ކޮފީއަކީ އާންމުކޮށް އެންމެންވެސް ބޮއެ އުޅޭ އެއްޗެކެވެ. އެހެން ނަމަވެސް ކޮންމެ ކަމެއްގައިވެސް ވަކި ގޮތްތަކާއި ހަމަތަކެއް އޮންނައިރު، އެކަންކަމާމެދު ނުވިސްނައިފިނަމަ ހިތި ތަޖުރިބާތަކެއް ކުރަން ޖެހެއެވެ.

އެގޮތުން ދާދި ފަހުން ހިނގި ހާދިސާއަކަށް ބަލާއިރު، އެމެރިކާގެ ސްޓޭޓެއްގައި ޒުވާނަކު ވަނީ، މާ ގިނައިން ކޮފީ ބުއިމުގެ ސަބަބުން އޯވާޑޯޒްވެގެން މަރުވެފައެވެ. ޑޭވިސް އެލެން ނަމަކަށްކިޔާ އެމީހާ މަރުވީ ގިނަ އަދަދަކަށް ކޮފީ ބުއިތާ މާގިނައިރެއް ނުވަނީހެވެ.

މިކަމާއި ގުޅިގެން ކުރިޔަށްގެންދިޔަ ތަހުޤީޤަށްފަހު އެ ސްޓޭޓްގެ ކަމާބެހޭ ފަރާތުން ނެރުނު ބަޔާނެއްގައިވެސް، އޭނާ މަރުވީ އޯވާޑޯޒް ވެގެންކަން ކަށަވަރުކޮށްދީފައިވާއިރު، އެ ބަޔާނުގައި ބުނެފައި ވަނީ މަރުވުމުގެ ކުރިން ޑޭވިސް ގިނަ އަދަދަކަށް ކޮފީ އާއި އެނާޖީ ޑްރިންކް ބޮއެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ، ކޮފީ ކޮފީއަށްފަހު އެނާޖީ ޑްރިންކް ބުއިތާ 15 މިނެޓް ފަހުން ކަމަށް އެ ބަޔާނުގައި ވެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ކޮފީއާއި އެނާޖީ ޑްރިންކް ތަކުގައިގައިވާ ކެފެއިންގެ ސަބަބުން ޑޭވިސްގެ ހިތް ވަނީ ވަރަށް ބޮޑަށް އިންފެކްޓް ވެފައެވެ. އެހެން ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެއް ކަމަށް އެފަރާތުން ބުނެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން ބުނާގޮތުގައި، ކެފެއިން ބޭނުންކުރުމުގައި ހާއްސަކޮށް ޒުވާނުން ސަމާލުވާން ޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ގިނަ ކަންކަމަށް މަގުފަހިވާއިރު ގިނަ އަދަދަކަށް ކެފެއިން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށެވެ.

ސިއްޙީ ހޯދުންތަކުން އެނގިފައިވާގޮތުގައި ގިނަ އަދަދަކަށް ކެފެއިން ހިމެނޭ ބާވަތްތައް ބޭނުންކުރުމުން ޒުވާން އުމުރުގެ މީހުންގެ ލޭގެ ޕްރެޝަރު މަތިވެ ނުރައްކާތެރި ހާލަތުތަކަށްދާން ދިމާވެއެވެ.

Comments are closed.