(އައްޑޫ ސިޓީ، ހިތަދޫ) "ބޭރުން ބަލާލަން ރީތި އިމާރާތަކަސް، ލިބޭ ރަނގަޅު ހިދުމަތެއް ނެތް. ފެންނަ މީހުންނަށް ރީތި މަންޒަރެއް ދައްކާލަން ހަދާފަ ހުރި ތަނެއް. ވާ ކަމެއް ނެތް." މިއީ އާންމުކޮށް އައްޑޫ ރައްޔިތުން މިތަން ސިފަ ކުރާ ގޮތެވެ.

ޓާޝަރީ މެޑިކަލް ސާވިސް އަށް އަމާޒުކޮށް ތަރައްގީ ކޮށްފައިވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޙާލަތު ހަޤީޤަތުގައިވެސް އޮތީ އެގޮތަށް ހެއްޔެވެ؟

މިއީ ބޭކާރު ތަނެއްގެ ގޮތަށް ސިފަކޮށް، ތަނުގެ އަގު ވެއްޓޭ ގޮތަށް ގިނަ ބަޔަކު އަންނަނީ އަޑު ފަތުރަމުންނެވެ. ހޮސްޕިޓަލުން އައްޑޫ ރައްޔިތުންނާއި ރަށުން ބޭރުގެ ރައްޔިތުން ތަފާތު ކުރާ ކަމުގެ ވާހަކައަކީ ވެސް އަލަށް އަޑު އިވޭ ވާހަކައެއް ނޫނެވެ. އެޕޮއިންޓްމެންޓް ނުލިބޭ ކަމާއި ހޮސްޕިޓަލުގެ އިހުމާލުން ބަލި މީހުންނަށް ކަންކަން ދިމާވުގެ އިތުރު އެހެނިހެން ކަންބޮޑުވުން ތަކުގެ ވެސް އަޑު އިވެއެވެ. މިފަދަ ވާހަކަތަކުގައި ހަޤީޤަތެއް ވޭހެއްޔެވެ؟

"ވަގުތު" ހޭރިޔާ ދަތުރުގައި އައްޑޫ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައިރު، އާންމުން ދައްކާ ވާހަކަތަކަށް ކޮންމެވެސް ވަރަކަށް ވިސްނާލެވުނެވެ. އެ ވާހަކަތަކުގައި ހަގީގަތެއް އޮތްތޯ ވެސް ވިސްނާލެވުނެވެ. ބޭރުން ހީވީ ރާއްޖެއިން ބޭރު އެއާޕޯޓެއްގެ ޓާމިނަލް ހެންނެވެ. އެތެރެއަށް ވެދެގެން ދިޔައިރު ކޮންމެވެސް ކަހަލަ ހިތް ހަމަ ޖެހުމެއް ލިބުނެވެ. އެއީ އެތަނުގައި ތިބި ބައެއް ބަލި މީހުންގެ މޫނުމަތިން އުފާވެރި މަންޒަރެއް ފެނުމުންނެވެ. ހަމަ ގައިމުވެސް ގިނަ ބަޔަކު އެތަން ދެކެ ހިތް ހަމަ ޖެހޭކަން އެމީހުންގެ މޫނުމަތިން އެނގެއެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލް؛- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލްަ

"ބޭރުން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ޓާމިނަލް ހެން ހީވަނީ. އެތެރެއަށް ބަލާއިރު ހީވަނީ ޚިދުމަތްތައް ރަނގަޅުހެން ބަލާބެލުމަށް" ވަގުތު ފޮޓޯގްރާފަރ އިބްރާހިމް ޝާބިލްއަށް އެތަން ސިފަވި ގޮތް ކިޔައިދިނެވެ.

މި ދައްކަނީ ގިނަ މީހުން ސިފަ ކުރާ "ލޮލަށް ރީތި ކޮށްލުމުގެ ގޮތުން ހަދާފައިވާ ތަނުގެ" ވާހަކައެވެ. އާދެ! އެއީ ޒަމާނީ ފެންވަރަށް ތައްޔާރު ކޮށްފައިވާ އައްޑޫ ގިނަ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހަދައިދެމުން އަންނަ ރާއްޖޭގައި ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ޤާއިމް ކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލުގެ ވާހަކައެވެ.

މިއަދާއި ހަމައަށް ވެސް ގިނަ ބަޔަކު އެތަން ސިފަ ކުރަމުން އަންނަނީ "ބޭކާރު" ތަނެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ރައްޔިތުންގެ ހިތުގައި އެތަނާއި މެދު އުފެދިފައިވާ ނަފްރަތާއި ދެކެވޭ ވާހަކަތައް ދޮގުކޮށް، ތަނުގެ އަގު ހިފެހެއްޓުމުގެ ގޮތުން ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހް އާއި އޭނާގެ ޓީމުން އަންނަނީ ޚިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން ބުރަ މަސައްކަތެއް ކުރަމުންނެވެ.

އެ ގޮތުން އެންމެ ފުރަތަމަ ވެސް މަސައްކަތް ފަށާފައިވަނީ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ދިނުމުގެ މަސައްކަތެވެ.

ކޮންވެންޝަން ސެންޓަރަކުން ހޮސްޕިޓަލަކަށް!

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގެ ބޮޑު ބައެއް ސާފު ކޮށްގެން ގާއިމު ކޮށްފައިވާ ކުރީގެ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރެވެ. ކުރީގެ ސަރުކާރުން މިތަން ހޮސްޕިޓަލަކަށް ބަދަލު ކުރުމުން އެމްޑީޕީން ވަނީ އެކަން ކުށްވެރިވެސް ކޮށްފައެވެ.

ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2017 ވަނަ އަހަރުގައެވެ. އެ އަހަރު ތެރޭގައި އެތަނުގައި އޭރު ހުރި ބައެއް މުދާ ރައްކާ ކުރުމަށް ގުދަނެއް އެޅެމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން އެލިއާ ކޮންސްޓްރަކްޝަނާ 161.8 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮޕިޑް) ގެ ލޯނުގެ އެހީގައި ހިންގި މަޝްރޫއެކެވެ.

ޖުމްލަ 18 މަސް ދުވަހުން ނިންމައި އީސީސީގައި ހަދާ ހޮސްޕިޓަލުން ޚިދްމަތް ދޭނެކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ދިޔައީ "މުސްކުޅި ސާރިދޯޅި" ސްޕީޑްގައި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކުރީގެ ސަރުކާރަށް ފާޑުކިޔާފައެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށްޓަކައި އެތަނުގެ އެތެރޭގެ ބައެއް ތަޅާލައި އެތަނުގައި ތަނބުތައް ޖަހައި ޝީޓުތަކެއް ވަނީ އަޅާފައެވެ. ފެންނަ ފެނުމަށް ވެސް މީގެ ކުރިން އެތަން ހުރި ގޮތާއި މިހާރު ވަރަށް ތަފާތުކަން ފާހަގަވެއެވެ.

އީސީސީއަށް ހޮސްޕިޓަލް ބަދަލު ކުރުމުގެ ކުރިން ސިއްހީ ދެމުން ގޮސްފައިވަނީ ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައެވެ. އެތަން ބަދަލު ކުރުމާއި އެކީ ކުރީގެ ހޮސްޕިޓަލަށް ވުރެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެވޭނެ ތަނަކަށް އެތަން ހެދުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ހޮސްޕިޓަލުގެ މެނޭޖްމެންޓުން އަންނަނީ ކުރަމުންނެވެ.

ކުރިމަތިވެފައިވާ ދަތިތައް!

ރައްޔިތުން ބޭނުންވާ ފެންވަރަށް ހޮސްޕިޓަލުން ދެވޭ ޚިދުމަތް ރަނގަޅު ކުރުމަށް ހޮސްޕިޓަލުގެ ސީއީއޯ މުޙައްމަދު ޞޯލިހް ވަނީ އަތުކުރި އޮޅާލާފައެވެ. މުވައްޒަފުން މަދުވުމާއި ތަނުގައި ދެވޭ ހިދުމަތް މަދު ކަމުގެ ޝަކުވާއަކީ އިވޭ ޝަކުވާއެއްކަން ޞޯލިހް ގަބޫލު ކުރައްވައެވެ.

