ދިރިއުޅުމަކީ އިމްތިޙާނެކެވެ. މާތްﷲ ދުނިޔެއަށް އިންސާނުން ފޮނުއްވީ އިމްތިޙާން ކުރުމަށްޓަކައެވެ. އަދި މިދުނިޔޭގައި ދިރިއުޅުމުގެތެރެއިން ބައެއްފަހަރު ދިމާވާ ބިޔަކޮޅިގަނޑުން ސަލާމަތްނުވެވި، އެކޮޅިގަނޑުން ސަލާމަތްވާން ވަރަށްގިނަ ދުވަސްތައް ހޭދަކުރަންޖެހޭއެވެ. މިގޮތުން މާލެއަށްއުފަން އަޙުމަދު ޝުޖޫތު 30، އަކީވެސް ދިރިއުޅުމުގައި ގިނަކަންތައްތަކެއް ތަހައްމަލު ކުރަމުންދާ ބަލިމީހެކެވެ. ކުޑައިރުއްސުރެ ލޭގައި އިންފެކްޝަން އުފެދި، ހަށިގަނޑުގައި އެކިގުނަވަންތައް ވަނީ ދުޅަވެފައެވެ. ގައިގައި ރިއްސާ ހަށިގަނޑުގައި ބިހިތައްނަގާތީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ވިދާޅުވެފައި ވަނީ، އެއީ ހަށިގަނޑުގައި އުފެދޭ ޖަރާސީމެއްގެ ސަބަބުން ވާކަންތަކެއް ކަމަށެވެ. އަދި މިގޮތަށް ދުވަސްތަކެއް ހޭދަކުރަމުން ގޮސް ވޭތުވެދިޔަ ދެތިން މަސްދުވަސް ތެރޭގައިވަނީ އާދަޔާ ޚިލާފު ކަންތަކެއް ފާހަގަ ކުރެވިފައެވެ.

"ވަގުތު" އާއި މައުލޫމާތު ހިއްސާކުރަމުން އަހުމަދު ޝުޖާތުގެ އަންހެނުން ޝަރުމީލާ އާދަމް ބުނީ މިފަހަކަށްއައިސް ޝުޖާތުގެ ބަނޑުގައިރިއްސާ ދެފައިތިލަ ދުޅަވާކަމަށާ އަދި ނޭވާލާން އުދަގޫވެ އާދަޔާ ޚިލާފަށް ލޯ ދުޅަވުމާއި ހާސްވާކަން ފާހަގަކުރެވޭކަމަށެވެ.

"ބަނޑުގައިރިއްސާ ބޯއަނބުރާ ނޭވާލާން ވަރަށް އުނދަގޫވޭ. ޑޮކްޓަރަށް ދެއްކީމާ ޑޮކްޓަރު އޭރު ބުނަމުންދިޔައީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް. މި ތިންމަސްތެރޭގާ މާބޮޑަށް ޝުޖާތު ބަލިވުމުން ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައްހެދީ. އެހެންނަމަވެސް ޓެސްޓްތަކުން މިވަނީ ކިހިނެއްކަމެއް އެގިފައިނުވޭ. އަދި އެދެވޭ ނަތީޖާއެއް ލިބިފައެއް ނުވޭ. ކޮންމެދުވަހަކު ޑޮކްޓަރަށް ދެއްކީމާ ޑޮކްޓަރުން ދޭނީ ޕެއިންކިލާ އިންޖެކްޝަންތަކާ ބޭސްތައް." ޝަރުމީލާ ބުންޏެވެ.

އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސާ ސަބަބު ދެނެގަތުމަށްޓަކައި އައި.ޖީ.އެމް.އެޗް އިން ވަނީ ޓެސްޓުތަކެއް ވެސް ހަދާފައެވެ. ނަމަވެސް އެ ޓެސްޓު ތަކުން އެއްވެސް މައްސަލައެއް ފެނިފައިނުވެއެވެ. އެހެންނަމަވެސް އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުން ޓެސްޓްހެދުމުން، ޝުޖާތުގެ ކިޑްނީގައި ހިލަ އުފެދިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އިންޑިޔާގައި ހުރެ މިކަމަށް ބޭސް ކުރުމަށްފަހު، ރާއްޖެ އައިސް މާ ގިނަ ދުވަސްތަކެއް ނުވެ، އަނެއްކާވެސް ނޭވާލާން އުނދަގޫވިއެވެ. އެހެންކަމުން، ޝުޖާތުގެ ނޭވަޔަށް ދިމާވާ މައްސަލަ އަށް ހައްލު ހޯދުމަށް ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލަށް ދާންޖެހެއެވެ. އަދި މިހާރުވެސް ތަފާތު ގިނަ އެންޓިބައޮޓިކްސް ފަދަ ބޭސްތައްވެސް ޝުޖާތު ދަނީ ބޭނުން ކުރަމުންނެވެ.

"މިހާރަކަށްއައިސް އެންޓިބައޮޓިކްސް ބޭސް ތައް އަޅުގަނޑުގެ ފިރިމީހާ އަކާ ނުގުޅޭ. ކޮންމެ ދުވަހަކުވެސް މޭގާ ރިއްސާތީ، ޑޮކްޓަރަށް ދައްކަންޖެހޭ. މިހެން ދިމާވާ ސަބަބު އަދިވެސް ހޯދިފައިނުވާތީ އަޅުގަނޑު އެންމެ ދެރަވަނީ. މިކަމާއި ގުޅޭގޮތުން، ރާއްޖެއިން ބޭރުގަ ތިބި އެތައް ސްޕްޝަލިސްޓް ޑޮކްޓަރުންނަކަށް ދައްކައިފިން. ދައްކާ ކޮންމެ ފަހަރަކު އެތައް ބައިވަރު ޓެސްޓުތަކެއް ހަދާ. ރާއްޖޭގެ އެކި ހޮސްޕިޓަލުންވެސް ގިނަ ޓެސްޓުތަކެއް ވާނީ ހަދާފައި. އޭޑީކޭ އިން ހެދި ޓެސްޓަކުން އެނގުނު ގޮތުގައި އަޅުގަނޑުގެ ފިރިމީހާގެ ލިވާގަ މައްސަލަތަކެއް އެބަ ހުރި. އަދި ލިވާގެ އިތުރު ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ." ޝަރުމީލާ ބުންޏެވެ.

ޑޮކްޓަރުން ދީފައިވާ ޓެސްޓުތައް ހެދެން އަންނަނީ ރާއްޖެއިން ބޭރަށް ގޮސްގެންކަމަށްވާތީ، ވީ އެންމެ އަވަހަކަށް ޝުޖާތު ރާއްޖެއިން ބޭރަށް ގެންދެވޭތޯ އާއިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ޓެސްޓުތައް އާސަންދައިގެ ދަށުން ހެދުމަށްޓަކައި، އާސަންދަވެސް މިހާރު ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިކަމުގައި ރާއްޖެއިން ބޭރުގައި ހޭދަވާނީ ކިހާ ދުވަހެއް ކަމެއް ބުނެދޭކަށް ނޭނގެއެވެ.

"އަޅުގަނޑަކީ އަޅުގަނޑުގެ ފިރިމީހާއަށް ލިބޭ އެއްޗަކުން ދިރިއުޅެމުން، އާއިލާއެއް ބަލަހައްޓަމުން ދާ މީހެއް. އަޅުގަނޑުގެ ފިރިމީހާގެ ބަލިހާލަތު ހުރިގޮތުން ރަގަޅަށް ވަޒީފާ އަދައެއް ނުކުރެވޭ. ކަންމިހެން ހުރުމާއެކު އަޅުގަނޑުގެ ފިރިމީހާގެ މުސާރަވެސް އެއްވެސް މަހަކު ހަމައަކަށް ނުލިބޭ. އެހެންކަމުން ރާއްޖޭން ބޭރުގަ ތިބޭ ދުވަސްތަކުގަ ހިނގާ އަސާސީ ޚަރަދުތައް ހަމަޖެއްސުމަށް އަޅުގަނޑުމެން މިވަނީ އެހީ އަށް ބޭނުންވެފައި. ކެއުމާއި ހުރުމުގެ ކަންކަން ހަމަޖެހެން ނެތުމުން އަދި ނުފުރިފައި އަޅުގަނޑުމެން މި ތިބީ. އަޅުގަނޑުމެން އެދެނީ ކޮންމެ ބޭފުޅަކުވެސް ވީ ވަރަކުން އެހީތެރިކަމެއް އަޅުގަނޑުމެންނަށް ދެއްވުން. އެއީ ގެއްލިގެން ދާނެ އެއްޗެއް ނޫން. އިރާދަކުރެއްވިއްޔާ އޭގެ ބަދަލު ﷲ ދެއްވާނެ." ވަރަށް އަސަރާއި އެކު ޝަރުމީލާ ބުންޏެވެ.

ރާއްޖެއިން ބޭރުން، ޝުޖާތު ހަދަންޖެހޭ ޓެސްޓުތަކެއް ހެދުމަށް އެ އާއިލާ އެ ވަނީ ތިޔަބޭފުޅުންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އާސަންދައިން ބޭހުގެ ޚަރަދުތައް ލިބޭގެގޮތް ހަމަޖެހިފައި އޮތް ނަމަވެސް، ރާއްޖޭއިން ބޭރުގައި ތިބޭ ދުވަސްތަކަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށް ފައިސާގެ އެހީއަށް އެ އާއިލާ ވަނީ ބޭނުންވެފައެވެ. މިކަމުގައި ރާއްޖޭން ބޭރުގައި ހޭދަކުރަންޖެހޭނީ ކިހާ ދުވަހެއްކަމެއްވެސް ބުނާކަށް ނޭނގެއެވެ. އެހެންކަމުން، ޝުޖާތަށް ދިމާވެފައިވާ ޙާލަތުން އަރައިގަނެވެން އަންނަނީ ތިޔަ އެންމެހާ ބޭފުޅުންގެ ފަރާތުން ދީލަތި އެހީތެރިކަމެއް ލިބިގެންނެވެ.

"ފައިސާގެ އެހީތެރިކަމެއް ވެދެވެން ނެތް ފަރާތެއް ވާ ނަމަ، ޝުޖާތުގެ އެ ބަލިން އޭނާ ސަލާމަތްވޭތޯ، ﷲ ގެ ޙަޟްރަތަށް ދުޢާކޮށްދެއްވާ. އަޅުގަނޑުމެން އެންމެންގެ ދުޢާ އަކީވެސް ޝުޖާތަށް އަވަސް ޝިފާއެއް ލިބުން. ﷲ އެއްވެސް އިންސާނަކަށް ދެރަ ގޮތެއް މިންވަރު ނުކުރައްވާނެ." ޝަރުމީލާ ބުންޏެވެ.

އަދި މިކަމުގައި ފާއިސާގެ އެހީތެރިކަމެއް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން

ބީ.އެމް.އެލް އެކައުންޓް ނަމްބަރ 101 441020 7704 ޝަރުމީލާ އާދަމް

އިސްލާމިކް ބޭންކް އެކައުންޓް ނަމްބަރ 906 03 10061594 1000 ޝަރުމީލާ އާދަމް

އިތުރުމައުލޫމާތު ހޯދުމަށް (7999203 , 7319614) ޝަރުމީލާ އާދަމް

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން