(އައްޑޫ ސިޓީ، ހުޅުދޫ) އަޅުގަނޑު އުފަން ރަށް ކަމަށްވާ އައްޑޫ ސިޓީގެ ހުޅުދޫއަކީ ތާރީޚީ ގޮތުން ފާހަގަކުރެވޭ މާގިނަ ބިނާތަކެއް އެ ރަށެއްގައި ފެންނަން ހުރި ތަނެއް ނޫނެވެ. އެހެންނަމަވެސް އިހުގެ އެވޭލާ ދިރިއުޅުމުގެ ސަޤާފަތުގެ ކުލަތައް ފެންނަން ހުރި ގޭގެ އާއި ކަމުވޮށިގެންވާ އާއިލާތައް ދިރިއުޅުނު ގޭގޭގެ ވާހަކަ އަބަދުވެސް އަޅުގަނޑު އަޑު އަހަމުއެވެ. އެވެރިންގެ ދިރިއުޅުމުގެ ތަފާތު ވައްޓަފާޅިތައް ދައްކުވައިދޭ ތަކެއްޗާއި، ލިޔެކިޔުމާއި، ހިފާގެންގުޅުނު ބައެއް ތަކެތި މިހާރުވެސް އެ އާއިލާތަކުން ރައްކާކޮށްފައި ހުރީ ލޮތްބާއި އެކުގައެވެ. މި ރަށާއި މެދު އަޅުގަނޑު އަޑު އަހަމުން އައި އަނެއް ހަޤީޤަތަކީ، އައްޑޫސިޓީގެ ހުޅުދޫ އާއި އެ ރަށާއި އިންވެގެން އޮތް މީދޫ އަކީ އިހު ޒަމާނުއްސުރެ ތައުލީމަށް ލޯބި ކުރާ ބަޔަކު ދިރިއުޅެމުން އައި ރަށެއް ކަމުގެ ވާހަކައެވެ. އަދި މި ދެ ރަށުގައި ވެސް ނިސްބަތުން ބަލާނަމަ ޢިލްމީ ޤާބިލް މީހުން ގިނަކަން މިއީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ.

ތާރީޚުގެ ތެރެއަށް ބަލާލުމުންވެސް މި ދެ ރަށުން މިފަދަ ޢިލްމީ ޝަހުސިއްޔަތުތައް ފެންނަން އެބަހުރިކަން ފާހަގަކުރަން ޖެހެނީ ފަޚުރާއި އެކުގައެވެ. އެގޮތުން ބަލާނަމަ ކުޑައިރުއްސުރެ އަޅުގަނޑު އެ ބޭފުޅެއްގެ ވާހަކަ ވަރަށް ފަރިތަކަމާއި އެކު އަޑު އަހާ އެއް ނަމެއް އޮވެއެވެ. އެއީ އައްޑޫ ދޮންމަނިކުގެ ވާހަކައެވެ. އައްޑޫ މީހުން ކިޔާގޮތުން ނަމަ "އައްޑޫ ދޮންމަނިކު" ނުވަތަ "އެޅަހިށިގޭ ދޮންމަނިކު"އެވެ. އޭނާއަކީ އައްޑޫގެ އިތުރުން މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވުނު ވަރުގަދަ ޝަހުސިއްޔަތެކެވެ.

"އެޅަހިށިގޭ ދޮންމަނިކު"އަކީ ކޮންބޭފުޅެއް؟

“އެޅެހިށިގެ” އައްޑޫ ދޮންމަނިކު އުޅުއްވި ގެ:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ތާރީޚީ ޢިލްމު ލިޔުއްވާ ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ ސަފްވާން ޝަފީގް "ވަގުތު" އަށް ވިދާޅުވީ ހުޅުދޫގައި ދިރިއުޅުއްވި ކަމުގައި ވީނަމަވެސް އޭނާ އަކީ އެ ސިޓީގެ މީދޫ އަށް ނިސްބަތްވާ ބޭފުޅެއްކަމަށާއި އޭނާގެ އުފަން ސީދާ ތާރީޚު އެނގެން ނެތް ކަމަށެވެ. މީދޫ އިސްމާއިލް ފަނޑިޔާރުތައްކާނު ނުވަތަ އިސްމާޢިލް ބަހާއުއްދީންގެ ދަރިކަލުން ދޮންމަނިކުގެ އަސްލުނަމަކީ އިބްރާހިމް ބަހާއުއްދީންއެވެ.

ދޮންމަނިކު، 1950ގެ އަހަރުތަކުގައި ދިރިއުޅުއްވި ކަމާއި، އުމުރުފުޅުން 60 އަހަރުވަންދެން ދުނިޔޭގައި އުޅުއްވިކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެނީ ދޮންމަނިކުގެ ތާރީޚު ފެންނާން ހުރީ 1890 އިން ފެށިގެން 1950 އަށް ކަމަށް ވުމެވެ. އަދި ދޮންމަނިކުގެ ނަން އެހާ ބޮޑަށް ފާހަގަކުރެވޭ ސަބަބާއި މެދު ސަފްވާން ވިދާޅުވީ އޭނާ އަކީ އެ ޒަމާނަށް ބަލާ އިރު އިލްމާއި ހުނަރުގެ ގޮތުން ވަރަށް ކުރީގައި އުޅުއްވި ބޭފުޅެއް ކަމަށެވެ.

އަދި މުދާވެރިކަމުގެ ގޮތުން ބެއްޏަސް ދޮންމަނިކު އަކީ އޭރު ފާހަގަކޮށްލެވުނު ވަރުގަދަ ޝަހުޞެއް ކަމާއި، އޭނާ އަކީ ރަށުގެ ކުދިބޮޑު އެންމެންގެ ގަދަރު ލިބިލެއްވި ބޭފުޅެއްކަން ވެސް ހުޅުދޫ އާއި މީދޫގެ މީހުންގެ ވާހަކަތަކުން އެނގެއެވެ. އަރަބި ބަސް ވެސް އުނގެނިވަޑައިގެން ހުންނެވި ދޮންމަނިކު އަކީ ދީނީ ޢިލްމު އުނގެނިވަޑައިގެން އެ ޢިލްމު އެހެން ބޭފުޅުންނާއި ހަމައަށް ވާޞިލްކޮށްދެއްވުމަށް މަސައްކަތް ކުރެއްވި، ޢިލްމަށް ލޯބި ކުރެއްވި މުފައްކިރެކެވެ. ދީނީ ޢިލްމުގެ އިތުރުން އެކިކަހަލަ ފަންނު ވެރި މަސައްކަތްތައް ދަސްކުރައްވުމުގެ އިތުރުން، ގަސް އިންދުމަށް ވެސް ދޮންމަނިކު ވަނީ ޚާއްސަ ޝައުޤެއް ބަހައްޓަވާފައެވެ.

"ތަކިޔާ މިސްކިތް" އާއި ދޮންމަނިކު އައި ހުރި ގުޅުމަކީ ކޮބާ؟

އައްޑޫ ދޮންމަނިކު ބިނާކުރެއްވި ތަކިޔާ މިސްކިތް:-ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

"އައްތޮކިއްޔަތުލް ގަދުރިއްޔާ" ނުވަތަ "ތަކިޔާ" މިސްކިތުގެ ނަމުން ނަން ދެވިފައިވާ މި މިސްކިތަކީ ހުޅުދޫ އިރުމަތި ފަރާތަށް އޮންނަ ބޮމާފަންނާއި މާ ދުރު ނޫން ހިސާބެއްގައި ރަށު ތެރެއަށް ވާގޮތަށް ޤާއިމްކޮށްފައި ހުރި މިސްކިތެކެވެ. މި މިސްކިތް ބިނާކުރެއްވި ސީދާ އަހަރު އެނގެން ނެތް ނަމަވެސް މިތަން ބިނާކުރެވިފައިވާ ވައްޓަފާޅި އާއި މީހުން ބަހަށް ބެލުމުން ޔަޤީންވާ ކަމަކީ މި މިސްކިތަށް 120-130 އަހަރު ވެދާނެކަމެވެ.

މިއީ ދޮންމަނިކު ބިނާކުރެއްވި ދެ މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. ދެން ދޮންމަނިކު ބިނާކުރެއްވި މިސްކިތަށް ކިޔަނީ "ފިޅިހެރޭ" މިސްކިތެވެ. އެތަނަކީ އެތެރޭގައި ބައެއް ހުރެފައި، ތިން ފަރާތަށް ވާގޮތަށް ތަނބުތައް ހިމެނޭ މިސްކިތެކެވެ. އެ މިސްކިތް މިހާރު ވަނީ އުވިގެން ގޮސްފައެވެ.

