(އައްޑޫ ސިޓީ، ހުޅުމީދޫ) "ފަތިހު ހޭލެވުނީ ގާތްގަނޑަކަށް 4:00 ހާއިރު، އޭރު ގޭގެ ފުރާޅު އެއްލާލަފައި އޮތީ، ގޭތެރެއަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދިޔަ، ވައިޖެހޭ ވަރަށް ބޮޑަށް، އެ ދުވަހު ހަވީރާއި ހަމައަށް. ގޭގައި ހުރި ދެ ބަނބުކެޔޮ ގަސް ވެއްޓުނު، އިތުރު ގަސްތައް ވެސް ހުރީ ވެއްޓިފައި. އޭގެ ފަހުން ސަރުކާރުން ދިން ކޮންމެ ގެއަކަށް ގަސްތައް. ސަބްދެލި އެވޮކާޑޯ، އަނބުފަދަ ގަސްތައް ދިން،"

މިއީ މީގެ 30 އަހަރުކުރިން އައްޑޫއަށް ކުރި ބޮޑު ވިއްސާރަ ހަނދާން ހުރި އައްޑޫގެ ރައްޔިތެއްގެ ވާހަކައެވެ. އެ ބޮޑު ވިއްސާރައިގެ ވާހަކަ މި ޒަމާނުގައި ދައްކާ މީހަކު ވަރަށް މަދެވެ.

މި ވިއްސާރައިގެ މައުލޫމާތު އެނގޭ އައްޑޫގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި އެއީ ތޫފާނެއްގެ އަސަރެވެ. ނަމަވެސް އެއީ ދިގު މާޒީއެއް ކަމުން ލިޔެކިޔުންތައް ރައްކާކުރެވޭނެ ރަނގަޅު ނިޒާމެއް އޭރު ހެދިފައެއް ނެތެވެ. މޫސުމާ ގުޅޭ ކަންކަން ބަލަނީ އޭރު އައްޑޫ ގަމުގައި އިނގިރޭސީން ތިބި ޒަމާނުގައި ގާއިމުކޮށްފައިވާ މޫސުމާބެހޭ މަރުކަޒެކެވެ. ފަހުން ރާއްޖޭގެ މޫސުމާބެހޭ އިދާރާގެ ގޮތްޕަކަށް އެތަން ބަދަލުވިއެވެ. އެ ބަދަލުވުމަށްފަހު އެތަނަށް ނެގި މަދު މުވައްޒަފުންގެ ތެރޭގައި އަލީ ވާފިރު ހިމެނެއެވެ. ދެކުނަށް 1991 ގައި ކުރި އާދަޔާހިލާފު ވިއްސާރަ ކުރިމަތިވީ އެ އޮފީހުގައި ވާފިރު މަސައްކަތްކުރި ދުވަސްވަރުއެވެ.

އުމުރުން ދުވަސްވެފައި ހުރިނަމަވެސް އެ ހަނދާންތައް ވާފިރު ހިއްސާކުރީ އިއްޔެ ހިނގައި ދިޔަ ކަމެއްގެ ގޮތުގައެވެ. ވާފިރުގެ ހަނދާނުގައި އެ ވިއްސާރައިގެ ހަނދާންތައް ހުއްޓެވެ.

އައްޑޫއަށް ބޮޑު ވިއްސާރަ އައިއިރު، ހުރި ފޯކާސްޓަރ ވާފިރު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދުރާލާ ވިއްސާރަ "ފޯކާސްޓް" ކުރާނެ އާލާތެއް ނެތް

ވާފިރު ވިދާޅުވި ގޮތުން އެ ވިއްސާރަ ކުރި ތާރީހަކީ މެއި 29 1991 އެވެ. އޭރު ގަމުގެ މެޓް އޮފީހުގައި މޫސުން ބަލާނެ ރަނގަޅު އާލާތްތަކެއް ނެތެވެ. ދުރާލާ ވިއްސާރަ ވާނެކަން ދެނެގަނެވޭނެ ރަނގަޅު އާލާތްތައް ނެތުމަކީ ވާފިރަށް އޭރު ކުރިމަތިވި ބޮޑު ޗެލެންޖެކެވެ.

