(އައްޑޫ ސިޓީ، ހިތަދޫ) އައްޑޫ ސިޓީގެ ފޭދޫއާއި މަރަދޫފޭދޫއާއި މަރަދޫގެ އިތުރުން ވެރިރަށް ހިތަދޫ ގުޅުވާލާފައިވާ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ ތާރު އެޅި މަގުތަކަކީ ތާރީޚީ ތަރައްޤީގެ މަޝްރޫޢުތަކަކަށް ވިޔަސް އެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެހެން ކަމެއް އޮވެއެވެ. އައްޑޫ ސިޓީގެ ވާހަކަ އަންނަ ކޮންމެ ފަހަރަކު މި ކަން ފާހަގަކުރާނެއެވެ. މި މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކެވެ. އެ އެކްސިޑެންޓްތައް ހިނގަނީ މަގުތަކުގެ ފެންވަރު ދަށް ކަމުންނޭ ވެސް ބުނެ އުޅެއެވެ. ދުއްވާ މީހުން ފަރުވާ ކުޑަ ވުމުގެ ސަބަބުން ވެސް އެކްސިޑެންޓްތައް ހިނގާ ކަމަށް ބެލެވޭއިރު، ބައެއް ފަހަރު މިފަދަ ބައެއް ހާދިސާތައް ސިހުރު ހާހޫރައާ ވެސް ގުޅުވައި ދައްކައެވެ. ކޮންމެއަކަސް މި ހިނގާ އެކްސިޑެންޓްތަކުން ކުރިމަތިވި ހިތާމަވެރި ހާދިސާތަކާ އެކީ އައްޑޫ މި އޮތީ ކަންބޮޑުވުމެއްގައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް އައްޑޫ ލިންކް ރޯޑަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގާފައިވާ އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވާ މަގެވެ. 2007 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މި މަހުގެ ކުރީ ކޮޅާ ހަމައަށް ބަލާއިރު އެ މަގުގައި 143 އެކްސިޑެންޓް ހިނގާފައިވެއެވެ. މި އެކްސިޑެންޓްތަކުގައި 16 މީހަކު މި ދުނިޔެ ދޫކޮށްފައިވެއެވެ. އަދި މި އެކްސިޑެންޓްތަކަކީ ބާރު ސްޕީޑްގައި ދުއްވައިގެން ހިނގާފައިވާ އެކްސިޑެންޓްތައް ކަން ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާއި ގުޅޭ ގޮތުން އާންމުގެ ޚިޔާލު ހޯދުމުގެ މަޤްޞަދުގައި ނުކުމެ އުޅެނިކޮށް ގިނަ ބަޔަކާއި ދިމާވެ، މިކަމާއި ބެހޭ ގޮތުން ވާހަކަ ދެއްކީމެވެ. "ވަގުތު ހޭރިޔާ" ޓީމާ ބައްދަލުވި ގިނަ އާންމުންގެ ކަންބޮޑުވުމަކީ ވެސް މަގުތަކުގެ ޙާލަތެވެ. މަގުތަކުގެ ޙާލަތު އޮންނަ ގޮތުން ދިމާވި އެކި ދަތިތަކުގެ ވާހަކަ ކިޔައިދީފައިވެއެވެ. އެކަމަކު ގިނަ ބަޔަކު ޤަބޫލު ކުރަނީ ވެސް މަގުތަކުގެ ޙާލަތަށް ބަލަހައްޓައިގެން ވެސް ތިބެވެން ނެތް ކަމެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ އެފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވަނީ ބަލަން ޖެހޭ ވަރަށް ނުބެލޭތީ އާއި ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުންނެވެ. އައްޑޫގައި ހިނގާ އެކްސިޑެންޓްތަކުގެ ވާހަކަ މިހެން ދިމާވެ ވާހަކަ ދެއްކި ކޮންމެ ފަރުދަކުހެން ފާހަގަކުރެއެވެ.

އެކްސިޑެންޓްތައް ގިނަވާ އެއް ސަބަބަކަށް ލިންކް ރޯޑްގެ ޙާލަތު!

