މަންމައެއްގެ ލޯތްބަކީ ދުނިޔެ މަތީގައި ލެއްވި އެންމެ ބޮޑު ނިއުމަތެވެ. އުފަންވާއިރުން ފަށައިގެން އެމައިމީހާގެ ލޯތްބަށް ފެންބޮވައިގަނެފައިވާ އެތައް ބަޔަކު އެބަތިއްބެވެ. އެކި މީހުންނަށް ﷲ މިންވަރު ކުރައްވަނީ އެކި ގޮތްގޮތެވެ. އުމުރުން ހަގުކޮށް ތިއްބައި މައިމީހާ ދުނިޔެއިން ވަކިވެގެން ގޮސްފައިވާ އެތައް ބަޔަކު އުޅެއެވެ. އަދި މައިމީހާ މަރާއި ހަނގުރާމަ ކުރަމުން ދާއިރު އެމައިމީހާގެ ހައްގުގައި އެހީ ހޯދުމަށް މަސައްކަތް ކުރާ އެތައް ހީވާގި ދަރިންނެއް އުޅެއެވެ.

ހަދަރިންގެ މަންމައެއް ކަމުގައިވާ ލ.މާވަށު ހާއްވާ ޔޫނުސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް މާލެއައީ އަލާމާތްތަކެއް ފެންނަން ފެށުމުންނެވެ. އެެހެން ނަމަވެސް އެއީ ކެންސަރަށް ވެދާނެ ކަމުގެ ކުޑަ ވިސްނުމެއްވެސް އޭނާގެ ނެތެވެ. ފެންނަމުން ދިޔަ އަލާމާތްތަކުގެ ސަބަބުން ދެއްކީ ކްލިނިކެއްގައި އިން އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށެވެ. އެޑޮކްޓަރު ދިނީ ދުވަހަކުވެސް އަޑުއަހަން ބޭނުން ނުވި ސިހުން ގެނުވަނިވި ޖަވާބެއް ކަމަށް ހައްވަ "ވަގުތު" އަށް ހިއްސާކުރިއެވެ.

"ދައްތަ މާލެ ދިޔައީ ބައްޔެއްގެ އަލާމާތްތައް ފެންނަން ފެށީމަ. އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދެއްކީ ފެނުނު އަލާމާތްތަކުގެ ސަބަބުން. އެއްމެ ފުރަތަމަ ބެއްލެވުމަށްފަހުވެސް ޑޮކްޓަރު ދެއްވީ ދުވަހަކު އަޑު އަހަން ބޭނުން ނުވާ ވާހަކައެއް. ދައްތަ މިހުރީ ކެންސަރު ޖެހިފައޭ ބުނީމަ ދިޔައީ ސިއްސައިގެން" ހައްވަ ހިތާމައާއި އެކު ކިޔައިދިނެވެ.

ހައްވަގެ ދަރިއެއް ކަމުގައިވާ އަބްދުﷲ ޔޫނުސް "ވަގުތު" އަށް ކިޔައިދިން ގޮތުގައި މަންމަގެ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ފުރީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ފަރުވާ ހޯދަމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ކަމަށާއި، ޑޮކްޓަރުން ލަފާދެއްވީ އިންޑިއާގައި މަޑުކޮށްގެން ފަރުވާ ދިނުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އިންޑިއާގައި މަޑުކޮށްގެން މަންމަ އަށް ބޭސް ފަރުވާ ކުރެވޭހާ މާލީ ތަނަވަސްކަން ނެތް ކަމަށް އޭނާ ކިޔައިދިނެވެ. މިއަދާ ހަމަޔަށްވެސް ބައެއް ފަރާތްތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި އެފަރާތްތަކަށް "ހިތުގެ އެންމެ ފުންމިނުން ޝުކުރު" އަދާކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.

ހައްވަގެ ބައްޔާއި ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 9805713 ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް (7704519717001 - އަބްދުﷲ ގާސިމް) އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހައްވަ އާއި އޭނާގެ ދަރިން އެދެއެވެ.

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން