ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބާރު ގަދަ ޓެލެސްކޯޕު މިއަދު ޖައްވަށް ފޮނުވާލައިފިއެވެ.

ނާސާގެ ޖޭމްސް ވެބްގެ ޓެލެސްކޯޕް ޖައްވަށް ފޮނުވާލާފައިވަނީ ދެކުނު އެމެރިކާ ސަރަހައްދަކުން ރާއްޖޭގެ ގަޑިން މިއަދު ހަވީރު 17:20 ގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮކެޓުގެ ބައިތައް އެކި މަރުލަހާތަކުގައި ވަކިކުރަމުން ގެންގޮސް ބަރާބަރު 27 މިނެޓްގެ ތެރޭގައި އޯބިޓަށް ގޮސް ރޮކެޓުން ޓެލެސްކޯޕް ވަކިކޮށްލައި ދަތުރު ފެށިއެވެ.

އެޕޯލޯ މޫން މިޝަންގެ އެއް މޭސްތިރިޔާ ޖޭމްސް ވެބްގެ ނަން ދީފައިވާ ޓެލެސްކޯޕަކީ އެމެރިކާ އާއި ޔޫރަޕާއި ކެނެޑާގެ ސައިންސްވެރިންގެ 30 އަހަރުގެ މަސައްކަތެވެ. އަދި މި މަސައްކަތަށް ޖުމްލަ 10 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ހަރަދުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓެލެސްކޯޕް މިހާރު ވަނީ ދުނިޔެއާއި 1.6 މިލިއަން ކިލޯމީޓަރު ނުވަތަ 1 މިލިއަން މޭލަށް ދަތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ. ޓެލެސްކޯޕަށް މަންޒިލަށް ދިއުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށާއި އަދި އިންފްރާރެޑް ލޯތައް ތައްޔާރުކޮށް ކޮސްމޮސް ސްކޭން ކުރުމަށް އިތުރު މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ޖޭމްސް ވެބްގެ ހާއްސަ ކަމަށް ބަލާއިރު، ޖޭމްސް ވެބް އަކީ މީގެ ކުރިން އުފައްދާފައިވާ ހަބަލް ޓެލެސްކޯޕަށްވުރެ، ތިން ގުނަ ބޮޑު ޓެލެސްކޯޕެކެވެ. ހަބަލްގެ ލޯގަނޑުގައި 2.4 މީޓަރު ހުންނައިރު، ޖޭމްސް ވެބްގައި 6.5 މީޓަރު ހުރެއެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރ ބިލް ނެލްސަން މިދިޔަ ހަފްތާގައި ބުނެފައިވަނީ މި މިޝަނުގެ ސަބަބުން އަޅުގަނޑުމެންގެ ކާއިނާތާއި ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެ ކަމަށާއި ބޮޑެތި ހުވަފެންތައް ހާސިލް ކުރޭވޭނެ ކަމަށެވެ.

"އަގު ބޮޑު ހަދިޔާ ބޭނުން ވަންޏާ ބޮޑެތި ރިސްކު ނަގަން ޖެހޭނެ" ނެލްސަން ބުނެފައިވެއެވެ.

ވެބް ޓެލެސްކޯޕް ކާމިޔާބުކަމާ އެކު އަދި ރައްކާތެރިކަމާ އެކު ޖައްވަށް ދޫކޮށްލެވިއްޖެ ކަމުގެ ސިގްނަލް ކެންޔާގެ މަލިންޑީގައި ހުންނަ އެންޓަނާއަށް ވަނީ ދީފައެވެ.