މުވައްޒަފުން އިތުރު ކުރުމާއި ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގައި ދަތިތައް ހުންނަކަން ފާހަގަ ކުރައްވަމުން ޞޯލިހް ވިދާޅުވީ، އެކަން ކަން ރަނގަޅު ކުރުމަށް ބުރަ މަސައްކަތެއް އެބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ކުއްލިއަކަށް އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން އެއްފަހަރާ އެޕްރޫވް ވެގެން އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ. މި ދެންނެވި ޗެލެންޖެސްތައް ހުރީމަ. މިހާރުވެސް އަޅުގަނޑުމެންނަށް އެބަހުރި ވަރަށް ގިނަ ތަފާތު ދާއިރާތަކުން ޑޮކްޓަރުން ގެނައުމުގެ އެޕްރޫވަލް ލިބިފައި. އެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިދަނީ. އެކަމަކު ގިނަ މަގާމުތަކަކީ ރާއްޖެއިން މީހުން ލިބޭނެ މަގާމުތަކަކަށް ނުވާތީ އެ ރެކްރޫޓޫ ކުރަން ޖެހެނީ ރާއްޖެއިން ބޭރުން، އެކަން ކުރަން ޖެހެނީ ވަކި ޕްރޮސެސް އެއްގެ ދަށުން" ޞޯލިހް ވިދާޅުވިއެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހް-- ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

ޞޯލިހް ވިދާޅުވީ، މިހާރު ދެމުން އަންނަ ޚިދުމަތްތައް ރަނގަޅުކޮށް، އެދެވޭ ބަދަލުތަކެއް ގެންނަން ބޭނުންވާ ސްޓާފުން ލިބޭނީ ގާތްގަނޑަކަށް ދެ މަހެއް ހާ ދުވަސް ފަހުން ކަމަށެވެ. އޭގެ ފަހުން ރައްޔިތުންނަށް ފަސޭހަކޮށް ޚިދުމަތް ބަދަލުވާނެ ކަމަށާއި ޚިދުމަތް ފެށިގެންދާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

ކުއްލި ޙާލަތުގައި ހޮސްޕިޓަލުން ފަރުވާ ދެވެން ނެތިގެން ބަލި މީހާ މާލެ ފޮނުވާލަން ޖެހުމަކީ އެއީ ވަރަށް ހިތާމަވެރި ވާހަކައެކެވެ. ޒަމާނީ ފެންވަރަށް ހޮސްޕިޓަލް ތައްޔާރު ކޮށްފައިވީ ނަމަވެސް މިފަދަ ކަންކަން ހުރުމުން ގިނަ ބަޔަކު ދަނީ ހޮސްޕިޓަލަށް ފާޑު ކިޔަމުންނެވެ. އެކަންކަން ހުރި ކަމަށާއި ޙައްލު ކުރުވޭނީ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް ގޮސްގެން ކަން ޞޯލިހް ވަނީ ފާހަގަ ކޮށްފައެވެ.

ޒަމާނީ ފެންވަރަކަށް ހޮސްޕިޓަލް ހެދުމަށް ކުރެވޭ މަސައްކަތްތައް!

ރީޖަނަލް ހޮސްޕިޓަލަކުން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެން ދާއިރު، މާލެއާއި އެއް ފެންވަރެއްގައި ޚިދުމަތް ދެވެން ޖެހެއެވެ. އެގޮތަށް އެކަން ނުކުރެވިއްޖެނަމަ، އެއީ ޓާޝަރީ ހޮސްޕިޓަލެއް ކަމަށް ބަލައެއް ނުގަނެވޭނެއެވެ. ރީޖަނަލް ހޮސްޕިޓަލުން އޭއީއެޗް އަށް ބަދަލު ކޮށްފައިވަނީ ފޮނި ހުވަފެންތަކަކާއި އެކުގައެވެ. އެހެން ނަމަވެސް ކުދިކުދި މައްސަލަތައް މިހާރުވެސް ދިމާވެއެވެ.