މުސްތަފާ އާއި ސަފްވާން އަދި މީހުންގެ ވާހަކަތަކުން ހާމަވީ ކަމަކީ ތަކިޔާ މިސްކިތުގެ އުމްރާނީ އޮނިގަނޑުން ފެށިގެން، ވުޟޫ ކުރުމާއި، މިސްކިތުގެ އިންތިޒާމްތަކުގެ ތަރުތީބުތަކަށް ބެލި ނަމަވެސް މި މިސްކިތަކީ ތަފާތު މިސްކިތެއް ކަމެވެ. ރާއްޖޭގެ ގިނަ މިސްކިތްތަކާއި ޚިލާފަށް މި މިސްކިތް ޤާއިމްކުރީ އުތުރު ފަރާތުގައި މިސްކިތުގެ މައިދޮރާށި ބަހައްޓައިގެންނެވެ.

އައްޑޫ ދޮންމަނިކު ބިނާކުރެއްވި ތަކިޔާ މިސްކިތް:-ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

ހައިވަކަރު ބޭނުންކޮށްގެން މުޅި މިސްކިތް އެއްކޮށް ބިނާ ކުރައްވާފައި ވާއިރު، އެ މިސްކިތުގައި ނަމާދު ކުރަން ހަމަޖެހިފައިވާ ތަނުގެ ވަށައިގެން ތަނބުތަކެއް ޖެހުމަށް ފަހު މެދަށް ވީ ބައި އޮތީ ހާމައަށް ވާގޮތަށެވެ. ވަށައިގެން ފާރުތަކެއް ރާނާފައެއް ނެތެވެ. އަދި މިސްކިތް ހިޔާކުރަން ބޭނުން ކުރީ އީޓު ބޭނުންކޮށްގެން ކަމަށް ވާއިރު، އެއީ އެ ޒަމާނުގެ ފެންވަރަށް ބަލައިރު އާދަޔާ ޚިލާފަށް ފެންވަރު ރަނގަޅު މޮޅު އީޓުކަން ފާހަގަކޮށްލެވެއެވެ. އެ ދުވަސްވަރު މިސްކިތްތައް ބިނާކުރި ގޮތަށް ބަލާއިރު، މި މިސްކިތް ފިޔަވާ އިތުރު މިސްކިތެއް ހައިވަކަރުން ބިނާ ކުރިކަން އެނގޭކަށް ނެތެވެ.

އައްޑޫ ދޮންމަނިކު ބިނާކުރެއްވި ތަކިޔާ މިސްކިތުގައި ހުރި ބިލިގާ. ކުރިން މި ބިލިގާގައި ފުރެންދެން ފެން ހުރޭ:-ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

އިހު މީހުންގެ ވާހަކަތަކަށް ބަލާއިރު އަދި ފެންނަން ހުރި ބިނާތަކާއި، ކިތާބީ ހެއްކަށް ބަލާއިރު، މި އަތޮޅުގައި ތަކިޔާ މިސްކިތް ނޫން ތަނެއްގައި ވުޟޫކުރަން ބިލިގާއެއް ހަދާފައިވާކަން އެނގޭކަށް ނެތެވެ. ބިލިގާ އަށް ފެން އެޅުމަށްޓަކައި އެ މިސްކިތުގެ ވަޅާއި އިންވެގެން ހަދާފައިވާ ތަނެއް ހުރެއެވެ. ތަކިޔާ މިސްކިތުގެ ވަޅާއި، ބިލިގާ އަށް ފެން އެޅުމަށްޓަކައި ހަދާފައިވާ ތަންވެސް ހަދާފައި ވަނީ ހިރިގަލުންނެވެ.

އައްޑޫ ދޮންމަނިކު ބިނާކުރެއްވި ތަކިޔާ މިސްކިތް:-ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

ބަލާބެލުމަށް ބިލިގާ އަށް ފެންއަޅާތަން ވައްތަރީ އިހު ޒަމާނުގައި އާއްމުކޮށް ފެންނަ ޒާތުގެ ވަޅެއްގެ ބަޔަކާއެވެ. ހިރިގަލުން ހަދާފައިވާ ދެ ބިލިގާ މި މިސްކިތުގައި މިހާރުވެސް ފެންނަން ހުރި އިރު ވަޅުން ފެންނަގައިގެން ވުޟޫކުރުމުގެ ބަދަލުގައި ބިލިގާއަކުން ވުޟޫކުރުމުގެ ވިސްނުން ދޮންމަނިކެ ގެންގުއްވީ ބިލިގާ ކައިރިން ގިނަ ބަޔަކަށް އެއްފަހަރާ ވުޟޫކުރަން ފުރުސަތު ދިނުމަށެވެ. އަދި މިތަނުގެ ވަޅަކީވެސް ނުހަނު ފެން މީރު ވަޅެއް ކަމަށް މިހާރުވެސް މި ރަށުގެ ރައްޔިތުން ބުނެ އުޅެއެވެ.

އަދި ތަކިޔާ މިސްކިތުގެ ވަށައިގެން ހުރި ތަނބުތަކަކީ ދޮންމަނިކު އަމިއްލަ އަތުން ލިޔުއްވާފައިވާ ތަނބުތަކަކަށް ވުމުން، ވަޑާން ކުރުން ފަދަ ކަވި މަސައްކަތްތަކަށް ވެސް އޭނާ އެހާމެ ކުޅަދަނަކަން އެނގި ހާމަވެއެވެ. މިގޮތަށް ފެންނަން ހުރި ދެ ތަނބު މިހާރުވެސް އެ މިސްކިތުގައި ހަލާކު ނުވާނެހެން ބަހައްޓާފައި އެބަހުއްޓެވެ.

އައްޑޫ ދޮންމަނިކު ބިނާކުރެއްވި ތަކިޔާ މިސްކިތް:-ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

އެ މިސްކިތަކީ އެ ޒަމާނުގެ ދީނީ ޢިލްމާއި، ދީނާއި ގުޅުން ހުރި ކަންކަން ދިރުވާ އާލާކުރެއްވުމުގެ މަސައްކަތް އެތަނެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ދިޔަ ތަނެކެވެ. މި މިސްކިތް ބިނާކުރެއްވީ ދޮންމަނިކުގެ ސީދާ މޭސްތިރީކަމުގެ ދަށުން ކަމަށް ވާއިރު، އެތަނުގައި ދީނީ ޢިލްމާއި ޚިލްމު އުގަންނަވާ ދެއްވުމުގެ މަގު ކޮށްޓަވާދެއްވި އާރުކާޓީއަކީވެސް ހުދު އޭނާ އެވެ.

އެ ރަށުގެ އިސް ރަށްވެހިން ބުނާގޮތުން ކާބަފައިންގެ ފަރާތުން ވާރިދުވާ ވާހަކަތަކުން އެނގޭ ގޮތުން ޓަކިޔާ މިސްކިތުގައި މަނާގިބު އާއި ރާތިބު ކިޔުމަކީ ވަރަށް ފޯރިއާއި އެކު ކުރިއަށް ގެންދިޔަ ކަމެއް ކަމަށްވެއެވެ. އެ މަނާގިބުތަކާއި ރާތިބުތަކަކީ ދީނީ ޢިލްމުވެރިއެއް ކަމަށްވާ "އަބްދުލް ޤާދިރުއް ޖީލާނީ ގެފާނަށް" ސަނާކިޔާފައިވާ އެއްޗެހި ކަމަށް ވެސް އެ މީހުން ބުނެއެވެ. އެ ޒަމާނުގައި ރަށު ރައްޔިތުން ތަކިޔާ މިސްކިތަށް އެއްވެ ރާތިބު ކިޔުމާއި މަނާގިބު ކިޔުމުގައި ބައިވެރިވެ އުޅުނުކަން ތުންތުން މަތިން ވާސިލްވެފައިވާ ވާހަކަތަކުން އެނގެއެވެ. މި ހަރަކާތްތައް ހިނގި ކަމުގެ މާބޮޑު ކިތާބީ ހެއްކެއް ނެތްކަމުގައި ވީނަމަވެސް، މި ސަޤާފަތް އޭރު ދެމިއޮތްކަން މި ރަށު މީހުންގެ ވާހަކަތަކުން ސުވާލެއް ނެތް މިންވަރަށް ހާމަވެއެވެ. މިގޮތަށް މަނާގިބު ކިއުމާއި ރާތިބު ކިޔުން ހުއްޓުނީ މީގެ 40-50 ވަރަކަށް އަހަރު ކުރިން ކަމަށް ވެސް މި ރަށު މީހުން ބުނެއެވެ.

"ތަކިޔާ މިސްކިތް" އަށް ބޮޑު ބަދަލުތަކެއް މިހާރު ވަނީ ގެނެސްފައި

އައްޑޫ ދޮންމަނިކު ބިނާކުރެއްވި ތަކިޔާ މިސްކިތް:-ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

ތަކިޔާ މިސްކިތް އާބާތުރަ ފިލުވީ މީގެ އަށް ވަރަކަށް އަހަރު ކުރިންނެވެ. އޭރު ގެންނެވި ބަދަލުތަކުގެ ތެރޭގައި މިސްކިތް ހިޔާކުރުމާއި، އިރުމަތީ ފަރާތުގައި ފެންޑާއެއް ހެދުމަށް ފަހު، މިސްކިތަށް ވަންނަ ދޮރާށި ބަހައްޓާނީ ރާއްޖޭގެ އެހެން މިސްކިތްތަކެކޭ އެއްފަދައިން އިރުމަތިން ކަމަށް ވަނީ ނިންމަވާފައެވެ. މިގޮތަށް ބަދަލުކުރީ މިސްކިތުގެ ގިބުލަ އާއި ވާ ފަރާތަކީ މިއުރާބުގެ ހުންނަ ފަރާތަށް ވުމުންނެވެ.

އަދި މިސްކިތުގެ ވަށައިގެން ބަންދުކޮށް، މިސްކިތުގެ ބިލިގާތައް ވަށައިގެން ކުޑަ ފާރެއް ވަނީ ރާވާފައެވެ. މީގެ 10 ވަރަކަށް އަހަރު ކުރި އާއި ޖެހެންދެންވެސް ތަކިޔާ މިސްކިތުގެ ބިލިގާތައް އޮންނަނީ ފެންއަޅާ ފުރާލާފައެވެ. އެހެންނަމަވެސް އެތަން ބަލަހައްޓާނެ ސީދާ ވަކި ބަޔަކު މަތި ނުކުރެވި އޮތުމުން މިސްކިތުގެ ބިލިގާގެ ފެންގަނޑު ތަޢައްޔަރުވެ، އޭގައި މަދިރި އުފެދުމާއި، ބޮއް ފަދަ ޖަނަވާރުތައް ފެންގަނޑަށް ފައިބާ މައްސަލަ ފެންމަތިވެއެވެ. އެހެންކަމުން މިސްކިތުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެކަމުން ހުރަށް އެޅޭތީ މިހާރު އެ ބިލިގާތައް ވަނީ އެއްކޮށް ފެން ހިއްކާފައެވެ. އަދި ބިލިގާގެ ވަށައިގެން ރާނާފައިވާ ކުޑަ ފާރުގެ އިތުރުން، ބޮއް ފަދަ ޖަނަވާރުތައް ބިލިގާ އަށް އެރިޔަ ނުދިނުމަށް އެތަނުގައި ފިލާގަނޑެއް ޖަހާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ތަކިޔާ މިސްކިތުގައި ހުރި ހިރިގަލުގެ މަތީގައި މީގެ 20 ވަރަކަށް އަހަރު ކުރިން ވަނީ ސިމެންތި ޖަހާފައެވެ. އެއީ އެތަނުގައި ފެހި ޖެހުން ކުޑަކުރުމުގެ ގޮތުންނެވެ. އެ މިސްކިތަށް ގެނެވުނު އިތުރު ބަދަލުތަކަށް ބަލާ އިރު މިސްކިތުގައި ހުރި ދެ ތަނބު (ދޮންމަނިކު ލިޔުއްވި) ދެ ތަނބު އާސާރީ އެއްޗެއްގެ ގޮތުގައި ފެންނާނެހެން ބެހެއްޓުމުގެ ގޮތުން ފެންޑާގެ ބޭރަށް ވާގޮތަށް ވަނީ ބަހައްޓާފައެވެ.

އައްޑޫ ދޮންމަނިކު ބިނާކުރެއްވި ތަކިޔާ މިސްކިތް:-ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

މި ތަނބުތަކާއި، ބިލިގާ އަދި ހިރިގަލުން ހަދާފައިވާ ވަޅު ފިޔަވާ ދޮންމަނިކުގެ ހަނދާންތައް ވީރާނާ ނުވެ އެއްތަނަކުން ފެންނަން ހުރި އެއްވެސް ތަނެއް ނެތެވެ. ދޮންމަނިކު ފަދަ މުހިންމު ޝަހުސިއްޔަތެއްގެ ވާހަކައަކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މުހިންމު ވާހަކައެކެވެ. އަދި ތައުލީމާއި، ހިލްމާއި ހުނަރު ލިބިވަޑައިގެން އެ ކަންކަން ޖެހިގެން އޮތް ޖީލުތަކަށް ފޯރުކޮށްދެއްވަން މަސައްކަތް ކުރެއްވި އެ ފަދަ މުދައްރިބެއްގެ ހަނދާންތައް ފަނާވާން ދޫކޮށްލައިގެން ފަރުޖެހޭކަށް ވެސް ނެެތެވެ. އަދި ހިރިގަލުގެ މިސްކިތްތައް މަދު ޒަމާނެއްގައި ހަދާފައިވާ މި މިސްކިތް މިހާރު ހުރި ހިސާބުންވެސް އިތުރަށް ފަނާ ނުވާނެހެން ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ މި ސަރަހައްދުގެ ތާރީޚަށް އިތުރު ކުރެވޭނެ މުހިންމު ބޮޅެކެވެ.

"އެޅަހިށިގޭ" ފަނާވުމުގެ ތެރެއިން ވެސް ބުނެދެނީ ދޮންމަނިކުގެ ޝަހްސިއްޔަތުގެ ވާހަކަ!

“އެޅެހިށިގެ” އައްޑޫ ދޮންމަނިކު އުޅުއްވި ގެ:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެޅެހިށިގޭގެ ދޮންމަނިކު ދިރިއުޅުއްވި ބައި މިހާރު ހުރީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެހެންނަމަވެސް މިތަނުގެ ކޮންމެ ކައިވިތެއްހެން ބުނެދެނީ ދޮންމަނިކުގެ ޝަހުސިއްޔަތުގެ ވަރުގަދަ ކަމުގެ ވާހަކައެވެ. އެ ގޭގެ ތެރެއަށް ވަދެ ބެލި ބެލުމުން ފާހަގަވީ ފުރަތަމަ ކަމަކީ އެ ޒަމާނާއި އަޅާ ބަލާ އިރު، ބަވަނަ ވެފައިވާ ދުނިޔޭގެ ރަހަތައް އެގެއިިން ފެންނާން ހުރިކަމެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނާން ހުރީ އެ ޒަމާނުގައި އާއްމުކޮށް ނުފެންނާނެ ފަދަ އުމްރާނީ ތަނަވަސް ޚިޔާލުތަކެވެ.

އެގޮތުން ބަލާނަމަ އެ ޒަމާނަކީ ނަރުދަމާގެ ނިޒާމެއް ރަސްރަސްކަލުންގެ ގޭގައި ވެސް ފުރިހަމަވެފައި ހުރި ނިޒާމެއްކަން ލިޔެކިޔުންތަކުން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެޅަހިށިގޭގެ މެދެއްހާ ހިސާބުގައި ހުރި ކޮޓަރިިއެއްގައި ފެން ހިނދޭނެ ނިޒާމެއް މިހާރުވެސް ފެންނާން އެބަހުއްޓެވެ. އަދި ވަކި ހިސާބަކަށް ހަދާން ފަށާފައި ހުރި ފާހަނާ އެއް ޒާތުގެ ތަނެއްވެސް ފެންނަން އެބަހުއްޓެވެ. މީގެ އިތުރުން އަންހެން ވެރިން ވިހަން ޚާއްސަކޮށްފައިވާ ކުޑަ ދާންކޮޅެއް ޒާތުގެ އެއްޗެއް ބެހެއްޓި ތަން ވެސް އެޅަހިށިގެއިން ވަނީ ފެނިފައެވެ. މިތަނަށް ކިޔަނީ އެތެރެގެއެވެ. މި ތަންތަން ހަދާފައި ވަނީ އަތޮޅު ތެރެއިން ހުނަރުވެރި ބޭފުޅުން އެއްކުރައްވައިގެން އެ ބޭފުޅުން ލައްވާ ކުރުވި މަސައްކަތުން ކަމަށްވެއެވެ.

“އެޅެހިށިގެ” އައްޑޫ ދޮންމަނިކު އުޅުއްވި ގޭގައި ހުރި ފެން ހިންދާ ނޒާމެއް. މި ފޮޓޯއިން ފެންނަ ގާ ތަކަކީ އެއީ ފަހުން ބަހައްޓާފައިވާ ގާތަކެއް. އެ ގާތައް ހުރި ތަނަކީ އަންހެން ވެރިން ވިއްސަން ބޭނުން ކުރި ދާނެއް ކަހަލަ އެއްޗެއް ހުރި ތަނެއް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ދޮންމަނިކެ އަކީ ގަސްގަހާއިގެހި އަށް ޚާއްސަ ޝައުގެއް ބެހެއްޓެވި ބޭފުޅެކެވެ. އެޅެހިށި ގޭގައި މިހާރުވެސް އެތައް ޒަމާނެއްވީ ގަސްތައް ފެންނަން ހުރި އިރު އޭގެ ތެރޭގައި ޏަމްޏަމް ގަހެއްވެސް އެބަހުއްޓެވެ. މުސްތަފާ ވިދާޅުވީ ގަސް އިންދުމަށް ދޮންމަނިކު ހުރި ޝައުގު ހާމަވާ އެއް ކަމަކީ ގޭތެރޭގައި އިންދާފައިވާ ތަފާތު ގަސްތައް ކަމަށެވެ. އެގޮތުން އެކި ހިސާބުތަކުން ގަސްކާނާ ގެންނަވާ، ރާއްޖޭގައި ނެތް ޒާތުގެ ގަސްތައް އިންދެވުމަށް ވެސް މަސައްކަތް ކުރެއްވިކަން މުސްތަފާގެ ވާހަކަތަކުން ވަނީ ފާހަގަވެފައެވެ.

އެޅަހިށިގޭގައި ދޮންމަނިކު އުޅުއްވި އުޅުއްވުމުގެ ވާހަކަ އިތުރަށް ތަފްސީލްކޮށްދެއްވީ ކާފަ ދަރިކަނބަލުން އައިމިނަތު ސާލިހެވެ. އެއީ ދޮންމަނިކުގެ ދަރިކަލުން އަހުމަދު ސާލިހުގެ ދަރިކަނބަލުންނެވެ. އުމުރުފުޅުން 58 އަހަރުގެ އައިމިނަތު ވިދާޅުވީ ކާފަގެ ވާހަކަތައް އޭނާ އަަށް ފަހުމުވެގެން އައީ މަންމާފުޅާއި، އާއިިލީ ބޭފުޅުންނާއި ރަށުގައި ނަގާކިޔާ އިސް މީހުންގެ ކިބައިން ކަމަށެވެ.

އެގޮތުން އިވުނު ވާހަކަތަކަށް ބަލާއިރު ދޮންމަނިކު އަކީ ސަމާސާ، އެންމެންނާއި ވެސް ގުޅިވަޑައިގެން އުޅުއްވަން ބޭނުންފުޅުވާ ހިތްހެޔޮ މިޒާޖެއްގެ މީހެއްކަން ސާފުކޮށް އެނގެން އޮތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"މީހުންނަށް ވަރަށް ހެޔޮ ބޭފުޅެއް ކަމަށް އަޑު އިވެނީ. ދީންވެރި އަޅުވެރި ބޭފުޅެއް. އެއްވެސް ކަހަލަ ހަރުކަށިކަމެއް ކާފަގެ ފަރާތުން ފެނުނު ކަމަކަށް އަޑު އިވިފައެއް ނެތް." އޭނާ ވިދާޅުވިއެވެ.

“އެޅެހިށިގެ” އައްޑޫ ދޮންމަނިކު އުޅުއްވި ގޭގައި ހުރި ވަޅެއް. ފޮޓޯގެ ވާއަތް ފަރާތު ކަނަށް ވާގޮތަށް ހުރި ތަނަކީ ކުރިން ލޮނު އުފައްދަން ބޭނުންކޮށް އުޅުނު ތަނެއް:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އައިމިނަތު އިތުރަށް ވިދާޅުވީ ދޮންމަނިކު އަކީ އުތުރު ރަށްރަށުން ރަންހަދަން މޮޅު މީހުން ގެންނަވާ އެ މީހުން ލައްވާ ރަން އުޅާ ފަދަ ތަކެތި ހައްދަވާ އުޅުއްވި ބޭފުޅެއް ކަމަށާއި، ގިނަ އަދަކަށް ރަން ފައުނު ގެންގުޅުއްވި ކަމަށެވެ. އަދި ގޭތެރޭގައި ގެރިބަކަރި ގެންގުޅުއްވި ކަމާއި، އެ ގެރިބަކަރީގެ ކިރު ބައްލަވާ އުޅުއްވިކަން އާއިލާ ބޭފުޅުންގެ ވާހަކަތަކުން އެނގޭ ކަމަށް އައިމިނަތު ވަނީ ފާހަގަކުރައްވާފައެވެ.

ދޮންމަނިކު ނިޔާވީ ފައިކޮޅު ދުޅަވެ ދިމާވި އާލާސްކަންފުޅެއްގައި ކަމަށް ވާއިރު ބެލެވޭ ގޮތުން އޭރު އެމަނިކުފާނަށް ޖެހިވަޑައިގަތީ ކިޑްނީގެ އާލާސްކަންފުޅެކެވެ. މި ދުނިޔެ އާއި އެމަނިކުފާނު ވަދާއުކީތާ އެތައް އަގުހުރި ހަނދާންތަކެއް ދޫކުރައްވާފައެވެ. އެމަނިކުފާނު ދޫކޮށް ވަޑައިގަތް ޢިލްމީ މައުލޫމާތުގެ އަލީގައި އެތައް ބަަަޔަކު އުނގެނި ކާމިޔާބުގެ މަގު އިޚުތިޔާރު ކުރި އެތައް ބަޔަކު އެބަ ތިއްބެވެ. އިލްމާއި ހިލްމު ޖީލުތަކަކަށް ވާސިލްކޮށްދެއްވި ދޮންމަނިކުގެ ހަނދާންތަކުގެ ތެރެއިން ފެންނަ ހުރި މިންވަރެއް ރައްކާކުރުން މިއީ ތާރީޚަށްޓަކާ އިންތިހާ އަށް މުހިންމު ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބްލައިންޑްވޯރލްޑް

    އެފަދަ ބޭކަލެއްގެ ތާރީޚު މިޤައުމުން ފޮހެލާން ވެގެންތޯ މާލޭގައި ހުރި ބަހާއުއްދީން މިސްކިތުގެ ނަންވެސް ބަދަލުކޮށްލީ؟ ހަމަގައިމުގެސް މިނަމުން މާލޭކޮމިއުނިޓީއަކަށް މަޝހޫރުވެފައިވާ މަރްހޫމް އެންދެެރިމާގެ އަމްޖަދުއަކީ އިބްރާހިމް ބަހާއުއްދީނު ނުވަތަ ދޮންމަނިކުގެ ކާފަދަރިއެއް! އަޙަރެންގެ މަންމަޔަކީވެސް އެދޮންމަނިކުގެ ކާފަދަރިއެއް! ވެދާނެ ފަހަރެއްގައި މާލޭގެ މިސްކިތެއްގައި އައްޑުއަތޮޅަށް ނިސްބަތްވާ އެފަދަ މީހެއްގެ ނަންއޮތުން އެއީ ވެރިކަންކުރާ މާލެއަށް ވަރަށް ނިކަމެތިކަމަކަށްވެސް. މިޤައުމު ނޭއްގާނީ ޢުމުރުގައި އެފަދަމީހުންގެ މަސައްކަތުން އަނދިރީގެ ތެރެއިން އަލީގެ ތެރެއަށް ގެނެސްދެއްވިކަމީ ޝައްކެތް އޮތްކަމެނޫން.

    7
    2
  2. ޑިއްލު

    އެޅަހިޝިގޭ އާއިލާގެ މައުލޫމާތު އެގޭ ބަޔަކު ތިބިއްޔާ ހިއްސާ ކޮށްދެއްވުން އެދެމެވެ.