މިއީ މިހާރު އުމުރުން 25 އަހަރުގެ ޒުވާނަކަށް ކުރިމަތިވި ހަގީގީ ހާދިސާ އެއްގެ މައްޗައް، އެމީހާގެ އަސްލު ނަން ބޭނުން ނުކޮށް "ވަގުތު" އަށް ދީފައިވާ މައުލޫމާތުގެ މައްޗައް ލިޔެފައިވާ ވާހަކައެވެ.

ސުނާއު އަށް އެންމެ ފުރަތަމަ އަންހެނެއް ދެކެ ލޯބިވެވުނީ ސީދާ ކޮން އުމުރެއްގައި ކަމެއް އޭނާ ހަނދާނެއް ނުހުރެއެވެ. ނަމަވެސް އެންމެ ކުޑައިރުން ފެށިގެން އެކުގައި ކުޅެން އުޅުނު އަންހެން ކުއްޖެއް ދެކެ އޭނާ އެންމެ ކުޑައިރުން ފެށިގެން ވަރަށް ގަޔާވެއެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ ސުނާއު ދިރިއުޅޭ ގޭގެ ކުރިމަތީގައި އުޅެނީ ޝައުފާއެވެ. އޭނާގެ ލޯބިވެރިޔާއެވެ.

ސުނާއު އޭނާގެ އަމިއްލަ ރަށަށް ގޮސް އުޅެނީ ވަރަށް މަދުންނެވެ. އެއީ އޭނާ ވިހެއިންސުރެ ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް ވާތީއެވެ. ނަމަވެސް ރަށަށް ދާ ކޮންމެ ފަހަރަކުވެސް އޭނާ އުޅެނީ ޝައުފާ އާއި އެކީގައެވެ. ސުނާއު ހަނދާންވާ ގޮތުގައި އެމީހުން އެކަކު އަނެކަކަށް ގަޔާވާކަން އެނގުނީ ގްރޭޑް 4ގައި އުޅެނިކޮށެވެ. އޭރު ދެމީހުން އެކުގައި ކުޅެންގޮސް، ހަވީރު ހިނގާލަން ދެވުމުން އޭނާގެ ދުނިޔެ ރަން ވެގެންދާ ކަހަލައެވެ. ގްރޭޑް 4ގެ ޗުއްޓީ އަށް ރަށަށް ގޮސް ޝައުފާ އާއި އެކު ހޭދަކުރެވުނު އުފާވެރި ހަނދާންތަކާއި އެކު ސުނާއު އަނެއްކާވެސް އެނބުރި މާލެ ދާން ޖެހުނެވެ.

މާލޭގައި އުޅުމަށް ފަހު ސުނާއުގެ ބައްޕަ ނިންމީ އިންޑިއާ އަށް ދިރިއުޅުން ބަދަލު ކުރާށެވެ. މިކަން ކުރަން ސުނާއު އެހައި ބޭނުމެއް ނުވިއެވެ. އެއީ ޝައުފާ އާއި ދުރަށް ދާން ޖެހޭތީއެވެ. އެކަމަކުވެސް އޭނާގެ އާއިލާ އާއިއެކު ސުނާއު އިންޑިއާ އަށް ދިރިއުޅުން ބަދަލުކުރިއެވެ. އެތަނުގައި އޭނާ ކިޔެވުމަށް ހާއްސަ އިސްކަމެއް ދެމުން ގެންދިޔަ ނަމަވެސް ޝައުފާ މަތިން އޭނާ އިންތިހާ އަށް ހަނދާންވެއެވެ. އިންޑިއާގައި އެއް އަހަރު ކިޔެވުމަށް ފަހު ޗުއްޓީ އަށް ސުނާއު އެނބުރި ރާއްޖެ އައެވެ. އިންޑިއާގެ ސްކޫލުން އަހަރީ ޗުއްޓީ ދިނީ ޖޫން މަހުގައި ކަމުން އެއީ ރާއްޖޭގެ ސްކޫލްތައް ބަންދުވާ ދުވަސްވަރެއް ނޫނެވެ. އެހެންނަމަވެސް ސުނާއު ދިޔައީ ޝައުފާ ކައިރިއަށް ދިއުމުގެ ބޭނުމުގައި އޭނާގެ ރަށަށެވެ.

ގޭ ކުރިމަތީގައި ޝައުފާ އުޅޭކަމުން ދިމާ ކުރާކަށް އެހައި އުނދަގުލެއް ނުވެއެވެ. އޭނާ ސްކޫލް ނިންމާލާފައި ހަވީރު ކޮންމެ ދުުވަހަކު ރައްޓެހި ކުދިންނާއި އެކު ކުޅެން ދަނީ ސުނާއުވެސް ގޮވައިގެންނެވެ. ޗުއްޓީ ހަމަވާން ކައިރިވެގެން އެނބުރި އިންޑިއާ އަށް ދާ ވާހަކަ ސުނާއު ގާތު އޭނާގެ ބައްޕަ ދެއްކުމުން ސުނާއު ބުނީ އެނބުރި އިންޑިއާ އަށް ދާން ބޭނުން ނުވާ ކަމަށާއި އެކޮޅުގައި ވަރަށް ފޫހިވާ ކަމަށެވެ. މިހެން ބުނުމުން ސުނާއުގެ ބައްޕަ އޭނާ ރަށަށް ބަދަލުކުރަން ނިންމިއެވެ. އެއީ އޭނާގެ ބައްޕަ ހިންގާ ކުންފުނީގެ މަސައްކަތްތައް އޭނާ އިންޑިއާގައި ހުރުމުން ކުރިއަށް ގެންދަން އުނދަގޫވާތީ އާއިވެސް އެކުގައެވެ.

ކޮންމެއަކަސް، ޝައުފާ އާއި އެއް ގްރޭޑަކަށް ސުނާއު ރަށު ސްކޫލަށް ވަނެވެ. އޭނާ ބޭނުން ކްލާހަކަށް ދެވެން އޮތް ނަމަވެސް ސުނާއު ނިންމީ ޝައުފާ އާއި ދެ ކުލާހަކަށް ދިއުމަށެވެ. އެއީ އޭނާގެ ކިޔެވުމަށް ބުރޫ އަރާފާނެތީއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު ދެމީހުންގެ ލޯބިވެސް ދިޔައީ އިތުރުވަމުންނެވެ. ގްރޭޑު 7ށް ސުނާއު ދިޔައިރު އޭނާ އާއި އެކު އުޅުނު ރައްޓެހިން ފޯނު ގެންގުޅެއެވެ. ނުވިތާކަށް ޝައުފާ އަތުގައިވެސް ފޯނެއް އޮވެއެވެ. މިހެންވުމުން ސުނާއުވެސް ގަސްތުކުރީ ފޯނެއް ހޯދާށެވެ. ނަމަވެސް އެކަމަށް އޭނާގެ މައިންބަފައިން ނުރުހޭނެކަން އެނގޭތީ އެކަން ކުރީ ވަގަށެވެ.

ރަހުމަތްތެރިއެއްގެ ފޯނެއް ނަގައި ޝައުފާ އާއި ވާހަކަ ދައްކަމުންގޮސް ދެމީހުން ރޭގަނޑު ބައްދަލު ކުރާ ހިސާބަށް ގޮސްފިއެވެ. ރޭގަނޑު އިޝާ ނަމާދަށް ގެއިން ނިކުމެފައި ސުނާއު ދަނީ ޝައުފާ ކައިރިއަށެވެ. ދެމީހުން ދިމާ ކޮށް ހަދަނީ އެރަށުގެ ހިތްގައިމު އަތިރިމަތީގައި އިންނަ ހޮޅުއައްޓަކުންނެވެ. މި ދެލޯބިވެރިން އެ ހޮޅުއަށީގައި ތިބޭ މަންޒަރު އަތިރިމަތިން ހިނގާފައި ދާ ބައެއް މުސްކުޅިފުރައިގެ މީހުންނަށް ފެނިގެން ސުނާއުގެ އާއިލާ މީހުންނަށް އެ ޙަބަރު ދިނެވެ.

ސުނާއުގެ އާއިލާ އަކީ ރަށުގެ ގަދަރުވެރި އާއިލާ އަކަށްވުމުން އެމީހުުންނަށް މި ވާހަކަ އަޑުއިވުމުން ވަރަށް ރުޅިއައެވެ. އަދި ސުނާއު އަށް ވިސްނުވައިދޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. ސުނާއު އާއި ޝައުފާގެ ގުޅުން ދިޔައީ އެމީހުންގެ އުމުރާއި އެއްވަރަށް ހެދިބޮޑުވަމުންނެވެ.

އޭގެ އެއް އަހަރު ފަހުން ދަންވަރު ގަޑީގައި ސުނާއު ގެއިން ނިކުމެގެން ޝައުފާ ކައިރިއަށް ދާއިރު، މިކަން ސުނާއު ގޭ މީހުންނަށްވެސް އެނގެއެވެ. ސުނާއު ހުއްޓުވަން އޭނާ ވަގަށް ގެންގުޅޭ ފޯނު އަތުލައި، އަރާ ފައިވާންތައް ފޮރުވައި ރޭގަނޑު ގޭ ދޮރު ތަޅުލާފައި ބެހެއްޓުމުންވެސް ސުނާއު ކޮންމެވެސް ގޮތަކަށް ޝައުފާ އާއި ދިމާ ކުރަން ދެއެވެ.

މި މައްސަލަ ބޮޑުވެގެން ސުނާއުގެ މައިންބަފައިން ގަސްތުކުރީ އޭނާ އަނެއްކާވެސް މާލެ ބަދަލުކުރާށެވެ. ސުނާއު ގްރޭޑް 8 ނިމުނުތަނާ ވަގުތުން އެކަން ކުރިއެވެ. ނަމަވެސް ސުނާއު ފުރަން އޮތް ގަޑީގެ 30 މިނެޓު ކުރިންވެސް އޭނާގެ މައިންބަފައިން ޖެހުނީ ސުނާއު ނުފެނިގެން އުޅޭށެވެ. އެދުވަހަކީ ސުނާއު އަށް ޝައުފާ ފެނުނު އެންމެ ފަހު ދުވަހެވެ. ދެމީހުން އެކަކު އަނެކަކަށް ވަފާތެރިވާނޭ ކަމަށް ބުނެ އެންމެ ފަހުގެ ވެދުންތައް ކޮށްފައި ސުނާއު އެރަށުން ފުރައިފިއެވެ.

މާލެ އައިސް ފޯނެއް ހޯދައިގެން ޝައުފާ އަށް ގުޅި ވަގުތު އޭނާ ހުރީ ވެއިޓިންގައެވެ. އެކަން މާބޮޑު މައްސަލައަކަށް ނުހަދައި ސުނާއު ހުރީ ޝައުފާ އެ ކޯލު ނިންމާފައި ގުޅަންދެންނެވެ. އެއްގަޑިއިރު ފާއިތުވުމުންވެސް ޝައުފާ ހަބަރެއް ނުވުމުން ސުނާއު އަނެއްކާވެސް އޭނާ އަށް ގުޅިއިރު ހުރީ ހަމަ ވެއިޓިންގައެވެ. ކުރާ މެސެޖުތަކަށް ރިޕްލައި އެއް ނާދެއެވެ. ނަމަވެސް ސުނާއު ދިޔައީ ހުއްްޓުމެއް ނެތި ޝައުފާ އަށް ގުޅަމުންނެވެ. އޭގެ 5 ވަރަކަށް ގަޑިއިރު ފަހުން ޝައުފާ އަށް ގުޅުމުން އޭނާ ކޮންމެވެސް ފިރިހެނަކާއި ކޮންފަރެންސް ހެދި ކަމަށް ސުނާއު ބުނެއެވެ. ނަމަވެސް ކޮންފަރެސް ހަދާފައި ވާހަކަ ދެއްކީ ޝައުފާ އެއް ނޫނެވެ. ސުނާއު އަށް ވުރެން މާބޮޑު ފިރިހެނެކެވެ.

"އެ ފިރިހެން މީހާ ބުނީ ޝައުފާ އަށް ނުގުޅުމަށް. އަހަރެން އޭނާ ކިޔާ އެއްޗަކަށް އަޅާ ނުލާ ޝައު އަށް ގޮވަމުން ދިޔައީ. އެކަމު ޝައު ނުބުނޭ އެއްވެސް އެއްޗެއް. އޭރު އަހަންނަށް ހުރީ ރޮވިފަ. އަޑުންވެސް އިނގޭނެ ރޮވިފަކަން ހުރީ. އެންމެފަހުން އަހަންނަށް ކެތް ނުކުރެވިގެން ފޯނު ކަނޑާލީ" ސުނާއު ބުނެފައިވެއެވެ.

ސުނާއު ރަށުން ފުރުމާއި އެކު ޝައުފާ އެހެން ލޯބިވެރިޔަކު ހޯދައިފިއެވެ. ނަމަވެސް ސުނާއު އޭރުވެސް ޝައުފާ ދެކެ އިންތިހާ އަށް ލޯބިވެއެވެ. އޭގެ ފަހުން ޝައުފާ އެ މީހާ އާއި ރުޅިވެ އަނެއްކާވެސް އެނބުރި ސުނާއު ކައިރިއަށް އައެވެ. ނަމަވެސް ދުވަސްކޮޅަކު އުޅުމަށް ފަހު އޭނާ ސުނާއު ދޫކޮށްފައި ދިޔައީ ކީއްވެގެން ކަމެއް ޙުދު ސުނާއު އަކަށްވެސް ނޭނގެއެވެ. އެތައް އަންހެނުންތަކަކާއި ސުނާއު އެފަހުން ރައްޓެހިވި ނަމަވެސް ޝައުފާ މަތިން ހަނދާން ނައްތަލައެއް ނުލެވެއެވެ.

ޝައުފާ އޭގެ 2 ވަރަކަށް އަހަރު ފަހުން ސުނާއު ކައިރީ މައާފަށް އެދުނެވެ. ސުނާއު އަށް އަޑުއިވިފައި އޮތް ގޮތުން ޝައުފާ އޭރު އުޅެނީ ރަށު ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކާއި ލޯބީގެ ގޮތުން ގުޅިިގެންނެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ޝައުފާ ވަނީ އެހެން މީހަކާއި ކައިވެނިވެސް ކޮށްފައެވެ.

ސުނާއި އެ ދުވަހު ރަށުން ފޭބި ގޮތަށް އަދިވެސް އޭނާގެ އަމިއްލަ ރަށަކަށް ނުދެއެވެ. މިހާރު އެތައް އަހަރެއް މިވަނީ ފާއިތުވެގެން ގޮސްފައެވެ.

މިހާރު ޝައުފާ އަކީ ދީންވެރި، ފަސް ވަގުތު ނަމާދު ކުރާ އަންހެނެއް ކަމަށް ސުނާއު ބުނެއެވެ. އެ ދެމީހުން މިހާރު ވާހަކަ އެއް ނުދައްކައެވެ. ސުނާއު ޝައުފާ އަށް ފަހު އަތުގެ އިނގިލިތަކުން ގުނައި އަދަދު ނުކުރެވޭހާ އަންހެނުންނާއި ރައްޓެހިވި ނަމަވެސް ޝައުފާ ދެކެ ވެވުނު ލޯބި އެހެން މީހަކު ދެކެ ނުވެވެއެވެ.

އެއީ ކީއްވެގެންތޯ ސުނާއު އޭނާގެ ރައްޓެހިން ކައިރީ ވަރަށް ސުވާލު އުފައްދައެވެ. ލޯބި ވެވޭނީ އެންމެ މީހަކު ދެކެ ހެއްޔެވެ؟ ޝައުފާ ސުނާއު އަށް ގެއްލުމުން އޭނާ އަށް އެހެން މީހަކާއި އެކު އުފަލުގައި ނޫޅެވޭނެ ހެއްޔެވެ؟ އަދި މިހައިތަނަށް ސުނާއު އަށް ޝައުފާ ނޫން މީހަކާއި އެކު އުފަލުގައި އުޅެވިފައެއް ނެތެވެ. ސުނާއު ދެކޭ ގޮތުގައި އޭނާ އަކީ މި ދުނިޔެމަތީގައި ތިބި ބަދުނަސީބު ލޯބިވެރިންގެ ތެރެއިން މީހެކެވެ. ސުނާއުގެ މުޅި އުމުރު އޭނާ ހޭދަ ކުރަން ޖެހޭނީ އެފަދަ ގޮތަކަށް ކަމަށް އޭނާ ދެކެއެވެ. އެ ދެމީހުން ބައްދަލު ކޮށް ހެދި ހޮޅުއަށިވެސް މިހާރު ނެތެވެ. ރަށް ގިރުމުގެ ހާދިސާގައި އެތަން ވަނީ އެއްކޮށް ގިރިގެން ގޮސްފައެވެ. ޝައުފާ އާއި ސުނާއުގެ ލޯބީގެ ރަމްޒު ގިރިގެން ދިޔަ ފަދައިން އެމީހުން ވި ލޯބިވެސް ވަނީ ގިރިގެން ގޮސްފައެވެ. ސުނާއު އަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހަމަ ނެތީ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

    10
    2
  2. ހަޒޫ

    މަޟާ އިންނަން ވީނު! އޭރަށް އޭނަ މަތިން ހަނދާންނެތޭ ވަރަށް ލޯބި ދޭނަން. ?

    13
    • ދަބޯރަތޭ

      ތަމެން ބުނާ ފަސޭހަ އުސޫލުން ތިޔާ ކަން ކުރެވެން ނޯންނާނެއޭ ތަމެން އުޅޭ ގެދޮރަށް ދަންދެން ލޯން ނަގައިގެން އުޅެނީ އެމެންނާއި އެކުވެގެންނޭ ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް ދޭބަލަ...

      1
      8