(ފުވައްމުލައް ސިޓީ) ޏ.އަތޮޅު ފުވައްމަލަކަކީ ސަގާފީ އެތައް ކަމެއް އެރަށުގައި ހިމެނޭ އެއް ރަށެވެ. ތާރީހީ އެތައް ބަޔަކު ފުވައްމުލަކަށް ނިސްބަތްވާ އިރު ރަށުގެ މީހުން ވާހަކަ ދައްކައި އުޅޭ ބަހުރުވަ އާއި މުނިފޫހިފިލުވުމަށް ކުޅޭ ކުޅިވަރުތަކަށް ބެލިއަސް މިރަށަކީ ހާއްސަ ރަށެއްކަން ފާހަގަ ކުރެވޭނެއެވެ.

މިހާރު ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ފުވައްމުލައް ސިޓީ އަށް ކުރި ދަތުރުގެ ތެރެއިން ރަށުގެ ދުވަސްވީ އެތައް މީހަކާ ބައްދަލުވެފައިވެއެވެ. މި ލިއުމުގައި ހިމަނާފައި ވަނީ އިހުގައި ފުވައްމުލަކުގައި ކުޅުނު ކުޅިވަރުތަކުގެ ވާހަކައެވެ. މި ލިޔުމަށް ހުރިހާ މައުލޫމާތެއް ދީފައިވަނީ ރަށުގެ އުމުރުން ދުވަސްވީ މީހުންނެވެ.

ފުވައްމުލަކުގެ މުސްކުޅި ފުރައިގެ ގިނަ މީހުން ފާހަގަ ކުރާ ގޮތުގައި އިހުގައި މުލަކުގައި ކުޅުނު ގިނަ ކުޅިވަރުތައް މިހާރު އެއްގޮތަކަށްވެސް ނުކުޅޭކަން ފާހަގަ ކުރިއެވެ. އަދި ގިނަ ކުޅިވަރުތައް ނުކުޅޭތާ އެތައް އަހަރުވެފައިވާ ކަން ވެސް އެ ބޭފުޅުން ފާހަގަ ކުރިއެވެ. އަދި ޒަމާނަށް އައި ތަރައްގީއާ އެކު ކުޅޭ ކުޅިވަރުތަކަށް ވެސް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށް ގިނަ މީހުން ބުނެފައި ވެއެވެ.

ފުވައްމުލަކުގައި އިހުގައި ކުޅުނު ކުޅިވަރުތައް މިހާރު ނުކުޅޭ އެއް ސަބަބަކީ ކުޅިވަރު ކުޅެން ވަގުތު ނޯންނާތީ ކަމަށް އެމީހުން ބުނެފައި ވެއެވެ. އަދި މީހުން އެކި ކަންކަމުގައި މަސްއޫލުވެ ކުޅިވަރުކުޅެން ވަގުތު ނުލިބޭކަމަށްވެސް އެކި މީހުން ބުނެއެވެ.

ރަނގަ ބުޅި އެއްލުން

މި ކުޅިވަރު ކުޅުމަށް ދެ ޓީމަކަށް މީހުން ބަހާލައިގެންނެވެ. އެއް ޓީމަށް ކުޑަކުޑަ ގާކޮޅެއް ދީފައި އޮންނާނެއެވެ. އެ ގާކޮޅު ފިރުކައިގަނެވިއްޖެ ނަމަ ފިރުކައި ގަތް ޓީމު މޮޅުވާނެއެވެ. އަދި އެ ގާކޮޅު ނުލިބި އިދިކޮޅު ޓީމުގެ މީހަކު ހިފަހައްޓާފައި އޮއްވާ ދުވެ ފިލައިފި ނަމަ އެ ފިލި ބަޔަކުވެސް މި ކުޅިވަރުގައި މޮޅުވެއެވެ.

ހޯޅޮއާންޖެހުން.

ދެމީހަކު އެކަކުއަނެކަކާ ކުރިމަތިލައިގެން އެކަކުގެއަތް އަނެކަކާދިމާލަށް ދިއްކުރުމުން އަތުގައި ހިފައިގެން ފެށޭ ކުޅިވަރެކެވެ. ނިމޭނީ ދެމީހުންގެތެރެއިން އެކަކު ނުވަތަ ދެމީންބިންމައްޗަށް ވެއްޓިގެން ގަދަވަނީ މަތީގައި އޮންނަމީހާއެވެ. މާލޭބަހުރުވައިން މި ކުޅިވަރަށް ކިޔަނީ ގުޅަމަތިހިފުމެވެ.

ސުވާ ކުޅުން

ސުވާ އަކީ މިހާރު މި ކުޅޭ ކުރިކެޓު ކުޅޭ ގޮތަށް ކުޅޭ ކުޅިވަރެކެވެ. އެދުވަސްވަރު ސުވާކުޅުމަށް ބޭނުންކުރާ ބޯޅަ އަކީ އަމިއްލައަށް ހަދާ ބޯޅައެކެވެ. ’ސުވާ‘ ފަހަނީ ރަބަރުކޮޅެއްގެ ވަށައިގެން ފޮތިގަނޑެއް އޮޅައިގެން ވަށްކޮށް ފަހާލައިގެންނެވެ. ކޮންމެ އަހަރެއްގައި ވެސް ސުވާ ފަހައެވެ. އަދި އަނެއް އަހަރު އައުމުގެ ކުރީން އާ ސުވާ އެއް އޮންނަނީ ފަހާ ތައްޔާރުކޮށްފައެވެ.

"ސުވާ ކުޅެން ބޭނުންކުރަނީ ފޮތި ބޭނުންކޮށްގެން ހަދާފައި އޮންނަ ބޯޅައެއް. ސުވާ ކުޅުމަށް ދެ ބަޔަކަށް ޓީމު ބަހާފަ ކުޅޭ މީހާ އަތުގަ އޮންނާނީ ގާތްގަނޑަކަށް ތިން ފޫޓު ވަރުގެ އޮނުގަނޑެއް. އިދިކޮޅު ބައިގެ މީހާ ބާރަ ވަރަކަށް ފޫޓު ދުރުގައި ހުރެފައި ބޯޅަ އެއްލީމާ ކުޅޭ ބައިގެ މީހާ އޮނުގަނޑުން ޖަހާނީ. އެ ބޯޅަ މައްޗަށް އަރައިގެން ގޮއްސަ ހިފިއްޖެއްޔާ އެބައިގެ މީހާ މޮޅުވީ." ފުއައްމުލަކުގެ ދޮށީ އުމުރުގެ މީހަކު ކިޔަދިނެވެ.

ފަން ކުޅުން

ފަން ކުޅެ އުޅެނީ އާންމުކޮށް ރަށުގެ އަންހެން ވެރީންނެވެ. މި ކުޅިވަރު ކުޅޭ ގޮތް ކިޔައި ދެއްވަމުން ފުވައްމުލަކުގެ ދުވަސްވީ މީހެއް ކަމަށްވާ އާމިނަތު ހަސަން، 72 އަހަރު ބުނި ގޮތުގައި އިހުގައި އަންހެނުންނަށް ހާއްސަ ކުޅިވަރެއްގެ ގޮތުގައި ކުޅުނީ ފަންކުޅުން ކަމަށެވެ.

ގިނަ މީހުން ފާހަގަ ކުރާ ގޮތުގައި އީދު ދުވަސްފަދަ ހާއްސަ ދުވަސްތަކުގައި ވެސް ކުޅިވަރު ކުޅުމާއި ރަށުގެ އެންމެން އެއްވެ ކެއްކުން ފަދަ ކަންކަން އެހާ ފޯރިއާއެކު ނުކުރި ކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް ފާހަގަ ކުރާކަން ފާހަގަ ކުރިއެވެ. ވަކި ހާއްސަ ކުޅިވަރެއް އީދު ދުވަހު ނުކުޅޭކަމަށް ރަށުގެ މީހުން ބުނެއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅޮލް

    އެންމެ ރާގު ހަޑި ބަހުރުވަ

  2. ޖޮބޭ

    ރާގު ހަޑިވުމުން ޖޭވިޔަސް މުއްސަނދި ސަޤާފަތެއް އޮތް ބަހުރުވައެއް. ﷲގެ ރަހުމަތް ނިކަން ދެކިބަލަ.

  3. ޖޮބޭ

    ރާގު ހަޑިވުމުން ޖޭވިޔަސް މުއްސަނދި ސަޤާފަތެއް އޮތް ބަހުރުވައެއް. ﷲގެ ރަހުމަތް ނިކަން ދެކިބަލަ. ކިހާަ ފުރިހަމަ

    5
    1
  4. މުނީރުޙަސަން

    މިލިއުމުގައި ބޭނުންކޮށްފައިވާ "އުރަމަތީހިފުން" މިއީ ފުވައްމުލަކު ރަައްޔިތުންއެއްވެސް ޒަމާނެއްގައި ކުޅުނުކުޅިވަރެއްނޫން.އެކަމަކީީ ފުވައްމުލަކުރައްޔިތުންނަށްހަޑިމުޑުދާރުއަމަލެއް.އިސްލާޙުކުރައްވާ.

    4
    1