އައިފޯނު ހިމެނޭހެން ހުރިހާ ފޯނަކަށް ވެސް އެއްކަހަލަ ޗާޖަރު ބޭނުން ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ޕްރޮޕޯސަލެއް ހުށަހަޅައި ފާސްކުރަން އެދެފިއެވެ.

ސްމާޓްފޯން އިންޑަސްޓްރީ ބަދަލު ކުރެވޭނެ ގޮތަށް ހުށަހަޅާފައިވާ އެ ޕްރޮޕޯސަލުގައި ބުނެފައިވަނީ ޔޫއެސްބީ-ސީ ވެގެން ދަނީ އާންމު އެއްޗަކަށް ކަމަށެވެ. ޗާޖަރު ބަދަލު ކުރުމަށް ހަމަ އެކަނި ހުށަހަޅާފައިވަނީ ފޯނުތަކުގެ އެއް ނޫނެވެ. ޓެބްލެޓް، ކެމެރާ އަދި ހެެޑްފޯނު ކަހަލަ އިލެކްޓްރޯނިކްސް ސާމާނުގެ ޗާޖަރު ވެސް އެކައްޗަކަށް ހެދުމަށް ވަނީ އެދިފައެވެ.

އީޔޫއިން ވަނީ ފޯނުތަކަށް އެއްކަހަލަ ޗާޖަރު ބޭނުން ކުރުމުގެ އިތުރުން ފޯނާއި އެއްކޮށް ޗާޖަރު ނުދީ، އެތަކެތި ވަކިން ގަނެވޭނެ ގޮތެއް ހެދުމަށް ވެސް އެދިފައެވެ.

އީޔޫގެ އެޖްޒެކެޓިވް ނައިބު ރައީސް، މާގްރީތް ވެސްޓޭގާ ވިދާޅުވެފައިވާގޮތުގައި އެގޮތަށް ނިންމާފައިވަނީ ކުންފުނި ތަކުން އެކަމަށް ހައްލެއް ނުހޯދިފައިވާތީ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ފުރުސަތުތަކެއް ދިނިން އެމީހުންނަށް ހައްލެއް ހޯދުމަށް. މިހާރު އެވަގުތު ގޮއްސި. މިހާރު އޮތީ އާންމު ޗާޖަރެއް ހުރިހާ ފޯނަކަށް ބޭނުން ކުރުން. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަތަކެއް ވާނެ" އޭނާ ވިދާޅުވެފައިވެެެއެވެ.

އީޔޫއިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، އެޕަލް އަކީ އެހެން ބްރޭންޑްތަކާއި ހިލާފަށް އެމީހުންގެ އުފެއްދުންތަކަށް ހާއްސަ ޗާޖަރުތައް އުފައްދަމުން އަންނަ ބައެކެވެ. އެހެން ނަމަވެސް އީޔޫގެ އެ ގަވައިދު ފާސްވެއްޖެނަމަ، ދެން އެފަދަ ތަކެތި ބޭނުން ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ޔުނިވާސަލް ޗާޖަރު އެޕަލް ގެންގުޅޭ ފަރާތްތަކުން ބޭނުން ކުރަން ޖެހޭނެއެވެ.