ދެވަނަ ބޮޑު ހަނގުރާމަ ދުނިޔޭގެ މަސްރަހުގައި ހިނގަމުން ދަނިކޮށް 1941 ވަނަ އަހަރު އައްޑު އަތޮޅު ގަމުގައި އެންމެ ފުރަތަމަ އިނގިރޭސިންގެ ކަނޑުގެ ސިފައިން ގާއިމު ވެގެން ތިބި އިރުން ފެށިގެން ދެން ހިނގި ކަންކަމަކީ މި ރާއްޖޭގެ ތާރީހީ ފޮތުގެ ސަފްހާތަކުގެ ތެރެއިން މުހިއްމު ސަފްހާތަކެކެވެ. 1957 ވަނަ އަހަރާ ޖެހެން ދެން ގަމުގައި ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުގައި އޮތުމަށް ފަހު ދެން ގަަމާއި ހަވާލުވީ އިނގިރޭސި އެއާ ފޯސްއެވެ. އެ ގައުމުގެ ވައިގެ ސިފައިންނެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުން އިނގިރޭސިން ގަމުގައި 1976 ވަނަ އަހަރާ ޖެހެންދެން ތިއްބެވެ.

މި ވާހަކަތައް ތަފާތު އެތައް ކުޅަދާނަ ލިޔުންތެރިންގެ ގަލަމުން، ތަފާތު އެތައް ރާގަކަށް އިނގިރޭސިން އައްޑޫގައި އުޅުނު ދުވަސްވަރުގެ ވާހަކަތައް ގެނެސްދީފައި ވީނަމަވެސް، އެ ލިޔުންތަކުަގއި އެއްގޮތަކަށް ވެސް ނެތް ނޫނީ ވަަރަށް ފަނޑުކޮށް ނޫނީ ފެންނާން ނެތް ވާހަކައެއް އެބައޮތެވެ. އެއީ އައްޑޫ މީދޫގައި އިނގިރޭސި ސިފައިން ތިބިތިބުމުގެ ވާހަކައެވެ. ދިވެހި ސަރުކާރުގެ ރަސްމީ ލިޔެކިުންތަކުން ވެސް މީދޫގައި އިނގިރޭސިން ޤާއިމުވެ ތިއްބެވުމުގެ ހުއްދަ ދިންކަން ފެންނާކަށް ނެތެވެ. އެހެން ނަމަވެސް މީދޫގައި ހުރި ބައެއް ބިނާތަކަށް ބަލާލުމުން އިނގިރޭސިންގެ އިސްތިއުމާރު އެ ތަނުގައި އުޅުނު ކަމުގެ ޔަގީންވެއެވެ.

މީދޫގައި އިނގިރޭސިް އުޅުނުކަމުގެ އެންމެ ސާފު އަދި އަލިގަދަ އެއް ހެއްކަަކަށް ފެންނާން އެ ރަށުގެ މާއެޅެ ސަރަހައްދުގައި އިނގިރޭސިން އެ ރަށުގައި ތިބި އިރު ބެހެއްޓި ބޮޑު ދެ ބަޑި ބެހެއްޓި ތަނެވެ. ވަގުތު ހޭރިޔާ ދަތުރުގެ ތެރެއިން އެ ސަރަހައްދަށް ކުރި ޒިޔާރަތުން ފާހަގަވީ ކަމަކީ މީދޫގެ މި ހިސާބުގައި ފެންނަން ހުރީ ތާރީޚީ ގޮތުން ބަލާއިރު އަގުނުކުރެވޭ ވަރުގެ މުހިންމު ތަނަކަށް ވީނަމަވެސް، އެތަނުގެ ނިޝާންތައް މަޑުމަޑުން ފަނޑުވެ ނެތެމުންދާކަމެވެ.

ވަޅުޖެހެމުންދަނީ އިނގިރޭސި އާސާރުން މުހިންމު ބައެއް

މީދޫގެ މީހުން މި ދެ ބަޑި ހުންނަ ސަރަހައްދަށް ކިޔަނީ "ދެ ބަޑި ދޭތެރެ"އެވެ. އެ ސަރަހައްދުގައި ހިނގާ ބެލުމުން އޭރުގެ ނިޝާންތަކުގެ ތެރެއިން މިހާރު ފެންނަން ހުރީ އިނގިރޭސިން އުުޅުނު ޒަމާނުގައި ގެންގުޅުނު ބަޑިތައް ބެހެއްޓި، ބަޑި ބައުޒަރުތައް (ގަން އެމްޕްލޭސްމެންޓް)ތައް އެކަންޏެވެ. ހިލަ ކޮންކްރީޓުން ހަދާފައިވާ ބޮޑު ދެ ބްލޮކް މިހާރުވެސް ގަދަ ފަދަކޮށް ފެންނަން ހުރި އިރު މިތަން މިހާރު ވަނީ ފަޅުތެރޭގައި ރާޅުބާނީލާ ހިސާބުގައެވެ.

ގާތްގަޑަކަށް 14 ފޫޓް 14 ފޫޓުގެ މި ބްލޮކްތަކުގެ މެދުގައި މެދަށްވާގޮތަށް ދަގަނޑުން ހަދާފައިވާ ތޭރިތައް ޖަހައި މޮޅެއްގެ ނިޝާނަށް ވަނީ ހަދާފައިވެއެވެ. ވަށްކޮށް ތޭރިތަކެއް ގޮތަށް ހުރި ތަންތަނުގެ ނިޝާންތައް މިހާރުވެސް އެ ބްލޮކް އިން ފެންނަ އިރު އެއީ ބަޑި އެކި ފަރާތް ފަރާތައް އަނބުރާން ވެގެން ބޭނުންކޮށްއުޅުނު ބަޑިހަރެވެ. މިހާރު އެތަނުގައި ދަނގަނޑުގެ ނިޝާންތައް ފެންނަން ހުރީ ގާގަޑުން މައްޗަށް ކުޑަ ތަންކޮޅަކަށް ވާގޮތަށެވެ. ދުރުން ބަލާލުމުން އެ ދަގަނދުތައް ފާހަގަވެސް ނުވާނެއެވެ.

މި ބަޑި ބުރުޒުތައް ބެހެއްޓީީ އެ ރަށުގެ އައްސޭރިފަށުގައިކަމަށް ވީ ނަމަވެސް މިހާރު އެތަންތަން ހުރީ ފަޅުތެރޭގައެވެ. ފާއިތުވި 50 އަކަށް އަހަރު އެ ރަށަށް ދިމާވި ރަށްގިރުމުގެ މައްސަލައިގެ ސަބަބުން، ރަށުގެ ބޮޑު ބައެއް ގިރައިގެން ގޮސް މިހާރު އެ ދެތަންވެސް ހުރީ ފަޅުތެރޭގައެވެ. އަދި އެ ސަރަހައްދަކީ އަދިވެސް ގިރަމުންދާ ސަރަހައްދަކަށް ވުމުން މިހާރަށްވުރެ ބޮޑަށް ފަޅުތެރެއަށް އެ އާސާރު ދީލާލުމަކީ ވުން ދުރުކަމެއް ނޫނެވެ.

އެ ސަރަހައްދަށް ދިޔަ ވަގުތު ހޭރިޔާގެ ޓީމަށް ފާހަގަވީކަމަކީ އެ ސަރަހައްދަކީ ބޮޑު ހަނގުރާމައިގެ ހަނދާންތައް ދައްކާދޭ މުހިންމު ބިނާ އަކަށް ވީނަމަވެސް، އެ ސަރަހައްދަށް ބަލާލުމުން އެކަން އެނގޭނެ އެއްވެސް ނިޝާނެއް ހާމިންވެސް ފެންނާން ނެތް ކަމެެވެ.

އެ ސަރަހައްދުގައި ހިނގާ ބެލި ބެލުމުން އިނގިރޭސިން އެ ރަށުގައި އުޅުނު އިރުގެ ހަނދާނަކަށް ދެން ފެންނަން ހުރި އެއް ތަނަކީ އެ ޒަމާނުގައި އެވެރިން ބޭނުން ކުރި ބިންގަރާހެއްގެ ބައެކެވެ. މިތަންވެސް ސާފުކޮށް ބެލެހެއްޓިފައި ނެތުމުން، އެ ސަރަހައްދު ވަނީ ހެދިފައިވާ ގަސްތަކު ތެރޭގައި ވަންހަނާވެފައެވެ.

މި ބިންގަރާސް ޤާއިމް ކުރީ ރަށުގެ ހޭޅިފަޅުގައި ކަމަށް ވީ ނަމަވެސް، މިހާރު އެތަންވެސް ހުރީ ރާޅު ބާނީތައް ލާ ހިސާބު ގޮނޑު ދޮށުގައެވެ. ބަލާބެލުމަށް މިހާރު މި ސަރަހައްދުން ފެންނަން ހުރީހަމައެކަނި 3 ގާގަނޑު ކަމަށް ވީނަމަވެސް، މި ތަންތަން ރަމްޒުކޮށްދެނީ ރާއްޖޭގެ ތާރީޚުގައި ބިންވަޅު ނެގެންޖެހޭ މުހިންމު ވާހަކަތަކެވެ.

ތާރީޚުގެ ތެރެއިން މުހިންމު އާސާރެއް، ފަނާވާން މެދުވެރިވީ ކީއްވެ؟

މިތަންނުގެ ތާރީޚު ކިޔާދެއްވަމުން ތާރީޚު ދިރާސާކޮށް ލިޔުއްވާ ބޭފުޅެއް ކަމަށްވާ ސަވްފާން ޗަފީގް "ވަގުތަށް" ވިދާޅުވީ، އެ ސަރަހައްދުގައި 2 ބަޑި ބެހެއްޓި ކަމަށާ، ބިންގަރާސްތަކުގެ އަދަދު ސާފުކޮށް ތާރީޚީ ލިޔެކިޔުމަކުން އެނގެން ނެތް ކަމަށެވެ.

މީދޫ މާއެޅެ ސަރަހައްދުން ވަރަކަށް 50 ހެކްޓަރުގެ ސަރަހައްދެއްގައި އިނގިރޭސިން އުޅުނު ނަމަވެސް އެކަން ހާމަކޮށްދޭނެ ފަދަ ކިތާބީ ހެއްކެއް ނެތެވެ. އެހެންނަމަވެސް އެ ރަށުގައި އިނގިރޭސިން ޤާއިމުވެ ތިިބި އިރުގެ ހަނދާންތައް ހުރި އިސް ރަށްވެހިން މިހާރުވެސް ދުނިޔޭގައި އެބަ ތިބިކަން އޭނާ ފާހަގަކުރައްވައެވެ.

" މިބިންގަރާސް ތަކުގެ ފުރިހަމަ އަދަދެއް އެނގެން ނެތް . އެކަމަކު 1970 މ. ގެ އަހަރު ތަކާ ޖެހެން ދެން ވެސް އެތާނގައި ތިން ބިންގަރާސް ހުރިކަން އެނގޭ. މީގެ ތެރެއިން ދެ ބިން ގަރާހަކީ ހޭޅިފަށުން ފެށިގެން ތަންކޮޅެއް އެތެރެއަށް ވާގޮތަށް ހުރި ތަންތަން. މިދެ ތަން ބޭނުން ކުރީ ބަޑިބޭސް ކަހަލަތަކެތި ރައްކާތެރިކުރަން." އޭނާ ވިދާޅުވިއެވެ.

ސަފްވާން އެ ޝާރާތް ކުރެއްވި ބިންގަރާސްތައް ބޭނުން ކުރި ކަމަށް ލަފާކުރެވެނީ ދުޝްމިނުންގެ ހަމަލާއެއް އައިސްފި ނަމަ ފިލާ ތިބެ ހަމަލާ ދިނުމަށެވެ. ސަފްވާން ވިދާޅުވީ މާއެޅެ ޑިފެންސް ޕޯސްޓުން އިނގިރޭސިން ފޭބުމަށް ފަހު އެތަނުގައި ހުުރި ބިނާތައް ރޫޅާލާ އެތަނުން ޓިނާއި ދަނގަޑާއި ކޮންކްރީޓް ފަދަ ތަކެތި ރަށުމީހުން ނަގާފައި ކމަށެވެ.

" ބަޑި ބުރުޒު މަތީގައި ހުރި ތޮށިގަނޑުގެ ދަގަނދުތައް ވެސް އެހެން އެކި ބޭނުމަށް ނެގި. އޭރު ހުންނާނެ އެ ސަރަހައްދުގައި ބިޔަ ގަސްތަކެއް ވެސް އިނގިރޭސިންގެ ޒަމާނުގައި. އެ އެއްޗެހިވެސް ކަނޑާ ނެގީ. ކީހައިގެންނާއި ތަޅައިގެންވެސް ބަޑި ބުރުޒު މަތީގައި ހުރި އެއްޗެހި ނެގި." ސަފްވާން ވިދާޅުވިއެވެ.

އެ ޒަމާނަކީ މިފަދަ ތަންތަނަކީ ފަހުގެ ޖީލަށް ފެންނާނެހެން ރައްކާކުރަން ޖެހޭނެކަން ވިސްނިފައި އޮންނަ ޒަމާނެއް ނޫނެވެ. އަދި އޭރު މިފަދަ ތަނަކުން އާއްމު ބޭނުމަށް ތަކެތި ނެގުމަކީ މާބޮޑު މައްސަލައެއްވެސް ނޫނެވެ. ބަޑި ބައުޒަރުތައް އޭގެ އަސްލު ގޮތުގައި، މިއަދާއި ހަމައަށް ވާސިލްވެފައި ނެތް އެއް ސަބަބަކީ މީހުން އެކި ބޭނުމަށް އެ ބައުޒަރުތަކުން ތަކެތި ނެގުމެވެ.

އެހެންމަވެސް މިތަން މިހާބޮޑަށް ފަޅުތެރެއަށް ގިރައިގެން ދިއުމުގައި ގުދުރަތީ ގޮތުން އެ ސަރަހައްދަށް އައި ބަދަލުވެސް ބޮޑު ދައުރެއް އަދާކުރެއެވެ. މީދޫގެ ތިމާވެއްޓާއި ކުރިއެރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށްވާ ނަލަފެހި ޖަމިއްޔާގެ އިސް ފަރާތްތެއް ކަމުގައިވާ އަހުމަދު ކާމިލް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސަރަހައްދުގެ ރަށް ގިރުމުގެ ސަބަބުން ހީ ނުކުރާ ވަރަށް އެ ސަރަހައްދަށް ބަދަލު އައިސްފައިވާ ކަަމަށެވެ.

" މިއީ ހަމަ އެއްގަމުގައި ހުރި ތަނެއް. އަޅުގަނޑުމެންގެ ހަނދާނުގައި ވެސް މިތަން ހުރީ އެއްގަމުގައި. އެކަމަކު ގިރަމުން ގިރަމުންގޮސް މިހާރު ހުރި ހިސާބު މިހުރީ. މިއިންވެސް އެބަ އެނގޭ މީގެ ނުރައްކާތެރިކަން. މޫސުމަށް އަންނަ ބަދަލުގެ ނޭދެވޭ އަސަރު މިފެންނަނީ. މިއީވެސް އަސްލު ރައްކާތެރި ކުރެވެން ޖެހޭ މުހިންމު ތަރިކައެއް." އޭނާ ވިދާޅުވިއެވެ.

ކޮންމެއަކަސް އިނގިރޭސިން އައްޑޫގައި އުޅުނު އިރު މީދޫގެ މާއެޅެ ހިސާބުގައި އެ މީހުން ތިބީ ވަރަށް ބޮޑަށް ފެތުރިގަނެފައެވެ. މީދޫ އާއި އިގިރޭސިންނާއި އޮތް ގުޅުން ބަޔާން ކޮށްދެއްވަމުން، ތާރީޚު ލިޔުއްވުންތައް ލިޔުއްވަމުންދާ މުސައްނިފެއް ކަމަށްވާ އަލީ ފަހުމީ އަހުމަދު "ވަގުތު" އަށް ވިދާޅުވި މީދޫގައި ޑިފެންސް ޕޯސްޓް ހެދީ ސަރުކާރުގެ ރުހުން އޮވެގެންކަމަށާ، ގަމުގެ އިތުރުން ހުޅުދޫ އާއި މީދޫގައި ވެސް އިނގިރޭސިންގެ ޑިފެންސް ޕޯސްޓުތައް ބެހެއްޓިކަން އެނގެން އެބައޮތް ކަމަށެވެ.

މީދޫ މާއެޅެ ސަރަހައްދުގައި އިނގިރޭސިން ބަހައްޓައިފައި ހުރި ބަޑި ބުރުޒު މިހާރު ހުރި ގޮތް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެގޮތުން މީދޫގައި އިނގިރޭސިސިފައިން ތިބީ ސަރުކާރުގެ ރުހުމާއި އެކުގައި ކަން ހާމަވާ އެއްކަމަކީ، އިނގިރޭސިން މީދޫގައި ޤާއިމުވެ ތިބި މުއްދަތުގައި ދިވެހި ސަރުކާރުގެ ފުލުސް އޮފިސަރަކު އެ ރަށުގައި ޤާއިމްވެ ހުންނެވި ހުންނެވުން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މީހާގެ މަސްޢޫލިއްޔަތަކީ އިނގިރޭސިންގެ ފަރާތުން ސަރުކާރު ނުރުހޭ ކަމެއް ފެނޭތޯ ބެއްލެވުމާއި، ރަށު މީހުންގެ އަމަލުތަކަށް ފާރަވެރި ނަޒަރަކުން ބެއްލެވުމެވެ.

"އިނގިރޭސިންނަށް ހުއްދަ ދެއްވީ ގަމުގައި މަރުކަޒެއް ޤާއިމްކުރައްވަން. ދެން އައްޑޫ ހުޅުދޫ އާއި މީދޫގައި މި ބަޑިތައް ބެހެއްޓީ. ގަމުގެ އެ މަރުކަޒުގެ ނަމަކީ ޕޯރޓް-ޓީ. މީދޫގައި ހުރި ބަޑިތައް ހުރިތަން ހުރީ މީހުން ދިިއުޅުނު ހިސާބާއި ވަރަށް ދުރުގައި. ހިނގާ ދާން ޖެހެނީ އެހެންވީމަ އެ ހިސާބަށް ވަރަށް ނުދާނެ. ދެން އޭރު ބިރުވެސް ގަންނާނެ މީހުން. " ފަހުމީ ވިދާޅުވިއެވެ.

 

ތާރީޚުން އަގުހުރި ބައެއް، ފަނާވާން ދޫކޮށްލުން ބުއްދިވެރިއެއް ނޫން

ހިތާމައަކީ އިނގިރޭސިން ރާއްޖޭގައި ޤާއިމުވެ ތިބި ދުވަސްވަރުގެ މުހިންމު އެތައް ވާހަކަތަކެއް ކިޔާދޭ މި ބިނާތައް ބަލަހައްޓާނެ ބަލަދުވެރިއަކު ނެތި އެތަންތަނުގެ ހައިބަތަށް އުނިކަން އައިސްފައިވާ ކަމެވެ. ބަލާބެލުމަށް އާދައިގެ ތިން ގާގަޑުގެ ސިފައިގައި މިތަން ިފަވީ ކަމަށް ކަމަށް ވިޔަސް މިއީ ތަރީޚީ މުއްސަނދި ތަންތަނެވެ. މިއީ އާސާރީ ތަރިކައެވެ.

މޫސުމަށް އައި ބަދަލާއި، މި އާސާރުތައް ބަލަހައްޓަން އެކަށީގެންވާ މަސައްކަތެއް ނުކުރެވި މިތަން ވީރާނާވެ ފަނާވެދާނެކަމުގެ ބިރު މިހާރު މިވަނީ ހީވާން ފަށާފައެވެ. ފަޅުތެރޭގައި މިހާތު ފެންނަން ހުރި ބަޑި ބައުޒަރުގެ ބައިތައް މޫދުތެރެއަށް ގޮސް ލޯމަތިން ގެއްލުމުގެ ކުރިން މި ތަންތަން ހިމާޔަތްކުރުން މުހިންމެވެ.

މިދިޔަ އަހަރު ރާއްޖޭގެ ހެރިޓޭޖް ޑިޕާޓްމެންޓުން ވަނީ މީދުއަށް ޒިޔާރަތްކޮށް މިފަދަ ތާރީޚީ ތަންތަން ބަލާލާފައެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޮޑު ހަނގުރާމައިގެ ވާހަކަތައް ބުނެދޭ މިފަދަ ބިނާތައް ހިމާޔަތް ކުރާ އިރު، މިފަދަ މުހިންމު ތަނެއް ރައްކާކުރުމަކީ ނުހަނު މުހިންމުކަމެކެވެ. އެހެނީ މި ތަންތަނަކީ މާދަމާގެ ޖީލަށް އިހުގެ ތާރީޚު ކުރަހާދޭނެ ބަހާ އަކަށް ވާނޭކަމެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އައްޑޫ މީހާ

  ތީގެ ދެގާ އެބައޮތް ފޭދޫ ހިއްކި ބިމުގެ އަޑީގައިވެސް ދިގިހެރަ ނަމަކަށް ކިޔާ ފަޅު ރަށުގެ އުތުރާއި ދެކުނަށް ވާގޮތައް އިނގިރޭސިން ބެހެއްޓި ދެބަޑި ހަރުކުރި ގާތައް މިހާރު ބިން ހިއްކި އިރު ވަޅުލައިފި ތިޔަހެން ތާރީހް ހިމަޔަތް ކުރާކަށަ ނޫޅޭ އެއްވެސް ބަޔަކު އަހަންނަށް ފެންނަނީ ވަޅުލަފައި ހުރި ގާތައް މައްޗަށް ނަގާފައި ފެންނ ގޮތައް ފަސްގަނޑު މަތީގައި ބެހެއްޓުން ހިމާޔަތް ކޮށްފައި

  11
  2
 2. ގަމާރު

  "ބަޑި ބައުޒަރުތައް (ގަން އެމްޕްލޭސްމެންޓް)ތައް"..؟! ވައިސަރީ..! ބަޑިވެސް ހުންނަނީ ބައުޒަރުގަ ތަ؟ ލޮލް

 3. އަލި ދީދީ

  އައްޑޫ ރައްޔިތުން ވާ ވައްދައި މިހާރު މި ސަރުކާރު އައި ފަހުން ދަނޑުވެރި އަތޮޅަކަށް އައްޑު އަތޮޅު ހަދައިފި.. ޖެހިގެން އޮތް ހުވަދު އަތޮޅު އެދަނީ ތަރައްޤީގައި ފުވައްމުލަކާއި އައްޑޫ ކިހިލި ޖަހާލައިގެން.. ދެކުނު ނިޒާރުމެންގެ ލަދުކޮބާ؟؟؟ ހަމަ ކޮންމެ އިންތިޚާބަކާ ދިމާކޮށް ކޮންމެވެސް މޮޅުވާހަކަ އެއް ދައްކައި އައްޑޫ ރައްޔިތުން ބޯ ކާލާނެ.. ދަނޑުގޮވާންކޮށް ހުވަދޫ އަށް ސަޕްލައި ކުރަން ވިސްނާ..

 4. ާަައަޖަބް

  ތިއައްޑޫ މީހުން ނޫން ބަޔަކު ގެ ވާހަކައެއް ދަކަންވެއްޖެނޫން. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާa ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައައްޑޫ މީހުނޯ..🙄🙄 މިނޫން ބަޔަކު ނެތީތަ މަސްހޫރު ކުރަން ، މާ ސާހީ ރަށެކޯ..