އިންސްޓަގްރާމް ފަދައިން މަސްހޫރު ސްނެޕްޗެޓްގައިވެސް ސްޓޯރީއަށްލާ ފޮޓޯ އަދި ވީޓިއޯ ތަކުގައި ރައްޓެހިން ޓެގް ކުރެވޭގޮތް ހެދުމަށްޓަކައި ޓެސްޓް ތަކެއް ކުރަން ފަށައިފިއެވެ.

އެގޮތުން ސްނެޕްޗެޓްގެ ބީޓާ ގެންގުޅުއްވާ ފަރާތްތަކަށް މި ފީޗާ ޓެސްޓް ކުރުމަށްޓަކައި މިހާރުވަނީ ދޫކޮށްލާފައެވެ. ސްނެޕް ޗެޓްއިންވެސް މި ފީޗާގެ ޚިދުމަތް ދެނީ އިންސްޓަގްރާމް އާއި އެއްފަދައަކުންނެވެ. އެގޮތުން @ ޖެހުމަށްފަހު ބޭނުން ރަހްމަތްތެރިޔާގެ ނަން ޖެހުމުން އެެމީހަކު ޓެގް ކުރެވޭނެއެވެ. އަދި އިންސްޓަގްރާމް އިން ނޮޓިފިކޭޝަން އަންނަ ގޮތަށް އެމީހަކު ޓެގް ކުރިކަމުގެ ނޮޓިފިކޭޝަން އެމީހަކަށް ލިބޭނެއެވެ.

ސްނެޕްޗެޓުން އެފީޗާ ޓެސްޓް ކުރަމުން އަންނަ ކަމަށް އެފަރާތުން ވަނީ މަސްހޫރު ޓެކްނޮލޮޖީ ހަބަރުތަށް ގެނެސްދޭ ޓެޗް ކްރަންޗް ނޫހަށް ކަށަވަރުކޮށް ދީފައެވެ. އެކަމާ ގުޅުންހުރި މާގިނަ މައުލޫމާތެއް އަދި ސްނެޕްޗެޓުން ދީފައި ނުވިނަމަވެސް މި ބަދަލާއެކު އެހެނިހެން ބަދަލުތަކެއްވެސް ސްނެޕްޗެޓަށް ގެންނާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެ ކުރިން އިންސްޓަގްރާމް އިން ސްނެޕްޗެޓުން ތަޢާރަފް ކޮށްފައިވާ ސްޓޯރީގެ ނިޒާމް ކޮޕީކޮށްފައިވާ ކަމަށް ސްނެޕްޗެޓުން ބުނެފައިވާއިރު މިފަހަރު ސްނެޕް ޗެޓުން މިވަނީ އިންސްޓަގްރާމް ސްޓޯރީ ޓެގް ކުރުން ކޮޕީކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ބަހުސްވެސް ކުރަމުންނެވެ. ނަމަވެސް ސްނެޕްޗެޓް ބޭނުން ކުރާ ގިނަ ފަރާތްތަކުން ދަނީ ޓެގް ކުރެވުން އެއީ އެމީހުން ވަރަށް ބޭނުން ކަމެއް ކަމަށާއި އެގޮތަށް އެކަންތަށް ކުރުމީ މައްސަލައެއް ނޫން ކަމަށް ބުނަމުންނެވެ.