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުން އަންނައިރު އައްޑޫގެ މަގުތަކުގެ ޙާލަތު ވެސް ވަރަށް ދެރައެވެ. ދުއްވާ އުޅަނދުފަހަރު ގިނަވެ މަގުތަކުގައި ވަޅުގަނޑުތައް ހެދިފައި ހުންނައިރު ބައެއް މަގުތައް ތަރައްޤީ ކުރުމަށް އަޅާފައިވާ ތާރުގަނޑުގެ ފެންވަރު ނެތުމުގެ ސަބަބުން އެ މަގުތައް ވެސް ހުންނަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މި ކަން މިދިޔަ އަހަރު އޮޑިޓަ ޖެނެރަލްގެ އޮފީހުން އެކުލަވާލި އައްޑޫގެ ލިންކް ރޯޑްގެ ޕާފޯމަންސްޓް އޮޑިޓް ރިޕޯޓުން ވެސް އެނގިގެންދެއެވެ. އެ ރިޕޯޓްގައި ވެސް ބުނާ ގޮތުން އެކްސިޑެންޓްތައް އިތުރުވާ އެއް ސަބަބަކީ އައްޑޫ ލިންކް ރޯޑް އޮތް ހާލަތެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެކްސިޑެންޓްތައް އިތުރުވާ އެއް ސަބަބަކީ ލިންކް ރޯޑްގައި ތާރު އަޅާފައިވާލެއް ތުނިވުމުން، އެ މަގުގައި ވަޅުގަނޑުތައް ހެދުމުންނެވެ. މަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑުގެ ބޯމިނުގައި އެއް އިންޗި ވެސް ނުހުންނަ ކަމަށް ރިޕޯޓްގައިވެއެވެ. އެ ކަމުގެ ސަބަބުން ގިނަ ސަރަހައްދުތަކުގައި އަޑިގުޑަންތަކާއި ވަޅުގަނޑުތައް ހެދިފައިވާ ކަމަށެވެ. އެފަދަ ތަންތަނުން ސަލާމަތްވުމަށް މީހުން މަގުގެ ނުގަވައިދު ފަޅިން ދުއްވާ ކަމަށާއި ބާރު ސްޕީޑުގައި އައިސް އެ ތަންތަނުން ނެއްޓެން އުޅުމުގެ ތެރޭގައި ވެސް އެކްސިޑެންޓް ހިނގާ ކަމަށް ރިޕޯޓްގައިވެއެވެ.

އައްޑޫ ހިތަދޫ ލިންކް ރޯޑުގެ ހާލަތު-- ފޮޓޯ: ވަގުތު އިމޭޖެސް

ރިޕޯޓަށް ބަލާނަމަ އާންމު ގޮތެއްގައި އައްޑޫގައި ހިނގާފައިވާ އެކްސިޑެންޓްތައް ހިނގާފައިވަނީ 12 ސަރަހައްދެއްގައެވެ. އެ ގޮތުން އެންމެ ގިނަ ކަމަށް ފާހަގަ ކޮށްފައިވަނީ އައްޑޫ ލިންކް ރޯޑްގެ ފޭދޫއާއި އެއާޕޯޓް އޮންނަ ގަމާ މެދު އޮންނަ ބުރިޖު އަދި ޖަންގްޝަން ދިމާލުންނެވެ. ދެވަނައަށް އެންމެ ގިނަ އެކްޑިސެންޓް ހިނގާފައިވާ ކަމަށް ފާހަގަކޮށްފައި އޮތީ މަރަދޫ ފޭދޫ ހަތަރު އަނގޮޅި ކަންމަތިއެވެ.

އެކްސިޑެންޓް ގިނަވާ އިތުރު ސަބަބަކަށް ވެސް ލިންކް ރޯޑް އޮންނަ ގޮތެވެ. އެއީ މަގުގައި ލެނބުންތައް ހުރުމާ އެކު އެ ލެނބުންތަކުގެ ކައިރިން ދުވެލި މަތަކުރެވޭގެ ނިޒާމެއް ނެތުމާއި ފަސޭހައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތަކުގައި އެކަން އެނގޭނެ ބޯޑުތައް ނެތުން ކަމަށް ރިޕޯޓްގައިވެއެވެ. އެ ކަން އިސްލާހު ކުރުމަށް ދުވެލިމަތަ ހަރުކޮށް، ދުވެލިމަތަ ކައިރިވާކަން އަނގައިދޭ ނިޝާނެއް ހަރުކުރުމަށް ރިޕޯޓްގައި ވަނީ އަންގާފައެވެ. އެކަމަކު މިއަދާއި ހަމައަށް އެކަން ރަނގަޅު ކުރެވިފައިވާ ކަމަކަށް ނުފެނެއެވެ.

މިފަދަ ބައެއް ކަންކަމަކީ ސަރުކާރުން ހައްލު ކޮށްދޭން ޖެހޭ ކަންތަކަށްވީއިރު، އައްޑޫ ސިޓީގެ ގިނަ ބަޔަކު ވަނީ އެކަންކަން ރަނގަޅުކޮށްދީފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކޮންމެ ސަރުކާރެއްވެސް ވެރިކަމާއި ހަވާލުވުމުގެ ކުރިން ފޮނި ހުވަފެންތައް ދައްކާކަންވެސް އެފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އައްޑޫ ސިޓީ ހިތަދޫ އާއްމުންގެ މީހަކު ވަގުތައް އިންޓަވިއު ދެނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"އެކްސިޑެންޓްތައް ގިނަވަނީ ދުއްވާ މީހުން ބަލަން ޖެހޭ ވަރަށް ނުބެލޭތީ. އެއީއެއް ނޫން ހަމަ އެކަނި މައްސަލައަކީ. މަގުތަކުގެ ހާލަތަކީވެސް މައްސަލައެއް. މަގުތަކުގެ ހާލަތަކީ އެއީ ރައްޔިތުން ހައްލު ކުރަން ޖެހޭ ކަމެއް ނޫން. އަދި ވަކި ޖަމްއިއްޔާގެ ބަޔަކުވެސް ހައްލު ކުރަން ޖެހޭ ކަމެއް ނޫން. އެއީ ސަރުކާރުން ހައްލު ކުރަން ޖެހޭ ކަންކަން. އެފަދަ ކަންކަން ހައްލު ކުރާނެ ކަމުގެ ހުވަފެންތައް ދައްކައި ވެރިކަމާއި ހަވާލުވަނީ. ވެރިކަން ލިބުމުން އެމީހަކާއި އެމީހަކު. މިއީ މިއަދުގެ ހާލަތު ހުރިގޮތް" އައްޑޫ ސިޓީން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓަށް ނަޒަރެއް

އައްޑޫ ލިންކް ރޯޑް 2001 ވަނަ އަހަރު ހެދި ފަހުން ކޮންމެ އަހަރަކު އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ އިރު، 2018 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ ހިނގާދިޔަ އެކްސިޑެންޓަކީ ގިނަ ބަޔަކު ހަނދާން ހުންނާނެ އެކްސިޑެންޓެކެވެ. އެކްސިޑެންޓް ހިނގި ތަނުގައި މީހާގެ ފުރާނަ ގެއްލިގެން ދިޔަ މި ހާދިސާއަކީ އައްޑޫގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓްގެ ގޮތުގައި ބެލެވެއެވެ.

މި އެކްސިޑެންޓްގައި ދުނިޔެ ދޫކޮށް ދިޔަ ރަޝްމު ރިޔާޒް (28 އ.) އަކީ މީހަކާ ކައިވެނިކޮށް ދަރިއަކު ވެސް ހުރި މީހެކެވެ. ލިންކް ރޯޑްގެ ކުނިކޮށި ހުންނަ ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވަމުން އައި ކާރެއްގެ ކުރީ ކޮޅުގައި ރަޝްމު ދުއްވަމުން އައި ސައިކަލު ޖެހި ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ރަމްޝް ވަނީ ކާރު ދަށުވެފައެވެ.

ރަޝްމް ނިޔާވި އެކްސިޑެންޓްގައި އޭނާގެ ސައިކަލްގައި ޖެހުނު ކާރު – ފޮޓޯ: އައްޑޫ ލައިވް
ރަޝްމް ނިޔާވި އެކްސިޑެންޓްގައި އޭނާގެ ސައިކަލްގައި ޖެހުނު ކާރު – ފޮޓޯ: އައްޑޫ ލައިވް

ރަޝްމުގެ އަތާއި ފަޔާއި ކަނދުރާ ލެނބި ބިދިފައިވެއެވެ. އޭނާގެ ހަށިގަނޑު އޮތީ ޗިސްވެފައެވެ. ލައިގެން ހުރި އަންނައުނުގެ ބޮޑު ބައެއް އިރައިގެން ގޮސް އައުރަ ނިވާ ނުވާ ވަރު ވެފައިވެއެވެ. އާންމުންގެ ބަޔަކު ނުކުމެ އޭނާގެ އައުރަ ނިވާ ކުރަން ވެސް ޖެހުނެވެ. ވަގުތުން ލިބުނު ޒަހަމްތައް ބޮޑުކޮށް އޮތުމުންނާ ވެސް އެކު، ފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާ ދުނިޔެއާ ވަކިވެގެން ދިޔައެވެ. މި ހަނދާން އަދިވެސް އައްޑޫ ރައްޔިތުން އާ ކުރެއެވެ.

އެކްސިޑެންޓްތަކުން ސީރިއަސް އަނިޔާތަކެއް، ފަރުވާ ދިނުމުގައި ދަތިތަކެއް!

ނުރައްކާތެރި އެކްސިޑެންޓްތަކުގައި ވަރަށް ބޮޑަށް ޒަހަމް ވެގެން އައްޑޫގައި ފަރުވާ ނުދެވިގެން މާލެ ގެންދަން ޖެހުނީ މަދު ބަޔަކަށް ނޫނެވެ. މިފަދަ އެކްސިޑެންޓްތަކުގައި އަނިޔާވާ ގިނަ ބަޔަކު މާލެ ފޮނުވާފައިވެއެވެ. އެންމެ އެދެވޭ ފަރުވާ އައްޑޫން ނުލިބި މާލެއަށް ފޮނުވި މިފަދަ ބައެއް މީހުން ދުނިޔެ ދޫކޮށް ގޮސްފައިވެއެވެ. އިތުރު ފަރުވާ އަށް މާލެ ފޮނުވުމުގެ ކުރިން އައްޑޫގައި ފަރުވާ ދެމުން ދަނިކޮށް ވެސް ބައެއް މީހުން ދުނިޔެ ދޫކޮށް ގޮސްފައިވެއެވެ.

މިދިޔަ ފަސް އަހަރު ތެރޭގައި އައްޑޫގައި ހިނގާފައިވާ އެކްސިޑެންޓްތަކުން ދިހަކަށް ވުރެ ގިނަ މީހުން އައްޑޫއިން ފަރުވާ ނުދެވި މާލެއަށް ފޮނުވަން ޖެހިފައިވާއިރު އެއިން ބައެއް މީހުން މާލޭގައި ފަރުވާ ދެމުން ދަނިކޮށް ވެސް މަރުވުމުން އައްޑޫގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އެކްސިޑެންޓް ހިނގާ ސަރަހައްދުތަކަށް ހޮސްޕިޓަލުގެ އެމްބިއުލާންސަށް ލަހުން ދެވޭތީވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއެވެ.

ރޭގެ އެކްސިޑެންޓްގައި އަނިޔާވި މީހެއް
އައްޑޫގައި ހިނގާދިޔަ އެކްސިޑެންޓްގައި އަނިޔާވި މީހެއް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހް ވިދާޅުވީ، އައްޑޫ ސިޓީ އަކީ އެކްސިޑެންޓްތައް ގިނަ ރަށެއްކަން ފާހަގަވާ ކަމަށާއި އެފަދަ އެކްސިޑެންޓްތަކުގައި އަނިޔާ ވާ މީހުންނަށް އައްޑޫއިން ސީދާ ފަރުވާ ދެވޭނެ އިންތިޒާމު ނެތުމުން ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގެ އަސަރު ދެނެވަޑައިގަންނަވާ ކަމަށެވެ.

އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ ބަލި މީހުން މާލެއަށް ފޮނުވުމަކީ އުނދަގޫ ކަމަށް ކަމަށާއި ފްލައިޓްތައް ޗާޓަރު ކޮށްގެން މާލެ ފޮނުވަން ޖެހުމަކީ އެއީ ވަރަށްވެސް އުނދަގޫ ކަމެއް ކަން ސޯލިހް ވަނީ ފާހަގަ ކޮށްފައެވެ. އެކަންކަން ހައްލު ކުރެވެން އޮތީ ހަމަ ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުނަށް އައްޑޫއިން ފަރުވާ ދިނުމަށް ޓަކައި، އައްޑޫގެ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އެ ކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޑރ. ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރަށް އައްޑޫގައި އެކްސިޑެންޓެއް ހިނގައިފިނަމަ އެ ތަނަކާއި އެންމެ ކައިރިން އެމްބިއުލާންސެއް ލިބޭނެ ގޮތަށް އައްޑޫގެ އެކި ހިސާބުތަކުގައި އެމްބިއުލާންސްތައް އިތުރުކޮށް، އެލާޓްގައި ބޭއްވިގެން ދާނެ ކަން ސޯލިހް ވަނީ ފާހަގަކޮށްފައެވެ.

"ޗެލެންޖެސްތައް އެބަހުރި އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެން ޑިނައި އެއް ނުކުރާނަން. ރަނގަޅު ކުރަން ޖެހޭ ލަސްވުންތައް އެބަ ހުރޭ، އަޅުގަނޑުމެންގެ އެމްބިއުލާންސް ހުރި އަދަދާއި އެމްބިއުލާންސް ސްޓޭޝަން ކޮށްފައި ހުންނަ ޖެހޭ ތަންތަނާއި މި ހުރިހާ ކަމަކަށް ބަލާއިރު، އަދި އެކަށީގެންވާ ވަރަށް އެކަންތައް ރޭވިފަކާއެއް ނުއެއް ނެތޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންނަށް އެކި ލޮކޭޝަންތަކުގައި އެމްބިއުލާންސް ބެހެއްޓޭ ކަމަށް ވަންޏާ، މިހާރަށްވުރެ ރެސްޕޮންސް ރަނގަޅު ކުރެވޭނެ. އެ މަސައްކަތް އެބަ ކުރެވޭ" ޑރ. ސޯލިހް ވިދާޅުވިއެވެ.

އެކްސިޑެންޓްތައް ގިނަވެގެން ހޭލުންތެރިކަމުގެ އިތުރު ޕްރޮގްރާމްތައް!

އައްޑޫގައި އެކްސިޑެންޓް ހިނގައި އެތައް ބަޔަކު މަރުވުމަކީ އެންމެގެންވެސް ކަންބޮޑުވުމެކެވެ. ހާއްސަކޮށް އެންމެ ބޮޑަށް ކަންބޮޑުވަނީ އެކްސިޑެންޓެއް ހިނގީމައެވެ. އެފަދަ ދުވަސްވަރު މަގުމަތީގެ އަމަންކަން ބެލެހެއްޓުމަށް ތަފާތު މަސައްކަތް ކުރާތަން ފެނިގެންދެއެވެ.

އައްޑޫގައި އެކްސިޑެންޓްތައް ހިނގާތީ އެކަމަށް މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކި ފަހަރު މަތިން ވަނީ މީހުން ހޭލުންތެރި ކުރުވާފައެވެ. އެންމެ ހަނދާންވަނީ 2015 ވަނަ އަހަރު އެލައިޑް އިންޝޫރެންސް އާއި ފުލުހުން ގުޅިގެން އައްޑޫގައި "ރައްކާ" ގެ ނަމުގައި ރޯޑް ޝޯއެއް ބާއްވައި އެކި ސަރަހައްދު ތަކުގައި ބިލްބޯޑު ޖެހި ހަނދާނެވެ. އެއީ މީހުން އެކަމަށް ހޭލުންތެރިކުރުމަށް ކުރި ރަނގަޅު މަސައްކަތެކެވެ.

