(ފުވައްމުލައް ސިޓީ) އެއީ ހުޅުމާލެ އަށް ގަދަ ވަޔާއެކު ވިއްސާރަ ކުރި ބިރުވެރި ރެއެކެވެ. އެ ރޭގެ ތަޖުރިބާ ކުރަން ޖެހުނު އެއް ބަޔަކަށް ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ބޭއްވި ނެޝަނަލް ކްރާފްޓް ކޭމްޕްގައި ބައިވެރިވި ފުވައްމުލަކު ސްކައުޓް ގްރޫޕުގެ ކުދިން ވާނެއެވެ. އެ ބިރުވެރި ވަގުތުގައި ލީޑަޝިޕް ދެއްކި އެއް ބައިވެރިއަކީ އަހުމަދު ފައުޒާނެވެ. ނޮވެމްބަރު 2019، ގައި ބޭއްވި އެ ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެއީ ހަނދާނުން ފޮހެލަން ދަތި ރެއެކެވެ.

ބޮޑު ފަސްގަނޑެއް އޮންނަ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އެ ކުދިން ކޭމްޕް ޖަހައިގެން ތިއްބައި ވަރުގަދަ ވިލާގަނޑަކާ އެކުގައި ޖަހާފައި ހުރި ބައެއް ޓެންޓުތައް އެއްލާލިއެވެ. ޓެންޓުތަކުގެ ތެރެއަށް ފެން ވަދެ، ކުދިން ގޮތް ހުސްވިއެވެ. އެކަމަކު، މާޔޫސްވެ، މިލާ މޯޅިވެފައިވާ މޫނުތަކަށް ހިތްވަރު ގެނެސް ދިނީ ފައުޒާނެވެ. އެއް އަތުން ދަބަސްތައް ހިފައިގެން ފަހަރަކު ކުއްޖަކު ގޮވައިގެން ފައުޒާން ދުއްވައިގަތީ އެޑްމިން ޓެންޓަށެވެ.

ދަރިވަރުން ތިބި ޓެންޓުތައް އެއްލާލި ބިރުވެރި އެ ހާދިސާގައި ކުދިންނަށް ހިތްވަރުދީ، އެހީތެރިވި ލީޑަރަކީ ފައުޒާނެވެ!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ސްކައުޓް ކްރާފްޓް ކޭމްޕްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް

މިދިޔަ ހޮނިހިރު ދުވަހު ފައުޒާން މި ދުނިޔެއާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ، އެފަދަ ނަމޫނާއެއް ދައްކައިފައެވެ. ފުވައްމުލަކު "މާނެރެ" ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ދެ އެކުވެރިއަކު ގެނބިގެން އެހީއަށް އެދިއެދި ތިއްބައި، އެ ކުދިން ސަލާމަތް ކުރީ ހަމަ ފައުޒާނެވެ. އެއީ ފައުޒާންގެ ފުރާނަ އަށް ބެލުމެއް ނެތިއެވެ. އެންމެ ފަހުން ފައުޒާން ދުނިޔެއާ ވަކިވީ، ގަދަ އޮއިވަރެއްގައި ޖެހި ސަލާމަތް ވެވޭނެ މަގެއް ނެތިގެންނެވެ.

ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10 ގައި ސާނަވީ ތައުލީމް ހާސިލް ކުރަމުން ދިޔަ ފައުޒާންގެ ކުއްލި މަރުވެގެން ދިޔައީ މުޅި ރަށަށް ވެރިވެފައިވާ އުޖާލާކަން ފަނޑުވެގެން ދިޔަ ހިތާމަވެރި ދުވަހަކަށެވެ. ފަހުރުވެރި ރަން ވަނަތަކެއް ރަށަށް ހޯދަ ދިން ހިތްވަރު ގަދަ "ގައުމީ ބަތަލެއް" މި ފަސްގަނޑާ ކުއްލި ގޮތަކަށް އަލްވަދާއު ކިޔަން ޖެހުން ވެގެން ދިޔައީ ބަހާރު މޫސުމުގެ ކުލަތަކުން ޖަރީވެފައިވާ މޫނުތަކަށް ހަރީފުގެ ކުލަވަރު ވެރިވިގެން ދިޔަ ކަމަކަށެވެ. މުޅި ގައުމު ރޮއްވާލި ހިތާމަވެރި ދުވަހަކަށެވެ. ފައުޒާން ފަހު ނޭވާ މި ފަސްގަނޑަށް ދޫކުރީ އިންސާނިއްޔަތުކަން ދައްކައިފައެވެ.

