(ފުވައްމުލައް ސިޓީ) ޒަމާނީ ބޭސްވެރިކަން ރާއްޖެއަށް އާންމުވުމުގެ ކުރިން ރާއްޖޭގެ ސިއްހީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ބައްޔެއް ޖެހި ފަރުވާ ނުލިބޭނެ ކަން ޔަގީން ވުމުން އެމީހަކު ހުންނަނީ އެކަހެރިކޮށްފައެވެ. އަދި އެ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނަމަ މީހުންގެ ތެރޭގައި ބިރުވެރިކަން އޮންނަނީ އިންތިހާއަށް އުފެދިފައެވެ. މީގެ 60 ވަރަކަށް އަހަރު ކުރީން ޏ. އަތޮޅު ފުވައްމުލަކުގައި ވަނީ ޖުޒާމް ބަލި ޖެހިގެން އަންހެނަކު ރަށުން އެކަހެރި ސަރަހައްދަކަށް ބަދަލުކޮށްފައެވެ. އެއީ އެމީހާ އަށް ކުރެވުނު ހިތްދަތި ތަޖުރިބާއެކެވެ.

ޖުޒާމް ބަލި ޖެހިގެން އެކަހެރި ކޮށްފައި ވަނީ ހައްވާ ދީދީ ނަމަކަށް ކިޔާ އަންހެނެކެވެ. ޖުޒާމް ބައްޔަކީ އާންމު ބައްޔަކަށް ނުވި ކަމުގައި ވިޔަސް މީހުންނަށް އެ ބައްޔަކީ ކޮން ކަހަލަ ބައްޔެކަން އަދި ބަލީގެ އަލާމާތްތައް އެނގެއެވެ.

ހައްވާ ދީދީ އަށް ޖުޒާމް ބަލި ޖެހުނު ކަން އެނގި އޭނާ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ ކުރިން އޭނާ އަކީ ކޮންކަހަލަ މީހެއްކަން ކިޔައި ދީފައި ވަނީ ހައްވާ ދީދީގެ އެންމެ ގާތް އެކުވެރިޔާ ސަންފާ ދިޔެ، 74، އެވެ.

ސަންފާ ބުނާ ގޮތުގައި ހައްވާ ދީދީއަކީ ގއ. ދެއްވަދޫން ފުވައްމުލަކުގެ ގެއަކަށް މަސައްކަތު ގެނައި މީހެކެވެ. ފެށުނީއްސުރެ ހައްވާ ދީދީއާ ގާތް ގުޅުމެއް އޮންނަ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނާ ގޮތުގައި ހައްވާ ދީދީ ފުވައްމަލައް ގެންދެވުނީ އޭނާގެ އުމުރުން ގާތްގަނޑަކަށް 16 ވަރަކަށް އަހަރުގައެވެ.

"ހައްވާ ދީދީ ޖުޒާމް ބަލި ޖެހިފައި ހުރިކަން އެނގުނީ ހައްވާ ދީދީގެ ފިރިމީހާ (މޫސާ ބެއާ) އާއި އެއްބަނޑު އެންމެ ހަގު ފިރިހެން މީހާ ނިޔާވިތާ ދެ ވަނައަށް ވީ ދުވަހު. އަހަރެން ދިޔައީ އެގެއަށް. ދިޔައިރު ހައްވާ ދީދީ ހުރީ ކާށި ހުނި ގާނަން. އެއް އުނދުނަށް ދޯރާ އެއްޗެއް އަދި އަނެއް އުނދުނަށް އަލަ އެއްޗެއް އަރުވައިގެން ހުރީ. އުނދުން މަތީގައި ކައްކަން އުދާފައި ހުރި އަލަ ތެލި ހުސް އަތުން ނަގާތަން ފެނުނު." ސަންފާ ކިޔައިދިނެވެ.

ހައްވާ ދީދީ ޖުޒާމްބަލި ޖެހިފައި ހުރިކަން ފުރަތަމަ އެނގުނީ ހައްވާ ދީދީގެ އެންމެ ގާތް އެކުވެރިޔާ ސަންފާ ދިޔެއަށެވެ. ސަންފާ ބުނީ ޖުޒާމްބަލި ޖެހިފައި ތިބޭ މީހުންނަށް ހޫނު އެއްޗެހީގައި ހިފާއިރު ހޫނުކަން އިހުސާސް ނުވާ ކަމަށް ބުނާ އަޑު އަހާ ކަމަށެވެ. ހައްވާ ދީދީ ހޫނު އަލަ ތެލީގައި ހުސް އަތުން ހިފުމުން ހައްވާ ދީދީ އަށް ޖުޒާމް ބަލި ޖެހިފައިވާކަން އެނގުނު ކަމަށް ސަންފާ ބުންޏެވެ.

"ހައްވާ ދީދީ އަތް ދަށަށް އެއްވެސް އެއްޗެއް ނުލައި ކަރުދާސްކޮޅެއް ވެސް ނުލައި ހޫނު އެއްޗެއްގައި އަތުން ހިފިތަން ފެނުނު. އެފަދަ ކަމެއް ފެނުމުން ވަރަށް ބިރުގަތް. އަހަރެން ހިތުން ހިތުން ކަށަވަރުކޮށްފިން އަހަރެންވެސް ޖުޒާމްބަލި ޖެހިފައި ހުރިކަން. ދެން އަވަސް އަވަހަށް އަހަރެން އެގެއިން ނިކުމެގެން ގޮއްސިން." ސަންފާ ބުންޏެވެ.

ހައްވާ ދީދީ ގެއިން ނިކުމެގެން ސަންފާ ދީދީ މަގުމަތިން ދިޔަ އިރު އައްޗަންގޭ ފުރައި މީހުން ތިބިކަމަށް އޭނާ ބުންޏެވެ. އަދި އެގެއާ ކައިރިކޮށް ސަންފާ އަށް ޖުޒާމްބަލި ޖެހިއްޖެ އޭ ކީ ކަމަށް އޭނާ ބުންޏެވެ. އެހެން ބުނުމުން އެތާ ތިބި އެންމެން ހޭންފެށިކަމަށް އޭނާ ބުންޏެވެ. އަދި އެތަނުން މީހަކު އެއީ ކީއްވެގެން ބުނި އެއްޗެތޯ އެހުމުން ސަންފާ އަށް ފެނުނު މަންޒަރު ކިޔައި ދިނެވެ. އަދި އެތާ ތިބި ބައެއް މީހުން ހައްވާ ދީދީ އެންމެ ފަހުން ފެނުނު އިރު ހިނގާފައި ދިޔަ ގޮތުގެ ވާހަކަވެސް ކިޔައިދޭން ފެށިކަމަށް އޭނާ ބުންޏެވެ.

އަތޮޅުގެއަށް މި ހަބަރުތައް ލިބުމާއި އެކު އަތޮޅުގޭގެ މީހުން އައިސް ވަގުތުން ހައްވާދީދީ ގެއިން އެއްވެސް އެއްޗެއް ބޭރުނުކޮށް އަންދާލި ކަމަށް ސަންފާ ބުންޏެވެ. އަދި ހައްވާ ދީދީ ރަށުގެ އެކަހެރި ސަރަހައްދަށް(މިހާރު ފުއައްމުލަކުގައި އެއާޕޯޓު އޮތް ސަރަހައްދުގެ ފަހަތުގައި އޮންނަ ކަޅު އަކިރި ގަނޑަށް) ގެންދެވުނު ކަމަށް ރަށުގެ ދުވަސްވީ މީހުން އަދި ސަންފާ ވެސް ބުންޏެވެ.

ހައްވާ ދީދީ ކަޅު އަކިރި ގަނޑުގައި ގެއެއް އަޅާފައި އެކަހެރިކޮށްފައި ބަހައްޓާފައިވާ އިރު އެއްވެސް މީހަކު ހައްވާ ދީދީ އުޅޭ ސަރަހައްދަށް ދިއުން އޮތީ މަނާކޮށްފައެވެ. އަދި އެ ސަރަހައްދަ ދާ މީހުންނާ މެދު ފިޔަވަޅު ވެސް އަޅާ ކަމަށް ފުވައްމުލަކުގެ ދުވަސްވީ ފަރާތްތަކުން ބުނެއެވެ.

ހައްވާ ދީދީ އަށް ކެއުން ދިނުމަށް އަތޮޅުގެއިން ހަމަޖައްސާފައި ތިބި ބަޔަކު ދާއިރު ހައްވާ ދީދީގެ ފިރިމީހާ މޫސައިދީ ވެސް ވަގަށް ހައްވާ ދީދީ ދެކިލުމަށް ދާކަމަށްވެއެވެ. ސަންފާ ބުނީ ހައްވާ ދީދީގެ ފިރިމީހާ މޫސައިދީ ހައްވާ ދީދީ އަށް ކާއެއްޗެހި ހިފައިގެން ދިޔަ ކަމަށެވެ. އޭނާ ދަނީ ރައްކާތެރިވުމަށް އަންގި އަދި ބޫޓަށްވެސް އަރައިގެން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ދުވަހަކު ނުދަން ހައްވާ ދީދީ ކައިރިޔަށް. މޫސައިބޭ ވަގަށް ދޭ. މުހައްމާދީ ގޮވައިގެންވެސް އެއް ދުވަހު ވަގަށް ދިޔަ ކަމަށް ވޭ." ސަންފާ ކިޔައިދިނެވެ.

އެޒަމާނުގައި ހުވަދު އަތޮޅުގައިވެސް އެފަދަ ބަލިތައް ވަރަށް ގިނަކަމާއި ހުވަދު އަަތޮޅުން އެފަދަ ބަލިތައް ޖެހޭ މީހުން އެކަހެރި ކުރަނީ ފުނަދޫ އަށް ކަމަށް ސަންފާ ބުންޏެވެ.

