(ފުވައްމުލައް ސިޓީ) ފުވައްމުލަކު މެދަކާ ހިސާބުގައި އޮންނަ "މާނެރެ" އަކީ ކުރީގައި މީހުން ލަފާ ފުރުމަށް ބޭނުން ކުރި ނުރައްކާތެރި ނެރެކެވެ. އެ ސަރަހައްދަކީ އާދަޔާ ހިލާފަށް އޮއިވަރު ބާރު ބިރުވެރި ސަރަހައްދެކެވެ. ފަރުގެ އެކި ހިސާބުތަކުގައި ފުން އޮޅުތައް ހުންނައިރު އެތަންތަނުގައި އޮއިގަނޑު އަޑިއަށް ދަމައިގަނެއެވެ. މިފަދަ އޮއިވަރެއްގައި ޖެހިއްޖެ ނަމަ އަމިއްލަ މިހާ އެ ތަނުން ސަލާމަތްވުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ.

އެ ރަށުގެ މީހުން ކިޔައިދޭ ގޮތުން ނަމަ، "މާނެރެ" އަކީ ކުރީގައި ފުވައްމުލަކުގައި ބޭނުން ކުރަމުން އަންނަ މައި ނެރެވެ. އެރަށުގައި އާ ބަނދަރެއް ހެދި ފަހުން ވެސް އާންމުންގެ އެތައް ބަޔަކު ވަނީ އެ ނެރު ބަންދު ކުރުމަށް އެދިފައެވެ. އެއީ އެ ސަރަހައްދަށް މޫދަށް އެރި އުޅުނު އެތައް ބަޔަކު ދުނިޔެއާ ވަކިވެފައިވާތީއެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، އެ ނެރު ބަންދުކޮށްފައި ނުވާތީ އާންމުންގެ ކަންބޮޑުވުން އެބައޮތެވެ.

މި ސަރަހައްދަށް ގިނަ ބަޔަކު މޫދަށް އެރެން ދިއުމަކީ މަދުން ނަމަވެސް ކުރަމުން އަންނަ ކަމެކެވެ. ގިނަ ބަޔަކު މޫދަށް އެރެން އެ ސަރަހައްދަށް ދަނީ ރަށުގައި މޫދަށް އެރުމަށް އެދެވޭ ހާއްސަ ތަނެއް ނެތުމުގެ ސަބަބުން ކަމަށްވެއެވެ. މި ނެރުގެ ވާހަކަ މިހާ ބޮޑަށް އާންމުންގެ ސަމާލު ކަމަށް އައީ މީގެ ހަފްތާއެއް ކުރިން، އެ ސަރަހައްދަށް މޫދަށް އެރި އުޅުނު އަހުމަދު ފައުޒާން ގެނބިގެން ނިޔާވި ހާދިސާއަށް ފަހުއެވެ.

ފުވައްމުލަކު މާނެރެ ބޭރުން މަތިން، މިއީ ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައިވާ ސަރަހައްދެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ސަރަޙައްދު ނުރައްކާވާ ސަބަބުތައް ގިނަ!

ރާއްޖެ ވަށައިގެން ކަނޑު އޮންނަ އިރު، މިފަދަ ފުން އޮޅުތައް، ގިނަ ރަށްރަށް ހުރެއެވެ. ނަމަވެސް ފުވައްމުލަކުގައި އޮންނަ "މާނެރެ" ސަރަޙައްދަކީ ރާއްޖެއިންވެސް އެންމެ ނުރައްކާތެރި އެއް ސަރަޙައްދު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެ ނެރަކީ އެންމެ ނުރައްކާތެރި ނެރު ކަމުގައި ގިނަ ބަޔަކު ދެކުނަސް އެ ސަރަހައްދުގައި އެތަނަށް ދޫނުކުރާ އެ ނޫނަސް އޮޅުގަނޑުތައް ހުރެއެވެ.

އެފަދަ އޮޅުގަނޑުތަކަށް މީހަކު ދަމައިގެންފި ނަމަ، އަމިއްލައަށް ސަލާމަތްވުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ. އަޑިއަށް ދަމައިގަންނަ ގޮތަށް މުރަކަ ނުވަތަ އެތަނުގައި ހުންނަ "ތޫނު" ގާތަކުގައި ޖެހި މީހާގެ ފުރާނައަށް ނުރައްކާވި ހާދިސާތައް ކުރިންވެސް ހިނގާފައި އެބަހުއްޓެވެ.

"މާނެރެ" އޮޅުގެ ބޭރުކޮޅުގައި އަޑިއަށް ހިފާ އެތައް ހޮރެއް ހުރެއެވެ. އެތަންތަނުން އަޑިއަށް ހިފާ، މައްޗަށް ހިފާ އޮއިވަރު ހުންނައިރު، އެ އޮޅަކާއި ދިމާވެއްޖެނަމަ އެހިސާބުގެ އަޑީގައި ނުޖެހި މައްޗަށް ވެސް ނާރާ މީހާ ހިފަހައްޓައެވެ. މީގެ އިތުރުން ވަރަށް ބާރަށް މީހާ ބޭރަށް ދަމާ އޮއިވަރެއްވެސް މިތަނުގައި ހުރެއެވެ.

"މާނެރެ" ގެ އިތުރުން އެ ސަރަހައްދުގައި "އަރުއްފަންނަ"، "ނެރެގަނޑު" އަދި "ކަނދޮވަލި ނެރެ" ނަމަކަށް ކިޔާ ތިން ނެރު އޮވެއެވެ. މި ތިން ނެރަކީވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަރު ގޮއްވައިގެން ހަދާފައިވާ ނެރުތަކެވެ. މި ތަންތަނުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެ، އެންމެ ނުރައްކާތެރި ކަމަށް ބެލެވިފައިވަނީ "މާނެރެ" އާއި "އަރުއްފަންނަ" އެވެ.

ފުވައްމުލަކު ނެރެގަނޑު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެރަށުގެ ރައްޔިތުން ބުނާ ގޮތުގައި މި ދެ ތަނަށް ވަރަށް "ވަގު" ރާޅު އަރައެވެ. ވަގު ރާޅު މާނަ ކޮށްފައިވަނީ އެންމެ ހީނުކުރާ ވަގުތުގައި ނަގާ ބިޔަ ރާޅު ތަކަށެވެ. އެފަދަ ރާޅަކާ މީހަކު ދިމާވެއްޖެ ނަމަ އޮއިވަރުގައި ޖެހި ނުރައްކާ ހާލަތުތައް މެދުވެރިވެއެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުގައި 30 ނުވަތަ 40 ވަރަކަށް މީހުން ހަމަ އެކަނީ މާނެރެ އަށް މަރުވި. އެއީ ގާތްގަނޑަކަށް އަޅުގަނޑުގެ އުމުރުން މިހާރު 70 އާ ކައިރިވެއްޖެ. ހަނދާން ހުންނަ ގޮތުން އުމުރުން ހަތް އަހަރުން ފަށައިގެން މިއީ މީހުން މަރުވެފައިވާ އަދަދު. އެއްވެސް ގޮތަކަށް އެ ނެރެ ބެހެއްޓުން އެއީ އަޅުގަނޑަށް ފެންނަ ގޮތެއް ނޫން. އެހެން ކަމުން އެއީ ސަރުކާރުން ބައްދާލަން ޖެހޭ ތަނެއް ކަމަށް ދެކެން." އެ ރަށުން ވާހަކަ ދެއްކި އަހުމަދު އަލީ، ކަސްތޫރިމާގެ 70އ، ބުންޏެވެ.

މާނެރެ ސަރަހައްދަށް ކުރިން ނިޔާވި ބައެއް މީހުން!

ފުވައްމުލަކުން ދިމާވި ކޮންމެ މީހަކު ވެސް އިއްތިފާގުވާ އެއް ކަމަކީ "މާނެރެ" ސަރަހައްދަށް މޫދަށް އެރެން ޖެހިލުންވާ ކަމެވެ. އެއީ މީގެ 50 އަހަރު ކުރިން ވެސް ނެރު ކައިރި އަށް އެރުނު މީހުން މަރުވެފައި އެބަހުއްޓެވެ. އެ ހުރިހާ މީހުންގެ މައުލޫމާތެއް މިހާރު އެނގޭކަށް ނެތެވެ. އެކަމަކު، އެކި މީހުން ކިޔައިދޭ އަދަދުތައް ތަފާތެވެ. ބައެއް މީހުން ބުނާ ގޮތުން "މާނެރެ" ސަރަހައްދަށް އެރި އުޅުނު 10 މީހަކު މި ދުނިޔެއާ ވަކިވެ ހިނގައްޖެއެވެ.

"އެތަނުން ވަރަށް ގިނަ މީހުން މަރުވެފައި އެބަ ހުރި. ގާތްގަނޑަކަށް މިރަށުން ފާހަގަ ކޮށްލައިފިއްޔާ 10 ވަރަކަށް މީހުން އެތަނުންވެސް ނިޔާވެފައިވެއޭ ކީދާނެ. ރަށުގެ ތަފާތު ދިމާތަކަށް މީހުން މަރުވެފައިވަނީ. މިސާލަކަށް ބަލާނަމަ، ދިގުވާނޑު އަވަށުން އެއްފަހަރު ހަތަރު މީހުން މަރުވި. ހަތަރު އަންހެނުން. ފަހެއް އެ ވަނީ ބަނޑުގައި އޮތް ކުއްޖާ ލައިގެން" ކުރީގެ އަތޮޅު އޮފީހުގައި މަސައްކަތް ކުރި ހުސެއިން ޝަރީފް މުހައްމަދު "ވަގުތު" އަށް ކިޔައިދިނެވެ.

ފުވައްމުލަކު މާނެރެ ސަރަހައްދު، މިތަނަށް އެތައް ބައެއްގެ ފުރާނަ ގެއްލިފައިވޭ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާނެރެ ސަރަޙައްދަށް ނިޔާވި ބައެއް މީހުން:-

 • މަންތެފޮޅެ ހަސަންބެއާ (1959 ވަނަ އަހަރު)
 • ޖުންޖުލާގޭ/ މިހާރު، ރިއަލީ އިބްރާހިމް (1980 ވަނަ އަހަރު)
 • ފުނަމާގޭ
 • ދަށު ކުބައިގޭ އަހުމަދު ފުތުގެ އަލުފުތު
 • ފާތިމަތު އިބްރާހިމް ދީދީ، ރިއަލި (1990 ވަނަ އަހަރު)
 • ހޮސްޕިޓަލްގެ ޕާކިސްތާން ޑޮކްޓަރު (2015 ވަނަ އަހަރު)
 • ޔޫރޯ، އަހުމަދު ފައުޒާން، (2021 ވަނަ އަހަރު)

ހައްލަކީ ކޮބާ؟

ފުވައްމުލަކުގައި ހުންނަ މިފަދަ ނުރައްކާތެރި ނެރުތަކުގެ ޝަކުވާ އަބަދުވެސް އެރަށުގެ ރައްޔިތުންނާއި ކުރީގެ އަތޮޅު އޮފީހުގައި މަސައްކަތް ކުރަމުން އައި މީހުން ވަނީ ސަރުކާރުގެ އޭރުގެ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް ސަރުކާރަކުން އެތަނަށް އެދެވޭ ހައްލެއް ގެނެސްދީފައި ނުވާކަމީ ރަށުގެ ގިނަ ރައްޔިތުން އެކަމާ ނުހަނު ކަންބޮޑުވާ ކަމެކެވެ.

ދާދި ފަހުން އެ ރަށު "މާނެރެ" ސަރަހައްދަށް ނިޔާވި ފައުޒާންގެ މަރާއެކު އެރަށުގެ ޖަމްއިއްޔާއެއް ކަމަށްވާ "ވަންފުވައްމުލަށް" އިން ވަނީ އެ ނެރު ބަންދު ކުރުމަށް އެދި ފުވައްމުލަކު ކައުންސިލަށް ޕެޓިޝަނެއް ފޮނުވައިފައެވެ. އެ ޕެޓިޝަން އެރަށު މޭޔަރު އަބްދުﷲ ފަލާހަށް ހަވާލު ކޮށްފައިވަނީ ފައުޒާންއާ އެކީ އެ ދުވަހު މޫދަށް ދިޔަ އިބްރާހިމް ނާސިހާއި ފައުޒާންގެ އެންމެ ގާތް އެކުވެރިޔާ މުހައްމަދު ޖައުޝަންއެވެ.

މި ޕެޓިޝަންއަށް ދެހާހަށް ވުރެ ގިނަ މީހުންގެ ސޮއި ލިބިފައިވާއިރު، މޭޔަރު އާއި ބައްދަލުކޮށް އެ ކުދިން ވަނީ އެ ނެރު ބަންދު ކުރުމަށް އެދިފައެވެ. ނަމަވެސް މޭޔަރުގެ ވިސްނުން ތަފާތު ކަމަށް އެތަނުން ކުއްޖަކު ވަނީ ބުނެފައެވެ.

ފުވައްމުލަކު ނެރު ބަންދުކުރަން ހަދާފައިވާ ހުށަހެޅުން

"އެ ޕެޓިޝަން ހަވާލު ކުރީމަވެސް އަޅުގަނޑަށް ކައުންސިލްގެ ފަރާތުން ލިބެން ބޭނުންވި ވަރުގެ ހޯޕެއް ނުލިބުނު. ކައުންސިލްގެ ވިސްނުން ހުރިގޮތުން ވެއްޖެއްޔާ އެތަން ބަންދު ކޮށްފިއްޔާ ތިމާވެއްޓަށްވެސް ގެއްލުން ލިބޭނެ. ކައުންސިލްގެ ވިސްނުންވެސް ރަނގަޅު. އަޅުގަނޑުވެސް ނުބުނަން ކައުންސިލަރުން ގޯހެކޭ. އެކަމަކު ސުވާލަކީ ކޮބައިތޯއޭ މުހިންމު އެއްޗަކީ؟ ވީހާވެސް އަވަހަކަށް މީހުން ރައްކާތެރި ކުރުންތޯ ނުވަތަ ހުސް ތިމާވެއްޓަށް ވިސްނައިގެން އިތުރަށް ފަސް ކުރުންތޯ؟" މުހައްމަދު ޖައުޝަން "ވަގުތު" އަށް ކިޔައިދިނެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ ކައުންސިލަރު ހަމަދު އަބްދުﷲ ވިދާޅުވީ، "ވަންފުވައްމުލަށް" ފަރާތުން ޕެޓިޝަނެއް އެ ކައުންސިލަށް ހުށަހެޅުމުގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކައުންސިލުން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އަށް އެރަށުގައި ހަދާފައިވާ ނެރުތައް ބެއްދުމަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އޭގެ ކުރިން 2011 ވަނަ އަހަރުވެސް ނެރުތައް ބެއްދުމަށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުންވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ހަމަދު ވިދާޅުވިއެވެ.

އާންމު ރައްޔިތުން ނެރު ބަންދު ކުރުމަށް އެދެފައިވާތީ އާއި އެތަނަކީ އެއީ ގިނަ ބަޔަކު ނިޔާވެފައިވާ ތަނަކަށްވުމުން ހަމަދު ވިދާޅުވީ، އެފަދަ ތަންތަން ބެއްދުމަށް ހުރިހާ ކައުންސިލްގެ މެމްބަރުންވެސް ތާއީދު ކަމަށެވެ.

އެ ރަށުގެ ގިނަ ރައްޔިތުން ބުނެފައިވަނީ އެ ނެރުތަކަކީ މިހާރު އެއްވެސް ގޮތަކަށް ބޭނުން ކުރަމުން އަންނަ ނެރުތަކެއް ނޫން ކަމުން އެކަމަށް އޮތް ހަމަ އެކަނި ހައްލަކީ އެތަންތައް ބަންދު ކުރުން ކަމަށެވެ. ނުވަތަ އެފަދަ ސަރަޙައްދުތަކަށް މޫދަށްގޮސް އުޅުން މަނާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުވައްމުލަކު މާނެރެ" ސަރަހައްދަށް ބަލާލި ކަމުގައި ވިޔަސް، އެ ތަނުގެ ނުރައްކާތެރިކަން ހާމަވެއެވެ. އެ ނެރާ ހެދި އިތުރު ބައެއްގެ ފުރާނަ މި ދުނިޔެއާ ވަކިވެގެން ދިއުމުގެ ކުރިން އެ ސަރަހައްދާ މެދުގައި އެކަށީގެންވާ ފިޔަވަޅެއް އެޅުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެކެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަމިއްލަ ޒިންމާ ކޮބާ؟

  ހިތާވެރި ޙާދިސާ ތަކުގައި މިދުނިޔެއާއި ވަކިވެ ފައިވާ އެންމެހައި އަޚުންނާއި އުޚްތުންނަށް ﷲ ފާ ފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި ޖަންނާތުލް ފިރުދައުސް މިންވަރު ކުރައްވާނދޭވެ! އާމީން. ސަރުކާރުން ތިނެރު ބަންދު ކުރަންދެން ވެސް އެދިމާލަށް ނޭރި ތިބެން ވެއްޖެއެއް ނޫންހެއްޔެވެ؟ އަމިއްލަ ނަ ފްސުގެ ރައްކާތެރި ކަމަށް ނުބެލޭނަމަ، ތިނެރުގެ ސަބަބުން އިތުރު ބަޔަކު ކުށްވެރި ކުރުމުގެ ޖާގަ އެބައޮތް ހެއްޔެވެ؟ މިހެން މިބުނީ ތިނެރަކީ މީހަކު ނުވަތަ ބަޔަކު އު ފެއްދި ތަނަކަށް ނުވާތީ އެވެ. ތިއީ ޤުދުރަތީ ގޮތުން އު ފެދިވައިވާ ތަނަކަށް ވާތީ އެވެ. މުޅި ފުވައްމުލަކު ރައްޔިތުންނަށް އެނެރުގެ ނުރައްކާ އެބަ އެނގެ އެވެ. އެތަނަށް ޣަރަޤުވެ އެތަކެއް ބަޔަކު މިދުނިޔެ ދޫކޮށް ފައި ވާކަންވެސް އެބަ އެނގެއެވެ. "ރައްކާވެ ތިބިއްޔާ ދަތުރެވެ."

  25
  • ބޯކިބާ

   ކަލޯ ރާއްޖޭގެ ސަގާފަތަކީ މާލެނޫން ރަށްރަށުގަ ކަމެއްދަމެއް ދިމާވެއްޖިއްޔާ ރަށު ރައްޔިތުން ގޯސްވާނީ. އޭގެ މިސާލަކީ އައްޑޫ ލިންކްރޯޑުގަ އެކްސިޑެންޓްތަކުގަ އެތައްބަޔަކު މަރުވާއިރު ބުނަނީ މަޑުން ދުއްވާނަމަ އެހެންނުވާނެއޭ، އަދިއަދަށްވެސް އެއްވެސްކަމެއްނުކުރޭ. އެކަމަކު އިހައްދުވަހުހެދި މާލޭ މަގުގަ އެކްސިޑެންޓް ހިނގުމާއެކީ ހެލްމެޓް ހިލޭބަހަންވެއްޖެ، އަޅަންޖެހޭ ހެލްމެޓް ސަރުކާރަށް އެނގިއްޖެ، ފުލުހުން ފޯރިމަރަނީ، ކެމެރާ ޖަހައިފި، ބައްތި ޖަހައިފި، ރާއްޖޭ އެންމެން ނަންބަރުބޯޑު ބަދަލުކުރަންޖެހިއްޖެ، މިހެންގޮސް ކޮޅުންނުލި، ދުއްވާމީހާ ގޯހެއްނުވޭ.

   7
   2
 2. ސޮއްބެ

  ތިހުރިހާ ކަމެއް އެނގިހުރެ އެސަރަހައްދަށް މޫދައް އެރެނީ ކޯނޗެއް ވެގެންތަ ؟؟؟؟

  26
  2
 3. ނުފެނޭ

  ސަރުކާރުގެ ޓެކުސް ފައިސާއިން ތިޔަނެރު ބެއްދުމަށް ވުރެ މުހިންމު ކަންނަން އެބަހުރި!!! އެސަރަހައްދު ނުރައްކާ ކަން އަންގައިދޭ ނިސާން ތައްހުރުމުން އެނިމުނީ.... އަމިއްލަ އަށް މަރުވަން ނޫނީ އެތާކަށް އެރުމުގެ ބޭނުމެއްކޮބައި ބާ އޭ ހިތަށް އަރާ...

  5
  8
 4. ސސ

  ހައްލަކަށްވާނީ ފަތާ ފެންގަޑު ހެދުން ، !

  7
  2
 5. އިސްލާހު

  "މާނެރެ" އެއް ނޫން. ރަނގަޅު ގޮތަކީ "މާނޭރެ" އިނގޭ. !