އައްޑޫ ސިޓީ މަގުތަުގައި ހަރުކޮށްފައިވާ ބިލްބޯޑު ހަލާކުވެފައި-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެހެން ނަމަވެސް، މި ބޯޑުތަކުގެ ކުލަ ވެއްޓި، މީގެ ބޭނުމެއް މިހާރު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޯޑުތަކުގެ ކުލަ ވެއްޓި ނުވަތަ ހަލާކުވެފައިވާ މަންޒަރު އައްޑޫގެ ފުލުހުންނާއި އިސްވެރިންނަށް ވެސް ފެންނާނެ ކަމާއި މެދު ޝައްކެއް ނެތެވެ. އެހެނަސް މިއަދާއި ހަމައަށް ވެސް އެ ބޯޑުތައް ހުރީ ހުރި ގޮތަށެވެ.

އެކްސިޑެންޓް މަދު ކުރުމަށް އޮތް ހައްލަކީ ކޮބާ؟

އައްޑޫގެ މަގުތައް އަމާން ތަނަކަށް ހެދުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ގިނަ ޝަކުވާތައް ދަނީ ހުށަހަޅަމުންނެވެ. މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ އެފަދަ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބިފައިވާކަންވެސް ހާމަކޮށްފައެވެ. އެ ޝަކުވާތަކަށް ބަލައި، މަގުގެ ހާލަތު ދިރާސާ ކުރުމަށްފަހު އާއްމު ސަލާމަތީ މިންގަނޑުތަކަށް މަގުތައް ފެއްތުމަށް ކުރަންޖެހޭ މަސައްކަތް ހަރުދަނާ ކަމާއެކު ތަންފީޒު ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

މިނިސްޓްރީން މިގޮތަށް މަގުތައް ސަލާމަތީ މިންގަނޑުތަކަށް ފެއްތުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިނަމަވެސް އަމަލުން އެކަންތައް މިހާތަނަށް ދެއްކިފައި ނުވާކަން އެއީ އައްޑޫގެ ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމެކެވެ.

މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވޭނީ ސަރުކާރުން ވަކި ކަމެއް ކޮށްގެނެއް ނޫނެވެ. އެއްގަމު އުޅަނދުތައް ދުއްވާ ފަރާތްތަކުން ގަވާއިދަށް ހުރުމައްތެރިކޮށް ހިތައި، ދުވެލި މަޑު ކުރުން މިއީ އެކްސިޑެންޓްތައް މަދު ކުރެވޭނެ ކަމެކެވެ. ގިނަ ބަޔަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ކަމަކީ އެފަދަ ކަންކަން ހަނދާން ނެތުމެވެ. އެފަދަ ކަންކަން ހަނދާނަށް އަންނަނީ ގާތްތިމާގެ މީހަކު ނުވަތަ ރަހުމަތްތެރިއަކު އެކްސިޑެންޓަކާއި ކުރިމަތިވުމުންނެވެ.

އައްޑޫ ސިޓީ މަގުތައް-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މީގެ އިތުރުވެސް ފުލުހުންގެ ޗެކްޕޯސްޓް ނުވަތަ ބެރިކޭޑް ވަކި ހިސާބުތަކުގައި ޖަހައި، ދުވެލިމަތަ ހަރު ކުރުމުންވެސް އެކްސިޑެންޓްތައް މަދުވާނެކަން ހަމަ ޔަގީނެވެ. އަދި ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ބާރު ސްޕީޑްގައި ދުއްވާ މީހުންނާއި މެދު ފިޔަވަޅު އަޅައި ވެހިކަލް ޗެކް ކުރުން އެއީވެސް މިފަދަ އެކްސިޑެންޓްތައް ހުއްޓުވިގެން ދާނެ މަގެކެވެ.

ދުވެލިމަތަ އޭ ބުނުމުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ މީގެ އަހަރެއް ނުވަތަ ދެ އަހަރު ކުރިން އައްޑޫގެ ލިންކް ރޯޑު އަދި ބޮޑު މަގުގައި ހަރުކޮށްފައިވާ ދުވެލިމަތަ މަތިންނެވެ. އެތަކެތި ހަރު ކޮށްފައި ހުރުމުން ވަކި ހިސާބަކަށް ބާރަށް ދުއްވާފައި މަޑު ކުރާ މަންޒަރު ފެނެއެވެ. އެހެން ނަމަވެސް އޭގެ ފަހުން އެ ދުވެލިމަތަ އަށް ވީގޮތެއްވެސް ނޭނގެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެފަދަ ތަކެތި ބޮލްޓް ޖަހައި މަގަށް ހަރުކޮށްފައި ހުރުމުން އާންމުންގެ ބަޔަކު ވަނީ އެތަކެތި ނައްޓާލާފައެވެ. މިއީ ވަރަށްވެސް ދެރަ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ. ތިމާގެ ރައްކާތެރިކަމަށާއި އެހެން މީހުންގެ ރައްކާތެރިކަމަށް ދުއްވާ މީހުން ސަމާލު ވުމަކީ އެއީ ވަރަށް މުހިންމު ކަމެކެވެ.

ރައްޔިތުންގެ އުއްމީދަކީ މަގުތަކަށް އަވަސް ހައްލެއް ލިބުން

އައްޑޫގެ މަގުތައް ބޭނުންކުރަން ދަތިވެ، ދަތުރުފަތުރުކޮށް ހިނގައިބިނގައިވެ ނޫޅެވޭވަރުވެފައި ވުމުގެ ޝަކުވާތައް އައްޑޫގެ ރައްޔިތުން ކުރަމުން އަންނައިރު، ހިތާމައަކީ އެ ޝަކުވާތައް އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދޭނެ އެއްވެސް ސަރުކާރެއް ނެތުމެވެ. އާބާދީ އާއި އެއްވަރަށް ހިދުމަތްތައްވެސް ދެވެން ނެތުމެވެ. މިއީ ސަރުކާރުތައް ޖަވާބުދާރީވާން ޖެހޭ ކަންކަމެވެ.

ރައްޔިތުން ދުއްވާ ވެހިކަލް ތަކަކީ ކޮންމެ އަހަރު ސަރުކާރަށް ބޮޑު ފީ އެއް ދައްކައިގެން ރޯޑު ވާދީ އާއި އަހަރީ ފީ ހައްދައިގެން ދުއްވޭ ވެހިކަލްތަކެކެވެ. އެފަދަ ތަކެތި ހަމައަށް ނެތިއްޖެއްޔާ ދުއްވާ މީހާ ޖޫރިމަނާ ކުރެއެވެ. މިއީ ގިނަ ރައްޔިތުންގެ ކަންބޮޑު ވުމެކެވެ. މަގުތަކުގެ ހާލަތު ގޯސްކޮށް ހުރިއިރުވެސް، އަހަރުން އަހަރަށް ދައްކަން ޖެހޭ ފީ ދައްކަން ޖެހޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއެވެ.

އައްޑޫ ސިޓީ ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތައް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އައްޑޫ ސިޓީއަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް އިސްކަމެއް ދީގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ސިޓީއެކެވެ. ނަމަވެސް ވެރިކަމަށް ގާތްގަނޑަކަށް ދެ އަހަރުވީއިރުވެސް އެކަށީގެންވާ މިންވަރަށް މަޝްރޫއުތައް ނުހިންގޭތީ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އައްޑޫ ރައްޔިތުންގެ އިތުރުން ހުދު، ހުރިހާ ފަރާތްތަކުންވެސް ގަބޫލު ކުރާ ގޮތުގައި ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އައިކަމުގައިވިއަސް އިސްކަމެއް ދޭން ޖެހޭނީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ރަށްތަކުގެ ތަރައްގީ އަށެވެ. އެގޮތުން މަގުތަކުގެ ހައްލަކީ މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ބަޔަކީ ޔަގީނުންވެސް މިސިޓީގެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ކޮބައި ތިތަނު މޭޔަރުގެ ފޮނި ބައިސާކޮޅެއް ތި އިންޓަވިއުގައި ހިމަނާލިނަމަ ހާދަ މޮޅުވީހޭ! ސޯލިބެ ކައުސިލްތައް ބާރުވެރިކުރުވާފިޔޯ! ދެން ކީއްވެތަ މަގުތައް ރަގަޅުނުވާންވީ!

