(ފުވައްމުލައް ސިޓީ) މިދިޔަ ހޮނިހިރު ދުވަހަކީ މުޅި ފުވައްމުލަކަށް ކުރިމަތިވި ހިތާމަވެރި ދުވަހެކެވެ. ކުދިންތަކެއް ސަލާމަތްކުރަން އުޅެނިކޮށް މި ދުނިޔެއާއި އަބަދުގެ އަބަދަށް އަލްވަދާއި ކީ އުމުރުން 17 އަހަރުގެ އަހްމަދު ފައުޒާންގެ ހަނދާން ފުވައްމުލަކުގެ ކޮންމެ ރައްޔިތެއްގެ ހަނދާނުގައިވެސް ހުންނާނެކަން ޔަގީނެވެ. މީގެތެރެއިން ފައުޒާންގެ އެތްލެޓިކްސް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އަލީ ޝަރީފަށް މި ހާދިސާ ވެގެންދިޔައީ ހަނދާނުން ފިލައިނުދާނެ ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. އެ ވާހަކަތައް "ވަގުތު" ގެ ޓީމާއި ކޯޗު ހިއްސާކުރީ އަސަރާއި އެކުގައެވެ.

ރާއްޖޭގައި އެތްލެޓިކްސް އަކީ ކުރިއަރަމުންް އަންނަ ކުޅިވަރެކެވެ. ވަކިވަކި ވަނަތަކަށް ބެލިނަމަވެސް މި ކުޅިވަރަކީ އެހެން ކުޅިވަރުތަކާއި އަޅާބަލާފައި ރާއްޖެއަށް ރީތި ނަން ލިބިފައިވާ ކުޅިވަރެކެވެ. ރާއްޖޭގެ ކުރީގެ މަގްބޫލު ދުވުންތެރިޔާ އަދި މިހާރުގެ އެތްލެޓިކްސް ކޯޗު އަލީ ޝަރީފް ފުވައްމުލަކުގައި އެތްލެޓިކްސްގެ އާ ޖީލެއް އުފެއްދުމަށް ކުރިޔަށްގެންދާ "ކިޑްސް ޕްރޮގްރާމް" ގައި އެންމެ ކާމިޔާބު އެތްލީޓުންގެ ތެރޭގައި ހިމެނޭ ފައުޒާންގެ ނަން ހިމެނީ ސަބަބެއް ނެތިއެއް ނޫނެވެ.

މިމަހުގެ 5 ގައި ފައުޒާންގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގައި އެތްލެޓިކްސް ޓީމުގެ މެމްބަރުންނާއެކު

"އެތްލެޓިކްސްގައި ވަރަށް މުހިއްމު އެއްޗެއް ސެލްފް މޯޓިވޭޝަނަކީ، ރާއްޖޭގައި ވަރަށް މަދުވާނެ އެ ވައްތަރުގެ އެތްލީޓުން، އެއީ އަމިއްލައަށް އެކަމެއް ކުރާހިތުން އެ ކަންތައް ދުރާލާ ފެނިގެން އެ ދާން ބޭނުންވާ ހިސާބަކަށް ދިއުމަށް މަސައްކަތްކުރާ އެތްލީޓެއް ފައުޒާނަކީ، އެކަހަލަ އެތްލީޓުން މި ރާއްޖޭގައި ވަރަށް މަދުވާނެ" ކޯޗު އަލީ ޝަރީފް ބުންޏެވެ.

ފުވައްމުލަކުގައި އެތްލެޓިކްސް އެސޯސިއޭޝަން ޕޫލެއްގެ ދަށުން މަސައްކަތްކުރަން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އެ ޕޫލުގައި ފައުޒާން ހިމެނުނު ކުރިންވެސް 2016 ވަނަ އަހަރުން ފެށިގެން ކޯޗު ދިޔައީ ފައުޒާނ އާއެކު މަސައްކަތްކުރަމުންނެވެ. އޭރުވެސް ފައުޒާން އަކީ އެތްލެޓިކްސްގެ ޗެމްޕިއަނެކެވެ. ސްކޫލް ދައުރުގައި އޭނާ ގިނަ ކާމިޔާބީތަކެއް ހޯދިކަން ކޯޗުގެ ވާހަކަތަކުން އެނގިގެންދިޔަ އެވެ.

