ރާއްޖޭގައި ހައްދާ ނޫޅުންކަމުގައިވިޔަސް، ކިވީއަކީވެސް ރާއްޖޭގައި ބާޒާރުން ލިބެންހުންނަ މޭވާއެކެވެ. އެހެން މޭވާތަކެކޭ އެއްފަދައިން، ކިވީއަކީވެސް ހަށިގަނޑަށް އެތައް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ކިވީއަކީވެސް ހަށިގަނޑުގެ އެކި ނިޒާމުތަކުގެ މަސައްކަތްކަކަށް ބޭނުންވާ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެއްވެސްމެއެވެ.

ޞިއްޙީ ހޯދުންތަކުން ދައްކާގޮތުގައި ކިވީއަކީ ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭ މޭވާއެކެވެ. އެ މާއްދާއަކީ އިންސާނާގެ ހަންގަނޑާއި ދަތާއި ލޮލުގެ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރި މާއްދާއެކެވެ. އެހެންކަމުން، މި ގުނަވަންތަކުގެ ދުޅަހެޔޮކަމަށް ކިވީއަކީ މޮޅު މޭވާއެކެވެ.

ހަމައެހެންމެ، ކިވީއަކީ ވިޓަމިން ސީ އިން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ މޭވާއެއްވެސްމެއެވެ. އެންމެ ކިވީ ޖޫސް ތައްޓަކުން، އާދައިގެ އޮރެންޖަކަށްވުރެ ފަސް ގުނަ އިތުރަށް ވިޓަމިން ސީ، ހަށިގަނޑަށް ލިބޭކަމަށްވެސް މާހިރުން ވިދާޅުވެއެވެ. އެހެންކަމުން، އަރިދަފުސް ރޯގާފަދަ ބަލިތަކުން ސަލާމަތްވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް މިއީ އެފަދަ ދެވަނައެއް ނެތްފަދަ އެއްޗެކެވެ.

 

 

ލޭ މައްޗަށް ދިޔުމުން ދުރުވުމަށާއި ރެޑް ބަލްޑް ސެލްތައް އުފެއްދުމަށާއި ސިކުނޑީގެ ތަރައްޤީއަށް އަދި ތުއްތުކުދިންގެ ޞިއްޙީ ތަރައްޤީއަށް ވިޓަމިން އީ އާއި ޕޮޓޭޝިއަމަކީ ވަރަށް ބޭނުންތެރި މާއްދާތަކަކަށްވާއިރު ކިވީއަކީ އެ މާއްދާތައްވެސް އެކުލެވޭ މޭވާއެއްކަން ފާހަގަކޮށްލެވެއެވެ. އަދި، މި މޭވާއަކީ ވިޓަމުން ބީ6 ވެސް އެކުލެވޭ މޭވާއެއްކަމުން މިއީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ މޭވާއެއްކަމަށް ހޯދުންތަކުން ދައްކައެވެ. ވިޓަމުން ބީ6 ކިވީގައި އެކުލެވޭތީ، މި މޭވާއަކީ މާބަނޑު މީހުންނަށާއި ކިރުދޭ މައިންނަށް ވަރަށް ފައިދާހުރި މޭވާއެކެވެ.

ކިވީގެ އިތުރު ޞިއްޙީ ފައިދާތަކަށް ބަލާއިރު އޭގައި އެކުލެވޭ ފޮލޭޓަކީ ބަރތް ޑިފެކްޓަކުންނާއި ހިތުގެ ބަލިތަކުން އަދި ކެންސަރުފަދަ ބަލިތަކުންވެސް ދުރުކޮށްދޭ އެއްޗެކެވެ.

ADS BY SHEESHA

އެހެންކަމުން، މިއީވެސް ބޭނުންނުކޮށް ދޫކޮށްލާވަރުގެ މޭވާއެއް ނޫނެވެ.

Comments are closed.