"އޭރު އަޅުގަނޑު ހުރީ ގަމުގައި، އޭރު އަޅުގަނޑުމެންނަށް ސެޓެލައިޓް ފޮޓޯތައް ވެސް ލިބޭނީ ފެކްސްގެ ޒަރިއްޔާއިން އިންޑިއާއިން، އެހާ ރަނގަޅަކަށް ސިސްޓަމްތަކަށް އައިޑެންޓިފައި އެއް ނުކުރެވޭ ފެކްސް ޗާޓުތަކެއް، އެހެންވީމަ ކުރިއާލާ އަޅުގަނޑުމެންނަަށް މި ދެންނެވި ތާރިހުގައި ކުރި ބޮޑު ވިއްސާރާ ފޯކާސްޓް ކުރެވިފައެއް ނެތް،" ވާފިރު ވިދާޅުވިއެވެ.

އޭރުވެސް ސެޓެލައިޓް ރިސިވީންގެ ޖެޓެއް މާލެ އިންޓަނޭޝަނަލް އެއާޕޯޓްގެ މެޓް އޮފީހުގައި ހުރެއެވެ. އެ ފޮޓޯއަށް ބަލާފައި މާލެ އޮފީހުގެ ފޯކާސްޓަ އަލީ ޝަހީދު އޮފީސްގެ އިސް ބޭފުޅުންނަށް އެ ދުވަހު ވާހަކަދެއްކިއެވެ. އަދި އައްޑޫއަށް ވިއްސާރަ ކުރާނެކަަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައުލޫމާތެއް ވާފިރަށް ލިބިފައެއް ނުވެއެވެ.

"އޭރު ރޭޑިއޯގެ 7:00 ގެ ދިވެހިރާއްޖޭގެ އަޑުގެ ހަބަރުގައި އާދަޔާ ހިލާފު ވިއްސާރައެއް އަންނާނެ ކަމަށް ލަފާ ކުރެވޭ، އެކަހަލަ ވާހަކަތަކެެއް ދެއްކި، އެކަމަކު މާލެ ކޮޅުން މިކޮޅަށް އެ މައުލޫމާތު ދީފައެއް ނުވޭ، އެ އޮފީހުން މި އޮފީހަށް އަންގަވާފައެއް ނެތް" ވާފިރު ވިދާޅުވިއެވެ.

ވިއްސާރަ ވުމުގެ ކުރިން މޫސުމަށް ބަދަލުތަކެއް އައި

ވާފިރުގެ އަތުގައި އޭޭރު ރޭޑިއޯއެއްވެސް ނެތެވެ. ކުރިންވެސް ފާހަގަކުރި ގޮތަށް ދުރާލާ ވިއްސާރަ ދެނެގަނެވޭނެ އެއްވެސް ގޮތެއް އޭރަކު ދެކުނުގައި ނެތެވެ. ވާފިރަށް ވިއްސާރަ ވާން އުޅޭކަމުގެ ހަބަރު އަޑުއެހީވެސް ތުންތުން މަތިންނެވެ. އެ ވިއްސާރަ ކުރި ރޭ ނޫން އޭގެ ކުރީ ދުވަހު، ވާފިރަށްވެސް މޫސުމަށް ބަދަލު ތަކެއް އަންނަމުންދާކަން ފާޙަގަކުރެވުނެވެ.

"ސައިކްްލޯންއެއް އުފެދިގެން އަންނައިރު، ސައިކްލޯނެެއްގެ ސެންޓްރަލް ޕްރެޝަރު ހުންނާނީ ވަރަށް ދަށަށް ގޮސްފައި، އޭރު ޕްރެޝަރު ވަރަށް ބޮޑަށް ދަަށަށް ގޮސްފައި އޮތީ،" ވާފިރު ވިދާޅުވިއެވެ.

