ލޯތްބަކީ މިއަދު ވަރަށް ގިނަ ބަޔަކަށް ހުރި ވޭނެކެވެ. އެ ވޭނަށް ކެތްކޮށްގެން އެތައް ބަޔަކު މިއަދު ދަނީ ދިރިއުޅެމުންނެވެ. ލޯބީގާ ޖެހި އުފާތަކާއި، އުފާވެރިކަމުގެ ސޮފްހާތައް އެފުށް މިފުށަށް ޖަހައި، އަމިއްލަ ހަޔާތް ބޮޑު އަނދިރިގަނޑަކަށް ވެއްޓެން މެދުވެރިވީ ކީއްވެތޯ ހިތައް އަރާ މިއަދު ރޮވެއެވެ. މިއަދު ބައެއް ޒުވާން އަންހެން ކުދިން ބޭނުންވަނީވެސް މީހެއްގެ ހިމާޔަތުގައި ހުންނާށެވެ. އެހެން މީހަކަށް ތިމާއަށް އަނިޔާއެއް ނުދެވޭނެކަމުގެ ޔަގީންކަން އޮންނަ ފެންވަރުގެ މީހާކާއި އެކީ ދިރިއުޅެން ބޭނުންވަނީއެވެ.

މިއީވެސް އެފަދަ ޒުވާން އަންހެން ކުއްޖެކެވެ. ބޭނުންވީ މީހެއްގެ ހިމާޔަތުގެ ދަށުގައި އުޅޭށެވެ. އެހެން މީހެއްގެ ފަރާތުން ނުރުހުމުގެ ބަހެއް އައިކަމުގައިވިޔަސް އެއަށް ރައްދުދެވޭ ފެންވަރުގެ މީހަކާއި އެކީ ދިރިއުޅޭށެވެ.

އެ ދިރިއުޅުން ފެށުނީ، ގްރޭޑް އަށެއްގައި އުޅެމުންނެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މާލެއަށް ނިސްބަތްވާ، ކްލާސް ކުދިން ބުނާގޮތުން ނަމަ "ބޮޑު ޕާޓޭ"އަކާއެވެ. ކްލާސް ކުދިން އެހެން ބުނާތީ އަހަރެން އެއިރު ފަހުރުވެރިވީމެވެ.

އަހަންނަކީ ކިޔެވުމަށް ރަނގަޅު އަހުލާގުވެސް ރަނގަޅު ކުއްޖެއްގެ ގޮތުގައި، ސްކޫލްގައި ފާހަގަކޮށްލެވޭ ކުއްޖެކެވެ. މަންމައާއި ބައްޕަގެ ފުރިހަމަ ލޯބި ލިބިގެން ބޮޑު ވަމުން އައި ކުއްޖެކެވެ. ނަމަވެސް އެކަންކަމަށް އައީވެސް ކުއްލި ބަދަލެކެވެ. ލޯބީގާ މާބޮޑަށް ޖެހިއްޖެއެވެ. އޭނާދެކެ މާބޮޑަށް ލޯބި ވެވިއްޖެއެވެ.

އާއިލާއަށާއި، މުޅި ސްކޫލަށް އެކަން ފަޅާ އަރައިފިއެވެ. މުޅި އާއިލާ ތެރޭ އެ ނޫން ވާހަކައެއް ނުދައްކައެވެ. ނަމަވެސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. އެ ގުޅުމަށް ތިން އަހަރުވެއްޖެއެވެ. އަހަރެން ސްކޫލްވެސް ނިމިއްޖެއެވެ. އުއްމީދު ކުރިވަރުގެ ނަތީއްޖާއެއް ލިބުނެވެ.

އެގޮތަށް ދުވަސްތައް ގުނަމުން ގޮސް އެންމެ ފަހުން އަހަރެން ރޭގަނޑު ގަޑީ ލޯބިވެރިޔާ އެކީ ބޭރަށް ދާން ފެށީމެވެ. ސްކޫލް ނިމުނީކަމަށް ބަލައި، ދެން އުޅެން ވާނީ އެމީހަކު ބޭނުންވާ ގޮތަކަށް ކަން މަންމަ ކައިރީގައި ބުނީމެވެ. މަންމަމެންގެ ބަސް ގަބޫލުނުކޮށް، އަހަރެން ދަންވަރުގަޑީގައި ލޯބިވެރިޔާއެކު ބޭރުގައި އުޅެމެވެ. މަންމަ އާއި ބައްޕަދޭ ނަސޭހަތަކަށް ބެލުމެއް ނެތިއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިން ގެއްލުނީ ލޯބިވެރިޔާގެ ސަބަބުންކަން އެނގުނު ނަމަވެސް އެކަމާ އަޅައެއް ނުލަމެވެ. ރައްޓެހިންނަށްވުރެވެސް އެ ލޯބިވެރިޔާ މާ މުހިންމެވެ.

އެންމެ ފަހުން އެ ގުޅުމާ ދެކޮޅު ހަދަން ފެށީ މަންމައެވެ. އެކަން ފާޅުގައި މަންމަ ދިޔައީ ލޯބިވެރިޔާއަށްވެސް އަންގަމުންނެވެ. އެންމެ ފަހުން މަންމަ އެކަން ކުރުނުކުރުން އެ ލޯބިވެރިޔާ މަންމައާ ދިމާލަށް އަޅުވާލީ ބޮޑު "ވާނިންގ"އެކެވެ. މަންމަގެ ދޫ ބެދިއްޖެއެވެ. ލޯބިވާ ދަރިފުޅުގެ ކުރިމަތީގައި މަންމަ އެއްވެސް މީހަކަށް ނުވިއެވެ. އެ ދަރިފުޅުގެ ހުރިހާ ކަމަކާއި ބެހެމުން ދަނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެ ގުޅުމަށް އައި، ނުލަފާ އިންސާނާއެވެ.

އެކަމާއި އާއިލާ ތެރޭގައި ޒުވާބު ފެށިއެވެ. އެންމެ ފަހުން އެކަމާއި ބޮލާ ނުކުޅަދާނެވެގެން ގެއިން ނުކުމެގެން ދިރިއުޅުން ބަދަލުކުރީ ލޯބިވެރިޔާގެ ގެއަށެވެ.

އެހާ ހިސާބުން ހުރިހާ ކަމެއް ފެށުނީއެވެ. މީގެ ކުރިން އޭނާއާ ބެހޭގޮތުން ނޭގެ އެތައް ކަންތައްތައް ހާމަވާން ފަށައިފިއެވެ. އެއީ މަސްތުވާތަކެތީގެ ބޮޑެއް ކަމާއި، މީހުން ލައްވާ ހަށިވިއްކުވައިގެން ފައިސާ ހޯދާ މީހެއްކަން އަހަންނަށް ފަޅާ އަރައިފިއެވެ.

އަހަރެންނަށް މިހުރެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މަންމަމެން ކައިރިއަށް އެނބުރި ދާންވީތޯ ނުވަތަ އޭނާއާއެކު ހުންނާނީތޯ ވިސްނަން ފެށިއެވެ. އަހަރެންގެ ވިސްނުމަށް އައީ މަންމަ ކައިރިއަށް ދިޔުމަށެވެ. މަންމަގެ ގެއަށް ދާން ފޮއްޓަށް އެއްޗެހި އަޅައިގެން ތައްޔާރުވާން ފެށިއެވެ. ހުރިއްޔާ ހުރިހާ ހެދުމެއް ފޮއްޓަށް އަޅައި ތައްޔާރުވަމުންދިޔައިރު، ކުއްލިއަކަށް ދޮރު ހުޅުވާފައި ވަނީ ލޯބިވެރިޔާއެވެ.

ފޮށި ފެނުމާއެކު ވެގެން އުޅޭގޮތް އޭނާއަށް އެގުނެވެ. ވަގުތުން ޖީބުން ނެގީ ވަޅިއެކެވެ. ނަގާ ކަރުގައި ޖައްސާލިއެވެ.

"ހަނދާން ކުރާތި... މިގޭގެ ފޫޓުން ބޭރަށް އެންމެ ފިޔަވަޅެއް އެޅިޔަސް މި ވަޅީގެ ހުރި ތޫނުކަން ދައްކާލަން. ކަލޭ... ޖެހޭނީ އަހަރެން ބުނާގޮތެއް ހަދައިގެން މިގޭގައި އުޅެން"

އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. ހައިރާންވެ އަންތަރީސްވިއެވެ. އެއީ ހަމަ އަހަރެންގެ ލޯބިވެރިޔާބާއޭ ހިތައް އެރިއެވެ. އަހަންނަށް އެވަގުތު ހުރެވުނުތަންވެސް ނޭގުނެވެ. އަނބުރައިގެން ވެއްޓެން އުޅޭހެންވެސް ހީވިއެވެ.

އޭނާގެ އެ އަމުރަށް ކިޔަމުންވުމުގެ ގޮތުން އަހަރެން ކުޑަކަކޫ ބިންމަތީ ޖައްސާލީމެވެ. އަދި އަޑުން އަޑު ނަގާ ރޯން ފެށީމެވެ. އޭނާގެ އަޅާލުމެއް ނުލިބުނެވެ. އޭނާ ގޮސް ފާހަނައަށް ވަދެފައި ނުކުމެގެން ދިޔައީއެވެ.

އެ ގުޅުމަށް ފަސް އަހަރުވީއެވެ. އަހަންނަށް 18 ފުރިއްޖެއެވެ. ކޮންމެ ދުވަހަކުވެސް ވަޅީގެ ބާރުގައި އަހަންނަށް އެތައް އިންޒާރެއް ދެއެވެ. އޭނާ ކުރާ އެއްވެސް ކަމެއް ފަޅާ އަރުވާލައިގެން ނުވާނެކަމަށް ބުނެ އިންޒާރު ނުދޭ ދުވަހެއް ނާދެއެވެ. އެހެން ގޮސް އެންމެ ފަހުން އޭނާގެ އިންޒާރަށް ބެލުމެއް ނެތި އެގެއިން ނުކުތުމަށް ނިންމީ އޭނާ ނިދާފައި އޮތް ގަޑިއެއްގައެވެ.

ހިތްވަރުކޮށްފައި އެގެއިން ނުކުމެގެން ދިޔައީ، އެންމެ ފުރަތަމަވެސް ފުލުހަށެވެ. ފުލުހަށްވެސް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. ކިޔާދީފައި ފުލުހުންގެ ހިމާޔަތަށް އަހަރެން އެދުނީމެވެ.

ADS BY SHEESHA

މިއަދު އަހަރެންގެ އުމުރުން 25 އަހަރުވީއެވެ. ކައިވެންޏެއް ކުރާހިތެއް ނުވެއެވެ. މިއަދު އެ ލޯބިވެރިޔާގެ މަތިން އަހަންނަށް ހަނދާން ނައްތައެއް ނުލެވުނެވެ. އޭނާ މިއަދު ޖަލު ގޮޅީގައި ދުވަސްތައް ގުނަމުންދާއިރު، އެނބުރި އަންނާނެ ދުވަހަކުން އަހަންނަށް ހަދާލާނެ ގޮތެއްވެސް ނޭގެއެވެ.

ADS BY ASTERS

8 ކޮމެންޓް

 1. ޖަލައް ލިއަސް މާދަމާ އައިސް ހަދާނެ ގޮތެއް ނޭންގޭތީ އަހަރެން ވެސް ކެއް ކޮއް ގެން މި އިންނަނީ އަހަރެން ނާއި ދަރިން ނައް ދޭ ބޮޑެތި އިންޒާރް އާ އަނިޔާ އާ ލަވާ ހަޅޭކައް އަށާރަ އަހަރު ވީ އިރުވެސް ކެއް ކޮއް ގެން. އަބަދު ވެސް ބިރުވެރި ކަމެއް ގެ ތެރޭ ތިބެން ޖެހެނީ. މީހުން ނާ ވާހަކަ ދައްކާ ހެދުން ވެސް މަނާ ކޮއް ފަ އޮންނަނީ.

 2. ވަރަށް ރައްކާތެރިކަމާއި އެކު ވިސްނައިގެން ހުންނާތި!
  މިއީ ދިވެހިރާއްޖެ! މާދަމާ ވެެސް ދޫކޮއްލާނެ އެ ކުށްވެރިޔާ!
  ދެން ކަބުލޮއަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާލަފާނެ،
  ޢަދުލު އިންސާފު ލިބޭނެ ދުވަހެއް އެބަ އޮތް.

 3. އެޑިއުކޭޝަން މިނިސްޓްރީއަކުން ނޫން އެކުއްޖާ އެފިރިހެނާއެކިގަ ފޮނުވީކީ، މިނިސްޓްެރީއަކުން ކިޔަވައިދޭކަށް ނާންގާނެ ފިރިހެނުންާ އެކީ ފިލައިގެން ދާކަށް. އެޑިއުކޭޝަނަކުންވެސް ސްކޫލްތަކަކުންވެސް ޓީޗަރަކުވެސް އެއްވެސް ކުއްޖެއްކައިރިއަކު ނުބުނާނެ މީހުންނާ ރައްޓެހިވެފަ މައިންބައިންގެ ބަސް ޤަބޫލްނުކޮށް ފިލައިގެން ދާށެކޭ ފާހިޝްޢަމަލް ކުޜަޝެކޭވެސް، ތިހެންކަމަށް ވާނަމަ އައްޓަމަސް ކީއްވެތަ އެވައްތަރަށް ތެޅިނާރުވަނީ. ބޭކާރު ވާހަކަ... އެމީހަކު އަމިއްލަޔަށް ހިތުހުރި ގޮތަކަށް ތެޅިއަރުވީމަ އެކަމަށް ހިއްވަރު ދީ ފާޑު ފާޑުގެ ކޮމެންޓް ކުރީމަ ވާނީ ގޯސް. ސޮރީީ ީ ީީ ީ

 4. އެހެންވެ ބުނަނީ މައިންބަފައިންނެއް ދަރިންނަން ދެރަގޮތެއް ނޭދެނޭ....... ނުބައި ނަސޭހަތެއް ނުދޭނޭ...... ދެން ވެސް ތިކަމުން އިބުރަތެން ނަގާބަލަ.......

 5. ތިޔައީ އަމިއްލަޔަށް ހޯދި ކަމެއް . މައިންބަފައިންގެ ބަސް ގަބޫލު ނުކުރުމުގެ ނަތީޖާ ތިޔަފެނުނީ . މާތްﷲ ގެ ކިބަފުޅުން ވާގި އެދިހުރެ އެ ކަމުންސަލާމަތް ވުންއެދި ދުއާކުރުންމަތީ ދެމިހުރޭ . އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ.

 6. ޑިމޮކްރަޓިސްޓް

  މިހާރުގެ އަންހެންކުދިން ބޭނުންވަނީ ގަޓު، ބޯދިގުކޮށްގެން އުޅޭ ފިރެހެނުން.. އެހެންވީމަ މިވަރު އަދި ކުޑަ..

 7. ކަނބުލޮ މަވެސް މިހިރީ ހަމަ ހުސްކޮން. ޢެކަމު ތިއުޅެފަ ހުރޮގޮތުން ދެން އާކަމެއް ކުރަން އޮންނާނެއެކޭ ހިއެއް ނުވޭ. ޢެހެންވީމައި ކިހިނެއް ޓްރަސްޓް ކުރާނީ. ދިވެހި ގިނަ ކުދީންނަށް މިވަނީ މިހެން. ރީތިކޮން ބުނަންޏާ މުޖުތަޢުގެ ރޭގަނޑުގެ އަންހެނެއްގެ ގޮތުގައި ޅަ ދުވަސް. ވިޔާނުދާ މީހަކާއި އިނދެ ދިރިއުޅު ބަރުބާދުވީމައި ރަނގަޅު މީހަކު ހޯދަނީ. ދެން ހަލާކުކޮށްލަނީ އެމީހާގެ ދިރިއުަޅުން. ދެން އަޅުވަނީ ދީނީ ޓެގެއް އެކަންވެސް ޒަމާނީކޮަށް ދީނަށް ފުރައްސާރަ ހޯދައިގަންނަނީ. ކީކޭ ބުނާނީ ދޯ؟ އިސްލާހު އެގޮތުގައި ތިބެވޭތޯ ބަލަމާ.

 8. ތިޔައީ ބޮޑު ޖޯކެއް. ބަލަގަ އިސްލާމްދީނުގައި ކަންކަން ކުރަންވީގޮތް އެއޮތީ.. މޮޔަވެގެންތޯ ހިލޭ މީހަކާއިއެކުދިޔައީ.. މިހުރިހާ މައްސަލައެއްގެ ޒިންމާގެ ބައެއް އެޑިއުކޭޝަނުން ނަގަން ޖެހޭނެ. ސަބަބަކީ މިވަރުގެ ކުދިން ކިޔަވނީ ކޯންވެއްތ÷