ދެ ރަހްމަތްތެރިންގެ ފުރާނަ ސަލާމަތްކުރުމުގެ ތެރޭގައި ހިނގި މި ހިތާމަވެރި ހާދިސާ ވެގެން ދިޔައީ ގައުމީ ހިދުމަތުގައި މަސައްކަތް ކުރަމުންދާ ސްކައުޓުންގެ ލޯތައް ވެސް ތެންމާލި ދުވަހަކަށެވެ. ހާއްސަކޮށް ފައުޒާން ސްކޫލްގެ ސްކައުޓް ގުރޫޕްގެ ހުރިހާ ސްކައުޓުންނަށާއި ލީޑަރުންނަށް މި ހާދިސާވެގެން ދިޔައީ ހަނދާނުން ފިލައިގެން ނުދާނެ ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. އެ ވާހަކަތައް ފުވައްމުލަކު ސްކައުޓު ގްރޫޕްގެ ސްކައުޓުންނާއި އެކުދިންގެ ލީޑަރުން ހިއްސާކުރީ އަސަރާ އެކީގައެވެ. ފައުޒާން ނެތުމަކީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ.

ފައުޒާންގެ ސްކައުޓް ލީޑަރު ހުސައިން ސޯލިހް ވިދާޅުވީ ފައުޒާނަކީ ހިތްވަރު ގަދަ ކަންކަމަށް ފަރުވާ ބަހައްޓާ ދަރިވަރެއް ކަމަށެވެ. އަދި ފައުޒާނަކީ އެހެން ކުދިންނާ ހިލާފަށް ކަންކަމުގައި އިސް ނަގައި، "ލީޑަރަކަށް ވަމުން އަންނަ" ކުއްޖެއް ކަމަށް ހުސައިން ސޯލިހް ވިދާޅުވިއެވެ.

"ފައުޒާނަކީ ސްކައުޓުންގެ ތެރޭގައި އިސްކޮށް އުޅޭ ކުއްޖެއް. އިސްކޮށް އުޅުމުގެ އިތުރުން އޭނަގެ އަމިއްލަ ގޮތްތަކެއް ހުރޭ. އެ ކުރާ ކަމަކަށް ހިތްވަރު ނެރެ، އެކަމެއް ފުރިހަމަ ކުރުމަށް ވަރަށް މަސައްކަތް ކުރާނެ. މިކޮޅުގައި ސްކައުޓް ހަރަކާތުގެ ޓްރެއިނިންގް ޝެޝަންތަކުގައި ވެސް އޭނަ ބޭނުންވާނެ އަބަދުވެސް އެންމެ ބަރާބަރު ސްކައުޓަކަށް ވާން. އަދި އެހެން ކުދިން ވެސް އޭނަ ކަހަލަ ސްކައުޓަކަށް ވުމަށް ވަރަށް މަސައްކަތް ކުރާނެ،" ފައުޒާން ސިފަކޮށްދެއްވަމުން އޭނާގެ ސްކައުޓް ލީޑަރު ހުސައިން ސޯލިހް ވިދާޅުވިއެވެ.

ހުސައިން ސޯލިހް ވިދާޅުވީ ނެޝަނަލް ކްރާފްޓް ކޭމްޕަކީ ތަފާތު އެކި ތަޖުރިބާތަކެއް ކުރެވުނު ކޭމްޕެއް ކަމަށެވެ.

ހުސައިން ސޯލިހް ވިދާޅުވި ގޮތުގައި އެއީ ވަރަށް ވިއްސާރަ އަދި ވައި ގަދަ ރެއެކެވެ. ގަދަވަޔާއެކު ޖަހާފައިވާ ޓެންޓްތައް އެއްލާލި އިރު، ކުދިންތައް ތިބީ ޓެންޓުތައް ދަށުގައި ކަމަށާއި އޭރު 13 އަހަަރުން ދަށުގެ ކުޑަކުދިން ވެސް ތިބި ކަމަށް ހުސައިން ސޯލިހް ވިދާޅުވިއެވެ.

