(ފުވައްމުލައް ސިޓީ) ޏ. ފުވައްމުލަކުގައި ހުންނަ ގެން މިސްކިތަކީ އެ ރަށުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތެވެ. ޖާހިލުކަމުގެ އަނދިރި ކަމެއްގައި ރަށުގެ ރައްޔިތުން ތިއްބައި އެ އަނދިރިކަމުން ނެރެދީ، އިސްލާމް ދީންގެ ސާފު މަގު ދައްކުވައިދިން ބޭފުޅާގެ ވާހަކަ ވެސް މިސްކިތާ އޮތީ ގުޅިފައެވެ. މި މިސްކިތް ބިނާ ކުރެއްވި ބޭފުޅާ ފަސްދާނުލެވިފައި ވަނީ ވެސް މިސްކިތުގެ ތެރޭގައެވެ.

މި މިސްކިތަށް 900 އަށް ވުރެ ގިނަ އަހަރުވީ އިރު، މިސްކިތާ ބެހޭ ގޮތުން އިހުގައި ރަށުގައި އުޅުނު ވެރީންނާއި ރަށުގެ މަދަރުސާތަކުގައި މަސައްކަތް ކުރާ ޓީޗަރުން ދެއްކި ވާހަކަތަކުން މިސްކިތް ވަރަށް ޚާއްސައެވެ. އެހެން މިސްކިތްތަކާ ބަލާ އިރު، ތަފާތު އެތައް ކަމެއް ފާހަގަކުރެވެއެވެ. އެއް ކަމަކީ މިސްކިތުގައި ހުންނަ ވަޅުގެ ހަތަރު ކަނުން ނަގާ ފެނުގައި ރަހަ ތަފާތުވާ ކަމަށް ބުނާ ވާހަކައެވެ.

ފުވައްމުލަކަކީ އެއްފަސްގަނޑަކަށް އުފެދިފައިވާ ވަށައިގެން މަސިންގާ ކަނޑު އޮންނަ އެހެން ރަށްތަކާ އެކަހެރި ހިސާބެއްގައި އޮންނަ ރަށެކެވެ. ފުވައްމުލަކާ އެންމެ ކައިރީގައި އޮންނަ ރަށަކީ އައްޑު އޮތޮޅު މީދޫއެވެ. މީދޫ އާއި ފުވައްމުލަކާ ދެމެދު ގާތްގަނޑަކަށް 12 މޭލު އޮވެއެވެ. މި ސަބަބަށްޓަކައި ޒަމާނުއްސުރެ ފުއައްމުލަކާއި އައްޑޫ މީދޫގެ ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ފުވައްމުލަކުގެ ތާރީޚީ އެތައް ހާދިސާއަކާ މީދޫއާ ގުޅިފައިވެއެވެ.

ފުވައްމުލަކު ގެން މިސްކިތުގެ ގޯތިތެރެ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުވައްމުލަކުގެ އެންމެ ގަދީމީ އެއް މިސްކިތް ކަމަށްވާ ގެން މިސްކިތް ބިނާކުރި ތާރީޚެއް ކަމަށް ތާރީޚު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ މީލާދީ ގޮތުން 1398 ވަނަ އަހަރެވެ. މިސްކިތުގެ ގޯތިތެރޭގައި ހުރި ފިލާގަނޑެއްގައި ވެސް މިސްކިތް ބިނާކުރި ތާރީޚު ކަމަށް ލިޔެވިފައި ވަނީ މި ތާރީޚެވެ. އަދި މި މިސްކިތަކީ ރާއްޖޭގެ ތާރީޚުގައި ހުރި ވެލިގަލުގެ އެންމެ ޒަމާންވީ މިސްކިތެވެ. ފުވައްމުލަކުގައި ވެލިގަލުގެ މަހާނަތައް ގިނަ އަދަދަކަށް ހުރި އިރު ގެން މިސްކުތުގައި ވެސް ވެލިގަލުގެ މަހާނަ ގާތައް އެބަހުއްޓެވެ.

ފުވައްމުލަކު ގެން މިސްކިތް-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަށުގެ ތާރީޚު ދިރާސާ ކުރައްވާ ރަށުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުހައްމަދު އިބްރާހީމް ދީދީ ވިދާޅުވީ މި މިސްކިތުގައި މިހާރުވެސް ނަމާދު ކުރާ ކަމަށެވެ. އެކަމަކު، އޭނާގެ ކަންބޮޑުވުމަކީ މިތަން އަސްލު ގެއްލޭ ގޮތަށް މަރާމާތު ކުރާތީއެވެ.

ތާރީޚީ ވާހަކަތައް ހިއްސާ ކުރެއްވި ބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތުގައި ގެން މިސްކިތް ހުރި ސަރައްހައްދަކީ ފުވައްމުލަކުގައި މީހުން އެންމެ ގިނައިން އުޅުނު އެއް ސަރަހައްދެވެ. އަދި ގަދީމީ އެތައް ތަނެއް އެ ސަރަހައްދުގައި ހުރިއިރު އެ ސަރަހައްދަކީ އިސްލާމް ދީން އައުމުގެ ކުރީން ފުވައްމުލަކު މީހުން އަޅުކަންކުރި ބައެއް ތަންތަން ވެސް ހުރި ސަރަހައްދެކެވެ.

ގެން މިސްކިތް އަޅާފައި ހުރީ ގިބުލައާ ސީދަލަށް ނޫން ކަން މިސްކިތުގެ ގޯތިތެރެއަށް ވަނުމުން ފާހަގަވެއެވެ. އެތައް ގަރުނެއް ކުރީން އަޅާފައިވާ މިސްކިތުގެ ގިބުލަ މިހާރު ރަނގަޅު ދިމާލަށް ހަދައި މިސްކިތުގެ ވަށައިގެން ބޮޑު ބައި ރާނައި މިސްކިތް ވަނީ ކުރިއަށް ވުރެ ބޮޑު ކޮށްފައެވެ.

މިސްކިތުގެ ގޯތިތެރޭގައި ހުރި ބައެއް ހާއްސަ ތަންތަން

ފުވައްމުލަކު ގެން މިސްކިތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގެން މިސްކިތުގެ ގޯތި ތެރޭގައި ހުރި ހާއްސަ ތަންތަނުގެ ތެރޭގައި ފުވައްމުލައް އިސްލާމް ކުރެއްވި ބޭފުޅާ އޮތް ޒިޔާރަތް ހިމެނެއެވެ. ފުވައްމުލަކުގައި ދިރިއުޅެމުން އައި މީހުންނަށް އިސްލާމް ދީނަށް ގޮވާލައްވަން އައްޑު އަތޮޅު މީދޫން ވަޑައިގަތް އަބޫބަކުރު ނާއިބު ކަލޭގެފާނު ފަސްދާނުލެވިފައި ވަނީ މި މިސްކިތުގެ އިރުމަތީ ފަރާތުގައި ހުރި ގަބުރުސްތާނުގެ ތެރޭގައިވާ ޒިޔާރަތުގައެވެ.

ފުވައްމުލަކު ގެން މިސްކިތުގައި ހުންނަ ހަތަރު ކަނުން ހަތަރު ރަހަ ދޭ ކަމަށް ބުނާ ވަޅު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުވައްމުލަކު ފެން ބޮއެފި މީހަކު މުލަކު މަތީން ފޫހި ނުވާނޭ ކަމަށާއި އެމީހަކު ދެ ވަނަ ފަހަރަށް ވެސް ފުވައްމުލަކަށް އަންނާނޭ ކަމަށް މުލަކުގެ ފުލޯކު ވާހަކަ ތަކުން އެނގެއެވެ. ގެން މިސްކިތުގެ ވަޅަކީ މި ވާހަކަތަކުގައި ބުނާ ވަޅަށް ވާއިރު އިހުގެ މީހުން ބުނަނީ މި ވަޅުގެ ހަތަރު ކަނުގެ ފެނުގައި ހަތަރު ރަހަ ދޭ ކަމަށެވެ.

ފުވައްމުލަކު ގެން މިސްކިތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގެން މިސްކިތުގެ މި ވަޅާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ހަގީގަތަށް ނުވާ ސަބަބަކީ މިހާރު އެ ވަޅުގެ ފެނުގައި އެއް ރަހައެއް ދޭތީއެވެ. އަދި އިހުގައި ކިޔައިދޭ އެ ވާހަކަ ގަބޫލު ނުކުރާ މީހުންވެސް އެރަށުގައި ގިނަކަމުން ހަގީގަތެއް ކަމަށް ގަބޫލު ކުރަން ދައްޗެވެ.

ފުވައްމުލަކުގައި މި މިސްކިތް އެންމެ ފުރަތަމަ ބިނާ ކުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ވެލިގަލާއި ލަކުޑިން ބިނާކޮށްފައިވާ މި މިސްކިތް ބިނާކޮށްފައި ވަނީ ވަރަށް ކުރީގައި އަދި މަދު ބައެއްގެ އެހީއާ އެކުގައިކަން އެނގެނީ މި ސަބަބުތަކަށްޓަކައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.