  2. ރެފްރީ

    އެއކްސިޑެންޓްވަނީ މަގުގެގޯސްކަމަކުނޫން. މަގުންދު އްވާމީހުންގެގޯސްކަމުން.. ކީ އްވެބާ އެހެންނުލިޔަންތި އުޅެނީ ؟؟ ތިޔަމަގުތަކުގަ ރަތްދޫލަ އެޅިޔަސް ސިނގިރޭޓުން
    ދުން އަރާހާހިނދަކު އެކްސިޑެންޓް މަދުނުވާނެ!!!

  3. ހުސެން

    ތިހާ މީހުން ނުލަފާ ތަންތަނައް ހަރަދު ކުރާކައް ނުވާނެ

  4. ެއިސްމާލު

    ތިޔަ ތަނެ އއް ތަރަ އްގީ އެއް ކުރާނެ ކަމެ އްނެ އް ..ތިޔަވާނީ ބޭކާރު ކަމަކަ އް..

  5. ނަސީދު

    ހައްލު ނެތީކީ ނޫން ހައްލު ކުރަން ބޭނުންނުވަނީ ، މިހާރުވެސް ބާރައް އުޅަދު ދުއްވާ މީހުން 30 ދުވަހައްޖަލައް ލާންނިއްމަބަލަ ނުވަތަ 100000 ޖޫރިމަނާ ކޮއްލަބަލަ އޭރުން މާހައުލް ސަލާމެއްވީ ބާރައް ދުއްވާ މީހަކު ނުވެސް ފެންނާނެ

  6. ހަންކެޑެ ސައީދު

    ފަނަރަ އަހަރަށް ވުރެ ގިނަދުވަސްވެފައިވާ ހަންކެޑެ ބްރިޖުގެ ޙާލަތުވެސް މިހާރު ބަލާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެން. ޔަގީނުންވެސް މަގުހަދައި ހުޅުވިފަހުން ބުރިޖްގެ މެއިންޓެނަންސް ސަރވޭއެއް ހެދިފައިވާ ކަން އެނގިފައެއް ނެތް. އެހެން ނޫނަސް ދިވެހިންނަކީ މިހާރު ތަނެއް ހެދުމަށްފަހު އެތަނެއްގެ މެއިންޓަނަންސް އާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނާ ބައެއް ނޫން. އެތަން ހަލަކުވެ ނުރައްކާތެރި ހާދިސާއެއް ހިނގީމާ ދިވެހިންނަށް ހޭލެވޭނީ. މިއީ ދެރަ ކަމެއް.

  7. އަބްދޫ

    އެކްސިޑެންޓް ގިނަވަނީ އެކްސިޑެންތްތައްވަނީ ގަވާއިދު ފުރިހަމަޔަށް ތަންފިޒު ނުކުރެވޭތީ.ގަވާއިދުގަ އޯވަރޓޭކް ކުރަން އޮންނަނީ ކުރީގަ ހުންނަ އުލަނދުގެ ކަނާތްފަރާތުން އެކަނި. އެކަމަކު މަގުމަތީގައާއި ބްރިޖްއާއި ހަލިމަގުގަވެސް އެމިހަކު ބޭނުންފަލިޔަކުން ބޭނުންގޮތަކަށް އޯވަރޓެކް ކޮށްލަނީ ބްރިޖް ގަ ކުރިއަރަން ފުރުސަތު ދީފަ އޮންނަގޮތް ގަވާއިދަށް ނުފެތޭ ގަވާއިދުގަ ވަނީ ކުރީގަހުންނަ އުލަނދު ތަންދިނުމުން އެއުލަނދުގެ ކަނާތުން ކުރިިއަރަން. އެކަން މިކުރެވެނީ އެގޮތަކަށް ނޫން އެކްސީޑެެންޓް ހިގަނީ ދުއްވުމުގަ އެކަތިފަސްދިއަނެކަތި ކުރި އެރުމަސް އޮންނަގަވާއިދު ދޫކޮށްލާ އެމީހަކު ހަދާނެގޮތަކަށް ހަދަން މަގުތައް ދުވެފައޮންނާތީ