"އެ ވިއްސާރަ ރޭގައި އަޅުގަނޑުމެން ގެންދިޔަ ޓެންޓް ވިއްސައިގެން ދިޔައީ. ކުދިން ތިބީ ޓެންޓް ދަށުގައި، ގްރޭޑް ހައެއް އަދި ހަތެއްގައި އުޅޭ ކުޑަ ކުދިން ވެސް ތިބި. އަޅުގަނޑުމެން ވަރަށް ހާލުގަ އޭރު އުޅުނީ. ބައެއް ކުދިން ޓެންޓް ދަށުގަ އޭރު ތިބީ. ސަތަރިގަނޑު ދަށުގައި ތިއްބާ ފެންބޮޑުވަނީ. ފެންބޮޑުވެގެން ދެން ހަނދާނެ ގޮތެއް ނޭންގިގެން އެންމެ ފަހުން އައިސް ކޭމްޕް ލީޑަރުން އަޅުުގަނޑުމެން ގެންދިޔައީ،" ހުސައިން ސޯލިހް ވިދާޅުވިއެވެ.

ނަމަވެސް މާޔޫސްވެފައިވާ ހިތްތަކަށް އުފާވެރިކަން ގެނެސް ދިނީ ހުސައިން ސޯލިހް ވެސް ވިދާޅުވި ގޮތުގައި ފައުޒާނެވެ.

"އެއް އަތުން ޓެންޓް ތެރޭގައި ހުރި ދަބަސްތައް ހިފައިގެން އެ ތަނުގައި ތިބި ދެ ތިން ކުއްޖަކު ގޮވައިގެން އެޑްމިން ޓެންޓާ ދިމާއަށް އޭނާ ދުއްވައިގަތީ ވެހެމުން ދިޔަ ވާރެ އިން ސަލާމަތްވުމަށް ބޮލާ ދިމާލަށް ސަތަރިގަނޑެއް ނަގައިގެން،" ހުސައިން ސޯލިހް ވިދާޅުވިއެވެ.

ހުސައިން ސޯލިހް ވިދާޅުވި ގޮތުގައި ކުދިން އެޑްމިން ޓެންޓަށް ގެންގޮސް އެ ތަނުގައި ބޭތިއްބީ ވެސް ފައުޒާނެވެ. ޓެންޓް ވިއްސާލައިގެން އުޅޭ ކަން އެސޯސިއޭޝަންގެ އިސްވެރިންނަށް "ރޭކާލީ" ވެސް ފައުޒާން ބުނުމުން ކަމަށް ވެސް ހުސައިން ސޯލިހް ވިދާޅުވިއެވެ.

ފައުޒާން ބަލަން ނުހުރެ، ޓެންޓްގައި ހުރި ހުރިހާ އެއްޗެއް ހިޔަލުގެ އައްސޭރިއަކަށް ގެންދިއުމުގައި "ފައުޒާން ދެކޮޅަށް ދުވީ ވަރުބަލި ކަމެއް ނެތި" ކަމަށާއި އެއީ އޭނާގެ އިސް ނެގުމާއި ކެރޭ ކަން ދައްކުވައި ދިން އެއް ހާދިސާ ކަމަށް ހުސައިން ސޯލިހް ވިދާޅުވިއެވެ.

ފައުޒާންގެ ކުއްލި މަރާ ގުޅިގެން ފުވައްމުލަކު ސްކައުޓް ގްރޫޕްގެ ސީނިއާ ޕެޓްރޯލް ލީޑަރު (އެސްޕީއެލް) އަހްމަދު މާއިޝް ބުނީ ފައުޒާންއާ އެކުގައި ދިޔަ ކޭމްޕްތައް މަތިން ވަރަށް ހަނދާންވާ ކަމަށެވެ. އެގޮތުން ފައުޒާންއާ އެކު ކުރެވުނު ތަޖުރިބާތައް "ވަގުތު" ޓީމާ އޭނާ ހިއްސާކުރީ އަސަރާއެކު، ފެންކަޅިވެފައިވާ ހާލުގައެވެ.

ފުވައްމުލަކު ސްކައުޓް ގްރޫޕްގެ ސީނިއާ ޕެޓްރޯލް ލީޑަރު (އެސްޕީއެލް) އަހްމަދު މާއިޝް - ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

މާއިޝް ދެކޭ ގޮތުގައި ސްކައުޓެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ފައުޒާންގެ ކިބައިން ފެނިފައިވެއެވެ. އެގޮތުން ފައުޒާންގެ ހަރުދަނާ ވިސްނުމާއި އިސްނެގުންތެރިކަމަކީ ކޮންމެ މީހަކަށްވެސް އޭނާގެ ފަރާތުން ފާހަގަވާނެ ކަންކަން ކަމުގައި މާއިޝް ފާހަގަކުރިއެވެ.

"އޭނައަކީީ (ފައުޒާން) ފުރިހަމަ ސްކައުޓެއް. ސްކައުޓެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި ހުރޭ. ލީޑާޝިޕް، ބްރޭވަރީ، މިއީ ލީޑަރެއްގެ ހުންނަ ކްރިއޭޓިވިޓީ، ކުދިން ގޮވައިގެން އުޅެން ޖެހޭ ގޮތް އޭނައަށް އެނގޭ. ހަމައެއާއެކު ގްރޫޕް މަސައްކަތްތައް ކުރާ އިރު އެންމެން ބައިވެރިކޮށްގެން އެކަމެއް ކުރަން ވެސް އޭނައަށް އެނގޭ. ދެން ޕަންޗުއަލިޓީއަށް ބަލާ އިރު ފައުޒާން ދުވަހަކުވެސް އެއްވެސް ކަމެއްގަ ގަޑިޖެހިފައެއް ނުވޭ. އެއީ ހަމަ ނަމޫނާ ކުއްޖެއް،" ފައުޒާން ސިފަކޮށްދެމުން މާއިޝް ކިޔައިދިނެވެ.

މާއިޝް ބުނި ގޮތުގައި ސްކައުޓް ހަރަކާތުގެ ތެރެއިން ފައުޒާންއާ ހަވާލުކުރެވޭ މަސައްކަތްތައް އަބަދުވެސް ވަރަށް ފުރަހަމައަށް ނިންމާލެވޭތޯ އޭނާ މަސައްކަތް ކޮށްފައިވެއެވެ. އަދި ހަވާލުކުރެވޭ މަސައްކަތްތަކުގައި އެހެން ކުދިން ބައިވެރިކޮށް، އެކުދިންނާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދާކަމީ އެހެން ކުދިންގެ ލޯބި އެންމެ ބޮޑަށް ފައުޒާންއަށް ލިބޭ އެއް ސަބަބު ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ހަވާޅުކުރެވޭ މަސައްކަތްތައް ނިންމުމުގައި އޭރަކު ލިބެން ހުންނަ އެއްޗެއް ބޭނުންކޮށްގެން ހިތްތިރި ކަމާއެކު ކޮންމެ މަސައްކަތެއް ވެސް ނިންމުމަށް އޭނާ އެހެން ކުދިންނަށް ބާރުއަޅާކަންވެސް މާއިޝް ފާހަގަކުރިއެވެ.

ފައުޒާން ގެނބިގެން ނިޔާވި ހަބަރު ލިބުމާ ގުޅިގެން ކުރެވުނު އިހްސާސްތައް ހިއްސާ ކުރައްވަމުން އަލީ ސޯލިހް ވިދާޅުވީ "ހީވީ އަމިއްލަ ދަރި"އެއްގެ މަރުގެ ހަބަރު ކަންފަތުގައި ޖެހުނު ހެން ކަމަށެވެ. އެ ހަބަރު ލިބުނީ ފިހާރައެއްގައި ހުއްޓައި ކަމަށާއި ވަގުތުން ފައުޒާން ގެއަށް ދިޔަ އިރު، ހަށިގަނޑު ކޮޓަރީގައި ބާއްވާފައި އޮތް ކަމަށް އަލީ ސޯލިހް ވިދާލުވިއެވެ. އަދި ފައުޒާންގެ މޫނުމަތީގައި އޮތް ފޮތިގަނޑު ނެގުމުން ހިތަށް ކުރި އަސަރު ބަޔާންކޮށްދެން ދަތި ކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް އެ ކުއްޖާ އެނދު ގަނޑެއްގައި ބާއްވާފައި އޮތް އޮތުން ފެނިގެން ދިއުމުން ހަމަ ކަރުނަ އޮއްސާލި. އިހްސާސްވީ އައްމިލަ ދަރިއަކު މަރުވެގެން ދިޔައީ އޭ، ދުނިޔެ ދޫކޮށް. މިއީ ސްކޫލްގެ ސްކައުޓް ހަރަކާތަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއް." އަލީ ސޯލިހް ވިދާޅުވިެއވެ.

ސްކައުޓް ހަރަކާތާ ފައުޒާން ގުޅުނީ 2015 ވަނަ އަހަރުއެވެ. އޭރު އޭނާ ކިޔަވަމުން ދިޔައީ ގްރޭޑް ފަހެއްގައެވެ. އެއަހަރު ފަހު ކޮޅު އަލަށް ސްކައުޓާއި ގުޅުނު ކުދިން ހުވާކޮށްފައިވެއެވެ. ހުވާކުރުމަށްފަހު އަހަރީ ކޭމްޕްގައިވެސް ފައުޒާން ވަނީ ބައިވެރިވެފައެވެ. ދެދުވަހަށް ދިގު ދެމިގެން ދިޔަ އެ ކޭމްޕް ބޭއްވީ ފުވައްމުލައް ސްކޫލްގައެވެ.

 

ފުވައްމުލަށް ސްކައުޓް ގްރޫޕުން 2016 ވަނަ އަހަރު ބޭއްވި ދެ ކޭމްޕްގައިވެސް ފައުޒާން ބައިވެރިވެފައިވެއެވެ. އެއީ ރަށު ތުނޑީގައި ތިން ދުވަސްވަންދެން ބޭއްވި ލީޑާސް ކޭމްޕަކާއި އެ އަހަރުގެ އަހަރީ ކޭމްޕެވެ.

މީގެ އިތުރުން 2017، 2018 އަދި 2019 ވަނަ އަހަރު ބޭއްވި އަހަރީ ކޭމްޕްގައިވެސް އޭނާ ބައިވެރިވިއެވެ. އަދި 2019 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ކޭމްޕް ކަމުގައިވާ ކްރާޕްޓް ކޭމްޕްގައިވެސް އޭނާ ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. ސްކައުޓެއްގެ ގޮތުގައި މުޅި ޖުމްލަ ހަތް ކޭމްޕްގައި އޭނާ ވަނީ ބައިވެރިވެފައެވެ.

ފުވައްމުލަކު ސްކައުޓް ގްރޫޕުން 2019 ވަނަ އަހަރު ބޭއްވި އަހަރީ ކޭމްޕްގެ ތެރެއިން

 

ފައުޒާން ވަނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް ޕެޓްރޯލް ލީޑަރުކަން ފުރިހަމަކޮށްފައެވެ. ޕެޓްރޯލް ލީޑަރު ކަމުގެ އިތުރުން 2018 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް އެސިސްޓެންޓް ސީނިޔާ ޕެޓްރޯލް ލީޑަރު (އޭއެސްޕީއެލް) ކަމުގެ މަގާމުވެސް އަދާކުރިއެވެ.

ފައުޒާންގެ އާއިލާއިން ކިޔައި ދިން ގޮތުގައި އޭނާ ވަނީ ސްކައުޓް ހަރަކާތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ގިނަ ކޭމްޕްތައް ކާމިޔާބުކަމާ އެކު ނިންމާލިއެވެ.

ފައުޒާން ގެނބުނު "މާނެރެ" ސަރަހައްދަކީ މީގެ ކުރިންވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާ އޮއި ބާރު ސަރަޙައްދެކެވެ.

ފައުޒާންގެ މި ހިތްވަރުގެ އަގުވަޒަން ކުރުމުގެ ގޮތުން މި އަހަރުގެ "ބެސްޓް އޯލްރައުންޑް ސްކައުޓް" ގެ އެވޯޑް އޭނާ އަށް ދޭން ވަނީ ނިންމައިފައެވެ.

"ވަންސް އަ ސްކައުޓް އޯލްވޭސް އަ ސްކަައުޓް" މި ޝިއާރުގައިވާ ގޮތުގެ މަތިން ސްކައުޓް ހަރަކާތާ ގުޅުމަށްފަހު، ދުނިޔެއާ ވަކިވުމަށް ދާންދެން ފައުޒާން ހުރީ ސްކައުޓެއްގެ ގޮތުގައެވެ. ފައުޒާން ކުރި ހުވާއިގެ މަތީގައެވެ. ވަކިވެގެން އެދިޔައީ އެ ސްކާފަށާއި ޔުނީފޯމަށް ފަހުރުވެރި ނަމެއް ހޯދައިދީފައެވެ. ފައުޒާންގެ މަތިން ހުރިހާ ދިވެހިން ވެސް މިއަދު ހަނދާން ކުރާނެއެވެ. އެއީ ދުނިޔެ ދޫކުރި ނަމޫނާ ދަރިވަރެކެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހާ

    ގެނބިގެން މަރުވާ މީހުންނަކީ އާޚިރަތުގެ ޝަހީދުން. އިރާދަކުރެއްވިއްޔާ އޭނާއަށް އެއްވެސް ދެރައެއް ނެތް.

    71
    2
  2. Anonymous

    އަޅުގަނޑަކީ މާލެއަތޮޅު ތުލުސްދޫ މީހެއް.

    3
    13
  3. Anonymous

    ދެން އަބަދު އޭނަގެ ވާހަކަ ނުލިޔެބަލަ...ހާދަ ދެރައެއް ވެޔޭ😭

    20
    1