ސަންފާ ބުނީ ފުނަދޫ އަށް މީހުން އެކަހެރިކޮށްފައި ބެހެއްޓުމަށް ފޮނުވާތީ އެއީ ފުނަދޫ ބައްޔޭވެސް ކުރީގައި ކިޔައި އުޅުނު ކަމަށެވެ. ފުވައްމުލަކުގައި އިހުގައި މީހުން ޖުޒާމް ބަލި ޖެހޭތޯ ސުވާލު ކުރުމުން ސަންފާ ބުނީ ޖުޒާމް ބަލި ޖެހިގެން މީހަކު ޓެސްޓު ކުރި ކަމަށެވެ. ނަމަވެސް ޓެސްޓު ކުރުމުން އެއީ ޖުޒާމް ބަލި ނޫންކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.

"ޖުޒާމްބަލި ޖެހިގެން ޓެސްޓު ކުރީ ބަލި ޖެހިފައި ހުރި ތަން ކަހާލަނީ. އިހުސާސްވާ ނަމަ އެއީ ޖުޒާމް ބައްޔެއް ނޫން. ހޫނުކޮށްފައި އޮންނަ ނަރުކޮޅެއް ވެސް ޖައްސާ. ޖުޒާމް ބަލި ޖެހިފައި ތިބޭ މީހުންނަށް އިހުސާސެއް ނުވާނެ." ސަންފާ ބުންޏެވެ.

ހައްވާ ދީދީއަކީ ވަރަށް މީހުންނާ ގުޅޭ އަދި ރަނގަޅު އަދި އެކުވެރި މިޒާޖެއްގެ މީހެއް ކަމަށް ހައްވާ ދީދީގެ އެންމެ ގާތް އެކުވެރިޔާ ސަންފާ ބުންޏެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތަންބައްތާ

    މިދިޔަ ހަފްތާގައި ފެނުނު ނޫހެއްގައި އޮތީ ތަންބައްތާ ބުނި ވާހަކަ ކަޅޮއަކިރި ގަނޑަށް ހައްވާދީ ކާރިޔަށް ސިއްރު ސިއްރުން ދަމޭ، މީގަ މިއޮތީ ނުދަމޭ

    10
    • ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

      ބެސްޓް ފްރެންޑް ވީމަތަ އެކަނިކޮށްލާފަ ފިލަން ދުވީ

  2. ހުވަދޫ މީހާ

    އެންމެ ގާތް އެކުވެރިޔާއޭ ބުނާއިރު ދުސްމަނަކުވެސް ކަންތައް ނުކުރާހާ ނުބައިކޮން ސަންޕައިދީ ކަތައްކުރީ!

    69
    4
  3. ނާޅި

    1980 ގެ އަހަރުތަކުގައި އެންމެ ފުރަތަމަ އޭޑުސް ބަލި ރާއްޖެއިން ފެނުނީ ހަމަ މިގޮތަށް ބަލިމީހުން އެކަހެރި ކުރިކުރީނުންގޮސް ބަޔެއްމީހުން މަރުވީ އަދި ޑޮކްޓަރުން ދިން ނުބައި މައުލޫމާތުގެ ސަބަބުން ވެސް މީހުން ނަފުސާނީ ގޮތުންވެސް ބަލިވެ ބޮޑު ބިރުވެރިކަމެއްގައި ތިބެންވެސް ޖެހުނު، އޭރު ބުނަމުން ދިޔައީ ޢޭޑުސް ޖެހިފަހުރިމީހަކު ލޮލަށް ފެނި އޭނަ ހިގާމަގަކުން ގޮސްފިއްޔާވެސް އޭޑުސް ޖެހިދާނެކަމަށް، މިއަދު ކޮވިޑާއި ގުޅިގެންވެސް ދެމުން ދަނީ ހަމައެކަހަލަ މައުލޫމާތު !

    34
    3
  4. ދެބުދާރު

    އެތަނުގަ އުޅުނުގޮތެއް އެނގޭކަށް ނެތް

    18
  5. އަލިބެއްޔާ

    ގާތް އެކުވެރި އެކޭ ކިޔާ ޖާހިލެއްނު.. އެންމެ ކުޑަމިނުން ހާލު ބަލާނުލާ.. މޮޅު ވާހަކަ އަކަށް ހަދައިގެން އެވާހަކަ ދައްކަނީ..

    16
    2
  6. ކުކުޅޭ

    އެދުވަސްވަރަށް ބަލަ އި، މިދަ އްތަ ޖާހިލުކަމަށް މިޒަމާނުގަ އި ތިޔަބުނި (ކޮމެންޓް ކުރި ) މީހުންގެ ޖާހިލުކަން މާ ބޮޑުކަމަށް ނިންމަ އިފިން. މި ނިންމުން ބަދަލެ އް ނުކުރާނަން. ޝުކުރި އްޔާ!

    9
    5
  7. Anonymous

    ކޮބާ މަ ފޮނުވި ކޮމެންޓް...

    • ކޮމެންޓުބޮކްސް

      ޑަސްބިނުގަ