ފައުޒާން ގެ އެތްލެޓިކްސް ކޯޗް ވަގުތު އަށް މައުލޫމާތު ދެނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ގެއްލިގެންދިޔައީ ރާއްޖޭގެ ކުޅިވަރުގައި ފެންނަން ބޭނުންވާ ކޮލިޓީގެ އެތްލީޓެއް

ފައުޒާންގެ ކިބައިން ފެންނަން ރިވެތި އަހުލާގުގެ ވާހަކަ އޭނާ ދަންނަ ކޮންމެ މީހަކުވެސް ދައްކާނެއެވެ. ރިވެތި ބަހުރުވައިން ވާހަކަދެއްކުމާއި، އެހެން މީހުން ކުރިއަރުވަން މަސައްކަތްކުރުމާއި ކުރާ ކަމެއް އޭގެ އެންމެ ފުރިހަމައަށް ކުރުމަކީ ފައުޒާންގެ ކިބައިން ފެންނަ ސިފަތަކުގެ ތެރެއިން އޭނާ ދަންނަ ކޮންމެ މީހެއްވެސް ދައްކާ ވާހަކައެވެ. އަދި އަމާޒެއް ކަނޑައަޅައި އެކަން ހާސިލުކުރުމަށް ބުރަ މަސައްކަތް ކުރުމަކީ ފައުޒާންގެ ކިބައިން ފެންނަ އެންމެ ބޮޑު އެއް ތަފާތު ކަމަށް ކޯޗުގެ ބުންޏެވެ.

"ފައުޒާންގެ ވަރަށް ބޮޑު ޓާގެޓެއް އެތްލެޓިކްސް އިން ކުރިޔަށްދިއުން، ފައުޒާން އެންމެފަހުން ޓާގެޓުކުރީ މިއަހަރު އިންޓަރސްކޫލް މުބާރާތަށް ދިއުމަށް، އަދި އޭނަގެ އެންމެ ބޮޑު ޓާގެޓަކީ ޤައުމީ ޓީމުން ޖާގައެއް ހޯދުން، ޝައްކެއްވެސް ނެތް ފައުޒާންގެ އެ ކޮލިޓީ އެބަހުރި، އެ ވިސްނުމުގައި ހުރިއްޔާ ކޮންމެކަމެއްވެސް ހާސިލުކުރަން ފަސޭހަވާނެ" އަލީ ޝަރީފް ބުންޏެވެ.

ފައުޒާން ގެ އެތްލެޓިކްސް ކޯޗް ވަގުތު އަށް މައުލޫމާތު ދެނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ފައުޒާން މަރުވި ދުވަސް، އެއީ އެކުދިން އާންމުކޮށް މޫދަށް ދާ ދުވަހެއް ނޫން

މި ހާދިސާ ހިނގީ ހޮނިހިރު ދުވަހެއްގައެވެ. އެ ދުވަހަކީ އާންމުކޮށް އެތްލެޓިކްސްގައި އުޅޭ ކުދިންގެ ސްޕީޑް ޓްރެއިނިން އޮންނަ ދުވަހެވެ. އެ ދުވަހަކީ އެއް ދުވަސް އެއްކޮށް ރެސްޓުކޮށްގެން އަންނަންޖެހޭ ދުވަހެއް ކަމަށާއި މޫދަށް ދިއުން އެ ދުވަހު މަނާވާނެ ކަމަށް ކޯޗުގެ ވާހަކައިން އެނގިގެންދިޔަ އެވެ. ޖުމްލަ 20 ކުދިން ތިބޭ އެ ޕޫލްގެ ސްޕީޑް ޓެސްޓު ފަށަން އޮތް ގަޑިއަކީ އެ ދުވަހުގެ ހަވީރު 16:30 އެވެ.

ފައުޒާން އާއި އޭނާގެ އެކުވެރިންނަކީ މީގެކުރިން ގަޑިޖެހިފައި ނުވާ ބައެކެވެ. ނަމަވެސް އެ ދުވަހުގެ 16:45 ވީ އިރުވެސް ފައުޒާންމެން ފެންނަން ނެތުމުން ގިނަ ސުވާލުތަކެއް ވެރިވިއެވެ.

ީފުވައްމުލަކު ބީޗުގައި ފައުޒާން ދުވަނ

" އޭނަ (ފައުޒާން) އަކީ ގަޑިޖެހޭ ކުއްޖެއްނޫން އެއީ، އަޅުގަނޑު ދިއުމުގެ ކުރިން އާންމުކޮށް އެ ކުދިން ތިބޭނެ ޓްރެކަށް ގޮސް، އެހެން ކުއްޖެއް އިއްތިފާގުން ބުނި އެ ކުދިންނެއް ނާންނާނޭވެސް، އެއީ އޭރު އެކުދިން ހިތުގަ އޮވެގެން ބުނި އެއްޗެއް ނޫން، އޭގެފަހުން މަގުން ދިޔަ ބަޔަކު ބުނި ކުދިންތަކެއް ގެނބިގެން އެބައުޅޭ، އޭރު ނޭނގެ އެއީ ފައުޒާންމެން ކަމެއް، އެވަގުތު އަޅުގަނޑު ނައްޓާލައިފިން އެ ސަރަހައްދަށް ދާން، އެ ދިޔަ މަގުމަތީ ޕޭރެންޓެއް ގުޅާފަ ބުނީމަ އެނގުނީ ގެނބުނީ ފައުޒާންކަން" އަސަރާއެކު އެ ވާހަކަތައް ހިއްސާކުރަމުން ކޯޗު ބުންޏެވެ.

އެ ސަރަހައްދަށް ގޮސް ކޯޗު އެންމެ ފުރަތަމަ މަސައްކަތްފެށީ އެ ސަރަހައްދުގައި ތިބި މީހުން ކޮންޓްރޯލްކުރާށެވެ. ކުރިން އެމްއެންޑީއެފް ގައި މަސައްކަތްކޮށްފައި ހުރުމުން އެ ތަޖުރިބާއާއެކު އެ ސަރަހައްދު ހަމަޔަކަށް އަޅުވަން ކުރެވެންހުރި ކަމެއް ކުރިއެވެ.

ގެނބުނު ސަރަހައްދުގައި މީހުން ތޮއްޖެހިގެން

"އޭގެފަހުން ފައުޒާން މަރުވި ހަބަރު އެ ރޭ އެނގުނީ، ހޮސްޕިޓަލް ބޭރުގައި ހުއްޓާ، އެވަގުތު އިހުސާސްވި އަމިއްލަ ދަރިއެކޭ ގެއްލިގެން ދިޔައީ" ކޯޗު ބުންޏެވެ.

މިދިޔަ ހަފުތާގަައި ފައުޒާންގެ އުފަންދުވަސް ފާހަގަކުރިއެވެ. ޖެނުއަރީ 5 ގައި އެ ދުވަސް ފާހަގަކުރުމަށް ފައުޒާން އާއެކު އެތްލެޓިކްސްގައި ހަރަކާތްތެރިވާ ރަހުމަތްތެރިންނާއި އިންސްޓްރަކްޓަރުންނާއި އެކު އެދުވަހުގެ ހަވީރު އެއްތަންވިއެވެ. ފައުޒާން އާއި އެންމެފަހުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުން އެއް ވާހަކަ ކޯޗު ހަނދާން ހުއްޓެވެ.

އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގައި ކޯޗު އަދި ފައުޒާން

"އެއީ އާންމުކޮށް ވަރަށް މަޖާކޮށް އުޅޭނީ އެންމެންވެސް، ފައުޒާންގެ އުފަންދުވަސް ފާހަގަކޮށްފައި ބައެއް ޖެނެރަލް ވާހަކަތަކެއް ދެކެވުނު، އެ ދުވަހު ބުނެވުނު އެއްޗަކަށް އިންނާނީ ފައުޒާން ހާދަ ބަސްއަހައިގެން އެ މީހުންނަށް_(އެ ބެޗުގެ އެހެން ކުދިންނަށް) ދީގެން ތި އިންނަނީ ބިސްޖަހާ ކުލަ އަޅަން، އެހެން ބުނީމަ ފައުޒާން ބުނި އެމީހުންގެ ދުވަހޭ، އެމީހުން ކުރާނެ ކަމެއް ކުރަން ދީގެން މިހުންނަނީ ކީއްކުރާނީ، އޮތް ގާތްކަމަކުން އެހާ މަޖާކޮށް ވާހަކަތައް ދެކެވުނީ" ކޯޗު ބުންޏެވެ.

ފައުޒާން ގެ އެތްލެޓިކްސް ކޯޗް ވަގުތު އަށް މައުލޫމާތު ދެނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެ ދުވަހު ރަސްގެފާނުން އަޅާ ތާޖުގެ ބައްޓަމަށް ހަދާފައިވާ ތާޖު ފައުޒާންގެ ބޮލުގައި އަޅުވައިދިނީ ވެސް ކޯޗެވެ. އެ ހުރިގޮތަށް ޕާޓީ ނިމިގެންދިޔަ އިރުވެސް އެ ތާޖުގެ ހުރީ ހުރިގޮތަށެވެ. ހަގީގަތުގައިވެސް އެއީ ފައުޒާންއަށް ހައްގު ތާޖެކެވެ. ރަސްގެފާނެއްގެ ލަގަބު ނުލިބުނު ނަމަވެސް އެ ދައްކުވައިދިނީ ރަސްގެފާނުން ނުވަތަ ލީޑަރެއްގެ ފަރާތުން ފެންނާނެ ހުރިހާ ސިފަތަކެކެވެ.

ފައުޒާންގެ ކުރު، އެހެން ނަމަވެސް އިބްރަތުން ފުރިގެންވާ ހަޔާތުގައި އޭނާ ދައްކުވައިދިނީ މި ޖީލުގެ ކުދިންނަށް ނަމޫނާއެވެ. އަދި ކުރިއަރަން ބޭނުންވާ އެތްލީޓުންނަށް ނަމޫނާއެކެވެ. އޭނާގެ އިންސާނިއްޔަތުގެ ފުރިހަމަ ގުރުބާނީއަށް ތައުރީފް ނުކުރާމީހެއް މިރާއްޖެއަކު މިހާރު ނެތެވެ. ރައީސުލްޖުމްހޫރިިއްޔާ އިން ފެށިގެން އެންމެ އާދައިގެ މީހާވެސް ފައުޒާން ސިފަކުރަނީ ބަތަލެއްގެ ގޮތުގައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އޮޅިއޮޅި

  ކީއްވެ ތަ ކޭކް ގަ ޑޯޓަރ ޖަހާފަ އިނީ🤪🤔 💔💔💔💔💔💔💔💔💔💔💔💔 ރޮވެނީ😭😭😭😭😭😭😭😭😭😭♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  30
  7
  • Anonymous

   މަވެސް ތިހިން ހިތަށް އަރައިފި. މަޖަލަކަށް ކަންނޭންގެ

   12
   1
 2. Anonymous

  ހަމަ ރޮވިއްޖެ.
  ފައުޒާނަށް ދާއިމީ ސުވަރުގެ މިންވަރުކުރައްވާ ކޯޗާއި އެކުވެރިންނާއި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

  111
 3. ޔިއާ

  ،😭😭😭😭😭

  47
 4. އިހުސާސް

  😥😥😥😥💔

  15
 5. 😭😭😭😭😭😭😭😭

  9
  1