ހޮސްޕިޓަލުގެ ހިންގުން ރަނގަޅު ފެންވަރަކަށް ގެނައުމަށްޓަކައި ސަރުކާރުން ޚާއްސަ އިސްކަމެއް ދޭކަން ޞޯލިހްގެ ވާހަކަފުޅުން ވަނީ ފާހަގަވެފައެވެ. އެގޮތުން ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހާއި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ހޮސްޕިޓަލުގެ އެކި ކަންކަން ބަލައި ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި ކުރިމަތިވެފައިވާ ދަތިތަތައް ހައްލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭކަން ވަނީ ފާހަގަ ކޮށްފައެވެ.

މި ދެންނެވި ގޮތަށް ރީޖަނަލް ހޮސްޕިޓަލަކު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރާއިރު، މީގެ ކުރިން ނުހެދޭ ޓެސްޓްތައްވެސް ހެދެން ޖެހެއެވެ. އެކަންކަން ހޮސްޕިޓަލުގެ މެނޭޖްމެންޓުން އަންނަނީ ދުވަހުން ދުވަހަށް އިސްލާހު ކުރަމުންނެވެ. އެގޮތުން ބަލާއިރު، މިހާރުވެސް ރޭޑިއޮލޮޖީ ސާވިސް، ސީޓީ ސްކޭން، އަލްޓްރަ ސައުންޑް ސްކޭން ފަދަ ބޮޑެތި ސްކޭންތައް މި ހޮސްޕިޓަލުން ހެދެއެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ބަހައްޓާފައިވާ ސީޓީ މެޝިން ؛- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލްަ

ދުވާލެއްގެ މައްޗަށް މިހާރު ހޮސްޕިޓަލުން 300 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާއިރު، މިއަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސޯލިހް ވަނީ ބުނެފައެވެ. އެގޮތުން ލަފާ ކޮށް 500 މީހުންނަށް ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭނެ ކަމަށް ވަނީ ބުނެފައެވެ. މިހާރު ހިދުމަތް ހޯދާ މީހުންގެ ތެރޭގައި ފުވައްމުލަކާއި ހުވަދޫ އަތޮޅުން އަންނަ މީހުންވެސް މަދެއް ނޫނެވެ. އެހެން ކަމުން އެފަދަ ފަރާތްތަކަށްވެސް ވީހާވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުވެސް މިހާރު އަންނަނީ ކުރަމުންނެވެ.

މިހާރު ދެމުން އަންނަ ބައެއް ހިދުމަތްތަކަށް ބަލާއިރު، ކަށީގެ އޮޕަރޭޝަންތަކާއި އެހެނިހެން އޮޕަރޭޝަންތައް ވަނީ ކޮށްފައެވެ. ކިޑްނީގެ ބަލިތަކަށް ފަރުވާ ދެވެމުން އަންނައިރު، އިތުރަށް ކުޑަކުދިންގެ ބަލިތަކަށާއި އެތެރެ ހަށީގެ ބަލިތަކަށާއި ސްޕެޝަލިސްޓް ޚިދުމަތް ކުރިއަށް ދާނެ ކަމަށް ޞޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށާއި ނިއުރޯ ސާޖަރީ އާއި ޓްރޯމާ އަށް ހާއްސަ ބެލުމަކުން ބަލަން ޖެހޭ ކަމަށާއި އެފަދަ ބަލި ތަކަށް ކުއްލި ހާލަތްތަކުގައި ރަށުން ފަރުވާ ދެވޭނެ އިންތިޒާމު އޮންނަން ޖެހޭނެ ކަމަށް ޞޯލިހް ގަބޫލު ކުރައްވައެވެ. ސޯލިހް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ނިއުރޯ ސާޖަރީ އާއި ޓްރޯމާ ތާރަފް ކުރާނެ ކަމަށެވެ.

އުކިއުޓޯރިއަލް ހޮސްޕިޓަލްގައި ބަހައްޓާފައިވާ ޓީއެމްޓީ މެޝިން، މިއީ ކާޑިއޯއަށް ހާއްސަ މެޝިނެއް ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަދި އަންނަ އަހަރު ޕްލޭން ކުރެވިފައިވަނީ ހިތުގެ ބަލި ތަކަށް މިކޮޅުން ފަރުވާ ދެވޭނެ ކަމަށް ވެސް ޞޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާ ގޮތަށް މަސައްކަތް ކުރެވި، އެސްޓެބްލިޝް ކޮށްލެވޭއިރު، މިކޮޅުވާނީ ކިޑްނީ އާއި ކުޑަ ކަމުދާ ބަލީގެ ހާއްސަ ހިދުމަތްދޭ ސެންޓަރަކަށް. ހަމަ އެގޮތަށް ނިއުރޯސާޖަރީ އާއި ޓްރޯމާ ސާވިސަސްވެސް ހަމަ މާލެއިން އެ ލިބޭ ލެވެލްގައި ލިބޭ ސެންޓަރަކަށް. އޭގެ އިތުރުން ކާޑިއޮލޮޖީގެ އެކަށީގެންވާ ހިދުމަތްތަކެއް ލިބޭ ސެންޓަރ އަކަށް ބަދަލުވާނެ." ޞޯލިހް ވިދާޅުވިއެވެ.

މުޅިން ތަފާތު ފެންވަރަކަށް ޚިދުމަތް ދިނުމަށް ޞޯލިހްގެ އަމާޒު!

އައްޑޫ ރައްޔިތުން އިންތިޒާރު ކޮށްގެން އެތިބީ މާލެއިން ލިބޭ ފެންވަރުގެ ސިއްހީ ހިދުމަތްތައް އައްޑޫއިން ލިބޭނެ ދުވަހަކަށެވެ. ސީއީއޯގެ ވާހަކައިން އެނގިގެންދަނީ މާ ގިނަ ދުވަހެއް ނުވެ އެ ފެންވަރަށް އެ ހޮސްޕިޓަލް ތަރައްގީ ވެގެން ދާނެ ކަމެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މުޅިން ތަފާތު ލެވެލްގެ ހިދުމަތް ދޭން. އެހެން ގޮތަކަށް ބުނާނަމަ، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އައިޖީއެމްއެޗް އޭ އެއް ފެންވަރެއްގައި ހިދުމަތްދޭން." ސޯލިހް ވިދާޅުވިއެވެ.

އުކިއުޓޯރިއަލް ހޮސްޕިޓަލްްގެ މެނޭޖްމެންޓާއި ވަގުތު ނޫސްވެރިން ބައްދަލު ކުރައްވަނީ-- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލްަ

ޞޯލިހް ވިދާޅުވީ، އެގޮތަށް ދެންނެވި ކަމުގައިވިއަސް ބައެއް ކަންތައްތައް އެ ފެންވަރަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށެވެ. އެގޮތުން ބަލާއިރު، ހިތުގެ ފަރުވާ މާލެއާއި އެއް ފެންވަރެއްގައި ނުގެންދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ކަށީގެ ބަލި ތަކާއި ހިތުގެ ބަލިތައް، ކުޑަކުދިންގެ ބަލިތައް، ސާޖަރީ ފަދަ ކަންކަމަކީ މާލޭގެ ފެންވަރުގައި ހިދުމަތް ދެވޭނެ ކަންކަން ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި އެކަންކަން އެގޮތަށް ކުރުމަށް ވަނީ އަމާޒުވެސް ހިފާފައެވެ.

ހޮސްޕިޓަލްގެ ހިދުމަތްތައް އެހެން ފެންވަރެއްގައި ފެށުމުގެ ގޮތުން މިހާރު އެއްބައި ވަނީ ކާމިޔާބު ކުރެވިފައެވެ. ދާދިފަހުން އެ ހޮސްޕިޓަލުން ވަނީ އުނަގަނޑު ބަދަލު ކުރުމުގެ އޮޕަރޭޝަނެއްވެސް ކާމިޔާބު ކަމާއި އެކީ ކޮށްފައެވެ. ޔޫރޮލޮޖީގެ ހިދުމަތްތައްވެސް މާލެއާއި އެއް ފެންވަރެއްގައި އަންނަނީ ދެމުންނެވެ. މީގެ އިތުރުން ކިޑްނީގެ ބަލިތަކަށް ދެ ޑޮކްޓަރުން ގުޅިގެން މަސައްކަތް ކުރުމުން މާލެއާއި އެއް ފެންވަރެއްގައި ހިދުމަތް ދެވިގެން ދާނެ ކަމަށް ޞޯލިހް ގަބޫލު ކުރައްވައެވެ.

ރާއްޖޭގެ އެކި މީހުން މާލެއަށް ގޮސް އޭޑީކޭ ނުވަތަ ޓްރީޓޮޕް ހިޔާލު ކުރުމުގެ ބަދަލުގައި އޭއީއެޗް ހިޔާލު ވެގެން ދިއުން އުއްމީދެއް ކަމަށާއި މަސައްކަތް ކުރަނީ އެކަން އެގޮތަށް ކުރަން ކަމަށް ޞޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ވަނީ އޭއީއެޗް ރާއްޖޭގެ އެހެން ދިމަ ދިމާލުގައި ތިބި މީހުންވެސް ހުސް އެކަނި މާލެއަށް ބެލުމުގެ ބަދަލުގައި އޭއީއެޗް އަކީ އެބޭފުޅުން ސިއްހީ ފަރުވާ ހޯދަން ބަލާނެ ދިމާލަކަށް ބަދަލުވެގެން ދިއުން. އެހެން ގޮތަކަށް ދަންނަވާނަމަ، އެނެދާ ޑެސްޓިނޭޝަން ފޯ ހެލްތް ކެއާ ރާއްޖޭގައި" ޞޯލިހް ވިދާޅުވިއެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހް-- ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

ޑރ. ސޯލިހް ހުންނެވީ ރާއްޖޭގެ އެންމެ މަޤްބޫލް ޞިއްހީ ފަރުވާ ދެވޭ މަންޒިލެއްގެ ގޮތުގައި އައްޑޫގެ ސިއްހީ މަރުކަޒުތަކާއި މައި ހޮސްޕިޓަލް ކަމުގައިވާ އިކުއެޓޯރިއަލް ހޮސްޕިޓަލް ތަރައްގީ ކުރުމެވެ. އެ ކަމަށް ޓަކައި އައްޑޫއަށާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ އާބާދީއަށް އަމާޒުކޮށް ޓާޝަރީ ފެންވަރަށް އިކުއަޓޯރިއަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ސޯލިހް ގެންގުޅުއްވާ ތަސައްވުރު ކާމިޔާބުވެއްޖެ ނަމަ ސިއްހީ ފަރުވާއަށް އޮތް އައްޑޫ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ދާނެ ކަމުގެ އުއްމީދު ކުރެވެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިހާރު ދެމުން އަންނަ ބައެއް ޚިދުމަތްތަކަށް ބަލާއިރު، އީސީޖީ، އެކޯ، އީއީޖީ/އީއެމްޖީ، އީއެންއެމްޖީ، އެކްސްރޭ، މެމޯގްރާމް، އެމްއާރުއައި، ސީޓީ، ޑާމޮޓޮލޮޖީ، ފިސިއޯތެރަޕީ، އެކްސްރޭ ހިމެނޭހެން ދަތުގެ ފަރުވާ ހިމެނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ފްލޮރޮސްކޯޕީގެ ޚިދުމަތް ފެށިގެން ވެސް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދެވަރެންދާ

    ތިޔާ ހުވަފެން ހަގީގަތަކަށް ނުވާނެ ސަރުކާރުން ބޭނުންވަނީ ލ. ޢަތޮޅު އިންޑިޔާގެ މެޑިލަލް ހަބަކަށް ހަދަން

  2. ބޭޗާރާ

    ތިޔަ ތަން ވައްކަމާއި ފޭރުމުގެ އާ ގޮތްތައް ތައާރަފުކުރާ އާ މަންޒިލަކަށް ވެދާނެ. ޝަހުވާނީ ކަންކަމާއި ވަހުޝީ ކަންކަމާއި މަސްތުވާތަކެތީގެ އާ މަންޒިލަކަށް ވެދާނެ. ބުއްޅަފިކުރުގައި އޮތް މަންޒިލަކަށް ވެދާނެ. އެ ނޫން ކަމެއް ތިތާނގައި ވާނެހެނެއް ހިއެއް ނުވޭ.

    6
    3
  3. Anonymous

    ނޫން ވާނެ

  4. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ކައްޗަށް އެޅި ބިންގަލެއް ކެއްޗާއި ހަމައަށް ނެގިޔަސް ތެދު ކުރަން ވަރަށް ދަތިވާނެއެވެ. "އިކިއުޓޯރިއަލް" މިއީ ކިޔަންވާ ކަހަލަ ނަންނަންތޯ އެވެ ؟ މިތަނަށް ދިން ނަމަކީ ކައްޗަށް އެޅުނު ބިންގަލެކެވެ. އައްޑޫ މީހުން ފަޙްރުވެރިވާ، މުޅި ޤައުމުގެ އެންމެން ފަޙުރުވެރިވާ ބޭފުޅެއްގެ ނަންފުޅަކަށް ނިސްބަތްވާގޮތަށް ނަން ބަދަލު ކުރުން ބުއްދިވެރިއެވެ. މުޅި ޤައުމު ފަޙްރުވެރިވާ ބޭފުޅުން ޙުދު އައްޑޫ ގެ ފަސްގަނޑުން ވެސް އުފެދިފައި އެބަތިއްބެވިއެވެ. "ބޮޑުތަކުރުފާނު ހޮސްޕިޓަލް" ކިއުން ކިހިނެތް ތޯއެވެ ؟ ޤައުމު ފަޙްރުވެރިވާ ބޭފުޅެއްގެ ނަންފުޅަށް ނިސްބަތްވާ، ދިވެހިންގެ ތެރޭގައި ހައުސްހޯލްޑް ނަމަކަށް ތިޔަ ހޮސްޕިޓަލް ވެވިއްޖެނަމަ، ތަނުގެ ޙައިބަތު ބޮޑުވެ، ތަނަށް ރައްޔިތުންދޭ ޤަދަރު ބޮޑުވެ، ތަން ކާމިޔާބު ތަނަކަށް ހެދުމުގެ ޝުޢޫރު ބޮޑުވެ، ތަނަށް ކުރާ އިޙްތިރާމް ވެސް ބޮޑުވެގެންދާނެއެވެ. ތަން ކާމިޔާބު ތަނަށް ހެދުމުގެ ފުރަތަމަ ފިޔަވަޅަކީ ރައްޔިތުން "ބަލައިގަންނަ" ތަނަކަށް ތަން ހެދުމެވެ. މިފަދަ ތަނަކަށް ހެދުމުގެ ފުރަތަމަ ފިޔަވަޅަކީ ތަނުގެ ނަމެވެ. ދެވަނަ ފިޔަވަޅަކީ ތަނަށް ސަރުކާރުން ކަނޑައަޅާ ފައިސާ ނުވަތަ ބަޖެޓެވެ. ނުފޯރާ ފޮތިން ފޫގެޅުމަކީ ކުރެވިދާނޭ ކަމެއް ނޫނެވެ. ރައްޔިތުން، "ބަލައިގަންނަ" ތަނަކަށް ތިޔަ ހޮސްޕިޓަލް ހެދިދާނެއެވެ. ނަމަވެސް އަދި މިފަދަ ޔަޤީން ކަމެއް ޙުދު އައްޑޫގެ ރައްޔިތުންގެ ކިބައިގައިވެސް ނެތް ކަމަށް ފެނެއެވެ. ކޮންމެސް ވަރެއް ކުރެވިދާނެ ކަމަށް އައްޑޫ ގެ ގިނަބަޔަކު ދެކެއެވެ. ޑރ. ސޯލިޙް އަކީ ކަންކަން ކާމިޔާބު ކުރައްވަވާފައި ހުންނެވި، އައްޑޫ ގެ ރައްޔިތުން ގެ ހެޔޮދުޢާ އާއި، ގިނަ ދިވެހި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ބުރަ މަސައްކަތްޕުޅުން ހޯއްދަވާފައިވާ ބޭފުޅެކެވެ. މާތް ﷲ ރަޙްމަތްފުޅުން އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެއެވެ.