ބެޑްމިންޓަނަކީވެސް ދިވެހީންނަށް ނޭނގޭ ނުވަތަ ދިވެހީންނާ ދުރު ކުޅިވަރެއް ނޫނެވެ. މި ކުޅިވަރަކީވެސް ރާއްޖޭގައި ހަލުވި މިނެއްގައި ފުޅާވެ ތަރައްޤީވަމުން އަންނަ ކުޅިވަރެކެވެ. އެހެން ކުޅިވަރުތަކެކޭ އެއްފަދައިން، ބެޑްމިންޓަނަކީވެސް އެކުޅިވަރެއްގެ ސަބަބުން، އިންސާނާގެ ހަށިގަނޑަށް އެދެވޭ ފައިދާތަކަކާއި ހެޔޮ ބަދަލުތަކެއް ގެނެސްދޭ ކުޅިވަރެކެވެ.

ޞިއްޙީ މާހިރުން ވިދާޅުވާގޮތުގައި ބެޑްމިންޓަން ކުޅުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ޖިސްމާނީގޮތުން ބޮޑެތި ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. ކުޅިވަރުގެ ތެރެއިން ހަށިގަނޑަށް އެތައް ކަސްރަތެއް ލިބޭއިރު، ރަނގަޅަށް ގަޑިއިރެއްހާއިރު ވަންދެން މި ކުޅުވަރު ކުޅެފިކަމުގައިވާނަމަ އާއްމުގޮތެއްގައި ގަޑިއިރަކު 450 ކެލޮރީސް އަންދާލާނޭކަމަށްވެސް މާހިރުން ވިދާޅުވެއެވެ.

ހަމައެހެންމެ، ބެޑްމިންޓަން ކުޅުމަކީ ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދޭ ކަމެއްވެސްމެއެވެ. މަސްތައް ވަރުގަދަވުމުގެ އިތުރުން ފްލެކްސިބަލްވެސްވާއިރު، މިއީ ހަށިގަނޑުގެ ބުންވަރުވެސް ރަނގަޅުކޮށްދޭ ކުޅިވަރެކެވެ.

މީގެއިތުރުން، އަތާއި ފައި އެއްވަރަކަށް ބޭނުންކޮށްގެން ކުޅެންޖެހޭ މި ކުޅިވަރުގެ ސަބަބުން، އުމުރުން ދުވަސްވުމުން ކަށިތަކުގެ ޖޮއިންޓުތަކަށް ދިމާވާ މައްސަލަތަކުންވެސް ދުރުވާއިރު މީހާ ހަލުވިކޮށްދީ އާތްރިޓިސްފަދަ މައްސަލަތަކުންވެސް ދުރުކޮށްދޭކަމަށް މާހިރުން ވިދާޅުވެއެވެ.

ބަރުދަން ލުއިކުރުމަކީ މިހާރަކަށްއައިސް އެތައް ބަޔަކު ބޭނުންވާކަމަކަށްވާއިރު އަދި އެކަންކުރާނޭ ރަނގަޅު ގޮތެއް ގިނަ ބަޔަކަށް ނުވިސްނޭއިރު، ބެޑްމިންޓަން ކުޅުމަކީވެސް ބަރުދަން ލުއިކުރުމަށް ކުރެވިދާނޭ ކަންކަމުގެ ތެރެއިން އެއް ކަމެކެވެ.

ބެޑްމިންޓަން ކުޅުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ އެހެން ފައިދާތަކަށްބަލާއިރު ހަކުރުބަލި ޖެހުމުން ދުރުކޮށްދިނުމާއި ހަކުރުބަލި ޖެހިފައިވާ މީހުންނަށް އަރާމު ދިރިއުޅުމެއް އުޅުމަށް، ބެޑްމިންޓަނަކީ ރަނގަޅު ކުޅިވަރެއްކަމަށްވެސް ބައެއް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. އެގޮތުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، އެ ދިރާސާގައި ބައިވެރިވި ހަކުރުބަލި މީހުންގެ ތެރެއިން 58 އިންސައްތަ މީހުންނަށް ބޭސް ބޭނުންކުރުމަށްވުރެ ރަނގަޅީ ބެޑްމިންޓަން ނުވަތަ އެފަދަ އެހެން ކުޅިވަރެއް ކުޅުމެވެ.

މި ކުޅިވަރުގެ ސަބަބުން ހަށިގަނޑަށް ޖިސްމާނީގޮތުން އެތައް ފައިދާތަކެއްކުރާއިރު، މި ކުޅިވަރުގެ ސަބަބުން ހަށިގަނޑަށް ނަފްސާނީގޮތުންވެސް އެތައް ފައިދާތަކެއް ކުރެއެވެ. އެގޮތުން ސްޓްރެސްވުމާއި އެންޒައިޓީފަދަ ނަފްސާނީ މައްސަލަތަކުން މީހުން ދުރުކޮށްދެއެވެ. އަދި، މި ކުޅިވަރަކީ ދެމީހުން ނުވަތަ ހަތަރު މީހުން އެއްކޮށް ކުޅޭ ކުޅިވަރަކަށްވުމުން، މިއީ އިޖުތިމާޢީ ގޮތުންވެސް ރަނގަޅު ކުޅިވަރެއްކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ.

ބެޑްމިންޓަނަކީ ހިތުގެ މައްސަލަތަކާއި ލޭ މައްޗަށްދިޔުން އަދި ކޮލެސްޓްރޯލްގެ މައްސަލަތައް ކުރިމަތިވުމުން ދުރުކޮށްދޭ އަދި އެފަދަ ބަލިތައް ތަހަންމަލުކުރަމުންދާ އަދި ކޮށްފައިވާ ފަރާތްތައްވެސް، ކަސްރަތުކުރުމަށް ކުޅުމަށް ރަނގަޅު ކުޅިވަރެކެވެ. އެގޮތުން މި ކުޅިވަރުގެ ސަބަބުން ޓްރިގްލިސެރައިޑް ލެވެލް ދަށްކޮށްދޭތީ ހިތުގެ މައްސަލަތައް ޖެހުމުން ދުރުކޮށްދޭކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.

ADS BY ASTERS

Comments are closed.