. ޑީއެންއޭ ރިޕޯޓުން އިލްހާމްގެ މައްޗަށް ކުށް ސާބިތުކުރެވިގެންދާނެކަން އެނގުމުން ނިހާ ބަޔާން ދޭނެ އިރަކަށް އިންތިޒާރުކުރަން ފައިރޫޒް ބޭނުންނުވީއެވެ. އޭނާ ކޯޓު އަމުރު ދައްކާލުމަށްފަހު އިލްހާމްގެ އަތުގައި ބިޑި އެޅުވިއެވެ. އަދި އިލްހާމް ރޮއިރޮއި ހުއްޓައި ޖިޕްގެ ތެރެއަށް ކޮށްޕައިލިއެވެ.

"އިލްހާމް ހައްޔަރު މިކުރެވުނީ ނިހާ ރޭޕްކުރުމުގެ ކުށުގައި. ނިހާ މަރާލަން އުޅުމުގެ ކުށުގައި އަދި ޑޮކްޓަރަށް ރިޝްވަތު ދީގެން ނަޒީލް ސަލާމަތްކުރުމަށް ރިޕޯޓު ބަދަލުކުށުގައި. މި ހުރިހާ ކުށެށްގެ ތުހުމަތުގައި ތަޙުޤީޤަށް ބަންދުކުރެވިފައި ވަނީ." ކޯޓު އަމުރުގައި ވާހަކަތައް ކުރުގޮތަކަށް ފައިރޫޒް ބުނެދިނެވެ.

ޕޮލިސް ޖިޕް ދިޔުމުން ނިކާލް އެނބުރި އައީ ގެއަށެވެ. ނިހާމެން އުނދޯލި ކައިރީގައި ތިއްބެވެ. ނިކާލް ފެނުމާއެކު ނިހާ ދުވެފައި ގޮސް އޮޅުލައިގަތެވެ.

"ޕޮލިހުން ބައްޕަ ހައްޔަރުކޮށް ގެންގޮސްފި." ނިކާލް އައިސްފައިވާ ރުޅި ފިނިވުމާއެކު އޭނާގެ ލޮލުން ހޫނު ކަރުނަ ހިފެހެއްޓުމެއްނެތި ފައިބަން ފެށިއެވެ. ބައްޕަ ގެންދިޔަ ވަގުތު އޭނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ބައްޕަގެ ދެލޮލުން ފެނުނު އާދޭސް އޭނާއަށް މިހާރު ވެސް ފެނެއެވެ. ދެރަވާން ބޭނުންނުވި ނަމަވެސް އޭނާ ދެރަވެއެވެ. ބައްޕަ ޖަލުގައި އުޅޭނެ ހާލާމެދު ވިސްނެއެވެ. ނަމަވެސް އޭނާއަކީ ކުށްވެރިނަށް އަދަބު ދިނުމުގައި ފަސްޖެހޭނެ މީހެއް ނޫނެވެ. ބައްޕަ ވިޔަސް މަންމަ ވިޔަސް ފަރުވާލެއް ނެތެވެ.

އިލްހާމް ހައްޔަރުކުރެވުމާއެކު ނިހާ ޕޮލިހަށް ބަޔާން ދިނެވެ. އިލްހާމާއި އިބްރާހީމްބެ ކަންތައްކުރި ގޮތް ކިޔައިދިނެވެ. އަދި އެމީހުންނާ ދެކޮޅަށް ލިބުނު އެންމެ ބޮޑު ހެކި ޕޮލިހުންނާ ހަވާލުކުރިއެވެ. ނިހާއަށް އިންސާފު ހޯދައިދޭނެކަމުގެ ޔަޤީންކަން ފައިރޫޒް ދިނެވެ. ވަރަށް ހަލުވިކޮށް މައްސަލަތަކުގެ ތަޙުޤީޤުހިންގައި ދަޢުވާކުރުމަށް ފޮނުވުނެވެ. ދެމަސް ދުވަހުގެ ތެރޭގައި އިލްހާމާއި އިބްރާހީމްބެގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކުރެވުނެވެ. އެންމެ ކުށަކަށް ނޫނެވެ. އިބްރާހީމްބެއާއި އިލްހާމްގެ މައްޗަށް ކޮންމެ މީހެއްގެ މައްޗަށް 03 ދަޢުވާ އުފުލުނުއިރު އެ ތިން ދަޢުވާ ވެސް ސާބިތުވިއެވެ. ނިހާގެ އިއްފަތްތެރިކަން ގަދަކަމުން ފޭރިގަތް ވަގުތު އިބްރާހީމްބެ ހުރީ މަސްތުގެ ހާލުގައިކަމަށްވުމުން އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ވެސް ސާބިތުވިއެވެ. ކޯޓުން ހުކުމް ކުރެވުނު ދުވަހަކީ ނިހާގެ ހަޔާތުގައި އައި އުފާވެރި ދުވަސްތަކުގެ ތެރެއިން އެއް ދުވަހެވެ.

އިލްހާމް ހައްޔަރު ކުރި ފަހުން އާއިލާގެ ފަރާތުން އެއްވެސް މީހަކު އޭނާއާ ބައްދަލުކުރާކަށް ނުދެއެވެ. އެހެނަސް ހުކުމް ކުރެވުނު ދުވަހު އޭނާއާ ބައްދަލުކުރުމަށް މީހަކު އައި ވާހަކަ ބުނުމުން އޭނާގެ ހިތް އަވަސްވިއެވެ. އިންތިޒާރުގައި އިންދައި އެ ތަނަށް އައީ ނިހާއެވެ. އިލްހާމްގެ މިލާ މޯޅިވެފައިވެ، ވަޅުޖެހިފައިވާ މޫނު ފެނުމުން ނިހާއަށް ހިތްހަމަޖެހުން ލިބުނެވެ.

"ކަލޭ ލެވޭވަރުގެ ޖަލެއްހުރިކަން ކަލެޔަށް ވިސްނިއްޖެދޯ؟" ނިހާ ހީނގަތެވެ. "ދެން އުމުރު ދުވަހަށް ތި ގޮޅީގައި އޮވެލާ. މިތަނުން ސަލާމަތްވާން ހިތަށް ވެސް ނާރުވާތި. މިތަނުން ސަލާމަތްވެގެން އެނބުރި އަތުވެއްޖެނަމަ ފުރާނަ ދަމައިގަންނާނަން. މީ މަ ބުނެލާ ވާހަކައެއް ނޫން. މީ ކަލެޔަށް ދޭ އިންޒާރެއް."

އިލްހާމް ބަހެއް ނުކިޔައެވެ. އިސްޖަހައިލައިގެން ހުރީއެވެ. ނިހާ އެތަނަށް އައީ އިލްހާމަށް މަލާމާތްކޮށް ލަދުގަންނުވާށެވެ. އަދި އޭނާގެ ހިތުގެ އެންމެ ފުނުގައި ވަޅުލާފައިވާ ސިއްރެއް ބުނެލާށެވެ. އެ ސިއްރު ނިހާ ހާމަކުރުމާއެކު އިލްހާމް މަޑުމަޑުން އިސްއުފުލާލިއިރު ނިހާ ބުނި އެއްޗެއް ޔަޤީންނުވެފައި ހުރި ކަހަލަ ލިސާންތަކެއް އެ މޫނުން ފައުޅުވިއެވެ. އަނެއްކާ ވެސް ނިހާ އެ ސިއްރު ހާމަކުރުމާއެކު އިލްހާމްގެ ދެލޯ ބޮޑުވެގެން ދިޔަ މަންޒަރު ނިހާއަށް ފެނުނެވެ. ނިހާ އަނެއްކާ ވެސް ހީނގަތެވެ.

"މިހާރު ކަލެޔަށް ވިސްނޭނެ ކަލޭ މަރާލާކަށް ވެސް މަ ފަހަކަށް ނުޖެހޭނެކަން." ނިހާ ދަމުން ބުނެލިއެވެ. "އަދި ކަލޭގެ ބެސްޓް ފުރެންޑް ގާތުގައި ވެސް މި ވާހަކަ ބުނެލާތި."

ބާބު 21 – އެ ސިއްރު

*ހަތަރު އަހަރު ފަސް*

އާދުވަހަކަށް އިރުއެރިއެވެ. ދުނިޔެ މައްޗަށް އަލިކަން ފެތުރިގަތެވެ. މަޑުމަޑުން އިރުގެ އަލިން ބިންތައް ހޫނުކުރުވަމުން ދިޔައެވެ. އިރުގެ އަލި ކުޑަދޮރުގެ ބިއްލޫރި ގަނޑުން ފުރޭނިގެން ގޮސް ނިކާލްގެ މޫނަށް އެޅުނެވެ. ނިދިފައި އޮތް ނިކާލަށް ހޭލެވުނެވެ. ލޯ މައްޗަށް އަތް ހުރަސްކޮށްލަމުން އަނެއް ފަރާތަށް އެނބުރުނެވެ. ރަޖާގަނޑުގެ ތެރޭގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު ދެން އެއްވެސް ހަރަކާތެއް ކުރި ތަނެއް ނުފެނުނެވެ. ފުން ނިންޖަކަށް ގެނބިގެން ދިޔަ ކަހަލައެވެ. ދޮރުފޮތިގަނޑު ކަހާލައިގެން ކުޑަދޮރުކައިރީ ނިހާ ހުރީ ނިކާލް އެއްވެސް ހަރަކާތެއް ކުރޭތޯ ފާރައަށެވެ. ފަސް މިނެޓު ފާއިތުވެގެން ދިޔައެވެ. އެންމެފަހުން ނިހާ ބޮލުގައި އޮޅާފައިވާ ތުވާލި ނައްޓުވާލަމުން ގޮނޑި މަތީގައި ތުވާލި ބޭއްވިއެވެ. ތެތް އިސްތަށިގަނޑު އެއްފަރާތަކުން މޭމައްޗަށް ގެނެސް ނިކާލްގެ މޫނާ ދިމާއަށް ގުދުވިއެވެ. އޭނާއަށް ހެވިދާނެތީ ހުރީ ދެތުންފަތް ފިއްތާ ބާރުކޮށްލައިގެންނެވެ. ކުއްލިއަކަށް ނިކާލް ދެލޯ ހުޅުވައިލަމުން ނިހާގެ އުނަގަނޑު ބައްދައިގަތެވެ. އެނދުމައްޗަށް ވައްޓައިލަމުން އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ.

"އައްދޯތް. ތަދުވޭ. ދޫކުރޭ ހަމަ މިހާރު." ނިހާ ދެއަތުން ތަޅައިގަތެވެ.

"ޖެއްސުންކުރަންޏާ ބޮނޑިއެއް އަޅާފަ ދޫކޮށްލާނީ." ނިކާލް ލާނެއް ގޮތަކަށް ބުންޏެވެ. "ހޭލައްވާލައިފިވިއްޔާ."

"ވަރަށް ފޫހިވޭ ފިރިމީހާ." ނިހާ ބާރަށް ހީނގަތެވެ.

"ވަރަށް ލޯބިވޭ އަނބިމީހާ." ނިހާގެ ތުންފަތުގައި ލޯބިކޮށްލަމުން ނިކާލް ބުންޏެވެ.

ނިކާލާއި ނިހާގެ ކާވެނި ކުރެވުނީ އިލްހާމްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލެވުނުތާ ހަފްތާއެއްހާ ދުވަސް ފާއިތުވީ ފަހުންނެވެ. އޭގެ ފަހުން އެ ދެމަފިރިން އުޅެމުން އައީ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެކެވެ. ބައްޕަގެ "ސުނޯހައުސް"ގައި އުޅެން ބޭނުން ނުވުމުން މަންމަގެ ގޯތި އާދައިގެ ފެންވަރަކަށް ހަދައިގެން އެގެޔަށް ބަދަލުވިތާ އަދި މިވީ އެންމެ ދެ އަހަރެވެ.

ގޯތި ތެރޭގައި ހައްދާފައިވާ ބޮޑު ފޭރުގަސް ދޮށަށް ފައިބައިފައިވާ ފަތްތައް އެއްކުރަން ޞަފިއްޔާ އުޅުނެވެ. އަވަސްއަވަހަށް ފަތްތައް އެއްކުރަމުން ދިޔައިރު މުޅި ހިސާބު އޮތީ ދުންގަނޑެއްހެން ހިރަފުހުން ބޯވެފައެވެ. ގޯތި ތެރެއަށް ކުޑަ ފިރިހެން ކުއްޖަކު ނުކުތީ ޞަފިއްޔާ އެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށެވެ. އެއީ ނިކާލާއި ނިހާގެ ތިން އަހަރުގެ ދަރިފުޅު ކައިޝްއެވެ. ކައިޝްއަކީ ވަށް މޫނަކާއި އަލި ހަންގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ކުޑައިރު ވެސް އޭނާގެ ބައްޕަގެ ސިފަތައް ހުރީ ފެންނާށެވެ. ނިކާލްގެ ވަށް މޫނާއި އެއްވެސް ތަފާތެއްނުވާ ދެލޮލާއި ދިގު ނޭފަތެވެ. ނިހާގެ ފުށުން ކައިޝްއަށް ލިބިފައިވަނީ ހަމައެކަނި ފަން އިސްތަށިގަނޑެވެ.

"ދަރިފުޅާ ކައި. ވަރަށް ހިރަފުސް. މިކޮޅަށް ނާންނާތި." ޞަފިއްޔާ އެހެން ބުނުމުން ކައިޝްގެ އަތުގައި އޮތް އިންޓޯލް ހަމުގެ މަތި ނަގަމުން ދުއްވައިގަތީ ގޯތީގެ ކަނެއްގައި ހުރި ދޮންވެލި ފުންޏާ ދިމާއަށެވެ.

"ދަރިފުޅާ ކައި." ޞަފިއްޔާ އަތްގަނޑުން ފަތްތައް ފުންޏަކަށް ޖަހަމުން ގޮވައިލިއެވެ. "ވެލިގަނޑަށް ނާރާތި. މިހާރު ސުކޫލަށްދާ ގަޑިވެސް ޖެހެނީ. ހަޑިވެއްޖެއާ ސުކޫލަކަށް ނުގެންދެވޭނެ."

ކައިޝް އެނބުރި ބަލާލީ މައުސޫމް ގޮތަކަށެވެ. އޭނާ މަޑުމަޑުން ޞަފިއްޔާއާ ދިމާއަށް ދިޔައެވެ.

"މާމާ. ވޯޓާ ބޯން." ކައިޝް ތުންބޮޑުކޮށްލައިފައި ޝަކުވާކޮށްލީ އަތުގައި އޮތް ހަންފުޅި ތަޅުވާލަމުންނެވެ. "ހުސްވަނީ."

"މާމަ ބުނަމެއްނު. ވޯޓާ ބޯން ނުކިޔާނޭ." ޞަފިއްޔާ ބުންޏެވެ. "ފެން ބޯން ކިޔާނީ."

"މާމާ ފެންބޯން." ކައިޝް ތުން އޫކޮށްލަމުން ލަސްލަހުން ބުންޏެވެ. ޞަފިއްޔާއަށް ހެވުނެވެ. ކުޑަކޮށް ދިގުކޮށްލެވިފައިވާ ކައިޝްގެ ފަން އިސްތަށިގަނޑު ހާވާލަމުން ފުޅި އަތުލިއިރު އޭގައި އެންމެ ފެންފޮދެއް ވެސް ނެތެވެ.

"ދޭބަލަ މަންމަ ގާތަށް. މިހާރު ހޭލާ އުޅޭނެ." ޞަފިއްޔާ އެހެން ބުނުމާއެކު "މަންމީ. މަންމީ" ގޮވަމުން ކައިޝް އެތެރެއަށް ދުއްވައިގަތެވެ.

މާނޭވާ ލަމުންދިޔަ ނިކާލް އެނދުން ތެދުވެ ތުވާލިގަނޑު އޮޅާލިއެވެ. އަދި ނިހާއާ ދިމާއަށް ބަލާލަމުން އެއްލޯ މަރާލިއެވެ. ނިހާ ރަޖާގަނޑު ތެރޭގައި ބޮނޑިވެލިއިރު ތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއް ވިއެވެ.

"މިގޮތަށް ކަސްރަތު ލިބެންޔާ މި ބަނޑެއް ނުނުކުންނާނެ." ނިކާލްގެ ގޮޅި އަރާފައިވާ ބަނޑުގެ ހަރު މަސްތަކުގައި ޖަހައިލަމުން ބުންޏެވެ. "ޖިމް ބޭނުމެއް ވެސް ނުވާނެ."

"ޖިމްއަށް ދިޔުން ހުއްޓަންވީނު ދެން." ނިހާ ޖެއްސުމުގެ ރާގެއްގައި ބުންޏެވެ.

"ނިހާއަށް ކޮންމެ ދުވަހަކު ކަސްރަތުކޮށްދެވެންޏާ ހުއްޓާލަފާނަން." ނިކާލް ސަމާސާކޮށްލިއެވެ.

އެވަގުތު ކުޑަކުޑަ ކައިޝް މަންމިއަށް ގޮވަމުން ދޮރު ހުޅުވާލިއެވެ. ނިކާލް ދޮރާ ދިމާއަށް ބަލާލައިފައި އެނދަށް ފުންމައިލަމުން ދެމިގަތީ ރަޖާގަނޑު ތެރެއަށެވެ. އަދި ދެމީހުން އެއްކޮށް ރަޖައިން ނިވާވެލިއެވެ. މަންމަ ހީ ގަތް އަޑު ކައިޝްއަށް އިވުނެވެ. ކައިޝް އެނދާ ކައިރިވެލަމުން މަންމައަށް ގޮވަމުން ރަޖާގަނޑުގައި ހިފައި ދަމާލިއެވެ. ނިކާލް އެތެރެއިން ހިފަހައްޓައިގެން އޮތުމުން ރަޖާގަނޑު ކެހިގެން ނުދިޔުމުން ކައިޝް ކުސްތަޅާލިއެވެ.

"ޕޮއް." ނިކާލް ރަޖާގަނޑު ތެރެއިން ބޯ ދިއްކޮށްލިއެވެ. ކައިޝް ދިޔައީ ސިހިގެންނެވެ. ނިކާލް ދެލޯ ބޮޑު ކުރަމުން ވައްތަރެއް ޖައްސައިލުމުން ކައިޝް ބާރަށް ހީގަތެވެ. ކުދިކުދި އަންނާރު އޮއްތަކެއްފަދަ ދަތްތައް ފެނުމުން ނިހާއަށް އޮވެވުނީ ހިނިތުންވެލައިގެން އެ މަންޒަރު ބަލާށެވެ. ހުވަފެނަކުން ވެސް ނުފެންނަހާ އޭނާ ދިރިއުޅުން އުފާވެރިއެވެ.

"ބައްޕި ކީއްކުރަނީ؟" ކައިޝް ދެއަތް ދިއްކޮށްލަމުން ބުންޏެވެ.

"މިއުޅެނީ ކައިއަށް ބޭބީއެއް ހޯދަދޭންވެގެން." ނިކާލް ކައިޝް އުރާލަމުން ބުންޏެވެ. "ބައްޕި އެ މަސައްކަތް ނިންމާލިތަނުން ދަރިފުޅު ތި އައީ."

"ދެން ނިކާލް." ނިހާ ދެލޯ އަޅާލަމުން ނިކާލްގެ ކޮނޑުމަތީގައި ޖެހިއެވެ.

"ކީއްތަވީ؟" ނިކާލް ބުންޏެވެ. "ކައި ބޭނުންދޯ ބޭބީއެއް."

ކައިޝް ނިކަން އުފާވެފައި ބޯ ޖަހައިލިއެވެ. ނިކާލްގެ އަތުން ވީއްލިގަނެގެން އެނދުމަތިން ތިރިއަށް ފުންމާލިއެވެ. އަދި މާމައަށް ގޮވަމުން ކޮޓަރިން ނުކުންނަން ދުއްވައިގަތެވެ.

"މިހާރު އެ ދިޔައީ މަންމަ ގާތު ބުނަން." ނިހާ އެނދުން ތެދުވެލިއެވެ.

ނިކާލް އައިސް ނިހާގެ ފަހަތުން ބައްދައިލިއެވެ. ކޮނޑުގައި ދަތްދޮޅި އަޅުވައިލައިގެން ހުރެ ރޭގައި އޭނާއަށް ފެނުނު ހުވަފެނެއްގެ ވާހަކަ ކިޔައިދިނެވެ. އެ ހުވަފެނުގައި ނިހާ ވަރަށް ބޮޑުކަމެއް ސިއްރުކޮށްގެން އުޅެނިކޮށް ނިކާލަށް ފަޅާއަރައި ދެމީހުން ގުޅުން ކެނޑިގެން ދަނީއެވެ. ހުވަފެން ކިޔައިދިން ވަގުތު ނިހާގެ މޫނަށް ވެރިވި ނުތަނަވަސްކަން ނިކާލަކަށް ނުފެނެއެވެ. ނިކާލް އެދުނީ އޭނާއަށް ދުވަހަކު ވެސް ކަމެއް ސިއްރު ނުކުރުމަށެވެ. ނިހާ ބޯ ޖަހައިލުމަކުން ޖަވާބު ދިނުމުން ނިކާލް ގޮސް ވަނީ ފާޚާނާއަށެވެ.

"ސޮރީ." ނިހާ މަޑުމަޑުން ބުންޏެވެ. "މަށަށް މަޖުބޫރުވީ. ކޮންމެ ހާލެއްގައި ވެސް ބޭނުންވީ ބަދަލު ހިފަން. އަހަރުމެންނަށް މިއަދު ހަމަޖެހިގެން މި އުޅެވެނީ ވެސް އެ އިލްހާމް ފެންނަންނެތީމަ. އެހެންވީމަ މަށަށް ކަންކުރެވުނު ގޮތް ގޯހެއް ވެސް ނޫން."

ނިހާގެ ހަނދާނަށް އައީ ސަތާރަ ވަރަކަށް އަހަރު ކުރީގައި ހިނގައި ދިޔަ ހާދިޘާއެވެ. މަންމަ ނުލަފާ ދެ ފިރިހެނުންގެ ޝިކާރައަކަށް ވެ ނެތިދިޔަ ގޮތެވެ. މަންމައަށް އިންސާފު ނުލިބުމުން ނިހާ ދިރިއުޅުމައިގެން ކުރިޔަށް ދިޔަ ނަމަވެސް އޭނާގެ ހިތުގައި ބަދަލުހިފުމުގެ ރޫޙު އަބަދުވެސް އޮތެވެ. އިލްހާމަށް ޖެއްސުންކޮށް ރުޅި އެރުވުމަށް ހިތް އެދުނެވެ. އޭނާ އައީ ވެސް އެގޮތަށް އަމަލުތައް ބަހައްޓަމުންނެވެ. ހަމައެޔާއެކު އިލްހާމް ހިތުން ފިލައިގެން ނުދާވަރުގެ ބޮނޑިއެއް ދިނުމަށް ރާވަމުންނެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ރަނގަޅު ދަނޑިވަޅަކަށެވެ. އިބްރާހީމްބެގެ ހަޤީޤަތް އެނގުމާއެކު އޭނާގެ ރޭވުމަށް އަމަލީ ސިފަ ގެންނަން ނިންމިއެވެ. އެއް ގާގަނޑުން ޖަހައި ދެ ދޫނި މަރާލެވޭވަރުގެ ބޮޑު މަޅިފައްޗެށް ނިހާ ހެދިއެވެ. އިބްރާހީމްބެ އޭނާއަށް ބަލާ ވަހުޝީ ނަޒަރުގެ ސަބަބުން އެ މަޅި އެ ދެމީހުންގެ ކަރަށް މަހާލުމަށް އިތުރަށް ފަސޭހަވެގެން ދިޔައެވެ. ދެން އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށް ދިނީ އެ ދުވަހު އިލްހާމާއި އިބްރާހީމްބެ ބުއި ސައި ތަށްޓަށް ނިހާގެ ދެއަތުން ލީ ބޭސް ގުޅައެވެ. އެއީ އެމީހުންގެ ފިރިހެންހަށިތަކަށް ބާރު ފޯރުވާވަރުގެ ބާރުގަދަ ބޭހެކެވެ. އެ ބޭހުގެ އަސަރުކޮށް އެ ދެމީހުންގެ ނިޔަތް ވެސް ގޯސްވީއެވެ. އެދުވަހު ނިހާ ލައިގެން އުޅުނު ހެދުންތަކަކީ އެ މަޅިފައްޗަށް އެ ދެމީހުން ލެވުމަށް ނިހާ ބޭނުންކުރި އިތުރު ހަތިޔާރެކެވެ. ތެދުތެދަށް ބުނަންޏާ ނިހާ އެ ދުވަހު ދެ ފިރިހެނެއްގެ ޝިކާރައަކަށް ވީ ކީ ނޫނެވެ. ނިހާ އަމިއްލަ އިޚްތިޔާރުގައި އެމީހުންގެ އަތްދަށުވީއެވެ. މަންމަގެ މަރުގެ ބަދަލުހިފުމަށް ނިހާ އަމިއްލަ ދެއަތުން އަބުރާއި އިއްޒަތް ވެއްޔާލައި މޮޑުނަ ދިނީއެވެ.

އެ ހަޤީޤަތް އެނގޭ އެންމެވެސް ދެކޭނީ ނިހާއަކީ ވަރަށް ގޮތްކުޑަ އަގެއް ނެތް އަންހެނެއް ގޮތުގައެވެ. ނަމަވެސް ނިހާގެ ނަޒަރުގައި އޭނާގެ ނިންމުން ގޯހެއްނޫނެވެ. އޭނާއަށް ދިމާވި މަރުގެ ހަމަލާއިން ސަލާމަތްވެ، ދުނިޔޭގައި އުޅުމުގެ ފުރުޞަތު ލިބުމުން ވެސް އޭނާއަށް ހެދުނީ ކިހާ ބޮޑު ގޯހެއްކަން ޤަބޫލެއްނުކުރެއެވެ. އޭނާ އެއިން އެއްވެސް ކަމަކާއި ހިތާމައެއް ނުކުރެއެވެ. އޭނާ ވަނީ އުފަލެވެ. މަންމަގެ ދެ ޤާޠިލުން ވެސް އަބަދުގެއަބަދަށް ޖަލަށް ލެވިއްޖެއެވެ. މިހާރު ނިހާ އުފާވެރިކަމާއެކު ދިރިއުޅުން ވޭތުކުރަމުން އެދަނީ އެ ހަޤީޤަތް ނިކާލަށާއި މުޅި ދުނިޔެއަށް ސިއްރުކޮށްގެންނެވެ. އެކަމަކު ނިހާއަށް އެގޮތުގައި ދެމި ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ނިހާގެ އިތުރުން އިލްހާމަށް ވެސް އެ ހަޤީޤަތް އެނގެއެވެ. ފަހުންވާނެ ގޮތެއް ނިހާއަކަށް ވެސް ނޭނގެއެވެ. ނަމަވެސް އޭނާ މަރުދުވަހާ ހަމައަށް ވެސް އެސިއްރު ވަންހަނާ ކުރާނެއެވެ.

މެންދުރުގެ އެންމެ އަވި ބާރު ވަގުތެވެ. ބޯތައް ފިއްސަމުން ދިޔަ ދިލަ ހޫނުން ސަލާމަތްވުމަށް އިންޝާ ހިނގަމުން އައީ ގޯތީގެ އިންފާރުތަކުގެ ނިވަލުންނެވެ. ގޭ ކައިރި ފިހާރައަކުން އެއްޗެއް ގަނެލައިގެން އޭނާ ގެއާ ދިމާއަށް މިސްރާބު ޖެހިއިރު އޭނާއާ އެއްހަމައެއްގައި ޝަބާރާ ހިނގަމުން ދިޔައެވެ. ޝަބާރާ ހުރީ މަންމަގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިލައިގެންނެވެ. އިންޝާ ނޫން އިތުރު އެއްވެސް މީހަކަށް ޝަބާރާއެއް ނުފެނެއެވެ. ގެއާ ހަމައަށް ދެވުމާއެކު ޝަބާރާ ބަދަލުވީ ބުޅަލަކަށެވެ. އެއީ ގަދަ ރަތްކުލައިގެ ދެލޮލެއް ލިބިފައިވާ ކަޅު ބުޅަލެވެ. އެ ބުޅާ ދުވެފައި ގޮސް ޖޯލީގައި އޮތް އިންޝާ ބައްޕަގެ އުނގަށް އެރިއެވެ. ބައްޕަ ނިކަން ލޯތްބާއެކު ބުޅަލުގެ ބޮލުގައި ފިރުމާލިއެވެ. އިންޝާއަށް ފެންނަނީ ބައްޕަ ޝަބާރާގެ ބޮލުގައި ފިރުމާތަނެވެ. ބައްޕަގެ އުނގުގައި ހެވިފައި އިން އޭނާގެ ދަރިފުޅެވެ. ހަތަރު އަހަރު ދުވަހު އެ ދަރިފުޅާއެކުގައި އުޅުމުން އިންޝާގެ ހިތުގައި ވެސް މިހާރު އެ ދަރީގެ މައްޗަށް ކުލުނުވެއެވެ. ކޮންމެ ނަސްލަކުން އައި ނަމަވެސް އެއީ ހަމަ އޭނާގެ ލެޔެވެ.

އިންޝާ އެނބުރި ރަށަށް އައީ ނިކާލާއި ނިހާގެ ކާވެނި ކުރެވުމުންނެވެ. ރަށަށް އައުމާއެކު މަންމަމެން އެދެން ފެށީ އިންޝާ އިތުރު ކާވެންޏެއް ކުރުމަށެވެ. ނަޒީލްގެ ހަނދާންތަކުގައި ދިރިއުޅުން ވޭތުކުރުމަށް ބޭނުންވާކަމަށް ބުނެ ކާވެންޏެއް ކުރުމާ އޭނާ ދެކޮޅު ހެދި ނަމަވެސް ހަޤީޤަތަކީ އޭނާ ވެސް ކާވެންޏެށް ކުރަން ބޭނުންވާ ކަމެވެ. އެހެންމީހުންނެކޭ އެއްފަދައިން ޒަވާޖީ ހަޔާތެއް ފަށައި އުފާވެރި ހަޔާތެއް އުޅެން ބޭނުންވާކަމެވެ. އެހެނަސް އެއީ އޭނާގެ ނަސީބުގައި ނެތް އުފަލެއް ކަންނޭނގެއެވެ. ސިލުނބު އައިމިނަ ބުނި ވާހަކަ އަދިވެސް އޭނާގެ ހަނދާނަކުން ނުފިލައެވެ. އިންޝާ މީހަކާ އިންނަ ދުވަހަކުން ޝަބާރާގެ އުނދަގޫތައް ފޯރާނެކަމުގައި އައިމިނަ ބުނެފައިވެއެވެ. އިންޝާއަށް އިތުރު ކުއްޖަކު ލިބިއްޖެނަމަ ޝަބާރާގެ މައުސޫމްކަން ނެތިގެންދާނެއެވެ. އެ އެ ހިސާބުން އިންޝާގެ ދިރިއުޅުން ނަރަކައަކަށް ވެގެންދާނެކަމުގެ އިންޒާރު އައިމިނަ ދީފައިވެއެވެ. އިންޝާ ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވިޔަސް ޝަބާރާގެ ފަރާތުން ލިބިދާނެ ގެއްލުމަކަށް ބިރުގަނެ ޖެހިލުންވާތީ ކާވެންޏަކާމެދު އޭނާ ނުވިސްނައެވެ. އިންޝާއަށް އެގޮތުގައި ދިރިއުޅެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ކޮންމެވެސް ދުވަހަކުން އޭނާ ވެސް ކާވެނި ކުރާނެއެވެ. އެ ދުވަހަކުން އޭނާ ވަންހަނާ ކުރަމުންދާ ސިއްރު ވެސް މުޅި ދުނިޔެއަށް ބޭޒާރު ވާނެއެވެ.

އެއްވެސް ސިއްރަކީ ތާ އަބަދަށް އެގޮތުގައި ވަންހަނާ ވާނެ ސިއްރެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން އެންމެންގެ ސިއްރުތައް ވެސް ކަޝްފުވެ، މުޅި ދުނިޔެއަށް ހަޤީޤަތް ހާމަވާނެއެވެ. އެ ދުވަހަކުން އެމީހުންގެ ދިރިއުޅުން ބަދަލުވެގެންދާނެ ގޮތް ބުނެދޭކަށް އަދި ނޭނގެއެވެ. މިއަދު އުޅެމުންދާ ހަމަޖެހޭ ދިރިއުޅުން ހަލަބޮލި ވާނެ މިންވަރު އަންދާޒާކޮށްލަން ވެސް ނޭނގެއެވެ. އިންޝާއަށް ޖިންނި ދަރިއަކު ލިބިފައިވާކަން ވަންހަނާކޮށްގެން ދިރިއުޅުން ވޭތުކުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ނިހާގެ ހިތުގެ އެންމެ ފުންމިނުގައި ވަޅުލައިފައިވާ ސިއްރު ނިކާލަށް އެނގިއްޖެނަމަ އޭނާގެ އުފާވެރި ދިރިއުޅުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ ނިކާލް ނިހާއަށް މަޢާފުކޮށްފާނެ ހެއްޔެވެ؟ ނިހާއާއި އިންޝާގެ ތަޤުދީރުގައި ލިޔެވިފައި އޮތްގޮތް ނޭނގުނު ނަމަވެސް ޔަޤީންވާ ކަމަކީ އެ ދެމީހުންގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އެ ސިއްރުތައް ވަންހަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމެވެ

ނިމުނީ

ނޯޓު:- މި ވާހަކައަކީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ އަމިއްލަ ޚިޔާލަށް، 2018 ވަނަ އަހަރު ލިޔެފައިވާ ޚިޔާލީ ވާހަކައެވެ. މި ވާހަކަ ލިޔުމަށް ޓަކައި ކުރެވުނު ދިރާސާގައާއި، އަޅާކިޔައި އިޞްލާހު ހުށައެޅުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްކަމުގައިވާ، މިވަގުތު މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ އަލްމަރުޙޫމް މުޙައްމަދު ނާޢިފްގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްލަމެވެ. މާތްﷲ ނާއިފްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ފާފަތައް ފުއްސަވައިދެއްވާ ސުވަރުގެ މިންވަރުކުރައްވާށި. އާމީން.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާޮއޮފްމޫޑު

    ސަޅި...

    18
    1
  2. Anonymous

    އަޅޭ ސީސަން 3 ބޭނުން

    17
    2
  3. ޙަމްނާ

    އަޅޭ ސީސަން 3 ބޭނުން

    17
    2
  4. ށަ

    އިލްހާމަށް ސާބިތުވި ކުށްތަކުގެ ތެރޭގަ ސަފީނާ މަރާލުމުގެ ކުށެއް ނެތޭނުން

    14
  5. ހާއި

    އޯން ... ކިއުޓް ސްޓޯރީ... އިން މައި ލައިފް މި ސްޓޯރީ އަކީ އެންމެ ރީތި ވާހަކަ ♥️...އެންޑް މި ވާހަކަ ވަރަށް ޢިބްރަތްތެރި... ކީޕް އިޓް އަޕް... ☺️🖤

    21
    1
  6. ޅޮސް

    ވ ރީތި!

    15
    1
  7. ފެކްޓް

    މީގަ އެބަހުރި މަދު ފުށުއެރުންތަކެއް؟
    އޭގެތެރެއިން އެންމެ ބޮޑަށް ސުވާލު އުފެދޭ ކަމަކީ..
    ކޮންމެފަދަގޮތަކަށް ނަމަވެސް ބައްޕަ ޖިންސީ ގުޅުން ހިންގާފަ ހުރި މީހަކާ ދަރިފުޅުގެ ކައިވެނި ހުއްދަވާނެތޯ؟
    މިހާރި ނިހާ ހުންނާނީ ނިކާލްގެ މަންމައެއްގެ ދަރަޖައިގަ ނޫންތޯ؟

    10
    11
    • ޒީވާ

      ކައިވެނި ކުރީމައެއްނު މަންމަގެ ދަރަޖަލިބޭނީ،،،

      16
    • ހަހަހ

      ވެރީ ފަނީ ފެކްޓް. ހަމަ ގަދަކަމުން ރޭޕް ކުރާ އެންމެން މަންމައެއްގެ ދަރަޖައަކަށް ނުދާނެ. މަންމަގެ ދަރަޖައަކަށް ދާނީ ކާވެނިކޮށްގެން ޖިންސީ ގުޅުން ހިންގައި ދެން ވަރިވީމަ. އޭރަށް ކާވެނި ވެސް ހަރާމް ވާނެ.

      20
    • ހީޙީ ހަލާކ

      އަދި ފެކްޓް ގެ ކޮމެންޓްގަ މީހުން ލައިކް ވެފަ އެބަހުއްޓޭ 😂😂😂

      10