އެހެން މީހެއްގެ ހާލަތު ގަލަމަކުން ބަޔާންކޮށްދިނުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް އެބައެއްގެ އިހްސާސްތައް ދެނެގަންނަން މަސައްކަތް ކުރިޔަސް، އެފަދަ ހާލަތެއް ދިމާނުވަނީސް އެކަން ފަހުމުކޮށްދޭން ދަތިވާނެކަން ކަށަވަރެވެ.

ލ.ފޮނަދޫއަށް އުފަން އުމުރުން 26 އަހަރުގެ އިބްރާހިމް އިނާސް އެދަނީ އޭނާގެ ދެ ކިޑްނީ ފެއިލްވެ، ވެދާނެ ގޮތަކާމެދު ވިސްނާ ފިކުރުކޮށް، އުންމީދުގެ ހުޅުކޮޅެއްގެ އިންތިޒާރުގައެވެ. ކިޑްނީއެއް ހަދިޔާކުރާނޭ މީހެއް ފެނޭތޯ ބަލަމުންނެވެ. ހަމަ ގައިމުވެސް އަމިއްލަ ދަރިފުޅު މި ބަލީގައި ހަނގުރާމަ ކުރާތަން ބަލަން އެއްވެސް މަޔަކަށް ކެތެއް ނުވާނެއެވެ.

މިއަދު އިނާސްއަށް ކިޑްނީ ދިނުމަށް އޭނާގެ މަންމަ ހުރީ ހަމަ ތައްޔާރަށެވެ. އުއްމީދު ގެއްލިފައިވާ އިނާސްގެ ހަޔާތަށް އަލިކަމެއް ލިބިގެން ދިޔައީ އޭނާގެ މަންމަގެ ލޭގެ ގްރޫޕް މެޗްވެ އޭނާގެ މަންމަ ކިޑްނީ ދޭން އެއްބަސްވި ހިސާބުންނެވެ.

ޑައިލެސިސް ހެދުމަށް އެޑްމިޓްކުރެވިފައި

ފޮނަދޫގައި އަބަދުވެސް ހެލިފެލިވެ އުޅޭ އިނާސް ކިޑްނީގެ ބައްޔަށް ފަރުވާ ކުރަމުންދާތާ 5 އަހަރު ވެއްޖެއެވެ. އެހެނަސް ދެ ކިޑްނީ ފެއިލްވި ހަބަރާ އެކު އޭނާ އުޅެމުން އައި އުފާވެރި ދިރިއުޅުމަށް އަނދިރިކަމެއް ވެރިވިއެވެ. ނަމަވެސް އިނާސް އުއްމީދު ކަނޑައެއް ނުލައެވެ.

އިނާސް އަކީ އިރެއްގައި ގަދަފަދަ ހަށިގަނޑެއްގެ ވެރިއެކެވެ. ޒުވާން ޖޯޝުގައި ބުރަކޮށް މަސައްކަތްކުރި މަޖާ، ހަރަކާތްތެރި ޒުވާނެކެވެ. ހިއްވަރު ހުރި ވަރުގަދަ ޒުވާނެކެވެ. ނަމަވެސް އިނާސްގެ މުޅި ދިރިއުޅުން މިއަދު ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އޭނާ ތަހައްމަލުކުރަމުން އެދަނީ ކަރުނައާއެކު ހިތްދަތި އެކަނިވެރި ދިރިއުޅުމެކެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، އުމުރުން 26 އަހަރުގައި ފޭލުވި ދެ ކިޑްނީއާއެކު އެ ޒުވާނާގެ އުފާވެރި ދުނިޔެ ވެސް މުޅިން ބަދަލުވީއެވެ.

އަމިއްލަ މަސައްކަތް ކުރަމުން އަންނަ މި ޒުވާނާ މާބޮޑަށް ވަރުބަލިވެ ހާސްވާތީ ޑޮކްޓަރަށް ދައްކާލައި ޓެސްޓުތަކެއް ހެދުމުން ޑޮކްޓަރުން ދިނީ ބޮޑު ޖަވާބެކެވެ. އެއީ 58 ޕަސެންޓްގެ މަސައްކަތް އޭރުވެސް ހުއްޓިފައިވާ އޭނާގެ ދެކިޑްނީ މާ އަވަސް ސްޕީޑެއްގައި ފެއިލްވަމުންދާ ކަމުގެ ބިރުވެރި ހަބަރެވެ. އެއާއެކު މާލެއަށް ގޮސް އައިޖީއެމްއެޗުން ފަރުވާ ހޯދަން ފެށި އެވެ. އިތުރު ފަރުވާއަށް އިންޑިއާއަށްވެސް ދިޔައެވެ. މާގިނަ ދުވަހެއް ނުވެ ހަމަ އެ އަހަރު ދެ ކިޑްނީ މުޅިން ފޭލުވެ، މީހާގެ ސިއްހަތު ދަށަށްދާން ފެށިއެވެ.

ކިޑްނީ ފެއިލްވީކަން އެނގުމުން ދެތިން ފަހަރުމަތިން އިންޑިއާއަށް ގޮސް އެކި ޑޮކްޓަރުންނާ އާއިލާއިން މަޝްވަރާކުރިއެވެ. ހުރިހާ ޑޮކްޓަރުންވެސް ދޭ ހަމަ އެކަނި އުންމީދީ ޖަވާބަކީ ކިޑްނީއެއް ޓްރާންސްޕްލާންޓް ކުރުމެވެ. އެހެންނަމަވެސް އެކަމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީ، އެ އާއިލާއިން މިވަނީ ތި އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. މިވަގުތު ތިޔަ ބޭފުޅުންގެ ފަރާތުން ދިއްކޮށްލާ ކުޑަ މިންވަރެއްގެ އެހީތެރިކަމަކީ ވެސް އެ އާއިލާއަށް މާލީގޮތުން ވެދެވޭ ބޮޑު އެހީއަކަށް ވާނެއެވެ.

ޑޮކްޓަރުގެ ލިޔުން

އިބްރާހިމް އިނާސްގެ އާއިލާ އަށް ފައިސާގެ އެހީއެއް ވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ފައިސާ ނަމަ 7707487809101 ( އިބުރާހީމް އިނާސް ) އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ. އަދި ޑޮލަރުން އެހީވާން ބޭނުންނަމަ 7770000000947 ( އިބުރާހީމް އިނާސް) އެކައުންޓަށް ޑޮލަރު ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ.

އަދި އިތުރު އެއްވެސް މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ 9658485 (އިބްރާހިމް އިނާސް) އަށް ގުޅުމަށް އާއިލާ އިން އެދެއެވެ.

މާތް ﷲ އިބްރާހިމް އިނާސްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ، އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާންދޭވެ. އާމީން!

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

    45
  2. ޜަނާ

    ޓްރާންސް ޕްލާންޓް އޮޕަރޭޝަން ގެ ޚަރަދު ސަރުކާރުން ދޭ ކަމަށް އެގިފައިވަނީ

  3. ދަރަވޭ

    އަވަސް ޝިފާ އެއް މާތްﷲ މިންވަރު ކުރައްވާށި! އާމީން