އައްޑޫއަށް ބޮޑު ވިއްސާރަ އައިއިރު، ހުރި ފޯކާސްޓަރ ވާފިރު ވަނީ އެ ދުވަހުގެ ހަނދާންތައް ވަރަށް ރަނގަޅަށް ކިޔާދީފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ވާފިރު ވިދާޅުވީ، އާދަޔާ ހިލާފު ކަމެއް އުޅޭހެން ހީވާތީ، އޭރު ކަނޑުމަތީގައި ތިބި ބޯޓުތަކަށް އެ މައުލޫމާތު އޭނާ ދެއްވި ކަމަށެވެ. އޭރު މުވާސަލާތު ކުރެވެން އޮތް ގޮތަކަށް އަދި ވާފިރުގެ ކުޅަދާނަކަން ހުރި ވަރަކުން އޭނާ އެ އުތުރުގެ ހުވަދޫ ކަނޑާ ހިސާބުން އައްޑޫއާ ހަމައަށް ދަތުރުކުރި ބޯޓު ފަހަރުތަކަށް އެ މައުލޫމާތު ދެވޭތޯ ބެލިއެވެ.

"ހުވަދޫ ކަނޑުގައި ތިބި ބޯޓު ފަހަރުތައް ދަތުރު ނުކުރުމަށާއި، ލ.އަތޮޅު ކައިރީގައި ތިބި ބޯޓު ފަހަރުތައް އެ މީހުންނާ އަންގައިގެން ވެއްދިން، ދެ ބޯޓެއް ވަރު ވެއްދިން" ވާފިރު ވިދާޅުވިއެވެ.

ވާފިރަަކީ އައްޑޫ މީދޫގައި ދިރިއުޅެމުންދާ މީހެކެވެ. އެ ވިއްސާރާ ކުރި ދުވަހު ނޫން އޭގެ ކުރީ ދުވަހު ވާފިރު ޑިއުޓީ ނިންމާފައި ރަށަށް ނުދެއެވެ. ވިއްސާރަ ކުރާނެ ހެން ހީވެގެން އޭނާ އެ ދުވަހު ހަވީރު ޑިއުޓީ ނިންމާފައި ރަށަށް ނުގޮސް މަޑު ކުރިއެވެ. އެ ދުވަހު ޑިއުޓީގައި ވާފިރު އާއެކު ޑިއުޓީގައި ދެ ކުދިން ތިއްބެވެ. އެތަނުން އެއް ކުއްޖަކީ މާބަނޑު ކުއްޖެކެވެ. އެހެންކަމުން މި ހާލަތުގައި އޭނާ ދޫކޮށް ދިއުމަކީ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ވާފިރު އެތަނުގައި މަޑުކުރިއެވެ. އެއީ ކުރިމަތިވާން އުޅޭ ކަންތަކުގެ ނުރައްކާ މިންވަރު އޭނާއަށް ވަޒަން ކުރެވުމުންނެވެ.

ވާފިރު ވިދާޅުވީ، އޭނާ އެތަނުގައި މަޑުކުރުމުން އެ ވިއްސާރަ އައުމުގެ ކުރީގައި އޭނާގެ އަމިއްލަ ވިސްނުމަށް ކަންތައްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ޑޭޓާ ކަލެކްޓިން ޕްލެޓް ފޯމާއި، އަދިވެސް ބައެއް ސާމާނުތަކާއި، ޕްރެޝާ ނަގާ ބެރޯ މީޓަރު ފަދަ އެއްޗެހި އޭނާ ސަލާމަތް ކުރިއެވެ.

"ރޭޑަރާއި، ހައިބްރިޑިންގ ޝެޑަކާއި ބެހެއްޓުމަށްޓަކައި އިނގިރޭސިވިލާތާއި، ކެނެޑާއިން އައި ބަޔަކާއި ޕެކްކޮށްގެން ގެނައި ކަރުދާސްތަކާއި، މި އެއްޗެހި ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން، މާލެ އިން ގެނައި ފްލައިވުޑް ފިލާތައް ބާކީވެފައި ހުރީ، ދެން އަޅުގަނޑު ހެދި ގޮތަކީ އަންހެން ކުއްޖާ ފިޔަވާ ދެން ހުރި ފިރިހެން ކުއްޖާ ދެމީހުން ވެގެން އިކުއިޕްމެންޓްސްތައް އިންސްޓްރުމެންޓް މަތީގައި އަޅާފައި ޕެކްކޮށްގެން ގެނައި އިރު ހުރި ރަބަރުތައް މީގެ މަތީގައި އަޅާފައި އެއަށް ވެއިޓް ދީފައި ބެހެއްޓީ،" ވާފިރު ވިދާޅުވިއެވެ.

އައްޑޫއަށް ބޮޑު ވިއްސާރަ އައިއިރު، ކުރެވުނު ތަޖުރިބާ "ވަގުތު" އާ ހިއްސާ ކުރަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދަންވަރު އެރި ވިލާގަނޑުގައި 104 މޭލަށް ވައި ޖެހުނު!

އެ ބޮޑު ވިއްސާރައިގެ ވިލާތައް އައްޑޫސިޓީއަށް ބޯމަތިކޮށްލި އިރު ވާފިރު ހުރީ މެޓް އޮފީހުގައެވެ. ވަރަށް ބޮޑަށް ވައި ގަދަވިއެވެ. އެ ގަދަވި ވަގުތު އޮފީހުގެ ފުރާޅުވެސް ވަޔާ އެއްލާލައިގެން ދިޔައީ ވާފިރު ބަލަހައްޓައިގެން ހުއްޓައެވެ. ކުރިމަތީގައި ހުރި ބޮޑެތި ގަސްތައްވެސް ވެއްޓުނު މަންޒަރު ވާފިރަށް ފެނުނެވެ. ވާފިރު ފާހަގަ ކުރެއްވި ގޮތުގައި އެއީ މިހާރު މި އަންނަ ތޫފާން ރެކޯޑް ކުރެވޭ ގޮތަށް، ރެކޯޑް ކުރެވިގެން އައި އެއްޗެއް ނޫނެވެ.

"މި ދެންނެވީ އެކޮޅުގައި (މާލޭ ކޮޅުގައި) ހުންނެވި ބޭފުޅާވެސް، އޭނާގެ ތަޖުރިބާ އާއި ކްލައުޑް މޫވްމެންޓާއި އެއްޗެއްސަށް ބައްލަވާފައި އޭނާ އޮފީހުގައި އިސް ބޭފުޅުންނަށް އެންގި، އެކަމަކު އޭރު އޮފީސްގައި ފޯނެއް ނުހުންނާނެ، ސެޓުން ވާހަކަދައްކާނީ، ގިނަ ފަހަރު އެހާ ސާފެއް ނުވާނެ ދައްކާ ވާހަކައެއް". ވާފިރު ވިދާޅުވިއެވެ.

އެއީ ހުޅަނގު މޫސުން ފެށިގެން އައި ދުވަސްވަރުވެސް މެއެވެ. އޭރު ވަޔަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. އެރޭ ދަންވަރު 3:03 ހާއިރު 104 ނޯޓިކަލް މޭލު ބާރުމިނުގައި ވައި ޖެހެން ފެށިއެެވެ. ދެން މަޑުމަޑުން ދިޔައީ މަޑުވަމުންނެވެ. އިރު އެރިއިރު، ވައި ވަރަށް ބޮޑުތަން މަޑުވިއެވެ. އޭރު ވައި ހުރީ 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނުގައެވެ.

"ފަތިހު 4:00 އިން ފެށިގެން ދެން ވައި ހުރީ މި ދެންނެވިހެން 45 އާއި 50 މޭލާއި ދެމެދުގެ ބާރުމިނުގައި،" ވާފިރު ވިދާޅުވިއެވެ.

މި ވައި އައީ ބޮޑު ވިއްސާރައާ އެކީގައެވެ. ވާފިރު ވިދާޅުވީ، އެ ވިއްސާރަ އައިއިރު އެއްވެސް ވަރަކަށް އޮބްޒަވޭޝަން މެދުކަނޑާލާފައި ނުވާނެ ކަމަށެވެ. އަދި އޭރު މާލެއަށް މައުލޫމާތުތައް ފޮނުވަމުން ދިޔައީ ޓަވަރު މެދުވެރިކޮށެވެ. އެކަމާއި އެމެރިކާގެ ސްޕޭސް ސެންޓަރުން ތައުރީފް ކުރިކަމަށްވެސް ވާފިރު ވިދާޅުވިއެވެ.

ބޮޑު ވިއްސާރައަށްފަހުވެސް، ގާތްގަނޑަކަށް ފަސް ވަރަކަށް ދުވަހަށް މެދުކެނޑުމެއް ނެތި ވާރޭވެހުނެވެ. އޭރު އައްޑޫގެ ރަށްތައް ފެންބޮޑުވިއެވެ. ހުރިހާ ގަހެއް ކަހަލަ ގޮތަކަށް ވެއްޓުނެވެ. ބަނބުކެޔޮ ގަސްތަކާއި ރުއްތަކެވެ. އަނބު ގަސްތަކާއި، ބޮޑެތި އެތައް ގަސްތަކެވެ. ގޭގެ ފުރާޅުތައް އެއްލާލިއެވެ. ގިނަބަޔަކު ހާލުގައި ޖެހި ސަރުކާރުގެ އެހީތެރިކަމަށް އެދެން ޖެހުނެވެ.

މި ވިއްސާރައިގެ ސަބަބުން ވާފިރު ގަމުގައި ތާށިވިއެވެ. އޭނާއަށް ރަށަށް ދެވުނީ ހަ ދުވަސް ފަހުންނެވެެ. ވާފިރު ވިދާޅުވީ، އެއީ މިދިޔަ 100 އަހަރު ތެރޭގައިވެސް ރާއްޖެއަށް ނުކުރާ ބޮޑު ވިއްސާރައެއް ކަމަށެވެ.

އައްޑޫ އަށް ކުރި މި ވިއްސާރައަށް ފަހު ސަރުކާރުގެ ބޮޑެތި އެހީތެރިކަން ލިބިގެން ދިޔައެވެ. ގޭގޭގެ ފުރާޅުތައް މަރާމާތުކޮށް، ކޮންމެ ގެއަކަށް ގަސްތައް ދިނެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް މަނަވަރެއްގައި އައްޑޫއަށް ވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާއައްޑޫ ޝަކުވާ ބޯޓު

    ޜިއާން މިލިޔުން ވ ރަނގަޅު. މަރުހަބާ!
    ކީޕް އިޓް އަޕް.!

    ދެން ބުނެލަން އޮތީ، އިންޓރވިއު ކުރަން ހުރި ކުއްޖާ ވަރަށް ރީއްޗޭ. "މޮޅު ކަޅެއް" 🙂

    10
    4
  2. ހަސން

    ސެޓެލައިޓް ރިސީވިންގ ޖެޓް އަދިވެސް ހުލުލޭގަ ހުރޭބާ.. ހމމ؟

  3. އައިޑިއާ

    އަހަރެމެންނަށް 45 އަހަރު ވެއްޖެ! ބަލާބެލުމަށް 30 ހެން ހީވާނީ! އެކަމަކު ތި ހާދިސާ ވ ރީއްޗަށް ހަދާން އެބަހުރި! ކީއްކުރަންތޯ ކޮންމެހެން މާ ދުވަސްވީ މީހަކު ކައިރިން އަހަނީ! ރަގަޅު އޭރު އހަރެމެން އުޅުނީ ސްކޫލް ގަ ކިޔަވަން!

    9
    2
  4. އައިޑިއާ

    ތި މީހާ އަށް އަސްލު ވެދާނެ 86 އަހަރު ވަރު!

    4
    2
  5. އެދުރުކަލޭގެ

    ސާބަހޭ! 1990 ގަ ކުރި ވިއްސާރައަކީ ހަމައެކަނި އައްޑޫއަށް ކުރި ވިއްސާރައެއް ނޫން. އުތުރުގެ ރަށްރަށަށްވެސް ވަރަށް ބޮޑެތި ގެއްލުން ލިބުނު. 1990 ވާހަކައެއް މާ ޤަދީމީ ކަމެއް ކަމަށް ދޭހަވާގޮތަށް ލިޔުމުން ކަމަކު ނުދޭ!

    3
    4
  6. އައްކޫ

    ވަގުތު މީހުންނަށް އިގެނީ ހަމަ އެކަނި އައްޑޫ އާއި ފޯމުލައަ ވާހަކަ ދައްކަން.
    ދެންތިބި ރައްތަކުގެ ވާހަކަވެސް ޖަހާބަލަ

    1
    2
  7. ާަަޖާަބިރު

    ‎إنَّا لله وإنا إليه راجعون
    ‎މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ رحمة ލައްވައި ސުވަރުގޭގެ ދާއިމީ نعمة މިންވަރު ކުރައްވާށި!އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن