މައިންބަފައިންނަކީ އަހަރެމެން މި ދުނިޔެ އަށް އުފަންވުމުގެ މެދުވެރިޔާއެވެ. އުފަންވާ ހިސާބުން ފެށިގެން އެމީހުންގެ އުފާތަކާއި ވަގުތުތައް ގުރުބާން ކޮށްލަނީ ދަރިންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި ދަރިންގެ ހައްގުގައެވެ. ދަރިން ބޮޑެތިވެގެން އަންނައިރު ކޮންމެ މައިންބަފަޔަކުވެސް ދަރިންނަށް ދޭނެ ނަސޭހަތެއް އޮވެއެވެ. އެއީ ދޮގު ނުހެދުމަށެވެ. ނަމަވެސް، މި އަގުހުރި ނަސޭހަތުގައި ހިފަނީ ކިތައް މީހުން ބާވައެވެ.

ދައްކަން މިއުޅެނީ ރިސޯޓެއްގައި އުޅޭ ދިވެއްސަކަށް ދިމާވި ހިތާމަވެރި ހާދިސާ އެއްގެ ވާހަކައެވެ. މި ވާހަކަ އިން ކޮންމެ މީހަކުވެސް އިބުރަތް ހާސިލްކުރުމަކީ އެމީހަކަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ކޮންމެއަކަސް އަނަސް (އަސްލު ނަމެއް ނޫން) މަސައްކަތް ކުރަމުން ގެންދިޔައީ މ. އަތޮޅުގައި އޮންނަ ރިސޯޓެއްގައެވެ. އޭނާ ނިސްބަތްވަނީ ރާއްޖޭގެ ދެކުނުގެ ރަށަކަށެވެ.

އެ ރިސޯޓުގައި އަނަސް މަސައްކަތް ކުރަމުން އަންނަތާ އަހަރަކަށް ވުރެން ގިނަދުވަސް ވެފައި ވާއިރު، އޭނާ ވަނީ އަހަރީ ޗުއްޓީވެސް ނަގައިފައެވެ. ނަމަވެސް، ދެވަނަ އަހަރު ނިމުމުގެ ކުރިން އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އާއި ވަރަށް ބޮޑު މައްސަލަ އެއް ޖެހިގެން އޭނާ ބޭނުންވީ ކޮންމެ ގޮތެއް ހަދާފައިވެސް ޗުއްޓީ އެއް ނަގާށެވެ. ޗުއްޓީ އަށް އެދުނު ނަމަވެސް އޭނާ އަށް ދެން ޗުއްޓީ އެއް ނުދޭނެކަން އަނަސް އަށް އެނގުމުން އޭނާ ގަސްތު ކުރީ އެހެން ގޮތަކަށް ކަންތައް ކުރާށެވެ.

މި ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރިން އަނަސް ވަނީ ބަލިވެގެން ސިކް ލީވްވެސް ނަގާފައެވެ. އެހެންކަމުން އެ ލީވް އަނެއްކާ އޭނާ އަށް ނުދޭނޭ ކަމަށް އަނަސް ނިންމިއެވެ. މާލޭގައި ހުރި ލޯބިވެރިޔާ ކައިރިއަށް ދާން އަނަސް ހުރީ ކެތް މަދުވެފައެވެ. 4 އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ކުއްޖާ އާއި މައްސަލަ ޖެހޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އަނަސް އިންނަން ގަސްތު ކޮށްގެން ހުރި އަންހެން ކުއްޖަކީވެސް ހަމަ އެއީއެވެ.

އަނަސް ވިސްނި ގޮތެއް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އޭނާއަށެވެ. އެޗްއާރް ކައިރީގައި މާލެ ދާން ވެގެން ދޮގު ހެދީ އެއްވެސް މީހަކު ދޮގު ނުހަދާނެ ވަރުގެ ކަމަކަށެވެ. އެއީ އޭނާގެ މަންމަ މަރުވެއްޖެ ކަމަށް ބުނެއެވެ. އެ ރިސޯޓުގެ އެޗްއާރު ކައިރީގައި މިހެން ބުނުމާއި އެކު ވަގުތުން އޭނާ ފުރައިގެން ދިއުމުގެ ހުއްދަ ދިނެވެ. އެދުވަހު އޭނާ މާލެ އައިސް އެންމެ ފުރަތަމަވެސް ދިޔައީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާ ކައިރިއަށެވެ. ވަކި ތަނަކުން ވަކި ގަޑިއެއްގައި ދިމާ ކުރަން ބުނެފައި އަނަސް ދިޔައީ އެތަނަށެވެ.

ލޯބިވެރިޔާގެ އިންތިޒާރުގައި ހުއްޓާ އަނަސް އަށް ފޯނު ކޯލެއް އައެވެ. ބިޓު ކަމަށް ހިތައި ފޯނަށް ބަލައިލި އިރު ގުޅަނީ އޭނާ އެެއް ނޫނެވެ. ބޮޑުދައިތައެވެ. ފަހުން ދައިތަ އަށް ގުޅާނީ އޭ ހިތައި އަނަސް ފޯނުން ރިންގު ކަނޑާލައި ޖީބަށް ލިއެވެ. ނަމަވެސް ދައިގެ ފަރާތުން ހުއްޓުމެއް ނެތި އެ ކޯލު އައުމުން އެންމެފަހުން އަނަސް ފޯނު ނެގީއެވެ.

"އަނަސް......... މަންމަ ނިޔާވެއްޖެ! އަވަހަށް އާދޭ ރަށަށް." ދައިތަ ގިސްލަމުން އަނަސް ކައިރީ ބުނި އެ ވާހަކައިގެ ސަބަބުން އޭނާގެ ވަށައިގެން އެނބުރެމުން ދިޔަ ދުނިޔެ ހުއްޓުނު ކަހަލައެވެ. އެވަގުތު އަނަސްގެ ލޯބިވެރިޔާވެސް އޭނާ އާއި ދިމާލަށް ހިނގާފައި އަންނަނީއެވެ. އެއީ އަނަސް އަށް ވިސްނުނު ވަގުތެވެ. މަންމަ އާއި އަޅާ ބަލާއިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ އެއްވެސް މުހިއްމެއް ނޫނެވެ.

އަނަސް ހޭޖެހުނު ވަގުތު މަގުމަތީގައި ތިބި ބަޔަކު އޭނާ މޫނަށް ފެން ޖަހަނީއެވެ. އަނަސް އަށް ލިބުނު ޙަބަރާއި އެކު އެ ހުރިތަނަށް އޭނާ ހޭނެތުނީ ކަމަށް އޭނާގެ ލޯބިވެރިޔާ ބުނިއެވެ. ނަމަވެސް ލޯބިވެރިޔާ އާއި އެކު ލޯބީގެ ވާހަކަތައް ދައްކާކަށް އަނަސް އޭނާގެ ވަގުތުތައް ބޭކާރުކޮށެއް ނުލައެވެ.

އެއާޕޯޓަށް ދިއުމަށްފަހު ޗާންސް އަކަށް އެންމެ އަވަހަށް ރަށަށް ދާ ފްލައިޓުން އޭނާ ފުރައިގެން ދިޔައީ ލޯބިވެރިޔާ އަށް އެއްވެސް އެއްޗެއް ކިޔައިވެސް ނުދީއެވެ. އަނަސް ދެކޭ ގޮތުގައި އޭނާގެ މަންމަ އަށް ކުރިމަތިވީ ބަދުނަސީބު ކަމެކެވެ. އެއީ އަނަސް އޭނާގެ މަންމަގެ މަރަށް ދޮގު ހެދުމުން ވީ ކަމެއް ކަމަށް އަނަސް ދެކެއެވެ. އާއިލާގެ އެންމެން ކައިރީގައިވެސް އަނަސް މި ވާހަކަ ދެއްކިއެވެ. އާއިލާގެ މީހުން މިކަން ހިނގީ އަނަސްގެ ކުށަކުން ނޫންކަން އޭނާ އަށް ވިސްނުވައިދޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

އެ ދުވަހަށް ފަހު އަނަސް އޭނާގެ ރިސޯޓު ވަޒީފާ ދޫކޮށްލިއެވެ. ލޯބިވެރިޔާ އާއި އޮތް ގުޅުން ކަނޑާލިއެވެ. ރަށަށް ބަދަލުވެ، ރަށުގައި ވަޒީފާ އަދާކުރަން ފެށިއެވެ. އެންމެ ނަމާދެއްވެސް ވައްޓާ ނުލައި ބަރާބަރަށް ޖަމާއަތުގައި 5 ނަމާދު ކުރަމުން ދެއެވެ. އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުން، މިހާރު އަނަސް އަކީ އެއްވެސް ވަރަކަށް ދޮގު ހަދާ މީހެއްވެސް ނޫނެވެ. އޭނާ އަށް މި ފިލާވަޅު ލިބުނީ އެންމެ ހިތްދަތި ގޮތަށެވެ. ނަމަވެސް އެ ފިލާވަޅުގެ ބޭނުން އަނަސް މިހާރު ދަނީ ހެޔޮގޮތުގައި ބޭނުން ކުރަމުންނެވެ.

ދޮގު ހެދުމަކީ މާތްﷲ ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. ކުޑައިރުން ފެށިގެން ސަމާސާ އަކަށް ދޮގު ހަދަން ވެއްޖެނަމަ ފަހުން، އެއްވެސް ވިސްނުމެއް ފިކުރަކާއި ނުލައިވެސް ދޮގު ހެދޭ ހިސާބަށް ކަންތައް ދާނެއެވެ. އެހިސާބުން ހަޔާތުގެ އެހެން ކަންކަންވެސް ދާނީ ނުބައި މަގަކުންނެވެ. އަނަސް އަށް ކުރިމަތިވި މި ހާދިސާ އިން ކޮންމެ މީހަކުވެސް އިބުރަތް ހާސިލް ކުރަން އެބަޖެހެއެވެ. ތިމާ އާއި އެންމެ ކައިރީގައިވާ އެއްޗަކީ މަރުކަން ހަނދާން ބަހައްޓާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާައަހަރެން

    ޢަލްހަމްދު ލިއްލާހި، މިވަާހަކައިން އިބްރަތް ހާސިލް ކުރެއްވުން އެދެން،

    83
  2. ބަނަސް

    ދޮގު ހެދުމަކީ ވައްކަމުގެ ތަޅުދަންޑި

    36